ads
ޑިމޮކްރެޓްސްގެ އެއްވުމެއްގައި އަލީ އާޒިމް
އާޒިމް އެއްބަސްވެވަޑައި ގަންނަވަނީ ރައްޔިތުނަށް އިތުރު ބާރު ދޭން ޖެހޭ ކަމަށް
ވެރިކަން ހިންގުމުގެ އާ އޮނިގަނޑެއް އުފަންކޮށް ދައުލަތުގެ ވެރިންނަކީ ރައްޔިތުންކަމުގެ އިހްސާސް އުފައްދާ، ރައްޔިތުންނަށް ބާރު ދޭން ޖެހޭ ކަމަށާއި ރައްޔިތުމީހާ އަކީ ވެރިމީހާކަން ސިޔާސީ ވެރިންނަށް އަންގަމުން ދާންޖެހޭ ކަމަށް މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

އާޒިމް މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓު ގައި ވާހަކަ ދައްކަވަމުންނެވެ. 

"ސީއެންއެމް" އިން އަންނަނީ ދައުލަތް ނުވަތަ ސަރުކާރު ހިންގުމަށް މިހާރުއޮތް އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ހޯދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ނެވެ.

"ނޭޝަން ޓޯކް"ގެ ހަ ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާ ގާނޫނު އަސާސީއާ އެއްކޮށް އަލަށް އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ތިން ދައުރު ފުރިހަމަ ކޮށްފައި އާޒިމް ވިދާޅުވީ ގާނޫނު އަސާސީން ސަރުކާރު ނޫނީ ދައުލަތް ހިންގުމަށް ދިން ބާރުތައް، ފުރަތަމަ ދައުރު އެހާ ބޮޑެތި ކަންތައްތައް ނުފެނުން ކަމުގައި ވިޔަސް ދުވަސް ވާ ވަރަކަށް މައްސަލަތައް އިތުރުވަމުން ފެންނަމުން އެނގެމުން އަންނަ ކަމަށެވެ.

އާޒިމް ވިދާޅުވީ ދުނިޔޭގެ އެކި ތަންތާންގައި އެކި ވައްތަރުގެ އެކި މިޒާޖުގެ މީހުން މިއުޅޭ ކަމަށާއި ނަމަވެސް ވެރިއަކަށް އަންނަ މީހާއަށް ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީގެ ބޭނުން ނަހަމަ ގޮތުގައި ހިފިގެން ނުވާނެ ކަމަށެވެ.

"ގާނޫނު އަސާސީ އެބިއުޒް ނުކުރެވޭނެ ގޮތްތަކެއް އެބަ ހޯދަން ޖެހޭ. ދުނިޔޭގެ އެކި ގައުމުތަށް ތަފާތު ވާނެ. އަޅުގަނޑުމެންނަކީ ދެން ވަރަށް ބޮޑަށް ތަފާތު ބައެއް. ދުނިޔޭގެ މިވެނި ގައުމެއް ސްރީލަންކާ މިހެންނޭ، އިންޑިޔާ މިހެންނޭ، ގުދުސް މިހެންނޭ ކިޔާ އެއާ އެއްގޮތަށް ކަންކުރަން އުޅުނީމަ ބަރާބަރަކަށް ނުދާނެ،"

އާ ގާނޫނު އަސާސީ ވުޖޫދުވި ފަހުން 20 އަހަރާ ދިމާލަށް ދަނީކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ ބައިވަރު މައްސަލަތަށް އުޅޭކަމަށް އެއްމެންވެސް ގަބަޫލްކުރާ ކަމަށާއި ނަމަވެސް އެކި ދަނޑިވަޅުގައި އެކި ޕާޓީތައް ނަގަނީ އެކި މައްސަލަތައް ކަމަށެވެ. އަދި ކޯޓުތަކުގައި ހިނގާ ދުސްތޫރީ މައްސަލަތަކުގައި ވެސް އެކި ފަނޑިޔާރުން ނަގަނީ އެކި މައްސަލަތައް ކަމަށެވެ. 

އާޒިމް ވިދާޅުވީ މިކަންކަމުން ސާފުވަނީ ގާނޫނު އަސާސީ މިހާރު އޮތްގޮތުން އަދި ވެރިކަމުގެ ނިޒާމް މިހާރު ތަރުތީބުވެފައިވާ ގޮތުން މައްސަލަ އުޅޭކަން އެންމެންވެސް ގަބޫލްކުރާ ކަމަށާއި ހިންގުމުގެ އެކި ހިސާބުގައި ބައިވަރު މައްސަލަތައް ފެނި ވެރިކަން ހިންގުމުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ. 

"އަޅުގަނޑު އެންމެ ފަހުން ދައުރުގައި ދަންކަމުން ދިޔަ ވާހަކަ އަކީ ސިޔާސީ ބޮޑެތި ޕާޓީތައް ނޫނީވިއްޔާ ސިޔާސީ ބޮޑެތި ފިގާތަށް، ރަނގަޅަށް ތިބި ޕާޓީތައް އެންމެން އެއްމޭޒެއް ދޮށުގައި އިށީންދެ، އެބަ އެއްބަސް ވާން ޖެހޭ މިގައުމު ހަމަ މަގަށް އަޅުވާނެ ގޮތެއް، އެހެން ނަމަވެސް މިހެން ބުނާއިރުވެސް އެބަ އެގެން ޖެހޭ މިއަދު ވެރިކަމުގައި ތިބި މީހުން (ޕީއެންސީ) ބޭނުމެއް ނުވާނެ ޖުޑިޝަރީ މިނިވަން ކުރާކަށް، ވެރިކަމަށް އަންނަ ކޮންމެ ބަޔަކުވެސް ކަންތައް ހުންނަނީ މިހެން. އަސްލު ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ވަރަށް އަން ޕޮޕިއުލާ ބައެއް، ވަކިން ހާއްސަކޮށް ރައީސުލްޖުމުހޫރިއްޔާ ކައިރީގައި މިނިސްޓަރުން ކައިރީގައި، އެހެން އެވަނީ 30 އަހަރުގެ ދިގު ވެރިކަމާ އަދި އެހެނިހެން ވެރިކަންތަކުގައިވެސް އަޑުއިވިފައި އޮންނަ ގޮތަކީ ރައީސް މީހާ ބުނާހާ ގޮތެއް ހަދައިގެން ތިބޭށޭ، އެއަށް ފާޑުކިޔާ މީހުންނަކީ ވަރަށް ގޯސް ބަޔަކަށް ވެފަ މި އޮންނަނީ" ނަމަވެސް އާ ގާނޫނު އަސާސީގެ ދަށުން ސަރުކާރުތަކަށް ފާޑުކިޔުމުގެ މިނިވަންކަން އެތައް ގުނައަކަށް ލިބިގެންދިޔަކަން ފާހަގަކޮށް އާޒިމް ވިދާޅުވި އެވެ.

މިފަހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގައި ގޮނޑި ގެެއްލޭނެ 4 ހާލަތެއް ބަޔާންކޮށްފައިވެ އެވެ. އެއީ:

  1- ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރައްވައި އިންތިހާބުވެވަޑައިގަތުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރައްވާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެވަޑައިގަތުން

  2- މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެވަޑައިގަތުން

  3- މެންބަރަކު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ބޭފުޅާ ޕާޓީން ވަކިކުރުން

  4- އަމިއްލަ ގޮތުން ވާދަކުރައްވައިގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެވަޑައިގަތު

އާޒިމް ދެން ފާހަގަކުރެއްވީ ވެރިކަން ކުރާ ޕީއެންސީ ކުއްލިގޮތަކަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަކީ ސަރުކާރަށް ވަޒީރަށް ސަނާ ނުކިޔާހާ ހިނދަކު ވަރަށް "އަން ޕޮޕިއުލާ" ބައެއް ކަމަށާއި ނަމަވެސް ގާނޫނު އަސާސީ ތަސައްވަރުކުރި މަޖިލިސް މެންބަރުންނަކީ ރައްޔިތުން ތަމްސީލް ކުރާ ބައެއް ކަމަށެވެ. އެމީހުން ވާނީ އެމީހުން އިންތިހާބު ކުރި ދާއިރާ ހިމެނޭހެން މުޅި ރާއްޖެ ތަމްސީލުކުރާ ބައެއް ކަމަށެވެ. އެއީ އެއް ވެސް ހާލެއްގައި ވަކި ސިޔާސީ ޕާޓީ އެއްގެ ފަރާތުން ބަސްބުނާ ބަޔަކަށް ވެއްޖެ ނަމަ ކުރީގެ ހާލަތަށް ދިޔައީ ކަމަށެވެ. ނަމަވެސް މި ފަހުން ސަރުކާރުން ބޭނުންވެގެން މަޖިލީހުން ގާނޫނު އަސާސީ އަށް ގެނެވުނު ބަދަލާއެކު މި ފެނިގެން ދިޔައީ "ރައްޔިތުންގެ ބަސް" އިއްވުމުގެ ބައި އެއްކޮށް އުނިވެގެން ދިޔަތަން ކަމަށެވެ. 

"ރައީސުލްޖުމުހޫރިއްޔާ އެއް ނޫން، އަޅުގަނޑު ހަމަ ދެ ވަނަ އަދި ތިން ވަނަ ދައުރުގައިވެސް ދައްކަމުން ދިޔަ ވާހަކަ، ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ނެތްތާ އެމީހާ އެހެން ގޮތަކަށް އުޅެން ފެށީމަވެސް ހަމަ ފަސް އަހަރަށް ހޮވާފަ ދޫކޮށްލަނީ މި، ހެދޭނެ އެއްވެސް ގޮތެއް ނެތް، އެކަމަކު ރައީސުލްޖުމުހޫރިއްޔާ ވެސް ގޯސްކޮށް ކަންތައް ކުރަންޔާ އެމީހުންނާ ދޭތެރޭ ފިޔަވަޅު އެބަ އެޅޭ ރައްޔިތުން މަޖީލީހަށް، ކަމުނުދާ ކަންކަން ކުރީމަ އިތުބާރު ނެތްކަމުގެ ވޯޓުވެސް ނެގޭ، އެހެން ނަމަވެސް ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ވަރަށް ތަފާތު ބައެއް ކަމަށް އަޑު އިވިފަ އޮތީ. އެކަމަކު މިއަދު އެކަމަށްވެސް ބޮޑު ބަދަލެއް އަންނަށް ޖެހޭ" މަޖިލީހުގެ ހޭދަކުރެއްވި ތިން ދައުރުގެ ތަޖުރިބާ ހިއްސާ ކުރައްވާ އާޒިމް ވިދާޅުވި އެވެ.

ބާރުވެރިކަމަކީ ގޮތް ނިންމުން ކަމަށްވާއިރު، މިހާރަށް ވުރެ ބޮޑު ބާރުވެރިކަމެއް ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލުކުރުމުން އާޒިމް ވިދާޅުވީ:

  • ރައްޔިތުން ހޮވާ މަންދޫބުން ރައްޔިތުން އެދޭ ކަންތައްތައް އުއްމީދުތައް ހާސިލްކޮށް ނުދެވުނީމަ ވަކިވާނެ ނޫނި ވަކި ކުރެވޭނެ ގޮތެއް ގަވާއިދެއް އުސޫލެއް ހަމައެއް އެބަ އޮންނަށް ޖެހޭ،

  • އެކައުންޓެބިލިޓީ މިކުރެވެނީ މިސާލަކަށް އަޅުގަނޑުމެންނަށް ރައްޔިތުން މަޖިލީހުން ރައީސުލްޖުމުހޫރިއްޔާ ނޫނީ ފަނޑިޔާރުން ގޯސްކޮށް ކަމެއް ކުރީމަ ގާނޫނު އަސާސީގެ ދަށުން އެކައުންޓެބިލިޓީ އެބަކުރެވޭ، ޖުޑިޝަރީ އެބަ ކުރެވޭ، ޖުޑިޝަރީއަށް ކޮންމެސް ވަރަކަށް ރައްޔިތުން މަޖިލިސް ވެސް އެކައުންޓެބިލިޓި އެބަ ކުރެވޭ،

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުން ނުވަތަ ރައްޔިތުންނަށް އެފުރުސަތު ދިނުން، ރައްޔިތުން އެހޮވި މެންބަރަކު ރައްޔިތުން ގަބޫލް ކުރާ ގޮތް ނޫން އެހެން ގޮތަކަށް ކަންތައްތައްކޮށް ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށް ނުދެއްޔާ އެފަދަ މީހަކު މެންބަރުކަމުގެ މަގާމުން ވަކި ކުރެވޭނެ ގޮތް އޮންނަން ޖެހޭ
  • ރައްޔިތުން ދާއިރާ ތަމްސީލް ކުރަން ހޮވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަވާބު ދާރީކުރުވުމުގެ ބާރެއް، ހަގީގަތުގައި ގާނޫނެއްގެ ދަށުން އެބަ ދޭންޖެހޭ

2008ގައި އާ ގާނޫނު އަސާސީ ވުޖޫދުވެގެން އައި ހިސާބުން ފުދޭވަރެއްގެ ބޮޑު ޕަސެންޓެއް ރައީސުލްޖުމުހޫރިއްޔާ ހޮވަން އަދި ރައްޔިތުން މަޖިލީހުގެ މެންބަރުން ހޮވަންވެސް ވޯޓުލާން ނިކުންނަކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ މިއަދު ވޯޓް ލާން ބޭނުންވާ މީހުން ވެސް މަދުވެ ވޯޓްގެ ސައުގު ގެއްލިއްޖެ ކަމަށެވެ. އަދި ވޯޓު ހޯދަން ދިއުމުން ވޯޓަށް ފަހު މެންބަރު ނުފެންނަކަމުގެ ޝަކުވާ ރައްޔިތުން ކުރާ ކަމަށެވެ.

"ވޯޓުލުމަށްފަހު ކަލޭމެން ނުވެސް ފެނެޔޭ، ކުރެވޭނެ ކަމެއްވެސް ނެތޭ މިކަހަލަ ސުވާލު އަޑު މިއިވެނީ. އެހެން ނަމަވެސް އަޅުގަނޑުމެން ބުނަމުން ދިޔައީ ބާރެއް ލިބިއްޖެއްޔާއޭ ކަމެއް ރަނގަޅަށް ކުރެވޭނީ ވެސް، އަޅުގަނޑުމެން މިދަނި އެވާހަކަ ދައްކަމުންނޭ. އެހެން ނަމަވެސް ރައްޔިތުން މިހާރު ގަބޫލެއް ނުކުރޭ" ނިމުނު 20 ވަނަ މަޖިލީސް އިންތިހާބުގައި ވާދަކުރެއްވި އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ އިތުބާރު ވެރިންނާއި ދޭތެރޭ ގެއްލިގެން ދާތަން ފެެންނަކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ މަޖިލިސް މެންބަރުން ޒިންމާދާރު ކުރުވޭނެ އިތުރު ގޮތްތަކެއް، އަދި ރައީސުލް ޖުމްހޫރިއްޔާ ވެސް ޒިންމާދާރުކޮށް ޖަވާބު ދާރީ ކުރުވަން ހިންގުމުގެ އޮނިގަނޑުން އިތުރު ބާރު ތަކެއް ރައްޔިތުންނަށް ގާނޫން އަސާސީގެ ތެރެއިން ނަމަވެސް ލިބެން ލަސްވެއްޖެ ކަމަށެވެ. 

ކުރިން އެމްޑީޕީ މިހާރު ޑިމޮކްރެޓްސްގައި ސިޔާސީ މަސައްކަތް ކުރައްވާ އާޒިމް ނިންމާލައްވަމުން ވިދާޅުވީ "ރައްޔިތުންނަށް ބާރު ދޭން ޖެހޭ ކަމަށާއި ރައްޔިތުމީހާ އަކީ ވެރިމީހާކަން އަންގަމުން ދާންޖެހޭ" ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް