ރިޔާސީ ގަނޑުވަރު ގަސްރު އަލް ވަތަންގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސަފީރުގެ ފަތްކޮޅު އެރުވުމުގެ އިތުރުން ދިވެހި ދިދަ ނަންގަވާފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ޔޫއޭއީގެ ރައީސް ވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، ގައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް ޔޫއޭއީން އަބަދު ވެސް އެއްބާރުލުން ދެއްވާކަމުގެ ޔަގީންކަން އަރުވައިފަ އެވެ.
ރާއްޖެއާއެކު އޮންނަ ގުޅުން އެކި ރޮނގުތަކުން ފުޅާކުރުމަށް ޔޭއޭއީ އޮތީ ތައްޔާރަށްކަމަށް އެ ގައުމުގެ ރައީސް ވިދާޅުވި އެވެ. އަދި އާ ސަފީރުގެ މުއްދަތުގައި މި މުހިންމު ލަނޑުދަނޑި ހާސިލްކުރެއްވުމަށް ޔޫއޭއީ ސަރުކާރުން ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަން އެމަނިކުފާނުދެ އްވިއެވެ.
ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި ސަފީރު މުންދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ދިވެހިންގެ ފަރާތުން ޔޫއޭއީގެ ވެރިންނާއި ރައްޔިތުންނަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ. އަދި ސަފީރުގެ ހައިސިއްޔަތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ރާއްޖެއާ ޔޫއޭއީއާ ސިޔާސީ ގުޅުން ގާއިމް ކުރެވުނީ 1978 ވަނަ އަހަރު މާރިޗް 15ގައެވެ. މުންދުއަކީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި ހަ ވަނަ ސަފީރެވެ.