ads
ޔާމީން އަދި ނާޒިމް
ޔާމީން އަދި ނާޒިމް އަލުން އެއް ގަލަކަށް އަރަނީތަ؟
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ބޭފުޅެކެވެ.

ޔާމީން އާއި ނާޒިމް ކިތައްމެ އެއްކޮށް ކުރިން އުޅުއްވި ނަމަވެސް 2013 ގައި ޔާމީން ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން، ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އެންމެ ފަހުން އެ ގުޅުން އެއްކޮށް ކެނޑުނީ އެވެ.

ނާޒިމް ވަނީ 2009 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ނާޒިމް އުމުރަށް ޖަލަށްލާން ހުކުމް ކުރީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އެ ހުކުމާއެކު ނާޒިމް ޖަލަށް ގެންދިޔުމުގެ އިތުރުން ޔާމީން އާ ނާޒިމް އާ ދެމެދު އޮތް ޒަމާންވީ ގުޅުންވެސް ކެނޑުނީ އެވެ. 

ނާޒިމް ޖަލަށްލާން، 2015 ގައި ކުރި ހުކުމާ އެކު އޭނާގެ މަޖިލިހުގެ ގޮނޑި ގެއްލުނީ އެވެ. އެކަމަކު، އެ ހުކުމް ޔާމީންގެ ވެރިކަން ބަދަލުވި ފަހުން، ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ނާޒިމް ވަނީ ޖަލުން ސަލާމަތް ވެފަ އެވެ. އަދި ނާޒިމް ވަނީ އަލުން އެނބުރި ސިޔާސީ މައިދާނަށްވަދެ، ކުރިންވެސް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމު އަލުން ހޯއްދަވާފައެވެ. ސިޔާސީ ތޫނުފިލިކަމާއެކު އެވެ. 

އަނެއްކާވެސް މަންޒަރު ބަދަލުވުމުގެ ކޮޅުމަތި ފެންނަ ކަހަލައެވެ. ޔާމީން އާއި ނާޒިމް އަލުން އެއް ގަލަކަށް އަރަނީތޯ މިއީ މި ފަހުން ދެ ބޭފުޅުންގެ ބައެއް ވާހަކަތަކާއި ގުޅިގެން އުފެދުނު ސުވާލެކެވެ. ވަކިން ހާއްސަކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ގައުމިއްޔަތު" ވިސްނުންފުޅަށް ރައްދުވާ ގޮތަށް ނާޒިމް އާއި ޔާމީން މި ފަހުން ދެއްކެވި ވާހަކަތަކުން މި ދެންނެވި ސުވާލަށް އިތުރު ބާރެއް ލިބެއެވެ. 

 

ޒިންމާދާރުވުމަކީ ކަނުބަދެވިގެން ތިބެގެން ކަންތައް ނިންމުމެއް ނޫން ކަމަށާއި ގައުމު ދެކެ ލޯބިވުމަކީ ގައުމަށް ދުޝްމަނުން ހޯދައި ލިބިގަތުމެއް ވެސް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ނިންމާ ނިންމުންތަކަކީ މިނިވަންކަމާއި ރައްކާތެރިކަން އަދި އިގްތިސާދީ ގޮތުން ވެސް ގެއްލުންނުވާނެ ގޮތްތަކަކަށް ކަންކަން ނިންމުން ކަމަށް ނާޒިމް ވިދާޅުވެފައިވަނިކޮށް، ޑރ. މުއިއްޒުގެ ގައުމިއްޔަތު ޕޮލިސީއަށް ދެން ފާޑު ވިދާޅުވީ ރައީސް ޔާމީންއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހު، ދިވެހި ދިދައަށް ކުރިމަތިލައްވާ، ވަރަށް ޖަޒުބާތުގައި ގައުއުމިއްޔަތު ދަމަހައްޓަވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް، ރައީސް ޔާމީން ޖޯކް ޖެއްސެވީ ފާޅުގަ އެވެ. ޖޯކެއްގެ ގޮތުގައި ޔާމީން ޑރ. މުއިއްޒުއަށް "އޭ މިހިރަ ދިވެހި ދިދައާއޭ، އމއާއޭ ވިދާޅުވެ އެވެ. ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅަކީ ގައުމިއްޔަތާ ބެހޭ ވުޒާރާ އެއް އުފެއްދުމަކުން އެއީ ގައުމިއްޔަތު ދިފާއުކުރުން ނޫންކަމުގެ ވާހަކައެވެ. 

ޔާމީން ވެސް ނާޒިމް ވެސް އެ ވިދާޅުވެ ދެއްވީ މިއަދުގެ ސިޔާސީ ހަގީގަތަކެވެ. އޭގެ ފަހަތުގައި ވާ ކަންކަން ކުރިއަށް މިހުރި ދުވަސްތަކުގައި ސާފުވާނެ ކަމާމެދު ޝައްކެއް ނެތެވެ. މިހާރުން މިހާރަށް ވެސް ޔަގީންވާ އެއް ކަމަކީ ޔާމީން އަދި ނާޒިމަކީ ދިވެހި ސިޔާސީ މައިދާނުގައި އެންމެ ވަރުގަދަ ފަހުލަވާނުންގެ ލިސްޓުގައި ހިމެނޭ ދެ "ހެވީ ވެއިޓް" ކަމެވެ. މި ދެ ބޭފުޅުން އެއް ގަލަކަށް އަރައިފިނަމަ އެވާނީ އެހެން ސިޔާސީ ލީޑަރުންނަށް ވަރުގަދަ ޗެލެންޖަކަށެވެ.

ހަގީގަތުގައި ޔާމީން އަދި ނާޒިމް ވިދާޅުވި ވާހަކަތަކުން ޖަހައިދޭ ރަނގަބީލަކީ ސިޔާސީ ގޮތުން ކުރިއަށް އޮތީ ނުރައްކާކަން އަންގައިދޭ ރަނގަބީލެވެ. ވަކިން ހާއްސަކޮށް، ނާޒިމް އާއި ޔާމީން އެކުގައި އަލުން ސިޔާސީ މަސައްކަތަށް ނުކުމެއްޖެނަމަ، އެކަން ވެގެންދާނީ ޑރ. މުއިއްޒުއަށް އަންދާޒާ ކޮށްލަންވެސް އުނދަގޫ ކަމަކަށެވެ.

64%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް