ads
ކުށުގެ ސަޒާ - 13 ވަނަ ބައި
އެޕިސޯޑް 13
Advertisement

ލޮލުން ކަރުނަ ފައިބާކަން އެނގުނީ އަތާއި ފައިގެ އިނގިލިތައް މޭލިބުއިފަހުންނެވެ. 

"ތިއީ ތާބިޝްގެ ހިތުގެ އަޑު ކަމަށްވަންޏާއި އެދުވަހު  އެހެން ހެދީ ކީއްވެ..؟ ކީއްވެ..؟ މި ހިތް ކުދިކުދިކޮށް، އިންތިހާ ވޭނާއި ކެކުޅުން އަހަންނަށް ދިނީ ކީއްވެ..؟ ތާބިޝްގެ ހަޔާތުން އަހަރެން ނެރި ބޭރުކުރީ ކީއްވެ؟ މިވަރުގެ ނިކަމެތިކަމެއް އަހަންނަށް ދިނީ ކީއްވެ؟" މާގަނޑުން ފެން އޮހޮރެމުންދިޔަ އަޑާއެކު ފިޒާގެ ހިތްދަތިކަމުގެ އަޑު ފާހާނާގެ ދޮރުން ބޭރުވެގެން ދިޔަކަން ފިޒާ ނުދެނަހުއްޓެވެ.

ތާބިޝްގެ ދެލޮލުން އޮހޮރިގެން އައި ހޫނުކަރުނަ އޭނާގެ ކޯތާފަތް ހުރަސްކޮށްފި އެވެ. ފާހާނާގެ ދޮރުގައި އޯގާތެރިކަމާއެކު ފިރުމާލެވުނު ސަބަބެއް ތާބިޝްގެ އަމިއްލަ ހިތަށްވެސް ވިސްނައިނުދެވޭނެ އެވެ. އެއާކޯނާއި ފަންކާވެސް ނިވާލައިގެން ފާހާނާގެ ދޮރުގައި ކަންފަތްޖަހައިގެން ތާބިޝްހުރީ، ކޮޓަރިތެރެއަށް ދޫނިފަތެއް ވެއްޓުނަސް އެއަޑު އިވޭނެހައި ހިމޭންކަމުގަ އެވެ. އޮހޮރެމުންދާ ފެނުގެ އަޑާއެކުވެސް ފިޒާގެ އަޑު ސާފުކޮށް އިވުނު ސަބަބަކީ އެއީ އެވެ.

"އަހަރެންގެ ލޯބި، މި ހަޔާތުން ބީވެގެން ދިޔައީ ކުރެވުނު އެންމެ ކުށަކުން.. އަހަރެންގެ ފިޒާ އަހަރެންގެ ދުނިޔެއިން ބީވެގެން ދިޔައީ އަހަރެންގެ އަމިއްލަ ނަފުސުގެ ބަލިކަށިކަމުން.. އެ ހާދިސާއާއި އެކަން ހިނގާދިޔަގޮތް މިއަދު ބަދަލެއް ނުކުރެވޭނެ.. އެއީ ނުވާކަމަކަށްވެސް ނުހެދޭނެ.. އެކަމަކު ދެން، މި ހަޔާތުން ދެވަނަ ފަހަރަށް ފިޒާ ދިއުމުގެ އިޒުނަ ދުވަހަކުވެސް ނުދޭނަން.. އަހަރެންނާއި ދުރަށް ފިޒާ ގެންދިއުމުގެ ބާރު އެހެން އެއްވެސް ފަރާތަކަށް ދެން ނުލިބޭނެ.. ދުވަހަކުވެސް ނުލިބޭނެ.." އަޒުމު ވަރުގަދަކުރުމަށްޓަކައި އަމިއްލަ ހިތަށް ވިސްނައިދިނުމަށް ތާބިޝް ތަކުރާރުކޮށް އޭނާގެ ކުށް ހަނދާނަށް ގެންނަމުން ދިޔަ އެވެ. 

.............

މާޒީގެ ޒަހަމްތަކުން  ދެލޯ ފުރެމުންދިޔައީ ހިފެހެއްޓުމެއް ނެތް ހޫނު ކަރުނައިންނެވެ. އެކަކު އަނެކަކަށްޓަކައި ހިތް އެދެމުން ދިޔައީ ދުވެފައިގޮސް، އަތުތެރެއަށް ވަދެ، ލޯބީގެ ހިމާޔަތުން މުޅި އުމުރު ރައްކާތެރިކުރުމަށެވެ. ނަމަވެސް ދެހިތުގެ އެންމެ ބޮޑުބިރަކީ ހައްދެއް ނެތް މިންވަރަށް ތަކުލީފް ދިން، ހިތްދަތި 'މާޒީ' އެވެ.

ހަށިގަނޑު ތާޒާކޮށް، ފެންވަރައިގެން ފިޒާ ނިކުމެ ކޮޓަރީގެ އެތަން މިތަން ބަލައިފާސްކުރަން ފެށި އެވެ. ނަމަވވެސް އެއްވެސް ދިމާއެއްގައި ފިލައިގެންވެސް ތާބިޝް ނެތެވެ. ކުއްލިޔަކަށް ލޮލުގައި އަޅައިގަތީ ފާރުގައި ހަރުކޮށްފައިވާ ފޮޓޯތަކެވެ. އެކޮޓަރީގައި ފިޒާ މީގެކުރިން ހޭދަކުރި ވަގުތުތަކުގައި އެ ފޮޓޯތަކަށް ކުޑަވެސް ސަމާލުކަމެއް ނުދެވުނީ ކޮޓަރީގައި ތާބިޝް ހުރުމުންނެވެ.

ކަޅިޖަހައިނުލައި ހުރެ، އެ ފާރާއި ފިޒާ ކައިރިވަމުންދިޔައިރު ތަފާތު ޖަޒްބާތުތައް އޭނާގެ މޫނުމަތީން ސާފުކޮށް ފެންނަމުންދިޔަ އެވެ. އެއީ އުފާވެރިކަމާއެކު ތާބިޝްއާއި ފިޒާ ކައިވެނިކޮށްގެން އުޅުނު ދުވަސްވަރުގެ ހިތްގައިމު ހަނދާންތަކެވެ. ފިޒާގެ ކޮންމެ  ޖަޒްބާތެއް، ކޮންމެ އިހްސާސެއް އެފާރުގައިވޭ އެވެ.

އުފާވެރިކަމާއި ރުޅިއާއި އަދި އެކި ރަހަތަށް ތަޖުރިބާކުރަމުންދިޔައިރު ނަގާފައިވާ އެތައް ފޮޓޯއެއް ހިމަނާފައި އެބަހުއްޓެވެ. ފިޒާގެ ކޯތާފަތް ފޮހެލާފައި ފޮޓޯތަކުގައި ފިރުމާލި އެވެ. ތާބިޝްއާއި ދެކޮޅުހެދި އެތައް ހާދިސާތަކެއްގެ ކޮންމެ ހަރަކާތެއް ތާބިޝްގެ ކެމެރާގައި އެވަނީ ރައްކާކޮށްފަ އެވެ. ލޮލުން ކަރުނަ ހިލުނީ އެދުވަސްތައް ހަނދާންވުމުންނެވެ.

މާޒީގެ ރޯޅިން ފިޒާގެ ބޮޑުމަންޒަރު ބަދަލުކޮށްލީ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ފެންނަމުންދިޔަ ތަސްވީރު ހަގީގަތަކަށްވުމަށް މެދުވެރިވި ހާދިސާގެ ކޮންމެ ތަސްވީރެއް ފިޒާގެ ސިކުނޑިއާއި ކުޅެލައިފި އެވެ.

-މާޒީގެތެރެއިން-

"ތާބިޝް.. ތާބިޝް.." ޕީއެސް ކުޅެން އިން ތާބިޝްގެ ދެކަންފަތަށް ދޯރިއެއްޖަހާފައިވާ ފަދަ އެވެ. ގާތުގައި ހުރެގެން ފިޒާ ގޮވާތާ ކިތަންމެ އިރެކެވެ.

"ތާބިޝް..!!!" ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އަތުގައި އޮތް ކޮންޓްރޯލަރ ފިޒާ ޖަހައިގަތެވެ. ސިއްސައިގެން ގޮސް ތާބިޝް ބަލައިލީ ވާނުވާވެސް ނޭގިފަ އެވެ.

"ޓޫމަޗް ފިޒާ...! މިހާރު ތިއީކީ ކުޑަކުއްޖެއް ނޫން.. އަހަރެންގެ އަމިއްލަ ވަގުތު، އަހަންނަށްވެސް މިނިވަންކަމާއެކު ލިބެންޖެހޭނެ! ކުޑަކުއްޖަކު އައިސް އަތުގައި އޮތް މެޓާ ޖަހައިގަނެގެން ދާފަދައިން ތިކަހަލަ ނާތަހުޒީބު ކަންކަން ކުރުން ހުއްޓާލަބބަލަ..!" ހިތްހަމަނުޖެހިފައި ތާބިޝް ބުނެލި ޖުމުލައިން، ފިޒާގެ މޫޑް މުޅިން ބަދަލުވެއްޖެ އެވެ. ހިނިތުންވުން ފިލައިގޮސް، ހިތާމައިގެ ކުލަވަރުން މޫނުމަތި މިލައި މޯޅިވެއްޖެ އެވެ.

ބުނެވުނީ ކިހައިވަރެއްގެ އެއްޗެއްކަން ތާބިޝްއަށް ވިސްނިއްޖެ އެވެ.

"ސަލާމަތްވާނެގޮތެއް ހިތަށް ވައްދަވާންދޭވެ.. ޔާ ﷲ މިއަޅާ ސަލާމަތްކުރައްވާންދޭވެ..!" ފިޒާއާއި ދިމާއަށް ވައްކަޅިން ބަލަމުން ތާބިޝްގެ ރައްކާތެރިކަމަށް، ކިޔުނުހުރިހައި އެއްޗެއް ކިޔަމުންދިޔައީ ސިއްރުންނެވެ.

ކުރިމަތީގައި ހުރި 'ޓައިގްރެސް'ގެ މޫނަށް ތާބިޝް ބަލައިލާފައި ނުހަނު އުނދަގުލުން ހިންދިރުވާލި އެވެ. މަޑުމަޑު ފިޔަވަޅުތައް ނަގަމުން ފިޒާއާއި ކައިރިވެއްޖެ އެވެ. މޫނުގައި ދެއަތް އެޅީ ފިޒާގެ ސަމާލުކަން ހޯދަންކަން ޔަގީނެވެ. 

"އައުޗްޗޗ..." ބާރުގަދަ ހަމަލާއަކުން ތާބިޝްގެ ހަށިގަނޑު އަރިއަޅައިލި އެވެ. ސޯފާއިން ކުށަން ނަގާފައި ތާބިޝްއާއި ދިމާއަށް އެއްލީ ފިޒާގެ ގައިގައިހުރި ބާރެއްލާފަ އެވެ.

"ގަހެއްގައި އެލިފައި އިން އަނބުކޯންޏަކަށް ގަޅިއުކާހެން އަހަރެންގެ މޫނަށް ތިކަހަލަ ހަމަލާ ދޭކަށް ހެޔޮނުވވާނެ.. ނުލާހިކު ނާޒުކު މޫނެއް މިއީ.. ވަރަށް ތަދުވެއްޖެ" ތުންގަނޑު އޫކޮށްލާފައި ނިއްކުރިއަށް ރޫ އަރުވާލަމުން ތާބިޝް ސަމާސާކޮށްލި އެވެ.

"ވާހަކަ ދައްކާކަށްވެސް ބޭނުމެއް ނޫން.." ހަށަންބަދެލަމުން ރުޅިމޫނު ދައްކާފައި ފިޒާ ބުނެލީ، ނުރުހުންވެފައި ހުރިކަން ސާބިތުކޮށްދިނުމަށެވެ.

"އަލްހަމްދު ލިއްލާހި ޝުކުރު.. ކޮންފަދަ ނިއުމަތެއް" ތާބިޝްގެ މަގުސަދަކީ ސިއްރުން އެޖުމުލަ ބުނެލުން ކަމަށްވިޔަސް، އަޑުނިކުތީ ބާރަށެވެ. ރުޅިއައިސް ރަތްވެފައިވާ ބުޅަލެއްފަދައިން ފިޒާ މޫނުހަދައިފި އެވެ.

ތާބިޝްގެ ހިނިގަނޑު ފަޅައިގެން ދިޔައީ އިހްތިޔާރަކު ނޫނެވެ. ނަމަވެސް އަޑުވީއްލާ ނުހޭންވެގެން އަނގަމަތީގައި އަތްވެސް އެޅި އެވެ. ކޮންޓްރޯލެއް ނުވި އެވެ. ފިޒާގެ ރުޅިގަނޑު އިތުރަށް ވަރުގަދަވެއްޖެ އެވެ.

"ސީރިއަސްލީ ބޭބީ.. ޔޫ ލުކް ލައިކް އަ ޓައިނީ ބޭބީ..! މޫނަށް ތި ޖައްސާ ވައްތަރުތަކާއި ލޮލަށް ތިގެންނަ އިހްސާސްތަކާއި ކުލަބަރިއެއް ފަދައިން، ޖަޒްބާތުތައް ބަދަލުވަމުންދާ މޫނުގެ ކުލަތަކަށް، އަހަރެންގެ މި ހިތް ބޭގަރާރުވެ ނިމިއްޖެ..! އައި އެމް ސޮރީ މައި ލަވް! ކިތަންމެ ރުޅިއައިސްފައި ހުއްޓަސް މި މަންޒަރު ރައްކާކޮށްލުމުގެ ހުއްދަ ބޭނުން.." މަޖާ ރާގެއްގައި ފެށި ޖުމުލަ ނިމިގެން ދިޔައީ، ތާބިޝްގެ އިޝްގީ އަޑާއި ރާގަށް ބަދަލުގެނުވާފަ އެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އެކި ގޮތްގޮތަށް ވަރަށް އަވަސް އަރުވާލާފައި ކިތަންމެ ފޮޓޯއެއް ނެގި އެވެ.

ރުޅިގަދަވެފައިހުރި ފިޒާގެ ރުޅިގަނޑު ބުރައިގެން ދިޔަ ދިމާއެއްވެސް ނޭގުނެވެ. އެނދުން ބާލިސް ނަގައިގެން ތާބބިޝްގެ ފަހަތުން ދުއްވައިގަތީ ނިކަން ބާރަށް ހެމުންނެވެ.

ތާބިޝްއަށް އަމާޒުކޮށް އުކަމުންދިޔަ ބާލީސް، ކޮޓަރީގެ އެތައް މިތަނުގައި ތެޅިތެޅި އޭގެ އުރަ ފަޅައިގެންގޮސް، ބާލީސްތެރޭގައިހުރި ލުއިލުއި ދޫނިފަތްތައް ކޮޓަރީގެ ތެރޭގައި އުދުހެންފަށައިފި އެވެ. އެ މަންޒަރުގެ ހުރިހައި ފައިދާއެއް އެންމެ ފުރިހަމައަށް ތާބިޝް ނެގި އެވެ. 

ހިތްހަމަޖެހޭ ކިތަންމެ ފޮޓޯއެއް ފޯނުގައި ރައްކާކޮށްފި އެވެ. ލިބުނު ލަނޑުން ލަދުގަތްފައި ފިޒާ އިސްޖަހައިލލި އެވެ. ނަމަވެސް ކުއްވެރިއަކީ ތާބިޝްއޭ ބުނާފަދައަކުން، ތާބިޝްގެ މޫނަށް ބަލައިލި އެވެ.

އަތުގައި އޮތް ފޯނު ޖީބަށްލާފައި ތާބިޝް، ފިޒާގެ ކުރިމައްޗަށް ހުއްޓި، ވަރަށް ލޯބިން ފިޒާގެ ދެކަންފަތުގެ ފޫޅުގައި ހިފަހައްޓާލި އެވެ.

"އައި އެމް ސޮރީ..! ވެރީ ސޮރީ ބޭބީ ގާރލ..! އެކަމަކު ކީއްކުރާނީ އަހަރެންގެ ބޭބީ ގާރލް ވަރަށް ވަރަށް ލޯބި.. މިކަހަލަ ލޯބި މަންޒަރުތަކެއް ފަހުން ނުފެނިދާނެ.. މާދަމާ ވާނެގޮތެއް އެކަކަށްވެސް ނޭގޭނެ..! އެހެންވީމައި  އަހަރެން ބޭނުންވަނީ މިހުރިހައި ކިއުޓް މަންޒަރެއް އަހަރެން ބޭނުން ކޮންމެ ވަގުތެއްގައި ފެންނާނެގޮތަކަށް ރައްކާކުރާން.." ފިޒާގެ ނިއްކުރީގައި ކިސްކޮށްލާފައި ތާބިޝް ބުންޏެވެ.

ހިނިތުންވެފައި ފިޒާގެ ދެ ލޯ މަރައިލި އެވެ.

"ވަރަށް އުނދަގޫކުރެވޭދޯ.. ރުޅިނާންނައްޗޭ..!" ފިޒާގެ ދެ ކަންފަތުގެ ފޫޅުގައި ހިފަހައްޓާލައިގެން ހުރެ، ތާބިޝް ވާހަކަދެއްކީ ވަރަށް ލޯބިންނެވެ. 

"އިޑިއަޓް..! ތާބިޝްގެ ސޮރީ ބުނުމުގެ ސްޓައިލްއަކީ މިއީތަ..؟" ފިޒާ މިހެންބުނެލީ ތާބިޝްގެ ދެއަތުގެ ހަރަކާތަށް އިޝާރާތްކޮށްލާފަ އެވެ. ހަތަރުކަޅި ހަމަކޮށްލައިގެން ތާބިޝްހުރީ ކަންފަތުން އަތް ދޫކޮށްލުމުގެ ހިޔާލެއްގައެއް ނޫނެވެ.

"ހޫމް... ސޮރީގެ ސްޓައިލްގައި މައްސަލައެއް ނެތެއްނުން..! އަހަރުމެން ދެމީހުންނަކީ އެކައްޗެއް.. އަހަރެންގެ ކަންފަތުގައި ހިފަހައްޓައިގެން ހުރުމާއި، ފިޒާގެ ކަންފަތުގައި ހިފަހައްޓައިގެން ހުރުމުން ތަފާތެއް ނާންނާނެދޯ.. ދެމީހުންނަކީ ހަމަ އެކައްޗެއްނުން..!" ލޯބިގޮތަކަށް ތާބިޝް 

ބުނެލުމުން، ތާބިޝްގެ ގައިގައި ފިޒާ ބައްދާލި އެވެ.

"އެކަމަކު އަހަރެންގެ ލޯތްބާއި ތާބިޝްގެ ލޯބި އަޅާނުކިޔޭނެ..! އެންމެ ލޯބިވަނީ އަހަރެން.. އެއަށްވުރެން ތަންކޮޅެއް ކުޑަކޮށް ތާބިޝް އަހަރެންދެކެ ލޯބިވަނީ.. މައްސަލައަކީ ލޯބި ބަލާނެ ތަމޯމީޓަރެއް ނެތީމައި.." މަޖާވެލާފައި ފިޒާ ބުންޏެވެ.

"އޯ – ކޭ - ވައި – ފީ..! އެހެންވީމަ ތިކަމުގެ އުފަލުގައި ހަދިޔާއެއްވެސް ދޭންވާނެ ދޯ.. ތިހައި ލޯބިވާ އަންބަކު އެހެން މީހަކަށް ނުލިބޭނެކަން ޔަގީން.. މިރޭ ފިޒާ އެދުނު ކޮންމެ އެއްޗެއް ލިބޭނެ.. އަވަހަށް ބުނޭ..!" 

އަތުތެރޭގައި ފިޒާ ބޮނޑިކޮށްލަމުން ކަރުދޮށުގައި ތާބިޝް ލޯބިކޮށްލި އެވެ. ތާބިޝްގެ ޖުމުލައާއެކު ފިޒާގެ ލޮލުން ކުލަރީތި ވިދުވަރެއް ބަބުޅާލި އެވެ.

"ރިއަލީ..؟؟ އުފަލުން ހިނިތުންވެފައި ފިޒާ ސުވާލުކޮށްލި އެވެ. އެއްބަސްވުމަށް ތާބިޝް ބޮލުން އިޝާރާތްކުރި އެވެ.

"އެހެންވީމާ، ތާބިޝްގެ ވައިފްއަށްދޭ ހަދިޔާއެއްގެ ގޮތުގައި އަހަރެން ބޭނުމީ، އަހަރެންގެ ބެޑްރޫމްގެ ފާރެއްގައި ހަމައެކަނި އަހަރެންގެ ވަރަށް ވަރަށް ބައިވަރު ފޮޓޯ ހަރުކޮށްދޭން..! ހުރިހައި އެންގަލްއަކުން، އަހަރެންގެ ހުރިހައި ކުލައެއް އެ ފާރުން ފެންނާން ހުންނާންވާނެ.. މުޅި ފާރު ފުރިފައި ހުންނާންވާނީ ހަމައެކަނި ބިއުޓިފުލް ފިޒާ އާބިދީންގެ ލޯބިލޯބި، ކިއުޓް ކިއުޓް ފޮޓޯތަކުން..!" ކުޑަކުއްޖަކު ފަދައިން ނުހަނު އުފާވެލާފައި ފިޒާ ބުންޏެވެ.

ތާބިޝްގެ ދެ ލޯ ބޮޑުކޮށްލާފައި އެއްޗެއް ބުނަން އަނގަހުޅުވާލުމުން ފިޒާ ހޭންފަށައިފި އެވެ.

"އިންސާފު ކޮބާ..؟ އަހަރެންގެ ފޮޓޯކައަށް ކުޑަވެސް ޖާގައެއް ނެތް ތަ..؟ އަހަރެންގެ ފޮޓޯއެއް ހަރުކުރާނީ ކޮންތާކު..؟" ޝަކުވާގެ ގޮތުގައި ތާބިޝްގެ ނިންމުން ހުށަހަޅައިފި އެވެ.

"އޯހް... އެބުނާހެން....!!! އޯ-ކޭ! އަހަރެންނާއެކު ތާބިޝްގެ ފޮޓޯވެސް ހުންނާނެ..!" ލޮލުގެ އެސްފިޔަތަކުން ތާބިޝްއަށް އިޝާރާތްކޮށްލަމުން ފިޒާ ދައްކާލީ އެނދުހުރި ދިމާ އެވެ.

"ވަރަށް މޮޅު.. ފިޒާއާއެކު އަހަރެންގެ ފޮޓޯ އޮންނަނީ އެނދުމަތީގައި..؟ މުޅި ކޮޓަރީގެ ބޮޑު އެއްފާރު ފުރާލަން މިޖެހެނީ ފިޒާގެ ވިއަރޑް ފޮޓޯތަކުން..! ދެން ތިބުނަނީ އަހަރެންގެ ފޮޓޯ ބާއްވާނީ ފިޒާއާއެކު އެނދުމަތީގައޭ.." ތާބިޝްގެ ވާހަކައިން ފިޒާގެ އެއްބުމަ ބައްޗަށް ހިއްލާލާފައި ބަލައިލި އެވެ.

"އެނދުމައްޗަކު ނޫން.. އެތާނގައި.. އެ ފާރުގައި.. އަހަރުމެންގެ ސިލްވަރ ކުލައިގެ ބެޑްވޯލްގައި އަހަރުމެން ދެމީހުންގެ ބޮޑުބޮޑު ފޮޓޯއެއް ހަރުކުރާނީ... ކައިވެނީގެ ފޮޓޯތަކުގެ ތެރެއިން އެންމެ ރީތި ފޮޓޯއެއް އިހްތިޔާރުކުރާނީ އަހަރުމެން ދެމީހުން ތިބެގެން.. ދެން ވަރަށް ވަރަށް ބޮޑުކޮށްލާފައި އެ ފާރުގައި ހުންނާނީ އަހަރުމެން ދެމީހުންގެ ފޮޓޯ..! އޭރުން ވަރަށް ވަރަށް ރީތިވާނެ..  އެންމެ ރީތި، އެންމެ ފުރިހަމަ، ޕަރފެކްޓް ކޮޓަރިއަކަށް ވާނީ އަހަރުމެން ދެމީހުންގެ ކޮޓަރި..!" ދެމީހުންގެ މުސްތަގްބަލްގެ ކޮޓަރި ހިޔާލަށް ގެންނަމުން ފިޒާ ބޭނުންވާ ގޮތްތައް ތާބިޝްއަށް ހުށައެޅި އެވެ.

"ޔާ.. ޔާ.. ޔާ.. ޔާ..! އަހަރެން އެހެންމީހަކާ އިނދެގެން މިގެއަށް ގެނެއްސައި އެ ކުއްޖާގެ ކޮޓަރި ތި އައިޑިއަރއަށް ހަދައިދޭނަން.." ލާނެއް ހިނިގަނޑަކާއެކު ތާބިޝް ފިޒާއާއި ދިމާކޮށްލާފައި، އަތުނުޖެހެންވެގެން ބާރަށް ދުއްވައިގަތެވެ.

- މިހާރު-

"ތާބިޝް..." ފޮޓޯތަކުގައި ފިރުމާލަމުން ފިޒާއަށް ކިޔަލެވުނީ ތާބިޝްގެ ނަމެވެ.

މާޒީގެ ތެރެއިން ނިކުމެގެން ހަގީގީ މަންޒަރަށް ފިޒާއަށް އާދެވިއްޖެ އެވެ.

ކޯތާފަތުން އޮހޮރެމުންއައީ ހޫނު ކަރުނަ އެވެ. ފިޒާ ބަލައިލީ ބެޑްވޯލްއަށެވެ. ފިޒާއަށް އެންމެ ރީތި 'ސިލްވަރ ޝޭޑް' ކުލަ ލާފައިވާ އެ ފާރު ހުރީ ހުހަށެވެ. ދެ ލޯ މަރައިލެވުނީ މޭގައި އަތް އަޅާފަ އެވެ. ކަންފަތުގެ ހިނދުރީގައި ގުގުމާލީ ހިތްދަތި އަޑެކެވެ.

'އެނދުމައްޗަކު ނޫން.. އެތާނގައި..! އެ ފާރުގައި..! އަހަރުމެންގެ ސިލްވަރ ކުލައިގެ ބެޑްވޯލްގައި، އަހަރުމެނން ދެމީހުންގެ ބޮޑުބޮޑު ފޮޓޯއެއް ހަރުކުރާނީ... ކައިވެނީގެ ފޮޓޯތަކުގެ ތެރެއިން އެންމެ ރީތި ފޮޓޯއެއް އިހްތިޔާރުކުރާނީ އަހަރުމެން ދެމީހުން އެކުގައި ތިބެގެން..' 

ގިސްލެވެން ފެށުމުން ފިޒާގެ ތިރީ ތުންފަތުގައި ބާރަށް ދަތްއެޅި އެވެ. ދެމީހުން އެކުގައި ތިބެގެން ކައިވެނީގެ ފޮޓޯއަލްބަމުން، އެންމެ ހިތްގައިމު ފޮޓޯ އިހްތިޔާރު ކުރުމަށް ތަގްދީރު ފުރުސަތެއް ނުދިނެވެ. ދެމީހުންގެ ލޯބީގައި ހުސްކަން އުފެދުނު ފަދައިން، އެ ފާރުވެސް އެވަނީ ހުސްކޮށެވެ. ނަމަވެސް ފިޒާ އެދުނުފަދައިން ކޮޓަރީގެ އެންމެ ބޮޑު ފާރު ފުރާލާފައިއެވަނީ ފިޒާގެ ކިއުޓް ކިއުޓް ފޮޓޯތތަކުންނެވެ. ބެޑްވޯލްގައި ލާފައިވަނީ ސިލްވަރކުލައިގެ ރީތި ޝޭޑެއްގެ ކުލަ އެވެ. ތާބިޝްގެ ވައުދު ފުއްދައިފި އެވެ. ފިޒާ އެންމެ ބޭނުންވި ގޮތަށް ފިޒާއަށް ކޮޓަރި ހަދައިދީފި އެވެ. ތެމެމުންދިޔަ ކޯތާފަތް ފޮހެލުމަށް ހަރަކާތްކޮށްލި ވަގުތު ކޮޓަރީގެ ދޮރު ހުޅުވިއްޖެ އެވެ.

"ފިޒާ ބަނޑުހައިވެފައި ހުރެދާނެކަމަށް، ކާއެއްޗެހި މިގެނައީ ކޮޓަރިއަށް..!" ކޮޓަރީގައި ހުރި މޭޒުމަތީގައި ތަބަށް ބަހައްޓާލަމުން ތާބިޝް ބުނީ މަޑުމަޑުންނެވެ.

ފިޒާއާއި ދިމާއަށް އިތުރަށް ބަލާލާނެ ފުރުސަތެއް އެވަގުތު ތާބިޝްއަށް ނުލިބުމުން އިސްޖަހައިގެން ހިނގައިގަތީ ކޮޓަރީން ނިކުތުމަށެވެ.

"ތާބިޝް!!!"

ފިޒާގެ އަޑާއި ރާގުން ތާބިޝްގެ ދެފައިގައި ހިލިހިލާ އެޅިއްޖެ އެވެ.

"މިފާރުގައި ހުރި ހުރިހައި ފޮޓޯއެއް، ކުރިއަށް އޮތް ސައުވީސްގަޑީރުތެރޭގައި މިކޮޓަރީން ބޭރުކުރަންޖެހޭނެ..!" ހަރުކަށިކަމާއެކު ބުނެލި ޖުމުލައިން ތާބިޝްއަށް ލިބުނީ ޝޮކެކެވެ. (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް