
އިސްލާމިކް މިނިސްޓްރީން ބޭއްވި ރާއްޖޭގެ ހަތީބުންނާއި އިމާމުންނާ އެކުގެ ބައްދަލުވުމެއްގައި ސަލާހުލް ބުދައިރު މިފަދައިން ވިދާޅުވީ، އިމާމުކަމާއި ހަޓީބުކަމުގެ މަސްއޫލިއްޔަތަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި އެ މަސްއޫލިއްޔަތު ވީހާވެސް ރަނގަޅަށް އަދާކުރަން ޖެހޭނެ ކަމަށެވެ.
މަދީނާ ހަރަމްފުޅުގެ އިމާމު ސަލާހުލް ބުދައިރުގެ ނަސޭހަތުގެ ތެރޭގައި ސޯޝަލް މީޑިއާ ބޭނުންކުރުމުގެ އުސޫލުތަކުގެ ވާހަކަވެސް ހިމެނުނެވެ.
އިމާމުންނަކީ މީހުންނަށް ހެޔޮ، އަދި ހެޔޮކަންކަން ފަތުރާ ބަޔަކަށް ވުމަކީ މުހިއްމު ކަމެއް ކަމަށާއި ހާއްސަކޮށް މުޖުތަމައު ފިތުނަވާ ފަދަ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަން ނުކުރުމަށް ވެސް ނަސޭހަތްތެރިވެވަޑައިގަތެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ސަލާހުލް ބުދައިރުގެ ރާއްޖެއަށް ކުރައްވާ ދަތުރުގައި، މިރޭގެ މަގުރިބު ނަމާދާއި އިޝާ ނަމާދު ކިންގް ސަލްމާން މިސްކިތުގައި ކުރެއްވިއެވެ. އަދި މާދަމާ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރެއްވުމަށް ފަހު ދީނީ ނަސޭހަތް ދެއްވާނެ ކަމަށް ވެއެވެ.
މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޝަހީމާއި އެ މިނިސްޓްރީގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވައިފައިވާ އިރު، ރާއްޖޭގެ ފަތުވާ މަޖިލިހުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރުން އިސްލާމިކް ޔުނިވާސިޓީއަށް ވެސް ވަޑައިގެންފައިވެއެވެ.