
މި މައްސަލައަކީ އިސްރާއީލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އދ އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި އެހެން ގައުމުތަކުން ތިބުމާއި އެބިންތަކުގައި އެފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައަކީ، އދ. އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި، އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ މައި ޖަމްއިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓްގެ މަސައްކަތްތައް ހުއްޓުވުމަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ގައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތައް ދެމުންގެންދާތީ، އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭއަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އދ.ގެ އާންމު މަޖިލީހުގެ ގަރާރަކުން މިދިޔަ 19 ޑިސެންބަރު ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ.