ads
ކުށުގެ ސަޒާ - 10 ވަނަ ބައި
އެޕިސޯޑް 10
Advertisement

އަހަރެންނަށްޓަކައި ތާބިޝްގެ ހިތުގައި އޮތީ ކޮން ޒާތެއްގެ އިތުބާރެއް..؟" ފިޒާގެ ރުއިމުގެ ތެރެއިން ބުނަމުންދިޔަ ޖުމުލަތަށް އަޑުއަހަން ތާބިޝްއަށް ކެތްވާވަރެއް ނޫނެވެ. ބޮލުން ދެފަރާތަށް ހަރަކާތްކުރީ ދުލުން އެންމެ ލަފްޒެއްވެސް ނުނިކުތީމަ އެވެ. ނަމަވެސް އިންކާރުކުރާނެ ހިތްވަރެއްވެސް ނެތެވެ.

"ފިޒާ" ތާބިޝް ބޭނުންވީ ފިޒާ ހުއްޓުވާށެވެ.

"މާބޮޑަށް ލަސްވެއްޖެ ތާބިޝް..! އައިކޮޅަށް އަނބުރާލާފައި ދިއުމަށްވުރެން ރަގަޅުގޮތެއް ތާބިޝްއަކަށް ނެތް..!" ތާބިޝްއަށް ފުރަގަސްދެމުން ފިޒާ އަނެއް ފަރާތަށް އެނބުރުނީ ތާބިޝްއާއި ވާހަކަދައްކަންވެސް ބޭނުންނުވާތީ އެވެ.

"އެހެންވީމަ.. ކަޔާން އެބުނީ ރަގަޅަށް..!" އަމިއްލަ ނަފްސާއި ވާހަކަދައްކަމުން ތާބިޝް ބުންޏެވެ.

ކިޔަނީ ކޯންޗެއްކަން ނޭގުނަސް ކޮންމެވެސް އެއްޗެއް ތާބިޝް އެބަކިޔާކަން ފިޒާއަށްވެސް އެނގުނެވެ. ސުވާލުތަކުން ފުރިގެންވީ ބެލުމަކުން ތާބިޝްއާއިދިމާއަށް ފިޒާ ބަލައިލީ އެހެންވެ އެވެ.

ފިޒާގެ ކޮންމެ ހަރަކާތެއް މިވަގުތު ތާބިޝްއަށް މުހިއްމެވެ. ހިތުގައި ބިރުވެރިކަން އުފެދިފައިވާތީ އެވެ. ދުނިޔޭގައި އެމީހަކަށް އެންމެ އަގުހުރި އެއްޗެއް، އަމިއްލަ އަތުން ބީވެގެންދަނީކަން އިހްސާސްވުމުން ކުރެވޭ ޖަޒްބާތު ތަޖުރިބާކުރާން ކެތެއް ނުވާނެ އެވެ. ނަމަވެސް އެ ތަޖުރިބާ ކުރެވިފައިނުވާނަމަ، އެމީހަކަށް ދުނިޔޭގެ ފިލާވަޅުން ކުޑަވެސް މިންވަރެއް އަދި ހާސިލްނުވަނީ އެވެ. އެކަމުގެ ވޭނާއި ބިރު ފިޒާއާއި ތާބިޝްގެ ހިތުގައި އޮތީ އިންތިހާއަށެވެ.

އިޝްގު އިނގޭނީ، އިޝްގުގައި ޖެހުމުންނެވެ. ވޭން އިނގޭނީ، ވޭން ތަހަންމަލްކޮށްގެންނެވެ.

ތާބިޝްގެ ލޯބި، މުޅި އުމުރަށް އޭނާއާއި ވަކިވަނީކަން އިހްސާސްވެ، ފިޒާއާއި ދިމާއަށް ބަލައިލެވުނުއިރު ހުރީ ފެންކަޅިވެފަ އެވެ.

"ކަޔާން ބުނީ ރަގަޅަށްކަމަށް ގަބޫލުކުރާން އަހަންނަށް ފިޒާ މަޖުބޫރުތިކުރަނީ..!  އައި ޝުޑް ލެޓް ޔޫ ގޯ..! ކަޔާން ބުނީ، އަހަރެން ފިޒާއާއި ގާތްވިޔަސް، ނުވަތަ އަހަރެން ފިޒާގެ ވަސްޖެހޭ ހިސާބުގައިވިޔަސް، ރިހުމާއި ވޭން ނޫނީ ފިޒާއަކަށް ނުލިބޭނެޔޭ..! މާޒީގައިވެސް އަހަރެންގެ ސަބަބުން ފިޒާއަށް ލިބުނީ ވޭނާއި އުދާސް..! އަދި ލިބޭނީވެސް ތަކުލީފް..! ފިޒާ އުފަލުގައި ބަހަށްޓަން އަހަރެން ބޭނުންވަންޏާ، ހިތާއި ދެކޮޅަށްވިޔަސް ފިޒާ މިނިވަންކުރަން އަހަންނަށް މަޖުބޫރު..!" ރިހުމުން ފުރިފައިވާ ބުނެލުމަކުން ތާބިޝް ފިޒާގެ ހިތް ކުދިކުދިކޮށްލި އެވެ.

މުޅިމީހާ ގަނޑުވެފައި ތާބިޝްއާއި ދިމާއަށް ބަލަހައްޓައިގެން ހުރީ ދެން ހަދަންވީ ގޮތެއް ސިކުނޑިއަށްވެސް ނުގެނެވުނީމަ އެވެ. ލޮލުން ކަރުނައިގެ ކޯރެއް ދެމިގަތްކަން ފިޒާއަށް ނުވެސް އެނގެ އެވެ.

"ކަޔާންގެ ބުނުން ގަބޫލުކުރާކަށް ބޭނުމެއް ނޫން..! ފިޒާ އުފަލުގައި ބަހަށްޓަން ވަރަށް ބޭނުން..! ދުވަހަކުވެސް ފިޒާއާއި ވަކިވާކަށް ބޭނުމެއް ނޫން..! އެކަމަކު ވަރިކުރުން ނޫން އެހެން ގޮތެއްވެސް އަހަންނަކަށް ނެތް..! ކަޔާން އެބުނީ ތެދެއްކަމަށް  ގަބޫލުކުރަން މަޖުބޫރުކުރަނީ ފިޒާ! އައި ޝުޑް ލެޓް ޔޫ ގޯ..!"

ވައިއަޑުން އެންމެ ފަހު ލަފްޒުތަށް ބުނެލިއިރު ތާބިޝްގެ އަޑު އޭނާގެ ކަންފަތާއި ހަމައަށްވެސް ރަގަޅަށް ނީވެ އެވެ. އިސްޖަހައިލަމުން ތާބިޝްގެ ދެ ލޯ ފެހެލީ ފަރުވާކުޑަގޮތަކަށެވެ. 

"ވަރި..!؟"

ހައިރާންވެ އަންތަރީސްވެފައި ފިޒާއަށް ކިޔައިލެވުނީ ތާބިޝްއަށެވެ. ބުނެލީ އެންމެ ދެ އަކުރެވެ. ނަމަވެސް ދުނިޔެ އެފުށްމިފުށަށް ޖެހުންފަދަ ބާރުގަދަ ލަފްޒެކެވެ. މުޅި ދިރިއުޅުން ވީރާނާ ކޮށްލާނެ ވިހަގަދަ ޒަހަރެކެވެ. އެންމެ ދެއަކުރުގެ ސަބަބުން ހިތުގެ ވިންދު ހުއްޓިއްޖެ އެވެ. ނޭވާ ހޮޅީގައި ތާށިވެއްޖެ އެވެ. 

'އަޑުމިއިވުނީ ރަގަޅަށްބާ އެވެ؟ ތާބިޝް އެބުނީ އަހަރެން ވަރިކުރާ ވާހަކަ ހެއްޔެވެ؟ މުޅި އުމުރަށް ތާބިޝްގެ ހަޔާތުން އަހަރެން ނެރި ބޭރުކުރަނީ ހެއްޔެވެ؟ އެތައް އަހަރެއްވަންދެން ތާބިޝްއާއި ފިލައިގެން އުޅުނު ސަބަބު މިފަދަ ބިރުވެރިގޮތަކަށް ފިޒާގެ ކުރިމަތިން ބައްދަލުކޮށްފާނެކަމަށް ދުވަހަކުވެސް ހީކުރެވިފައެއް ނެތެވެ. ތާބިޝްގެ ކުރިމައްޗަށް ނާރަން ފިޒާ މަސައްކަތްކުރި ހަމައެކަނި ސަބަބަކީ މިއީ އެވެ. އުމުރު ދުވަހަށް ތާބިޝްގެ ލޯބި ނުލިބުނަސް، ތާބިޝްގެ އަންބެއްގެ ލަގަބު ފިޒާގެ ކިބައިން ނިގުޅައިގަތުމަކަށް ފުރުސަތެއް ނުދެވޭނެ އެވެ. އެދުވަހަކުން ފިޒާގެ ހިތުގައި ވިންދެއް ނުޖަހާނެކަން އެއީ އަތުގެ ފަސްއިނގިލި ފެންނަފަދައިން ޔަގީންކަމެކެވވެ. 

"ފިޒާ... މާދަމާ.. އަހަރެން.. ފޯމް ހުށަހަޅާނަން.. އެހިސާބުން އަހަރެންގެ މި އަނިޔާވެރި ހިޔަނިން.. އިން ޝާ ﷲ ފިޒާ މިނިވަންވީ.." 

އަޅައަޅައިގަންނަމުން ތާބިޝް ވާހަކަދެއްކީ ވަރަށް އުނދަގުލުންނެވެ. އެ ނިންމުމަކީ ތާބިޝްގެ ހިތުގެ އަޑު ނޫންކަން ފިޒާ ގަބޫލުކުރާން ބޭނުމެވެ. ތާބިޝް ބުނިގޮތުންނަމަ، އެ ނިންމުން ތާބިޝް ނިންމީ ކަޔާންގެ ބަހަށެވެ. އެކަން ސިކުނޑީގެ ސަމާލުކަމަށް އައުމާއެކު ފިޒާގެ ނިއްކުރިއަށް ރޫ އަރުވާލާފައި ވިސްނާލި އެވެ.

ހިތުގެ އަޑު އެހުމަށްވުރެން ސިކުނޑީގެ އަޑު ބައެއްފަހަރު އިންސާނާގެ ކޮންޓްރޯލް ހޯދަ އެވެ. އެފަދަ ވަގުތަކަށް ފިޒާ އިންތިޒާރުކުރަނީއެއް ނޫނެވެ. އެފަދަ ނިންމުމެއް ކަޔާން ނިންމި ނަމަ، ނުވަތަ އެކަމަށް ތާބިޝްއަށް ނަސޭހަތްދިންނަމަ، އޭގެ މަގުސަދު އެންމެ ސާފުވާންޖެހޭނީ ފިޒާއަށެވެ.

އިންސާނެއްގެ އެންމެ ހިތްއެދޭ އެދުން އޭނާގެ އަތުން ބީވެގެންދާކަމުގެ އިހްސާސް، އެމީހެއްގެ ކިބައިން އެންމެ ރަގަޅަށް ދައްކައިދޭ ހެއްކަކީ އޭނާގެ ކަރުނަ އެވެ. ފިޒާގެ ކޯތާފަތް ހުރަސްކޮށް ލޮލުން އޮހޮރެމުންދިޔަ ކަރުނައަކީ އޭނާގެ ޖަޒްބާތުތަކުގެ ބަސްމޮށުންތެރިކަމެވެ. ރިހެމުންދިޔަ ހިތުގައި ތާބިޝް ވަޅިއަޅައި ފުން ޒަހަމްތަކެއް ދީފި އެވެ. ދުވަހެއްގައިވެސް ފަސޭހަވުމެއް ނެތް ބައްޔެއްގެ އަލާމާތްތައް ފިޒާއަށް އިހްސާސްވާން ފެށި އެވެ. ހިތް ބިރުގަތީ އެކަމުން ދުވަހަކުވެސް މިންޖުނުވެވިދާނެތީ އެވެ. ގިސްލެވެމުންދިޔަކަމެއް ފިޒާއަށް ނުވެސް އެނގެ އެވެ.

"ފިޒާ" މަޑުމަޑުން ތާބިޝް ގޮވައިލި އެވެ.

"ތާބިޝް... ތީގެ މާނައަކީ... މާނައަކީ، މުޅި އުމުރަށް އަހަރެން ތާބިޝްގެ ހަޔާތުން ނެރި އެއްލާލަނީއޭތަ..؟" ވަރަށް އުނދަގުލުން ފިޒާ ސުވާލުކުރި އެވެ. ވާނުވާ ނޭގިފައި ތާބިޝް ކުށްލިޔަކަށް ފިޒާގެ ލޮލަށް ބަލައިލި އެވެ. ފެންނަމުންދިޔަ އިހްސާސްތައް ތާބިޝްގެ ސިކުނޑި ގަޑުގަޑުކޮށްލީ ފަޅިސިކުންތެއްގެ ތެރޭގަ އެވެ.

"ޔޫ... ވޯންޓެޑް.. ދިސް..!؟" 

ކުރިއަށް ފިޔަވަޅެއް އަޅައި ފިޒާއާއި ދާދި ގާތުގައި ހުއްޓިފައި ތާބިޝް ސުވާލުކުރި އެވެ. ހުއްޓުމެއް ނެތި ފިޒާގެ ބޯ ދެފަރާތަށް ހޫރަމުންދިޔައީ ތާބިޝްގެ ބުނުމަށް ނުވަތަ ތާބިޝްގެ އެ ސުވާލަށް ފާޅުގައި ފިޒާ އިންކާރުކުރާކަމުގެ ހެއްކެއްގެ ގޮތުގަ އެވެ.

"ތާބިޝް...! އައި ނެވަރ ވޯންޓެޑް ދިސް.. އައި ޑޯންޓް ވޯންޓް ދިސް.. ތާބިޝްގެ އެހީއެއް ނުލިބުނަސް، ތާބިޝްގެ ހިމާޔަތެއް ނުލިބުނަސް ޝަކުވާއެއް ނެތް.. އެކަމަކު ތާބިޝްގެ އަންބެއްގެ ލަގަބު އަހަރެންގެ ކިބައިން ނިގުޅައިނުގަނޭ ޕްލީޒް..! އަހަރެންގެ ފުރާނަ، މިހަށިން ނެރި ކަފުންކޮށް ވަޅުލިޔަސް، އެއަށް ވުރެން ރަގަޅު..!" ދެއަތް ޖޯޑްކޮށްފައި ފިޒާ އާދޭސްކުރީ ހުއްޓުމެއް ނެތް ކަރުނައާއެކު އެވެ. ވާނުވާ ނޭގިފައި ނިއްކުރިއަށް ރޫތަށް އަރުވައިގެން ތާބިޝް ހުރީ ގުޑާލަން ނޭގިފަ އެވެ. 

"ފިޒާ... އަހަންނަށް އޮޅިއްޖެ! ފިޒާ ބޭނުމެއް ނޫނެއްނުން އަހަރެންއެކު އުޅޭކަށް..! އަހަރެންނާއެކު ގެއަށް ދާކަށްވެސް ފިޒާ ބޭނުމެއް ނޫނެއްނުން... ދެން؟؟" ހަގީގަތުގައިވެސް ވާނުވާ ތާބިޝްއަށް އޮޅިއްޖެ އެވެ.  

"އަހަރެން ބުނީ، އިތުރު ފުރުސަތެއް ތާބިޝްއަށް ދޭކަށް އަހަރެން ބޭނުމެއް ނޫނޭ.. އެކަމަކު ވަރިވވުމަކީ އަހަރެންގެ ބިރުވެރި ހުވަފެނެއްގައިވެސް އެދޭނެ އެދުމެއް ނޫން.. ދުވަހަކުވެސް ވަރިވާކަށް ބޭނުމެއް ނޫން.. ހަމައެކަނި ބޭނުމީ ތާބިޝްގެ އަންބެއްގެ މަގާމު..! އެ ހައްގު އަހަރެންގެ ކިބައިން ނިގުޅައި ނުގަނޭ..! ޕްލީޒް..! މިއަށްވުރެން ބޮޑު ކަމަކު އަހަރެން ނޭދޭނަން.. މިއަށްވުރެން އިތުރަށް އެއްވެސް އެއްޗެއްވެސް ތާބިޝްގެ ކިބައިން އަހަރެން ބޭނުމެއް ނޫން.. ޕްލީޒް އަހަންނަށް ތިހެން ނުހަދާ..!" ފިޒާ ރޮއެގަތީ މާ ބާރަށެވެ.

