ads
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ ސަރުކާރުގެ ވައްޓަފާޅިއަށް ބަދަލު ގެންނަންޖެހޭ ކަމަށް - ފޮޓޯ: މަޖިލިސް
ވެރިކަން ކުރުމުގެ ވައްޓަފާޅި އިސްލާހު ކުރަން ޖެހޭ: ނާޒިމް
ވެރިކަން ކުރުމުގެ ވައްޓަފާޅިއާ މެދު އަލުން ވިސްނައި ކަންކަން އިސްލާހުކޮށް ބަދަލުތައް ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ، މަޖިލީހުގެ މަސައްކަތާއި، މަޖިލީސް މެދުވެރިކޮށް އަޅުއްވަމުން ގެންދަަވާ އިސްލާހީ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި މެންބަރުންގެ މަސައްކަތުގައި ރައްޔިތުންނަށް އިސްކަން ދެއްވުމަށާއި، ހަރަކާތްތެރިކަން ދެއްކެވުމަށް އެދޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ރައްޔިތުން އާ މެންބަރުންތަކަކާއި އާ ޒިންމާތަކެއް ހަވާލުކުރެއްވީ އާ ވިސްނުންތަކަކާއެކު، އެ ޒިންމާތައް އަދާކުރެއްވުމުގެ އުއްމީދުގައި ކަމަށެވެ.

ނާޒިމް ވިދާޅުވީ، 2008 ގެ ގާނޫނުއަސާސީ ތަންފީޒުކުރުމުގައި ކާމިޔާބީ ހާސިލުކޮށްފައިވާ މިންވަރާއި ދައުލަތުން ކޮށްފައިވާ ހޭދައާ މެދު ވިސްނުން ހިންގާލަން ޖެހޭ ކަމަށެވެ. އެގޮތުން މިއަދުގެ ހާލަތަށް ބައްލަވާލައްވަމުން މާލީ ޒިންމާދާރުކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެނަސް، ކަންކަން އިސްލާޙުކޮށް، ބައެއް ކަންކަން އަލުން މުރާޖައާ ކުރަން ޖެހޭ." ތިން ބާރު ވަކިވެފައިވާ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން، މިހާރުގެ މާލީ ހާލަތަށް ބަލައި، މާލީ ޒިންމާދާރުކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އަޅަންޖެހޭ ބައެއް އިސްލާހީ ފިޔަވަޅުތަކަށް ވެސް އޭނާ ވަނީ އަލިއަޅުއްވައިލައްވައިފަ އެވެ. އަދި، ގާނޫނުތައް ހެދުމުގެ މަސައްކަތުގައި ރައްޔިތުންގެ ވިންދާއި އިހުސާސްތަކަށް ރިއާޔަތްކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ނިޒާމަކަށް އަމާޒުކޮށް، ނައިބު ރައީސް ގޮވާލެއްވީ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ފާރަވެރިވުން ދަމަހައްޓައި، ކަންކަން ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރި ކުރުވުން އިތުރުކުރުމަށެވެ.  

ނާޒިމް ވިދާޅުވީ މަޖިލީހުގައި ޑިމޮކްރެޓިކް އަސާސްތައް ދަމަހައްޓައި، ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ރިއާޔަތްކޮށް، އެކުވެރި މާހައުލެއްގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ކަންކަން ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް އަދި، އިލްމީ ދިރާސާގެ އަލީގައި ނިންމުންތައް ނިންމުން ވަރަށް ބޭނުންތެރި، ޕާޓީތަކުގެ ހިޔާލު ތަފާތުވުންތަކުން މެންބަރުން އެއްކިބާވެ ތިއްބަވައިގެން ނަތީޖާ ނެރެދެއްވުން މުހިއްމު" މަޖިލީހުގައި ދިއްގަރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު ނާޒިމް ވިދާޅުވި އެވެ. 

ދެ ދުވަހުގެ މުއްދަތަށް ކްރޮސްރޯޑްސްގައި ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި މެންބަރުން މަސައްކަތް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ގިނަ ދާއިރާތަކުން މައުލޫމަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް