މިއަހަރު ޗައިނާއަށް އެންމެ ފުރަތަމަ ފުރަމާނަ ދަތުރެއް ކުރުމުގެ ފުރުސަތު ދިނުމުން އެކަމަށް ރައީސް ޝުކުރު އަދާކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލާ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންފުޅުވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ބާޓަރ، ވަނީ ރާއްޖޭގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ސުޕަރ މެޖޯރިޓީ ހޯދާފައިވާތީ އެކަން ފާހަގަކޮށް ރައީސް މުއިއްޒަށް މަރުހާބާ ވިދާޅުވިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިޤްލާލަށް އިހްތިރާމްކޮށް، އެއްބާރުލުން ދީ، ދެޤައުމުގެ ޚިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތްކޮށް ، ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އުންމީދުކުރާކަމަށްވެސް ވައިޒް ޗެއާ ވިދާޅުވިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުގއި އޮތް މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު, އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަތެވެ.
ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން، ބާޓާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް ޢަބްދުﷲއާ ނައިބު ރައީސް އަހްމަދު ނާޒިމާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ.
އޭނާގެ މި ދަތުރު ނިންމާލުމަށްް ހަމަޖެހިފައިވަނީ މާދަމާއެވެ.
ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ) އަކީ އެ ގައުމުގެ ޕޮލިޓިކަލް އެޑްވައިޒަރީ ބޯޑެކެވެ. އެ ބޯޑުގެ މަސައްކަތަކީ ސިޔާސީ އަދި އިޖުތިމާއީ ކަންކަމާއި ގުޅޭ ޕްރޮޕޯޒަލްތައް ޗައިނާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާ ލަފާ ދިނުމެވެ