ads
ފުނަމާ
ސިއްރު - ދެ ވަނަ ބައި
އެޕިސޯޑް 2
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

އޭނާގެ މި ކެބިން ކިތަންމެ އަގުބޮޑުވެފައި ހިތްގައިމުވިޔަސް މިތަނަށް ވަނުމާއެކު ޖެހިލުންވެ އަހަރެންގެ ހިތް ތެޅެން ފަށަ އެވެ. އޭނާ ފެނުމާއެކު މި ހަށީގެ ކޮންމެ ލޭނާރެއްގެ ލޭހިގުން އަވަސްވެ އެވެ. ނުތަނަވަސްކަމާއި ހިތް ބިރުގަތުމަކީ،  މި ބޮޑު ކެބިންގެ އެންމެ ހާއްސަ ސިފަ އެވެ.

ހަރުކަށިކަމާއެކު މުހާތަބްކުރަމުން، ކަޅުކުލައިގެ ލެދަރ ގޮނޑި އަހަންނާއި ކުރިމަތިވާގޮތަށް އަނބުރާލި އެވެ. އަތުގައި އޮތް ފައިލް މޭޒުމަތީގައި ބާއްވާފައި އަހަންނާއި ދިމާއަށް ބަލައިލީ ދެ ލޯ ވައްކޮށްލާފަ އެވެ. ދެފައިކޮޅުން ވާގިދިޔަހެން ހީވެ، އަހަރެން އަރި އަޅައިލި އެވެ.

ގަތްބިރާއެކުވެސް، ވެއްޓުނަނުދީ ހަށިގަނޑު ބެލަންސް ކުރީމެވެ. 

ދުނިޔެ ދެމިއޮތްހައި ހިނދަކު ބަދަލު ނުވާނެ އެއްކަމެއް އެބައޮތެވެ. 

'މޮންސްޓަރ'! 

މި ދުނިޔޭގައި އެންމެ ފަނަރަ ސިކުންތު ގުނާނެ މީހަކު، މި މޮންސްޓަރ ނޫނީ ހުރެދާނެ ހެއްޔެވެ؟

އަހަރެންގެ ލޮލަށް އޭނާ ބަލައިލިވަގުތު އަހަރެންގެ މައިބަދަ ތުރުތުރުއަޅައިގެން ދިޔަ އެވެ. ސާފު ކޮފީ ތިއްކެއްފަދަ އޭނާގެ މުށިކުލައިގެ ކަޅި އަބަދުވެސް އަހަރެންގެ ހިއްސުތައް މަސްތުކޮށްލަ އެވެ. ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކު އަހަރެންގެ އަމިއްލަ ނަފްސުގެ އިހްތިޔާރު ގެއްލިގެންދާކަން އަހަންނަށް އިގެ އެވެ. 

މިފަދަ ގޮތަކަށް މިނޫނީ ދުވަހަކުވެސް އަހަންނާއި ދިމާއަށް އޭނާ ނުބަލަ އެވެ. މިއަދު އަހަރެން ހެދުންއަޅާފައިވާ ގޮތް ތަފާތުކަން އޭނާއަށް ފާހަގަކުރެވުނީ ކަމަށް ވެދާނެ އެވެ. ނުވަތަ ސަބަބަކީ ކޮބައިބާވަ އެވެ؟ 

ރަސްމީގޮތަކަށް ފަރުމާކޮށްލާފައިވާ ކްރީމް ކުލައި މަތިކޮޅަކާއި ކާކީ ކުލައިގެ ބެލްސްއަކާއި އުސް ވެޖީއެއް އަހަންނާއި ވަރަށް ގުޅޭކަން އަހަންނަށްވެސް އެނގުނީ އިސްކޮޅު ފެންނަވަރުގެ ލޯގަނޑެއް ކުރިމަތީގައި ހުއްޓެވުނީތީ އެވެ. އެހެންޏާއި ނުކުރިއަސް ކޮންމެވެސް ވަރަކަށް މިއަދު އަހަރެން މޭކަޕްވެސް ބޭނުންކުރީމެވެ. މޫނުގެ ހަގީގީ ކުލައާއި ސިފަ ނުގެއްލޭނެ ވަރު ބަލައިގެންނެވެ. ހަންގަޑާއި ގުޅޭގޮތަށް ލިޕްސްޓިކްވެސް ޖައްސާލީމެވެ. މަސްކާރާއާއި ލޮލުގައި އައިލައިނާރ ވެސް ދަމާލީމެވެ. އެހެންޏާއާއި ތަފާތުކޮށް އަހަރެންގެ ދިގު އިސްތަށިގަނޑު މިއަދު ނިއުޅުވާލީމެވެ. 

"ތި ގޮތަށް ތިޔަބަލަނީ ކީއްވެގެން؟" އޭނާގެ ދެ ބުމަ ހިއްލާލާފައި ސުވާލުކޮށްލި އެވެ. ތެދެކެވެ. ސުބުހާނައްﷲ އެވެ.

ކަޅިޖަހައިނުލައި މިހުރެވުނީ އަހަންނަށެވެ. އަހަރެން ހީކުރީ ސަބަބު އޭނާ ހަނދާން ހުންނާނެކަމަށެވެ.

"ސޮރީ ސަރ" ފޫހިގޮތަކަށް އަހަރެން ބުނެލީމެވެ. 

"ސަރ ކޮންމެ ދުވަހަކު ބޭނުންވާ، 'ބްލެކް ސްޓްރޯންގ ކޮފީ ވިތް ނޯ ޝުގަރ' ހިފައިގެން އަޅުގަނޑު މި އަންނަނީ.. އިތުރު އެއްޗެއް ބޭނުންތޯ؟" ގަދަކަމުން ހިނިތުންވަމުން އަހަރެން ސުވާލުކޮށްލީމެވެ. 

"ވެއިޓް!" އަމުރުވެރިކަމާއެކު ބުނެލި އެވެ. ހުރިފިޔަވަޅުމަތީގައި އަހަރެން ހުއްޓުނީމެވެ. 

ފަހަރެއްގައި އޭނާ ހަނދާންވީ ކަންނޭގެ އެވެ.

"ޕްލީޒް މޭކް ޝުއަރ ދި ކޮފީ ހޭޒް ނޯ މިލްކް" އަމުރުވެރިކަމާއެކު އޯޑަރު ދިނެވެ.

"އޯކޭ ސަރ.. އެނީތިންގ އެލްސް..؟" ކުރިއަށްވުރެން ބޮޑަށް ހިނިތުންވަމުން އަހަރެން ސުވާލުކުރީމެވެ. 

އަހަރެންނާއި ދިމާއަށް އޭނާ ބަލައިލި އެވެ. ވިސްނާލަން އިންފަދަ އިޝާރާތެއް ކޮށްލި އެވެ. އިރުކޮޅަކަށްފަހު ނޫނެކޭ ބުނުމަށް ބޯ ހޫރާލި އެވެ. އަދި ދުވަހަކުވެސް ނުހޭ ވައްތަރަކަށް ހީލި އެވެ. ތުން ދަމާލާފައި އަވަސްގޮތަކަށް އަހަރެން އެތަނުން ނިކުތީމމެވެ.

ސީރިއަސްލީ..!! ބްލެކް ކޮފީއަށް މިލްކްއަޅަން އަހަރެން މިއީ އިނގިރޭސީގެ އޭބީސީވެސް ނޭގޭ ގަމާރެއް ހެއްޔެވެ؟

އަހަރެންގެ އުއްމީދުގެ އެންމެ ހިމަ ރޮދިފަށްވެސް ކެނޑިއްޖެ އެވެ. ކޮންމެހެން އޭނާ ހަނދާން ހުއްނާކަށް ނުޖެހހެ އެވެ. މިއަދު މިއީ އަހަރެންގެ އުފަންދުވަހެވެ. އޭނާގެ އުފަންދުވަހެއް ނޫނެވެ. މިއަދަށްޓަކައި އުއްމީދުތައް ކުރީ އަހަންނެވެ.

ހަތަރު ސަތޭކަ ދިހަ މީހުން ފޭސްބުކް އާއި އިންސްޓާއިން އަހަންނަށް ތަހުނިޔާ ކިޔައިފި އެވެ. މިއޮފީހުން އަހަރެން އުއްމީދުކުރި މީހާ ނޫން އެހެން ހުރިހައި މީހުން ތަހުނިޔާ ކިޔައިފި އެވެ. 

އޭނާގެ ދަށުގައި އަހަރެން މަސައްކަތްކުރާތާ ތިން މަސް ފާއިތުވެއްޖެ އެވެ. އަހަރެންގެ ފުރިހަމަ ނަން އޭނާއަށް އިނގޭކަމާއިމެދުވެސް އަހަންނަށް މިއަދު ޝައްކެވެ. 

އައިސްފައި ހުރި ރުޅިއާއި ވެފައި ހުރި ފޫހިން އަހަރެންގެ ވަށައިގެން ހިނގަމުންދިޔަ ކަންކަންވެސް ފަނޑުވެއްޖެ އެވެ. ނަތީޖާއަކީ އަތުގައި ހުރި ކޮފީތައްޓާއެކު މީހެއްގެ ގައިގައި އަޅައިގެންފައި ސިއްސައިގެން ދިއުމެވެ. 

"އޯހ އައި އެމް ސޯ ސޮރީ.." މުޑިއެރި މީހަކީ ކާކުކަމެއް ބަލައިވެސް ނުލައި އަހަރެން މައާފަށް އެދުނީމެވެ.

"ޗިލް، ރިދީ.. ހަމަޖެހިބަލަ"  ނާރުތަކުގެ ލޭހިނގުން ހަމަޔަކަށް އަޅުވާލުމަށް އެއަޑާއި ރާގު ފަރުވާއަކަށްވެސް ފުދެ އެވެ.

"އަންޔާ.." އެކުވެރިޔާގެ ނަމުން މުހާތަބުކުރަމުން އަހަރެން ހަމަޖެހިލީމެވެ. 

އަންޔާ އަލީ، އީތަންގެ ބެސްޓް ފުރެންޑެކެވެ. ރާއްޖެއާއި މި ސަރަހައްދުގެ ގައުމުތަކުގައި މަޝްހޫރު މިއުޒިކް ބޭންޑް ރޮކް5ގެ މެމްބަރެކެވެ. ހަމަ އެވަގުތު ދެންތިބި ތިން މީހުން ފެނިލައިފި އެވެ.  

އެމީހުންގެ ސްޓައިލްގައި އަހަންނަށްވެސް ދުވަހުގެ ތަހުނިޔާ ރައްދުކުރި އެވެ. މި މީހުން ނޫނީ އަހަރެންގެ އެކުވެރިންގެ ގޮތުގައި އިތުރު ބަޔަކު ނުތިބޭނެ އެވެ. އީތަންގެ އެސިސްޓެންޓުގެ އިތުރުން އަހަރެން އަދާކުރަންޖެހޭ އިތުރު ޒިންމާއެއް އޮވެ އެވެ. އެ ބޭންޑު މެނޭޖުކުރުމުގެ 'އުނދަގޫ ޒިންމާ' އެވެ. އެމީހުންގެ ބޭންޑުގެ ބުރަ ބޮޑު މި ޒިންމާއަށް އަހަރެންނަށް އެ އެންމެން މަރުހަބާކި އެވެ. ހިތުގެ އަޑިން އަހަރެންގެ މަސައްކަތް އެމީހުން ބަލައިގަންނަކަން އަހަރެން ގަބޫލުކުރަމެވެ. އަހަރެންގެ އާއިލާއަކީވެސް އަދި އެކުވެރިންނާއި އެންމެ ގާތް ރަހްމަތްތެރިންނަކީވެސް މި ގްރޫޕެވެ. 

އެކަމަކު މިހުރިހައި ތައުރީފަކާއި ސަނާއަކުން އިސްތިސްނާވާނެ އެކަކު އެ ގްރޫޕުގައި ހުންނާނެ އެވެ. އެއީ އިތުރު ތަފްސީލަކަށް ބޭނުންނުވާ 'މޮންސްޓަރ' އެވެ.

އަހަރެންގެ އަމިއްލަ ހިޔާލުތަކުގައި ހުވަފެނީ ދުނިޔެއަށް ގެއްލިހުރެވުނީ އީތަން ސަރގެ ކޮފީ މަތިންވެސް ހަނދާންނެތިފަ އެވެ. 

"ޝ*"

 ދުލުން ބޭރުކުރެވުނު ލަފުޒު ނިކުތީ ގަސްތަކު ނޫނެވެ. ސޯކޯލްޑް، ކޮފީ ހިފައިގެން ދުވެފައި އީތަން ސަރގެ ކެބިންއަށް މިސްރާބު ޖެހީމެވެ. 

އާދައިގެމަތީން ދޮރުގައި ޓަކި ޖަހާލާފައި ކޮފީ ހިފައިގެން އަހަރެން އެތެރެއަށް ވަނީމެވެ. ކުރިއެކޭވެސް އެއްގޮތަށް، އަހަރެންނާއި މެދު އެއްވެސް ސަމާލުކަމެއް ސަރ ނުދިނެވެ. 

"އޯހހ ޑާރލިންގ ރިދީ..! ރިދީ މައި ލަވް، މައި ފުރާނަ، މައި ޖާނޫ.. މި ޖާނާއި ޖިސްމާއި ފުރާނަ ތިޔަ ޗާލުކަމަށް ފިދާވުމަށް ތައްޔާރު.." 

ކުއްލިޔަކަށް ދޮރު ހުޅުވާލުމާއެކު، ހިތްގައިމު ރާގަކަށް ލަވައެއްގެ ގޮތުގައި ކިޔަމުން ކާމިލް އަހަރެންނާއި ދިމާއަށް ނުހަނު ބާރަށް އައިސް، އަހަރެންގެ ގައިގައި ބައްދާލި އެވެ.

ހިނިތުންވަމުން އަހަންނަށް ބަލައިލެވުނީ އީތަށް ސަރއާއި ދިމާއަށެވެ. އަހަރުމެންނާއި ދިމާއަށް ބަލައިލާފައި، ލޮލުގެ ކަޅި ވަށްކޮށް އަނބުރާލާފައި އަނގަމަށްޗަށް ވައްތަރެއް ޖައްސާލިތަން އަހަރެން ދުށީމެވެ. 

"ރިދީ... ޔޫ ލުކް ސޯ ބިއުޓިފުލް" ނަޔާރާ އަހަންނަށް ތައުރީފު ކޮށްލި އެވެ.

އަހަރެންގެ އައު ހެދުމާއި މުޅިން އަލަށް ބަދަލުކޮށްލި ސްޓައިލް ދައްކާލުމަށް އަހަރެން އެނބުރެލީމެވެ. އަހަންނަށް ހުރެވުނީ މޮންސްޓަރ ބޮސްގެ ކެބިންގައިކަން ހިނދުކޮޅަކަށް  ހަނދާން ނެތުނެވެ. 

އޭނާގެ އެކުވެރިންގެ ކުރިމަތީގައި އާންމުކޮށް އަހަރެންނާއި ދިމާއަށް ބާރަށް އެއްޗެއް ނުބުނާނެ އެވެ. އެކަމުގެ ފައިދާ ކޮންމެ ފަހަރަކު އެންމެ ފުރިހަމައަށް އަހަރެން ބޭނުންކުރަމެވެ. 

"ވަކި ހާއްސަކަމެއް މިއަދު އޮތީތަ..؟ ނޫނީ ހާއްސަ ދުވަހަކީތަ..؟" ރަޒީން ސުވާލުކޮށްލީ އާދައިގެ ގޮތަކަށެވެ. 

ރަޒީންއަކީ މުޅި އެ ބޭންޑްގައިވެސް ހިމެނޭ އެންމެ ބަސްއަހައި ކުއްޖާ އެވެ. އަދި ރަޒީންއަކީ ނަޔާރާގެ ލޯބިވެރިޔާ އެވެ. 

އެސުވާލާއެކު އަހަރެންގެ ހިނިތުންވުން ފަނޑުވެ، ކަރު އެލުނެވެ. އަހަރެންގެ އެކުވެރިންގެ ގޮތުގައި ދެކޭ ހުރިހައި މީހުން އަހަރެން ވަށައިގެން އެބަތިއްބެވެ. އަހަރެންގެ އާއިލާއަކީވެސް އެއީ އެވެ. އެކަމަކު މި ފަސް މީހުންނަށްވެސް އަހަރެންގެ އުފަންދުވަސް ނޭގުނެވެ. އޭގެ ތެރެއިން އެކަކަކީ، އެމީހެއްގެ ކުރިމަތީގައި އަހަރެން ހުރިކަންވެސް ރެއަކާނުލާ މީހެކެވެ. މިއިން އެއްވެސް ކަމެއް އެހެން އެއްވެސް މީހެއްގެ ސަމާލުކަމަށް ނުވެސް އަންނަނީ އެވެ. 

"އޯހހހހ... މިއަދު އޮފީސް ނިންމާލާފައި ޑޭޓްއަކަށް ދަނީތަ؟ އެއް ލޯ މަރައިލަމުން އަންޔާ އަހައިލި އެވެ. 

"ނޯއއއ.." މުޅި ކެބިންގައި އެއް އަޑަކަށް ގުގުމާލި އެވެ. 

ލިބުނު ޝޮކްގައި އެންމެންގެ އަނގަހުޅުވިފައި ބަލައިލެވުނީ އީތަން ސަރ އާއި ދިމާއަށެވެ. 'ނޯއއ' އޭ ބުނެ އަޑުގގަދަކޮށް ހަޅޭއްލަވައިގަތީ އެހެން މީހަކު ނޫނެވެ. އެއީ އީތަން ސަރ އެވެ. 

މައްސަލައަކީ ކޮބައި ހެއްޔެވެ؟ ސަރ ޖެލަސް ވަނީ ހެއްޔެވެ؟ އަހަރެން ޑޭޓްއަކަށް ދިއަޔަސް ސަރ އަށް ކޮންކަމެއް ހެއްޔެވެ؟

ލިބުނު ޝޮކްގައި ރޮކް4ގެ ނަޒަރު ހުއްޓިފައިވަނީ އީތަން ސަރ އަށެވެ.

"އަހަރުމެން ކޮށް ނިންމާލަންޖެހޭ ވަރަށް ބައިވަރު މަސައްކަތް އެބަހުރި މިއަދު.. މިސް ރިދީ،  ކަމަނާގެ ޑޭޓް މާދަމާއަށް ފަސްކޮށްލުމާއިމެދު އެއްވެސް މައްސަލައެއް އެބައޮތްތަ..؟ ނޫނީ އޮފީހުގެ މަސައްކަތް ނިމެންދެން އެކަން ފަސްކޮށްލެވިދާނެތަ؟" އެންމެންގެ ނަޒަރު ހުއްޓިފައިވާތީ ސަރ އިސްޖަހައިލީ ލަދުން ކަންނޭގެ އެވެ.

"ކުރިއަށްހުރި ހުރިހައި ޕްރޮޖެކެޓެއް ވީ އެންމެ އަވަހަކަށް އަހަންނަށް ބްރީފްކޮށްދިނުން އެދެން..!" ހަމަޖެހިލާން މަސައްކަތްކުރަމުން އީތަން ބުނެލި އެވެ. އަދި ކުރިމަތީގައި އޮތް ފައިލް ނަގާފައި އޭގެ މަސައްކަތް ފަށައިފި އެވެ. 

އަހަރެން ހީކުރީ ސަރ ޖެލަސްވީ ކަމަށެވެ. އެކަމަކު އަހަރެން ޑޭޓްއަކަށް ދިއަޔަސް ނުދިއަޔަސް ސަރ އަށް ކޮންކަމެއް ހެއްޔެވެ؟ އަހަންނަކީ ހަމައެކަނި ސަރއަށް، ސަރ ގެ ޕީ އޭ އެވެ.

މި ލޯތްބަކީ ހަމައެކަނި އަހަރެންގެ ހިތުގައި އުފެދި މޫލައި ވަރުގަދަވަމުންދާ އިހްސާސެކެވެ. މިގޮތުގައި ތިންމަސް ފާއިތުވީ އެވެ. ކޮންމެ ދުވަހަކީ މި ލޯބި އިތުރަށް ވަރުގަދަވެ އަހަރެންގެ ހިތުގައި އަށަގަންނަމުންދާ އާ ދުވަހެކެވެ. މޭޒުމަތީގައި ކޮފީތަށި ސަރ އަނބުރާލާގޮތާއި ޝައުގުވެރިކަމާއެކު ސަރ މަސައްކަތްތައް ކުރާގޮތާއި، ފިކުރެއް ހިޔާލެއްނެތި ހިނިތުންވުމާއި (ގަސްތުގައި ދުވަހަކުވެސް ނުކުރާކަމެއް) އަދި އަހަރުމެން އެންމެންނާއި ދިމާއަށް ހަޅޭއްލަވާ ގޮތަކީވެސް އަހަރެންގެ ހިތުގައި ކުރެހިފައިވާ މަންޒަރުތަކެވެ. އެއީ ކޮންމެ އަންހެން ކުއްޖެއްގެ ހިތުގެ ރަސްގެފާނެވެ. އަދި ކޮންމެ ޒުވާން ހިތެއްގެ ރޮކް ސްޓާރ އެވެ. އޭނާ ހަމަލޮލުން ދެކިލުމަށް އެދި ރެއާއި ދުވާލު އެތައް އަންހެން ކުއްޖަކު ސޯޝަލް މީޑިއާގައި ލިޔަމުންދާ ބަސްތައް އަހަރެންވެސް ދެކެމެވެ. 

އެހެން ކޮންމެ އަންހެންކުއްޖެކޭވެސް އެއްގޮތަށް ނުވަތަ އެއަށްވުރެންވެސް ބޮޑަށް  ކުރިމަތިން މިފެންނަ ތޫފާނެއްފަދަ އިންސާނާދެކެ އިންތިހާއަށް ލޯބި ވެވިއްޖެ އެވެ.

"އަހަރުމެން ކުރިން ދެއްކި ވާހަކަ އަދި ނުނިމޭ.. ހޫމްމްމްމމ.. ކާކުތަ އެ ނަސީބުވެރިޔަކީ..؟" ހީލަމުން ނަޔާރާ ސުވާލުކޮށްލި އެވެ. 

"ލޯބިވާ ރިދީ، ހަނދާންކުރާތި.. މި ހިތް ކުދިކުދިކޮށް ފުނޑުފުނޑު ތި ކޮށްލަނީ.. މި އަނިޔާގެ އަގު އަދާކުރަންޖެހޭނެ އިނގޭ" ޑްރާމާގޮތަކަށް ކަރުނަ ފޮހެލާފައި ލަސްލަހުން ކާމިލް ބުންޏެވެ. 

"އަހަރެން ދެން ދިރީ އާއި ވާހަކަދައްކާކަށްވެސް ބޭނުމެއް ނޫން.. މިހިސާބުން ދެމީހުންގެ ގުޅުން މި ބުރިކޮށްލަނީ" ކުޑަވައި އިނގިލި ދައްކާލާފައި ގުޅުން ކަނޑާލާފަދަ ހަރަކާތަކުން ކާމިލް ޑްރާމާ ކުޅުނެވެ.

"އާއވްވވ.. ހައު ކިއުޓް" ކާމިލްގެ ކޮލުގައި ހިފާލާފައި އަހަރެން ލޯބިގޮތަކަށް ބުނީމެވެ.

ކާމިލް ލަދުން އިސްޖަހައިލި ހަރަކާތާއެކު ކެބިންގެ ތެރޭގައި އަހަރުމެން އަންހެން ކުދިންނާއެކު ރަޒީންވެސް ހޭންފެށި އެވެ.

"ކަލޭމެން ދެމީހުންގެ އިޝްގީ ކުޅިވަރު ހުއްޓާލާފައި ކާމިލް މިތަނުން ނިކުމޭ.. ދެން ތިބި މީހުންވެސް ނިކުމޭ... މި އޮފީހުގައި ވަރަށް ބައިވަރު މަސައްކަތް އެބަހުރި.. " މޮންސްޓަރ ސަރ ރުންކުރުގޮތަކަށް ބުނެލި އެވެ. ސަރގެ އެކުވެރިންނަށް އެ ރާގާއި އެ އަމުރު އެއީ އާކަމެއް ނޫނެވެ. 

އަހަރެންގެ ލޮލާއި އަނގައިންވެސް ވައްތަރުޖެއްސީމެވެ. މިއީ ކިހިނެއްވެފައި ހުންނަ މޮންސްޓަރ އެއް ހެއްޔެވެ؟

ސަރ ގެ ހުރިހައި އެކުވެރިން، ސަރ ބުނި އެއްޗަކަށް އަޅައިނުލައި ބަލަހައްޓައިގެން ތިބީ އަހަރެންގެ އިޝާރާތަކަށެވެ.

"ޑޭޓް އެބައޮތް.. " އަކުރުތަކަށް ދަމާލާފައި އަހަރެން ބުނީމެވެ. 

މިއޮތް ހުރިހައި އިރު މީހެއްގެ މޫނަށް ނުބަލާ އިނދެފައި މޮންސްޓަރ ކުއްލިޔަކަށް އަހަރުމެންނާއި ދިމާއަށް ބަލައިލި އެވެ. އެހެންވީމަ މިތަނުގައި ވާކަންކަން އަޑުވެސް އެބަ އަހާ ތާއެވެ!

"ޑޭ ޓް..... އަ ހަ ރެ ން ގެ ..... ލެ ޕް ޓޮ ޕާއާއެކު... އަހަރެންގެ ... ގޭގައި! ވޮނަ ޖޮއިން..؟!" އެއް ލޯ މަރައިލަމުން އަހަރެން ބުނީމެވެ. އެންމެ ފުން ނޭވާއެއް ދޫކޮށްލީ ކާމިލް އެވެ. (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް