
މި މައްސަލަތައް ބެލުމަށްް ހުށައެޅީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާންއެވެ. އޭނާ ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އެކުލަވާލާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުގައި ސޮއި ނުކުރުމަށް ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްއެންޑީއެފްއިން އެދުމަށް ފަހު މިދިޔަ ވެރިކަމުގައި އެ އެއްބަސްވުމުގައި ސޮއިކުރިއިރު އެމްއެންޑީއެފްގެ ވިސްނުން ބަދަލުވި ގޮތް ބެލުމަށެވެ. އަދި އުތުރު ތިލަފަޅުގައި އަޅަން ނިންމި ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމާއި ޑޯނިއާ އެއްބަސްވުމާއި ހަމައަށް ކަންކަން ދިޔަ ގޮތް ބެލުމަށްވެސް އަޒާން ވަނީ ހުށައަޅާފައެވެ.
ކޮމެޓީގައި މާމިގިލީގައި ދާއިރާގެ މެމްބަރު ގާސިމްވެސް ވަނީ ހުށައެޅުމެއް ހުށައަޅާފައެވެ. އޭނާ ހުށައެޅުއްވީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލާގައި މިދިޔަ ސަރުކާރުން އަމަލުކޮށްފައިވާ ގޮތާ ގުޅޭ މައުލޫމާތު އޮޅުން ފިލުވުމަށެވެ. މި މައްސަލަތައް ބެލުމަށް 4 މެމްބަރުން ސަބް ކޮމެޓީއެއް ވަނީ ހަދާފައެވެ.
ސަބްކޮމެޓި
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު
- ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
- ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު
މި މައްސަލަތައް ބެލުމަށް ނިންމާފައިވަނީ ކަމާއި ގުޅޭ ދާއިރާތަކުގެ މީހުން ކޮމެޓީއަށް ހާޒިރުކޮށްގެންނެވެ. އަދި މި ހަފްތާގެ ތެރޭގައި މީހުން ހާޒިރުކުރެވޭނަމަ އެކަން ކުރާނެކަމަށް ކޮމެޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވިއެވެ.
މި ދިޔަ ސަރުކާރުން އިންޑިއާއެކު ވީ އެއްބަސްވުންތަކުގައި ގައުމުގެ ސަލާމަތަށް ނުރައްކާވާ 100 ވުރެ ގިނަ ކަންކަން ހުރިކަމަށާއި އެކަން ކަން ހާމަކުރާނެކަމަށް މިދިޔަ ނޮވެމްބަރު މަހުގެތެރޭގައި ސަރުކާރުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު އޭގެ އެއްވެސް ކަމެެއް އަދި ހާމަކޮށްފައެއް ނުވެއެވެ.