މިއަދުން ފެށިގެން ރޯދަމަހުގެ ފަހު 10 އަކަށް ސަރުކާރޫ އޮފީސްތައް ބަންދުވާނެެއެވެ. އެހެންކަމުން މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދިނުމަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ޕޭ ކޮމިޝަނުން އިސްލާހު ގެނެސް މިއަދު ވަނީ އާއްމުކޮށްފައެވެ.
މި އިސްލާހުގައިވާ ގޮތުން ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭކަމަށް ކަނޑައަޅާ މުވައްޒަފުންނަށް އިތުރު އިނާޔަތްތައް ލިބެއެވެ.
މި އިސްލާހުން ދޭ އިނާޔަތްތައް
ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހު ބުނާގޮތުން ރޯދަމަހުގެ ފަހު 10ގައި ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވިކަމުގައިވިޔަސް ހާޒިރީ އިނާޔަތް ދޭންޖެހޭނެކަމަށްވެސް ވަނީ ބުނެފައެވެ.