ads
ރައްޔިތުންގެ މަޖިލިސް
2007 އަށްފަހު އުފަންވާ ކުދިންނަށް ދުންފަތް މަނާކުރާ ބިލު ކޮމިޓީއަކަށް ފޮނުވައިފި
ޖެނުއަރީ 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުމަށް މަޖިލީހުން ވަގުތީ ކޮމިޓީއަކަށް ފޮނުވައިފިއެވެ.
Advertisement

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ބިލު ބަލައިގަތުމަށް ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ އަގުލަބިއްޔަތުން ބިލު ބަލައިގަތުމަށް ފާސްކޮށްފައިވެއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގެވެ.

ބިލު ބަލައިގަތުމަށްފަހު މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ގޮތަށް، ބިލު ދިރާސާކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ ތެރެއިން 63 މެންބަރުން ވޯޓުދީފައިވެއެވެ. މި ކޮމިޓީގައި ހިމެނެނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް، ކާށިދޫ ދާއިރާގެ މެންބަރު މުންތަޒިމް އިބްރާހިމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު، ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމްއެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބިލު ގާނޫނަކަށް ވުމުން 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ. މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އަދި ގަންނަނީ ކާކުކަން ނޭނގޭގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް