
އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަކީ ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލުންނެވެ.
ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރުހޫމާގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަަމަށް ވިދާޅުވެފައެވެ.
ރައީސް ގެ ޕޯސްޓްގައި އެމަނިކުފާނު ވަނީ ހަދީޖާ އިބްރާހީމް ދީދީ އަކީ ރާއްޖޭގެ ތައުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުސަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ހާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭކަނބަލެއްކަން ފާހަގަކުރައްވާފައެވެ.
ސުމުއްވުލް އަމީރު އަލްމަރުހޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނަކީ ރާއްޖޭގެ ކުރީގެ ސުލްތާނެއް ކަަމަށްވާއިރު އޭނާ ރާއްޖޭގެ ސުލްނުތާންކަން ކުރެއްވީ 1941 އިން 1943 އަށެވެ. އޭނާ އަކީ ރާއްޖޭގެ 73 ވަނަ ސުލްތާނެވެ.
1941 ވަނަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އިބްރާހީމް ފާމުދޭރި ކިލެގެފާނު ވެރިކަމަށް އިސްވެވަޑައިގަތީ ސުލްތާން ހަސަން ނޫރައްދީން އިސްކަނދަރު (ދެވަނަ) ވެރިކަމުން ވަކިކުރެއްވުމަށްފަހުގައެވެ.
އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ވެރިކަމުގެ ދައުރަކީ ކުރު ދައުރެއް ކަމުގައި ވީނަމަވެސް އެ ދައުރަކީ ރާއްޖޭގެ ތާރީހުގައި މުހިންމު ދައުރެކެވެ. އެގޮތުން ހާއްސަކޮށް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖެ ހިންގެވުމުގައި އަދާކުރެއްވި ދައުރު ފާހަގަކޮށްލެވެއެވެ. އަދި ދިވެހި ދައުލަތާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އެމަނިކުފާނު މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.