"ފިޒާ"

ތާބިޝްގެ މޫނުގައި އަތް އަޅައި ރޯންފެށި އެވެ. ފިޒާ ގެނެސް އަތުގެ ތެރޭގައި ބޮނޑިކޮށްލަން މުޅި ހަށިގަޑު އެދުނަސް، އެކަން ކުރަން ތާބިޝް ޖެހިލުންވި އެވެ.

"ތާބިޝް، އަހަންނަކަށް ތާބިޝްއާއެކު ނޫޅެވޭނެ، އެކަމަކު ތާބިޝްއާއި ވަކިންވެސް އަހަންނަކަށް ދިރިއެއް ނުހުރެވޭނެ..!" ފިޒާގެ ރުއިމަކަށް ބަދަލެއް ނާދެ އެވެ. ސިކުނޑީގެ ހާސްކަމަށް ކުޑަވެސް ބަދަލެއް ނައި އެވެ.

"ފިޒާ.. ބޭބީ، ހިނގާ ގެއަށް ދާން.. ޕްލީޒް! އަހަންނަކަށް ފިޒާއާއި ނުލައެއް ނޫޅެވޭނެ.. ހަމައެންމެ ފުރުސަތެއް.. ޕްލީޒް ބޭބީ، މި ފުރުސަތު އަހަންނަށް ދީ.."

ދެ ލޯ މަރައިލާފައި ފިޒާގެ އަތުގައި ހިފާފައި ގެނެސް ތާބިޝްގެ މޭގައި ތަތްކޮށްލި އެވެ. ދެއަތުގައި ހުރި ބާރެއްލާފައި ފިޒާގެ ހަށިގަނޑު ބޮނޑިކޮށްލި އެވެ.

ދެމީހުންގެ ހިތް ފުރެންދެން ރު އެވެ. ހިތުގެ ރިހުމާއި ދެ ޖިސްމުގައި އަޅަމުންދިޔަ ވޭން ފޮރުވުމަށް މަސައްކަތްކުރުމެއް ނެތެވެ. އެކަކު އަނެކެއްގެ އަތުތެރޭގައި ބޮނޑިވުމަށް ހުރަހެއް ނެތެވެ. ފިޒާގެ ހާލާއި ތަގުދީރުގެ ނިޔާއަށްޓަކައި ހިތާމަކޮށް ރޮނީ އެވެ. ތާބިޝްގެ އަމިއްލަ ނަފުސުކުށްވެރިކުރެވި، އޭނާގެ އަމިއްލަ ކުށަށްޓަކައި ކަރުނައަޅަނީ އެވެ. ދެހިތުގައިވެސް އެއް ރިހުމެކެވެ. ހާލަތާއި ވަގުތު ދެ ލޯބިވެރިންނަށް އަނިޔާވެރިވީ، މިންވަރެއް ނެތި އެވެ.

"ތާބިޝްއާއެކު ދިއުމަށް އަހަރެން ތައްޔާރު.."

ތާބިޝްގެ އަތުތެރެއިން ނިކުންނަމުން ފިޒާ ބުންޏެވެ. އަޑުގައި ހުރި އިންޒާރުގެ ބާރު، ތާބިޝްގެ ގައިން ހީބިހި ނަގުވާލި އެވެ. ފަރުވާތެރިކަމާއެކު ފިޒާގެ މޫނާއި ލޮލަށް ތާބިޝް ބަލައިލީ ހައިރާންވެފަ އެވެ.

"އެކަމަކު ތާބިޝް މުހައްމަދު އަހްސަން ހަނދާންކުރާތި، އަހަރެން މި ދަނީ ތާބިޝްއަށް އިތުރު ފުރުސަތެއް ދިނުމަކަށް ނޫން.. އިތުރު އެންމެ ފުރުސަތެއްވެސް ތާބިޝްއަށް ދޭކަށް ބޭނުމެއް ނޫން.. ދުވަހަކުވެސް އެކަމަށް ފުރުސަތު ދޭކަށް ބޭނުމެއް ނޫން.. އަހަރެން ތާބިޝްއަށް ނަފްރަތުކުރަން.. މުޅިއުމުރުގައިވެސް މިކަން މި ނޫން ގޮތަކަށް ބަދަލުނުވެދާނެ..! އެކަމަކު ތާބިޝް އަހަރެން ވަރިކުރުމަކީ ދުވަހަކުވެސް ބޭނުންވި އަދި ބޭނުންވާ ގޮތެއްވެސް ނޫން.. އިން ޝާ ﷲ އެކަން ހުއްޓުވުމަށް އަހަންނަށް ކުރެވުނު ކޮންމެކަމެއް ކުރާނަން.." ފިޒާގެ ޖުމުލަ ނިންމާލިއިރު ތާބިޝް އިސްދަށަށްޖަހައިފި އެވެ. 

"ފިޒާ... ޕްލީޒް.." ފިޒާގެ ނިންމުން ބަދަލުކުރަން އާދޭސްކުރާންޖެހުނަސް، އެކަމަށް ތާބިޝް ތައްޔާރެވެ. އެކަމަކު، ފިޒާ މިވަގުތު އެކަމަށް ފުރުސަތު ދޭކަށް ބޭނުމެއްނުވި އެވެ. 

"ބޭރުގައި މަޑުކޮށްލާ.. ތައްޔާރުވެގެން އެބައަންނަން.." ތާބިޝް ބުނަން އުޅުނު އެއްޗެއް އަޑުއެހުން ފިޒާއަށް މުހިއްމެއް ނުވި އެވެ. 

ފިޒާގެ ނިންމުމަށް ބޯލެނބުން ފިޔަވައި އިތުރު އެހެން އެއްގޮތެއްވެސް ތާބިޝްއަށް މިވަގުތު ނެތެވެ. ބޮލުން އިޝާރާތްކޮށް، އެއްބަސްވެފައި ތާބިޝް ނިކުތީ ބޭރަށެވެ.

ތާބިޝް ނިކުތުމާއެކު ފިޒާގެ ކޮޓަރިއަށް ވާލިދްއާއި އަޝްކާ ވަދެއްޖެ އެވެ. ފިޒާގެ ފޮއްޓަށް އޭނާގެ އަންނައުނނު އަޅާ މަންޒަރު، ވާލިދްގެ ދެމަފިރިންނަށް ފަސޭހަ ތަސްވީރަކަށް ނުވި އެވެ. 

"ފިޒާ.. އަނެއްކާ ދެވަނަ ފަހަރަށްވެސް ފިޒާގެ ދުވަސް ދުއްވާލަން ތާބިޝްއަށް ފުރުސަތު ދެނީތަ..؟ ތިހެން ނުހަދާ ދަރިފުޅާ.. އަލުން އެދިރިއުޅުމާއި ގާތްނުވޭ..! ހެޔޮނުވާނެ އެގެއަށް ނުދޭ..!" ފިޒާގެ ނިންމުމަށް ހިތްހަމަނުޖެހިފައި އަޝްކާ ބުންޏެވެ. 

"ފިޒާ.. ޕްރިންސެސް.. ބޭބެ އަޑުއެހިން ފިޒާއާއި ތާބިޝް ދެއްކި ވާހަކަ.. ބޭބެއަށް ފެންނަގޮތުގައި ތާބިޝްގެ... އެ ހުށައެޅުމަށް.. ފިޒާ އެއްބަސްވުން އެއީ އެންމެ ރަގަޅުގޮތް..! މިބުނީ ދެމީހުން ވަކިވުން.. ވަރިވުމަށް ހުށަހެޅި ހުށަހެޅުމަށް ފިޒާ އެއްބަސްވުން ރަގަޅުވާނީ..!" ލިބުނު ޝޮކްގައި ފިޒާ ބަލައިލިގޮތުން ވާލިދުގެ ވާހަކަ ހުއްޓާލަން ޖެހުނެވެ. 

"އިތުރަށް ފިޒާގެ ދިރިއުޅުމާއިކުޅެން ފުރުސަތު ނުދީބަލަ..!" އެހެން ގޮތެއް ނެތްކަން އެނގިހުރެވެސް އަޝްކާ އާދޭސްކޮށްލި އެވެ.

ގައިގައި ހުރިބާރެއްލާފައި ފޮށީގެ ޒިޕް އަޅުވާލުމަށްފަހު، އަޝްކާއާއި ވާލިދުގެ ކުރިމަތީގައި ފިޒާ ހުއްޓުނެވެ. 

"ދައްތާ، ބޭބޭ އަހަރެން ގަބޫލުކުރަން އަހަންނަށް އެންމެ ފައިދާހުރި އެންމެ ރަގަޅުގޮތް އެނގޭނީ ބޭބެމެންނަށް.. އަހަންނަށް ދެރައެއް ލިބޭކަށްވެސް ބޭބެމެން ބޭނުމެއް ނުވާނެ.. އަހަރެންގެ ލޮލުން ކަރުނައެއް ދެކޭކަށްވެސް ބޭނުމެއް ނުވާނެ.. އެކަމަކު ބޭބޭ ބުނަންތަ..؟ ތާބިޝް އަހަރެން ވަރިކޮށްފިއްޔާ، އަހަރެން ދިރިހުރުމުގެ އުއްމީދުންވެސް ނުކުރާނަން..! އެހިސާބުން ދައްތަމެންނަށް ފެންނާނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑުކަމަށް ޔަގީންކުރޭ..! އަހަރެން ތާބިޝްދެކެ ލޯބިވަނީ ކިހައި ކިންވަރަކަށްކަން ބޭބެއަށްވެސް އަދި ދައްތައަށްވެސް ބުނެދޭކަށް ނުޖެހޭނެ.. އޭނާދެކެ ވަރަށް ވަރަށް ލޯބިވޭ!" ފިޒާގެ ވާހަކަ މެދުކަނޑާލާފައި އިސްޖަހައިލި އެވެ. ބޭބެއާއި ދައްތަ އިތުރު އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަދެއްކީ ފިޒާ އެވެ.

"އެކަމަކު އޭގެ އެތަށް ގުނައެއް ބޮޑުކޮށް، އަހަރެން ތާބިޝްއަށް ނަފްރަތުކުރަން... މި ނަފްރަތުގެ ހަމައެކަނި ސަބަބަކީ އަހަރެންގެ މުޅި ދިރިއުޅުން ތާބިޝް ބަރުބާދުކޮށްލީތީ..! ހަގީގަތަކީ މިއީކަމަށްވިޔަސް، ހިތުގެ އެންމެ އަޑިން އަހަންނަކަށް ތާބިޝްއަށް ނަފްރަތެއް ނުކުރެވުނު.. އެކަމަށް އެއްބަސްވާކަށްވެސް ބޭނުމެއް ނޫން.. އެކަމަކު އެ ހަގީގަތް ބަދަލުކުރާނީ ކިހިނެއް؟ މިކަން އެންމެ ރަގަޅަށް އެނގޭނީވެސް ބޭބެއަށާއި ދައްތައަށް..! އަހަރެންގެ ދިރިއުޅުން ބަރުބާދުކުރިއަސް، އަހަރެންގެ އަގު ވައްޓާލިޔަސް، އަހަރެންގެ ނަފުސުގެ ކަރާމާތް ވެއްޔާއި ބޮޑެލިޔަސް  މައްސަލައެއް ނެތް..! ތާބިޝްގެ ދިރިއުޅުމުން މުޅިއުމުރަށް އަހަރެން ބޭރުކުރުމަށްވުރެން މި ހުރިހައި ކަމަކާއި އަހަރެން ރުހި ގަބޫލުވުންވެސް ރަގަޅު..!" ދެލޮލުން ކަރުނަގަނޑު ދެމިގަތްވަގުތު ވާލިދްއާއި އަޝްކާއައިސް ދެމީހުން އެއްފަހަރާ ފިޒާގައިގައި ބައްދާލި އެވެ.

"ފިޒާއަށް ދެރައެއް ލިބޭކަށް ދުވަހަކުވެސް ބޭނުމެއް ނޫން.. ފިޒާގެ އަމިއްލަ ދިފާއުގައި ކޮޅަށްތެދުވެ، އަބަދުވެސް އުފަލުގައި ހުންނާން މަސައްކަތްކުރާނެކަމަށް އުއްމީދުކުރަން..! ވަރަށް ލޯބިވޭ..!" ލޯތްބާއެކު ވާލިދް ބުންޏެވެ. އެއްބަސްވުމުގެ ގޮތުން ފިޒާ ބޮލުން އިޝާރާތްކުރީ މޫނުމަތީން ކަރުނަ ފޮހެލާފަ އެވެ.

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް