
މަސްތުވާތަކެއްޗާއެކު މިދިޔަ ހަފްތާގައި ހުޅުމާލެއިން ފުލުހުން ހައްޔަރުކޮށްފައިވާ މީހަކީ، ގދ. ގައްދޫ، ރަޖީނާގެ، އިބްރާހީމް ނިޔާޒު (36އ) އެވެ.
ފުލުހުން ބުނި ގޮތުގައި އިބްރާހީމް ނިޔާޒު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހިޔާ ޓަވަރު 16 ކައިރިންނެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް މިދިޔަ ހަފްތާގައި ފުލުހުން ބުންޏެވެ.
ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އިބްރާހީމް ނިޔާޒު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް ފުލުހުން ބުނީ މިއަދުއެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހަކު ނުފެނިގެން ފުލުހުން އިއުލާން ކުރަން ޖެހުނު ސަބަބެއް ނޭގެއެވެ. އަދި އެ ފަހަރު އޭނާ ބަންދު މުއްދަތަށް ގެންދިޔަކަމެއްވެސް ސާފެއް ނުވެއެވެ.