
އެ ބޯޓުން ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން އަންނަނީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖު ކުމާރެވެ. މީނާ ގެއްލުނީ ރޭގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން ބުނީ މި މީހާ ހޯދުމަށް ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް، ސަދަން އޭރިއާ ސްކޮޑްރަން ގެ އުޅަނދުތަކުން ހިންގި ސާޗް އޮޕަރޭޝަން ގައި ބަލައިފައިވާކަމަށެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ކަނޑުމަގުންކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އެ އިދާރާއިން ބުނީ މިހާތަނަށް ކުރި މަސައްކަތުން ގެއްލުނު މީހާ އަދިވެސް ފެނިފައިނުވާކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގެ ކައިރީގައި ދެ ކޮޅިގަނޑު އުފެދިފައިވާތީ ކަނޑު ގަދަވާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ބުނީ މިހާރު ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވާތީ، ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދި، އެ ކޮޅިގަނޑު ދެކުނު އިންޑިއާގެ ޓެމިލްނާޑޫއާ ދިމާލަށް ދަތުރުކުރާނެ ކަމަށެވެ. އަދި ރާއްޖެއާ ދުރުން ދެކުނުގައި ވެސް އިތުރު ކޮޅިގަނޑެއް އުފެދި، ހުޅަނގަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދެ ކޮޅިގަނޑުގެ ސަބަބުން ބުދަ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ. އަދި ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 27 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެ އެވެ.