
ވެމްކޯގެ މަގާމުން ވަކިކޮށްފައިވާ ދެ މުވައްޒަފުންނަކީ އެ ކުންފުނީގެ ހިތަދޫ ބްރާންޗުގެ މެނޭޖަރުކަމުގައި ހުރި މޫސާ މުހައްމަދުއެވެ. އަނެއް މުވައްޒަފަކީ މުހްއްމަދު އަފްޒަލްއެވެ.
މި ދެމުވައްޒަފުންގެ ތެރެއިން އަފްޒަލް މަގާމުން ވަކިކުރިއިރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިހާރު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި، ޝާހިދަށް މަރުހަބާ ކިޔަން ސަފެއްގައި ސަލާން ކުރަން ހުންނަ ފޮޓޯއެއް ވަނީ އާންމުވެފައެވެ. އަދި މޫސާ މުހައްމަދު މަގާމުން ވަކިކުރިއިރު އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހިތަދޫގައި އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ގުރުއާން ކިޔަވައިފައެވެ.
މި މަވައްޒަފުން މަގާމުން ވަކިކޮށްފައިވަނީ ސަރުކާރާ ދެކޮޅު ވާހަކަތައް ސޯޝަލްމީޑިއާ އާއި އެ ނޫންވެސް ތަންތަނުގައި ދައްކާ ކަމަށް ބުނެއެވެ.
މިކަމާއި ގުޅިގެން ސަރުކާރު ހިންގާ ޕީއެންސީ މެމްބަރު އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޫސަ ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގަ އަދި ރަށުތެރޭގަ “ސަރުކާރާއި ކުންފުނީގެ އަގު ވެެއްޓޭގޮތަށް” ވާހަކަ ދައްކާކަމަށް ބުނެކަމަށެވެ. އަދި ވަޒީފާގެ ޤާނޫނުން މިގޮތަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުން ތަން ނުދޭކަމަށާއި ޤާނޫނާއި ހިލާފަށް މުވައްޒަފުންނާ ދޭތެރޭ މިހެން ފިޔަވަޅު ނޭޅުމަށް ވެމްކޯގެ އެމްޑީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލަށް ނަސޭހަތްތެރިވާކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.
ވެމްކޯއަށް ނިސްބަތް މި ދެ މުވައްޒަފުން ވަކިކުރުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވެސް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.
ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަނެއްކާ ވެސް މޭ ޑޭއާ ދިމާކޮށް ސަރުކާރުން މަސައްކަތްތެރިޔަކަށް ހަދިޔާއެއް ފޮނުވައިފިކަމަށެވެ. މިފަހަރު ވެމްކޯއިން ވަކިކުރުމުގެ ޗިޓު ފޮނުވީ މުހައްމަދު އަފްޒަލްއަށް ކަމަށާއި އޭނާގެ ކުށަކަށްވީ އެމްޑީޕީގެ ވަފުދާ ސަލާމް ކުރުންކަމަށެވެ.