ads
ދިރާގާއި އެޗްޑީސީ ގުޅިގެން ހުޅުމާލެ އީދު އުފާ 2024 ބާއްވަން ވަނީ ޕާޓްނާވެފައި - ފޮޓޯ:ދިރާގު
ދިރާގާއި އެޗްޑީސީ ގުޅިގެން "ހުޅުމާލެ އީދު އުފާ 2024" ބާއްވަނީ
ހުޅުމާލޭގައި ބޮޑު އީދު ފާހަގަ ކުރުމަށް ދިރާގާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޕާޓްނާވެއްޖެ އެވެ.

"ހުޅުމާލެ އީދު އުފާ 2024" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ދިރާގާއި އެޗްޑީސީ އަދި ޝީޝާ މޯލްޑިވްސް ގުޅިގެން ހުޅުމާލޭގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އީދު ވެދުން، ބޮޑު ހުޅުޖެހުން، ބޮޑުމަސް ބޭނުން، މާލި ޕެރޭޑް އަދި ކޯޑި ކެނޑުން ފަދަ ސަގާފީ އީދު ހަރަކާތްތައް ހިމެނެ އެވެ. މީގެ އިތުރުން އާދިއްތަ ދުވަހާއި ހޯމަ ދުވަހު ސެންޓްރަލް ޕާކްގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

"އެޗްޑީސީ އާ ގުޅިގެން ހުޅުމާލޭގެ ރައްޔިތުންނަށް މިފަދަ އީދުގެ ހަރަކާތްތަކެއް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޟްހާ އީދަކީ އަބަދުވެސް އަޅުގަނޑުމެން ދިވެހިން އެއްބައިވަންތަކަމާ އެކު، ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ކަމެއް. އެހެންކަމުން މި އީދުގައި ވެސް ތަފާތު ސަގާފީ ހަރަކާތްތައް އާންމުންނަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ ޑިރެކްޓަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު، އަހްމަދު ޔާމީން ވިދާޅުވީ ބޮޑު އީދުގެ ހަރަކާތްތަކަކީ އަހަރެމެންގެ ސަގާފަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެގޮތުން މިފަދަ ފޯރިގަދަ ހަރަކާތްތަކެއް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ގެނެސްދިނުމުގައި ދިރާގުން އެޗްޑީސީ އާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭތީ ޔާމީން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ދިރާގުން ބުނީ މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ދިރާގު އީދު ބޮނޑިބަތް އީދު ނަމާދަށް ފަހު، އާދީއްތަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށް ދާނެ ކަމަށެވެ. އޭގެ އިތުރުން ދިރާގު އީދު ޝޯ އަދި އެ ކުންފުނީގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ލަކީ ޑްރޯ ހަރަކާތް ހޯމަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކްގައި އޮންނާނެ ކަމަށް ދިރާގުން ބުނެ އެވެ. މި ދެ ހަރަކާތުގެ ވެސް ހޯސްޓިން ޕާޓްނަރަކީ އެޗްޑީސީ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިވާ ފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުން ކަމުގަ އެވެ.

މި އަހަރުގެ އަރަފާތު ދުވަހަކީ މި ހިނގާ ޖޫންމަހުގެ 15ވާ ހޮނިހިރު ދުވަހެވެ. އަދި ބޮޑު އީދު ދުވަހަކީ 16 ޖޫންވާ އާދިއްތަ ދުވަހެވެ. ބޮޑު އީދާ ދިމާކޮށް ލިބޭ ޗުއްޓީގައި ހަފްތާ ބަންދުގެ ދުވަސްތައް ހިމަނައިގެން ނުވަ ދުވަސް ލިބެ އެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން ބޮޑު އީދުގެ ޗުއްޓީ ފެށޭނެ އެވެ. ބޮޑު ބަންދަކަށް ފަހު ދެން ސަރުކާރު ހުޅުވޭނީ މި މަހުގެ 23 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް