ads
ކައުބަތުﷲ ގެފުޅުގެ ކުރެހުމެއް
ރަސޫލާގެ އީދުމީލާދު ފާހަގަކުރުމުގެ ހުކުމް
މާތް ނަބިއްޔާ މުހައްމަދު، ރަސޫލާ صلى الله عليه وسلم ގެ އީދުމީލާދު ފާހަގަ ކުރުމަކީ ހަރާމްކަމެކެވެ. އެކަން ހަރާމުވެގެންވަނީ މައިގަނޑު ތިން ދަލީލެއްގެ މައްޗަށް ބިނާކޮށެވެ.
Advertisement

ފުރަތަމަ ދަލީލަށް ބަލާއިރު، އީދުމީލާދު ފާހަގަކުރުމަކީ އަލަށް އުފެދިގެން އައިސްފައިވާ ކަމެކެވެ. (އެބަހީ: ބިދުއައެކެވެ.) އެއީ ﷲ އެ ބޭކަލުންނަށް ރުއްސުންލެއްވި ސަހާބީންގެ ދައުރުގައި، އަދި އެ ބޭކަލުންނަށް ފަހު ވަޑައިގެން ތާބިއީ ބޭކަލުންގެ ދައުރުގައިވެސް ކުރެވިފައިވާ ކަމެއް ނޫނެވެ. އެހެންކަމުން އެންމެ ހެޔޮ ގަރުނުތައް ވޭތުވެދިޔައިރު، އެއިން އެއްވެސް ގަރުނެއްގައި ރަސޫލާ صلى الله عليه وسلم ގެ އީދުމީލާދު ފާހަގަ ނުކުރެ އެވެ.

އީދުމީލާދު ފާހަގަ ކުރުމަކީ އަލަށް އުފެދުނު ކަމެއްކަން އެނގޭއިރު، ދަންނަންޖެހޭ ކަމަކީ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ސައްހަ މަގުން އައިސްފައިވާ ފަދައިން؛ “ދީނުގައި އަލަށް އުފެދިގެން އަންނަ ކޮންމެ ކަމަކީ ބިދުއައެކެވެ. އަދި ކޮންމެ ބިދުއައަކީ މަގު ފުރެދުމެކެވެ.” [رواه أبو داود في سننه وصححه الألباني]

ދެވަނަ ދަލީލަށް ބަލާއިރު، ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކިވަޑައިގެންނެވި ދުވަހާމެދު ދަންނަބޭކަލުންގެ މެދުގައި ހިލާފުވެފައިވެ އެވެ. ބައެއް ބޭކަލުންގެ އަރިހުގައި އިތުރު އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކިވަޑައިގަތީ ރަބީއުލްއައްވަލު މަހުގެ އަށްވަނަ ދުވަހު އެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ އިތުރު އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ އެ މަހުން ދިހަވަނަ ދުވަހު ކަމުގައެވެ. އަދި ބައެއް ބޭކަލުންގެ އަރިހުގައި އެއީ ރަބީއުލްއައްވަލު މަހުގެ ބާރަވަނަ ދުވަހެވެ.

އަދި ދަންނަބޭކަލުންކުރެ ބައެއް ބޭކަލުން ދެކިވަޑައިގަންނަވާ ގޮތުގައި ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކިވަޑައިގެންނެވީ ރަބީއުލްއައްވަލު މަހުގައެއް ނޫނެވެ. އެހެނެއްކަމަކު އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކިވަޑައިގަތީ ރަޖަބު މަހުގައެވެ.

ދަންނަބޭކަލުންގެ މެދުގައި މި ދުވަހާމެދު މި އޮތް ހިލާފުން އެނގެނީ ރަބީއުލްއައްވަލު މަހުން ބާރަވަނަ ދުވަސް އެއީ ރަސޫލާ صلى الله عليه وسلم ގެ އީދުމީލާދުގެ ގޮތުގައި އައްޔަނު ކުރުމަކީ ސައްހަ ގޮތެއް ނޫންކަމެވެ. އެއީ ދަންނަބޭކަލުން ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކިވަޑައިގެން ދުވަހާ މެދު އިއްތިފާގުވެފައި ނުވާތީ އެވެ. 

ކަންމިހެން އޮތް އިރު ބައެއް މީހުން މި ހިލާފުން ނުކުތުމަށް އެއް އަހަރު އަށްވަނަ ދުވަހު، އަނެއް އަހަރު ބާރަވަނަ ދުވަހު އީދުމީލާދު ފާހަގަ ކުރިއެވެ. އެހެންނަމަވެސް ދަންނަބޭކަލުން ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ދުވަހަކާ މެދު ބަޔާން ކުރައްވަނީ ހަމައެކަނި މި ދެ ދުވަހެއް ނޫންކަން އެނގެއެވެ. 

ތިންވަނަ ދަލީލަށް ބަލާއިރު، ދަންނަބޭކަލުން އިއްތިފާގުވެލައްވާ ކަމަކީ ރަސޫލާ صلى الله عليه وسلم އަވަހާރަވީ ދުވަހަކީ ރަބީއުލްއައްވަލު މަހުން ބާރަވަނަ ދުވަސް ކަމެވެ. ދެން ނަބިއްޔާ صلى الله عليه وسلم އަށްޓަކައި ދުވަހެއް ހާއްސަ ކުރުމަށް ތަންދޭނަމަ، ބާރަ ދުވަހު އުފާ ކޮށް އިހްތިފާލު ކުރުމުގެ ބަދަލުގައި އެ ކަލޭގެފާނު ދުނިޔެ ދޫކުރެއްވިކަން މައްޗަށް ހިތާމަކޮށް ހެދުން މާ އައުލާކަން ބޮޑުވެގެން ވެއެވެ.

އެހެނީ ރަސޫލާ صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ދުވަސް ކަމަށް ބަލައި އުފާކޮށް ހެދުމަށް މީހުން ހިފައިފައިވާ ދުވަހަކީ އެ ދެވަހަކާ މެދު ދަންނަބޭކަލުންގެ މެދުގައި ތަފާތު އެތައް ބަހަކަށް ހިލާފު އޮތް ދުވަހެކެވެ.

އެހެނެއްކަމަކު އެކަލޭގެފާނުން އަވަހާރަވި ދުވަހަކީ ކަނޑައެޅިގެން ރަބީއުލްއައްވަލު މަހުގެ ބާރަވަނަ ދުވަސްކަން އެއްވެސް ޝައްކެއް ނެތި އެނގެއެވެ.

ދަންނާށެވެ! މި ހުރިހާ ކަމަކީ ދީނުގެ ތެރެއަށް އަލަށް އިތުރު ކުރެވުނު ބިދުއަވެރި ކަންކަމެވެ. އެއް ބިދުއަ އަނެއް ބިދުއައަށް މަގު ފަހިކުރެ އެވެ. އަދި ދަންނާށެވެ! الْبَرْبَهَارِيُّ އެ ކަލޭގެފާނުގެ “شَرْحُ السُّنَّة”ގައި ބަޔާން ކުރައްވައިފައިވާ ފަދައިން ބިދުއައެއް ބޮޑުވެގެން ދިއުމުގެ ކުރިން އެ ފެންނާނީ ކުޑަ ކަމެއްގެ ގޮތުގަ އެވެ.

މައުލޫމާތު: ދިސަފިއްޔާ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް