ads
އޭޖީ އަހުމަދު އުޝާމް: އާރްޓީއައި އިސްލާހުން މައުލޫމާތު ހޯދަން ހުރަހެއް ނޭޅޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އޭޖީ އޮފީސް
އާރްޓީއައި ގާނޫނު އިސްލާހު ކުރާނީ މައުލޫމާތު ހޯދޭ ގޮތަށް: އުޝާމް
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު (އާރްޓީއައި) ގެ ގާނޫނަށް ހުށަހަޅާ އިސްލާހު މައުލޫމާތު ހޯދަން ހުރަސް ނޭޅޭނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު އުވާލުމުގެ އެއްވެސް ވިސްނުމެއް އަދި މަޝްވަރާއެއް ވެސް ނުކުރާ ކަމަށާއި އެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހަކީ އެ ގާނޫނު ތަންފީޒު ކުރަން ބައެއް ކަހަލަ އިޖުރާއަތްތައް ހުރިގޮތުން ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ގެންނަ އިސްލާހުތަކެއް ކަމަށެވެ.

"އަނެއްހެން ބޮޑެތި އިސްލާހުތަކެއް ނޫން. މައުލޫމާތު ހޯދުމަށް ހުރަސްއެޅޭ ކަހަލަ އިސްލާހެއް އަޅުގަނޑުމެން އެ ގާނޫނަކަށް ގެންނަން ގަސްދެއް ނުކުރަން،" އުޝާމް ވިދާޅުވި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ގާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށް ދީފައިވާއިރު، އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލައި އަމަލުކުރަން ފެށީ 2014 ވަނަ އަހަރު އެވެ. އެއަށް ފަހު ވޭތުވެދިޔަ 10 އަހަރު ދުވަހު އެ ގާނޫނަށް ވޭތުވެދިޔަ ދެ ސަރުކާރުން ވެސް ބަދަލެއް ނުގެނެ އެވެ. އެފަދަ ބިލެއް ވެސް މަޖިލީހަށް ނުފޮނުވަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައި މިވަނީ އިންފޮމޭޝަން ކޮމިޝަން (އައިކޮމް)ގެ އަޑުއެހުންތަކަށް ރައީސް އޮފީހުން ހާޒިރު ނުވާ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

ބަންޑާރަ ނައިބު އިތުރަށް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި ހެއްކާ ބެހޭ ގާނޫނާއި އަދިވެސް އެހެން ބައެއް ގާނޫނުތަކަށް ޒަމާނާ އެއްގޮތަށް އިސްލާހީ ރަނގަޅު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ ބަދަަލުތައް ގެންނާނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ލިބުމުން ކަމުގައިވެސް ވިދާޅުވި އެވެ.  

އުޝާމް ވިދާޅުވީ އެ ގާނޫނު ތަންފީޒު ކުރުމުގައި އިންފޮމޭޝަން ކޮމިޝަނަރަށް ވެސް ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި އެ ގާނޫނަށް އިސްލާހު ހުށަހަޅާނީ އިންފޮމޭޝަން ކޮމިޝަނަރާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް