ads
ވެލި ނަގައިގެން ކޮންނަ ބޯޓެއް ދަތުރުކުރާއިރު ކިސަޑުގަނޑު މޫދަށް ފައިބަނީ: ރާއްޖޭގެ ތިމާވެއްޓަށް ބޮޑު ގެއްލުމެއް
ވެށީގެ ހިމާޔަތުގައި އަމާޒެއް ނެތުމުން ގެއްލެނީ ؛ އިހު އޮތް ގައުމިއްޔަތު
ތަރައްގީއަށްޓަކައި ތިމާވެށި ގުރުބާންނުކޮށް ފަރުޖެއްސެން ނެތް ކަމަށް، ސިޔާސީ މީހުން ބުނާނެ އެވެ. އަދި އެ ވާހަކަ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މި ތިބީ ގަބޫލު ވެސް ކޮށްގެންނެވެ. ތިމާވެށީގެ މަދު އެކްޓިވިސްޓުން ފިޔަވަ އެވެ. ގޮނޑުދޮށް އުފެދެނީ ވެސް މުރަކަ ފަރުތަކުން ކަމަށްވާއިރު، ރާއްޖޭގައި ހުރި ރީތި ފަޅުރަށްރަށާއި، ކުޅިތަކާއި ކަނޑޫފާތައް "ތަރައްގީ" ގެ ނަމުގައި ހަވަރަށް ނުދޭށެވެ. އެއީ ދިވެހި ގައުމިއްޔަތު ރަމްޒުކޮށްދޭ ހެކިތަކެވެ. ވެށީގެ ހިމާޔަތުގައި އަމާޒެއް ނެތުމުން ގެއްލެނީ ؛ އިހު އޮތް ގައުމިއްޔަތެވެ. ގޮނޑުދޮށެއް، ފަރެއް ނެތިއްޔާ ރާއްޖެ، ރާއްޖެ އަށް ވާނެ ބާ އެވެ.!؟

ރާއްޖޭގެ ރައީސްކަމާ މިފަހުން ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު، ވަނީ އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އަދި އިފްތިތާހީ ތަގުރީރުގައި ވެސް ގައުމިއްޔަތު ދިރުވައި، އާލާކުރަން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހުވާ ކުރެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ރިޔާސީ ދައުރު ފަށަނީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު ކަމަށާއި މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމާއި، ދިވެހީންގެ ކެރުމާއި، އަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމާއި، ދިވެހީން، ގޮތާ ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫއެއް ކަމަށެވެ.

ތެދެކެވެ. އަސްލު ދިވެހީން، ގޮތާ ފޮތާ ދިމާއަށް "އިހު އޮތް ގައުމިއްޔަތު" ހޯދަން ދަތުރު ފަށަން މިހާރު ވެސްމާ ލަސް ވެއްޖެ އެވެ. ގައުމިއްޔަތަކީ ތަފާތެއް ނެތި، އަމާޒެއް އޮވެ އިންތިޒާމް ވެގެން ހިންގަންޖެހޭ ހަރަކާތެކެވެ. އެއީ، ސަރުކާރަށް/ސަރުކާރުތަކަށް އޮތް އިހްތިޔާރެއް ނޫނެވެ.

your imageރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީ އާއި ކުރިއެރުމަށް ބޭއްވި ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކުދި ރަށްތައް ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފަސޭހައިން ދިރިއުޅެވޭނެ ގޮތް ހެދުމަކީ "އިހު އޮތް ގައުމިއްޔަތު" ދިރުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅެވެ. ސަބަބަކީ މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ، ރާއްޖެ ފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ގައުމުތަކަށެވެ. ނަތީޖާ އަކީ ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި ރާއްޖޭގެ ހިއްސާ ކިތައްމެ ކުޑަ ނަމަވެސް ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އަދި އެންމެ ބޮޑު ހަރަދެއް ކުރަންޖެހެނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށެވެ. މިނިވަން އިގްތިސޯދެއް ނެތުމުން ސަރުކާރުގެ ހަރަދު ދެކޮޅު ޖެއްސުމުގެ ބޭނުމުގައި "ތިމާވެއްޓަށް" ދޭ އަހުމިއްޔަތު އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުޑަ ވަމުންނެވެ. 

ނަތީޖާއަކީ އުފަން ރަށް ގިރާ ރަށު ގޯޗަށް ރާޅު އަރާ ވެލިވަދެ ގެއްލުންވާތީ ރައްކާތެރި ދިރިއުޅުމަކަށް އެދި ހިޖުރަކުރެވެނީ ޖެހިގެން އޮތް އެންމެ "ކޮންކްރީޓް" ތަރައްގީ ރަށަށެވެ. އެ ރަށުގައި ފަސޭހައިން ސިއްހަތާއި ތައުލީމާއި އާމްދަނީއަށް ވާސިލްވެވޭނެ ގޮތެއް ހުރުމުން ދޫކޮށްލަނީ ތިމާގެ ވެއްޓެވެ. ތިމާ އިހު ދިރި އުޅުނު ވަޒަނެވެ. ރަށެވެ. އެވެށީގެ އާދަކާދައާއި ސަގާފަތެވެ. ކާބަފައިންގެ ގައުމިއްޔަތުގެ ރަމްޒުކޮށް ދޭ އިމާރާތްތަކާއި ޒިޔާރަތްތަކާއި ތާރީހި ތަރިކަތަކެވެ. ރަށުވަންތަކަމާއި ރަށު ބަހުރުވަ އެވެ. މި ހުރިހާކަމެއް ދޫކޮށްލަނީ ކުދި އާބާދީތަކުން ތިމާވެށިން ސަލާމަތް ވުމަށް އޮތް ހައްލުކަމަށް ސިޔާސީ ވެރިން ދައްކާ "އެއް ފަސް" ކުރުމުގެ ސިޔާސަތުން މޮޅަކަށް އެދި އެވެ. ނަމަވެސް ނަތީޖާއަކީ އެއް ފަސް ވަނީ ފަރުތަކާއި ގިރިތަކާއި ވެށީގެ އެންމެހާ ދަރުންތައް ނެތި ފަނާކޮށްލައިގެންނެވެ. ނަތީޖާއަކީ ވެށީގެ ހިމާޔަތުގައި އަމާޒެއް ނެތުމުން ގެއްލެނީ ؛ އިހު އޮތް ގައުމިއްޔަތެވެ.

your imageނޭކުރެންދޫ ކަނޑޫފަލުގެ ބޮޑު ސަރަހައްދެއް މަރުވެފައި -- ފޮޓޯ/ ސޭވް މޯލްޑިވްސް

ވީއިރު، ރާއްޖެ ފަދަ، އަބަދުމެ ކަނޑުގެ ރާޅުތައް ވަށައިގެން ބިންދަމުންދާ ތިރި ޖަޒީރާތަކެއްގެ ކުރިމަގާ މެދު ނިކަން ވިސްނާވަޑައިގެން ސިޔާސީ ވެރިންގެ ސިޔާސަތުން ހަލާލު މަސައްކަތްކޮށް، ކަނޑުފަޅު ފީނާ، ފަރު ހިލާ، ވަލު ފުރާގުން ދަރިން ބޮޑެތިކުރި، ދިވެހި ކާބަފައިންގެ ޒަމާނަށް އެބުރި ގޮސްގެން މެނުވީ މި ޖަޒީރާތަކަށް ރައްކާތެރިކަމެއް ނެތެވެ. ޖަޒީރާ ރަށްތަކުގައި ދިރުމެއް ނުވާނަމަ ދިވެހިރާއްޖެއެއް ނޯންނާނެ އެވެ. ދިވެހިރާއްޖެ ނެތް ހިނދެއްގައި ދިވެހިންނެއް ނުތިބޭނެ އެވެ. ދިވެހިން ނެތި، ދިވެހި ގައުމިއްޔަތެއްވެސް ނޯންނާނެ ނޫންތޯ އެވެ. ނަތީޖާއަކީ ވެށީގެ ހިމާޔަތުގައި އަމާޒެއް ނެތުމުން ގެއްލެނީ ؛ އިހު އޮތް ގައުމިއްޔަތެވެ.

"މޫސުމަށް ބަދަލު އައުމަކީ އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ. އަދި އެއީ އަޅުގަނޑުމެން މިހާރު ފިޔަވަޅު އަޅައިފި ނަމަ ސަލާމަތް ވެވިދާނެ ކަމެއް. އެކަމަކު މި ހަގީގަތާ ދެކޮޅު ހަދާ ޕެރިސް އެއްބަސްވުމުން ޑޮނަލްޑް ޓްރަމްޕް ވަކިވުމަކީ މި ރީތި ދުނިޔޭގެ ތިމާވެށި ހަލާކުކޮށްލުން،" ޕެރިސް ތިމާވެށި އެއްބަސްވުމުން ވަކިވުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމަކީ ދުނިޔެ އަށް ހުރި ގެއްލުމެއް ކަމަށް ބުނެދެމުން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސައެންސްވެރިޔާ އަދި ކެމްބްރިޖު ޔުނިވާރސިޓީގެ ޕްރޮފެސަރު ސްޓެފަން ހޯކިން ވިދާޅުވި އެވެ.

ރާއްޖޭގެ ހޫނުމިން އަހަރަކަށްވުރެ އަހަރެއް މައްޗަށް އަރަމުންދަނީ ކަންބޮޑުވާންޖެހޭ ދަރަޖައަށްކަމާމެދު ދެބަހެއް ސުވާލެއް ނެތެވެ. އަދި ގަސްގަހާގެހީގެ ދިރުން ގިނަކުރުމަކީ އެކަމަށްޓަކައި ކުރެވިދާނެ މުހިންމުކަންބޮޑު ކަމެއް ކަމާމެދު ވެސް ބަހުސެއް ނެތެވެ. ވީއިރު، ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމަށް، އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ، އަޅުގަނޑުމެންނަކީ، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ، އެންމެ ފަހު ޖީލަށްވުން އެކަށީގެންވާ ކަމަށް ގަބޫލުކުރާ ވެށީގެ މުފައްކިރުން ވެސް އަޅުގަނޑުމެންގެ ތެރޭގައި ގިނަ އެވެ. އެފަދަ ބޭބޭފުޅުންގެ "ތިމާ--ވެށި" ފަތުވާތަކާއި ތަގުރީރުތަށް މިފަހުން އިވޭލެއް ގިނަ އެވެ. އެއް ސަބަބަކީ ތިމާވެށީގެ ޝިކާރައަކަށްވެ މަރުވަން އެވެރިން ނެދޭތީ އެވެ. ނޫނީ ތިމާވެށީގެ "ބައްޕަ" އަށް ވާން އެދޭ ތީ އެވެ. 

your imageއިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ދުވަހު މާލޭ މަގުމަތީގައި ދެ ކުއްޖަކު އިނގިރޭސި ވިލާތުގެ ދިދަ ހިފައިގެން -- ފޮޓޯ: ޖޯން ހޯލިޖް

ކޮންމެއަކަސް ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަންގެ އެއް ވައުދަކީ ނުވަތަ އިސްކަންދެއްވާ އެއް ކަމަކީ ގައުމިއްޔަތެވެ. އެހެންކަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވި ފަދައިން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަކީ، އަޅުގަނޑުމެންގެ ގައުމިއްޔަތު ހިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތަށް މިއަދު ހަދަންވެއްޖެ އެވެ. އަދި ދިވެހިންގެ ދިރިއުޅުމާއި އިގުތިސޯދުވެސް އެމައްޗަށް ބިނާވެފައިވާ، ރާއްޖޭގެ މާހައުލީ ނިޒާމު އޭގެ ތަބީއީ ހާލަތަށް އިއާދަކޮށްދިނުމަށް، އާ އަޒުމަކާއެކު އެންމެން އެކުގައި ތެދުވަން ވެއްޖެ އެވެ. މި ގައުމީ މަސައްކަތަކީ އަމިއްލަ އަތްތަކުން ކުރާ ކަންކަމުގެ ސަބަބުން، ލިބޭ ގެއްލުން ކުޑަކޮށް މި ބިންމަތީގައި އިންސާނީ ދިރުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނޫންނަމަ ނަތީޖާއަކީ ވެށީގެ ހިމާޔަތުގައި އަމާޒެއް ނެތުމުން ގެއްލެނީ ؛ އިހު އޮތް ގައުމިއްޔަތެވެ.

"ރައްޔިތުން ގައުމަށް ރައީސަކު މި އައްޔަންކުރަނީ އެތަނެއް ސަލާމަތުން ބާއްވަން. ރާއްޖެ ސަލާމަތުން ބޭއްވޭނީ ދިވެހިން ސަލާމަތުން ތިބެގެން. ދިވެހިން މިތަނާ މެދު ފަރުވާތެރިވެގެން. ލޯބިހުރެގެން. މިފަސްގަނޑާ މެދު ދިވެހިންގެ ހިތުގައި ކުލުނެއް އޮވެގެން. އަމިއްލަ އުފެއްދުންތެރިކަމެއް، އަމިއްލަ މަސައްކަތްތްތެރިކަމެއް، އަމިއްލަ ޝައުގުވެރިކަމެއް މިތަނަށް އޮވެގެން. ދިވެހިންގެ ސަލާމަތަށްޓަކައި ގައުމިއްޔަތު މުހިއްމުވަނީ،" ވަޒީރުގެ ގޮތުގައި މީޑިއާއަކަށް ދެއްވި އިންޓަވިއުގައި، ގައުމިއްޔަތު މުހިއްމުވަނީ ކީއްވެތޯ ދިވެހި ނޫސްވެރިޔަކު ސުވާލު ދެންނެވުމުން ނަސީރު ވިދާޅުވި އެވެ.

ގުދުރަތީގޮތުން އެތައް މުއްސަނދިކަމެއް ލިބިފައިވާ ހިތްގައިމު ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާމެދު، މިއިން ޒަމާނެއްގައި އަޅުގަނޑުމެން ބިރު ނުގަންނަ މިންވަރަށް މިހާރު ބިރުގަންނަން މިވަނީ ޖެހިފަ އެވެ. މިއީ ތޯތޯ ވާހަކައެއް ނޫންކަމާއި، މިއީ އިލްމީ ހަގީގަތްތަކާ އެކު ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރުކަމަށް ވިސްނައިދީ ޅަކުދިންގެ ހިތްތަކުގައި ތިމާވެއްޓަށް ލޯބި ޖައްސާނެ އުކުޅުތަށް މިއަދު ބޭނުންވެ އެވެ. ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ދިރިއުޅެވޭނެ މަގުފަހިކޮށްދޭން ކުރަން ޖެހޭ ހޭދަ އިތުރުވެ، މީގެ ސަބަބުން ބަޖެޓުން އަސާސީ ކަންކަމަށާއި އިޖުތިމާއި ކަންކަމަށް ހަރަދުކުރަން ހުންނަ ފައިސާ މަދުވެ، ދަރަނި ނަގައިގެން ކުރަން ޖެހޭ ހޭދަ ދަނީ އިތުރުވަމުންނެވެ. 

your imageއެނބޫދޫފަޅުގައި ރިސޯޓްތަކެއް ތަރައްގީކުރަން ހިއްކާފައިވާ ސަރަހައްދު

ނަތީޖާއަކީ އިޖްތިމާއީ ފޭރާން ބާވެ، ކުށުގެ ވެށީގެ އިންޖީނު ހިނގައިގަނެ ތިމާވެށި ރައްކާތެރިކުރުމުގައި ރާއްޖެއިން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅު ނޭޅި، އުމްރާނީ ތަރައްގީއާއި ކާބޯތަކެތި އުފެއްދުން އަދި ފަތުރުވެރިކަން, މި ތިން ދާއިރާއިން ތިމާވެށި ހަލާކުވުމާ ދެކޮޅަށް މަސައްކަތްކުރުމަށް ހުރި ގުދުރަތީ ހައްލުތައް ފުޅާނުވުމުން އަނެއްކާވެސް ވެށީގެ ހިމާޔަތުގައި އަމާޒެއް ނެތުމުން ގެއްލެނީ ؛ އިހު އޮތް ގައުމިއްޔަތެވެ.

"ރާއްޖޭގެ ތާރީހު ލިޔަމުންދާއިރު އަޅުގަނޑުމެންނަށް މިއަދު ހުއްޓި މިތިބެވެނީ، ތިމާވެށީގެ ކުރިމަތީގައި ޖެހުނު މޫސުމީ ބަދަލުތަކުގެ ފުލްސްޓޮޕަކަށް. މިހާ ހިސާބުން ރާއްޖޭގެ ތާރީހު އިތުރަށް ލިޔެ ފުރިހަމަކުރާނީތޯ، ނުވަތަ އެ ފުލްސްޓޮޕާ އެކު ތިމާވެށީގެ ޝިކާރައަކަށްވެ ނިމިގެންދާން ދޫކޮށްލާނީތޯ، އެއީ މި ޖީލުގެ ދިވެހިން ޖަވާބަކާ މެދު ވިސްނަންޖެހިފައިވާ އެންމެ ވަރުގަދަ ސުވާލު،" ރާއްޖޭގެ ހަތްވަނަ ރައީސް ވިދާޅުވި އެވެ.

ގައުމިއްޔަތު މުހިއްމު ވަނީ ދިވެހިންގެ ސަލާމަތަށްޓަކައި ކަމަށް ރާއްޖޭގެ އަށްވަނަ ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނަށް ގަބޫލުކުރެއްވޭނަމަ، "ބަރު ހަތިޔާރާއި ސިފައިންގެ ޔުނިފޯމް" ގެ ވާހަކަ އިހަށް އެއް ފަރާތްކޮށް ދުނިޔޭގެ ތިމާވެށީގެ ދުވަހު ގައުމިއްޔަތު ދިރުވައި، އާލާކުރާނެ ރޭވުންތައް އަދި ދިރާސާކޮށް ހޯދޭ ހޯދުންތަކުގެ ފޯކަސް އަމާޒު ހިފަންވީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވެ، ކަނޑުގެ ލޮނުގަނޑު އުފުލި ދުނިޔޭގެ ޗާޓުން ރާއްޖެ ނެތި ދިޔުމުގެ ބިރު އެބަ އޮތް ކަމަށް އަހުދު ވަމުންނެވެ. މޫސުމީ ބަދަލުގެ ސަބަބުން ލިބޭ ގެއްލުން "ހައްދު ފަހަނަ އަޅަމުން" ދާ ކަމަށް އެކި ފަރާތްތަކުން ސިފަ ކުރަމުން ދާއިރު، ރާއްޖެއަކީ ވެސް މޫސުމީ ބަދަލުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާނެ ކަމަށް ބެލެވޭ އެއް ގައުމެވެ.

ކޮންމެ އަހަރަކު ވެސް ކަނޑުގެ ލޮނުގަނޑު 3-4 މިލިމީޓަރަށް އުފުލޭ ކަމަށް ސައިންސުގެ އަލީގައި ބެލެވޭއިރު، އެ ރޭޓުގައި ކުރިއަށް ދާ ނަމަ ރާއްޖެ ފަދަ ގައުމުތަކަށް ރާޅު އަރައި، ސާފު ބޯފެން ނުލިބި، ދެ ހާސް ފަންސާސް ވަނަ އަހަރު އަންނަން ވާ އިރަށް ސިޔާސީ ލަނޑުދަނޑި ހާސިލުނުވެ، ދުނިޔޭގެ ޗާޓުން "ދިވެހީންގެރާއްޖެ" ފޮހެވިގެން ދާނެ އެވެ. އެ ދުވަހުން ރާއްޖެ އިން "ގައުމިއްޔަތު ޒީރޯ" ވެ ވައުދާއި އަހުދުގެ ހިމާޔަތުގައި އަމާޒެއް ނެތުމުން ގެއްލެނީ ؛ އިހު އޮތް ގައުމިއްޔަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް