ads
އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ މީހެއްގެ ހަށިގަނޑު އުފުލަނީ
އިލްމުވެރިންގެ ބަސް ؛ ފަލަސްތީނުގައި ހިނގާ ހަނގުރާމައަކީ....!
އިސްރާއީލު ފައުޖުތަކުން ފަލަސްތީނުގެ ގާޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތާކުގައި މިހާތަނަށް ގާތްގަޑަކަށް 36،500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 81700 އަށް ވުރެ މައްޗަށް އުފުލިފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމަކީ "ދެ ގައުމެއްގެ ދޭތެރޭ ހިނގާ މައްސަލައެއް ކަމަށް" ބުނެވޭ އެއްވެސް ޖާގަ އެއް ނެތެވެ. އިޒްރޭލުން މުސްލިމުންގެ ހައްގުތައް ފޭރިގެންފައިވަނީ ކިހާ ވަރަކަށް ކަން "އަސްލު މުސްލިމުން"ގެ ހަނދާނުގައި އެބަހުއްޓެވެ. ޔަހޫދީން މުސްލިމުންގެ ބިންތައް ފޭރިފައިވަނީ ކޮން ފަދަ އަނިޔާވެރި ގޮތަކަށް ކަން ވެސް "އަސްލު މުސްލިމުން" ހަނދާނެއް ނުނެތެ އެވެ. ވީއިރު ދުނިޔޭގެ ޔަހޫދީ ދައުލަތްތަކުން، ދެކޭގޮތް ނުވަތަ ޒައިނިސްޓުންގެ ފައިސާއިން އޮޕަރޭޓްކުރާ މީޑިއާގެ ވަސީލަތްތަކުން ފަތުރަމުންދާ ވާހަކަތައް އަޑުއެހުމުގެ ބޭނުމެއް ނެތެވެ. އެފަދަ ޕްރޮޕެގެންޑާތަކުން ދުރުވެ އަހަންވީ ކަމުގެ ހަގީގަތް ދަންނަ އިސްލާމީ އިލްމުވެރިންގެ ބަހެވެ.

އެގޮތުން ރާއްޖޭގެ މަޝްހޫރު އިލްމުވެރިންވެސް އެ ގެންދަވަނީ ފަލަސްތީނުގެ އަސްލު ބުނެދެމުންނެވެ. އެ ބޭފުޅުން ދެއްވާ ދަރުސްތަކުންނާއި ޕްރޮގްރާމްތައް ކަނުލާ އަޑުއެހުން ވަރަށް މުހިއްމެވެ. ފަލަސްތީނުގެ ތާރީހު އަންނަން އޮތް ޖީލުތަކަށް އޮޅުންފިލުވައި ދިނުމަށްޓަކަ އެވެ. އަޅުގަނޑުމެންގެ ދަރިނަށް ސައްހަ މައުލޫމާތު ފޯރުކޮށްދީ ފަލަސްތީނުގެ ނަސްލު ނައްތާލަން ޔަހޫދީން 1948 ވަނަ އަހަރު ފެށި އަނިޔާވެރި ގަތުލުއާންމުގެ ތާރީހު ކިޔައިދިނުމުގެ ބޭނުމުގަ އެވެ. ދުނިޔޭގެ ލޯތަކަށް ފަލަސްތީނުގެ ހާލަތު ފަރުދާވެ ގެއްލި ނުދިއުމަށެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިހް އަހުމަދު ސަމީރު ފޭސް ބުކްގައި ލިޔުއްވާފައި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގައި ހިނގާ ހަނގުރާމައަކީ ދެ ގައުމެއްގެ އިމުގެ ހަނގުރާމައެއް ނޫން ކަމަށެވެ. އެއީ މުޅި އިސްލާމީ އުންމަތުގެ އަގީދާއާއި، މުގައްދަސާތުތަކާއި ތާރީހާ ގުޅުންހުރި، މުޅި އުންމަތާ ދެކޮޅަށް އުންމަތުގެ އެންމެ ބޮޑު ދުޝްމަނުން ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ކަމަށެވެ. އަދި ވިދާޅުވީ މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި އެއްވެސް ކަމެއް، ނުކޮށް ހުންނަ ކޮންމެ މީހަކު ފާފަވެރި ވާނެ ކަމަށެވެ.

"ހަމައެކަނި ދެ ގައުމެއްގެ މައްސަލައަކަށް ފަލަަސްތީނުގެ މައްސަލަ ހަނިކުރުމީ ޒަޔަނިސްޓުން މުސްލިމުންނަށް ލައިދެމުން ދާ ރިވާޔަތެއް.." އައްޝެއިހް އަހުމަދު ސަމީރުގެ ޕޯސްޓްގައި ލިޔުއްފައިވެ އެވެ.

އައްޝެއިހް އާދަމް ހާލިދު ވިދާޅުވީ ފަލަސްތީނުގައި ހިނގާ ހަނގުރާމައަކީ.... ދެ ގައުމެއްގެ ދެމެދުގައިއޮތް މައްސަލައެއް ނޫން ކަމަށެވެ. ޝެއިހް ވިދާޅުވީ މި މައްސަލައަކީ އީމާންކަމާއި ކުފުރާ ދެމެދުއޮތް ހަނގުރާމައެކެވެ.

your imageއިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ ފަލަސްތީނުގެ ސަރަހައްދެއް

ޝެއިހް މުހައްމަދު ޝާފިއު ވިދާޅުވީ ފަލަސްތީނަށް ނަސްރު ދިނުމަށްޓަކައި ބޭނުން ވަނީ އިހުލާސްތެރިކަމެވެ. ތިމަންނާމެން މިތިބީ ފަލަސްތީނާއެކުއޭ ދުލުން އަބަދާއަބަދު ކިޔުމުގެ ބަދަލުގައި އަމަލުން އެކަން ދައްކާލަދިނުމެވެ. ނަސްލު ނައްތާލާ މީހުންނަށް ދަތިކުރުމެވެ. ގައުމެއް އިހުތިރާމް ކުރެވޭ ގައުމަކަށް ވަނީ އެގައުމެއްގެ އަސްކާރީ ބާރާއި އަނިޔާވެރިކަމަކުން ނޫނެވެ. އަދި ކިޔެއްތަ ގައުމެއް ކިތަންމެ ކުޑަނަމަވެސް އެގައުމަކުން ގަބޫލުކުރާ ރިވެތި އަހުލާގާއި އަދުލް އިންސާފަށް ލޯބިކުރުމުގެ މާތް ސިފައިގެ ސަބަބުންނެވެ. 

ޝެއިހް ޝާފިއު އިތުރަށް ވިދާޅުވި، ރިޒްގު ދެއްވަނީ މާތް ﷲ އެވެ. އެއިލާހީ އަނިޔާވެރިކަމަށް ލޯބިނުކުރައްވާ، އަނިޔާވެރިނުވުމަށް އަމުރުކުރެއްވި، އަނިޔާވެރިންނާއި އެކުގައި ނުވުަމަށް ވަހީކުރެއްވި، އިލާހެވެ.

"ޖެހިގެން ހުރި މުސްލިމް އަހާގެ ގެއަށް ޔަހޫދީއަކު ވެރިވެގަނެ، އަވަށްޓެރިޔާ އެގެއިން ނެރެލާ އޭނާގެ އާއިލާ މަރާ ހުސްކޮށްލާފައި، ޔަހޫދީ ކަލޭގެ ޗުއްޓީ ހަދާލަން ތިބާގެ ފަސްގަނޑަށް އެކަލޭގެއަށް މަރުހަބާ ކިޔުމަކީ ތިބާވެސް އެ އަނިޔާވެރިކަމުގައި ބައިވެރިވުން ކަމުގައި ނުވާނެތޯއެވެ؟ ޝެއިހް ޝާފިއު ސުވާލުކުރެއްވި އެވެ.

އައްޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވީ ގާޒާގައި ގަތުލު އާއްމު ހިންގައި، މައުސޫމު އެތައް ބައެއްގެ ފުރާނަ ދުއްވާލުމަށްފަހު، ހަނގުރާމަ ހުއްޓައިލާނޭކަމަށް އިޒްރޭލްގެ ފަރާތުން ވާހަކަ ދައްކަމުން އެމެރިކާއިން ހާމަކުރުމުން، އަނެއްކާވެސް ދުނިޔޭގައި ސުލްހަ ގާއިމުކުރާ ބަޔަކަށް އެމެރިކާއާއި ހުޅަނގުގެ ބައިގަނޑު ބަދަލުވީ އެވެ. ކުޑަކުންދިންނާއި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރާނޭ ގޮތްތައް ގައުމުތަކަށް ކިޔައިދޭން ބަޔަށް އެމީހުން ބަދަލުވީ އެވެ. އިޒްރޭލާއި އެމީހުން އައުވާނުން ނެތިކުރައްވާނދޭވެ....!

އައްޝެއިހް އިބްރާހިމް ރާފިއު އޭނާގެ ފޭސް ބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒައިނިސްޓް ޔަހުދީ ޓުއަރިސްޓުންގެ ފަރާތުން ލިބޭ މަދު ޑޮލަރުކޮޅެއްގެ ދަހިވެތިކަމުގައި އިޒްރޭލް ޕާސްޕޯޓް ބޭން ނުކުރަން އެކި ކަހަލަ ބަހަނާ ދެއްކުމަކީ ފިނޑި އަމަލެއް ކަމަށެވެ.

އައްޝެއިހް އާދަމް ނިޝާނު ބިން އަލީ އާދަމް ވިދާޅުވާ ގޮތުން ފަލަސްތީނުގައި ހިނގާ ހަނގުރާމަ އުނގަންނައިދޭންވީ ދަރީންނަށްވުރެ ކުރިން، ގައުމުތަކުގެ އިސްފަޑީގައި ތިބި ސިޔާސީ ބޮޑުންނަށެވެ. އިޒްރޭލަކީ ދައުލަތެއް/ގައުމެއް ނޫންނެވެ. އެއީ ފަލަސްތީނުގެ ބިން ފޭރިގަނެގެން ތިބި އަނިޔާވެރި ނުބައި ނުލަފާ ޖައްބާރު އިސްތިއުމާރީން ކަމަށް އައްޝެއިހް އާދަމް ނިޝާނު ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

your imageއިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ ފަލަސްތީނުގެ ސަރަހައްދެއް

ފަލަސްތީނު ރައްޔިތުންގެ ފަލަސްތީނުގެ ބިމުން ފައްސައި ބޭރު ކުރުމަކީ ޒައިނިސްޓުންގެ ދުރުމުސްތަގުބަލުގެ ތަސައްވުރު ކަން ޔަގީންވާ އެންމެ ބޮޑު ދަލީލަކީ، އދ. މަޖިލީހުގެ ފުރިހަމަ މެންބަރެއްގެ މަގާމު ހޯދުމަށް ފަލަސްތީނުން ކުރަން އުޅުނު މަސައްކަތްތައް އިޒްރޭލުގެ ބައިވެރިޔާ އެމެރިކާ ހިމެނޭހެން ޔަހޫދީ މަދު ގައުމުތަކުން އެތައް ފަހަރަކު އިންޒާރު ދީ ހުއްޓުވާފައި ވުމެވެ. އދ.ގެ ފުރިހަމަ މެންބަރެއްގެ މަގާމު ފަލަސްތީނަށް ދިނުމަކީ، ފުރިހަމަ މިނިވަން ދައުލަތެއް ކަމަށް ބައިނަލްއަގުވާމީ މުޖްތަމައު ގަބޫލު ކުރުމެވެ. 

އެހެންކަމުން ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނާ ފަދައިން ގުދުސްގެ ހައްގުގައި ހުރިހާ މުސްލިމުން ތެދުވަންވީ ވަގުތު މިއޮތީ ޖެހިފަ އެވެ. އެމެރިކާ އާއި އިޒްރޭލުން މެދުއިރުމަތީގައި ގާއިމުކުރަން ބޭނުންވާ ސުލްހަ އަކީ ދުނިޔޭގެ ޗާޓުން ފަލަސްތީނު ފޮހެލައި، ގުދުސް ޔަހޫދީކޮށް މަސްޖިދުލް އަގްސާ ވެސް އަޅުވެތިކުރުމެވެ.

ފަލަސްތީނަކީ އެތަން ނަބީންނާއި ރަސޫލުންނެއް އުޅުއްވި އަހަރެމެން މުސްލިމުންގެ މާތް މުގައްދަސް ބިމެކެވެ. މުސްލިމެއްގެ ހަޔާތުގައި ދަތުރުކޮށްފައި އެ މިސްކިތަކަށް ދިއުމަށް އަންގަވާފައިވާ ތިން ހަރަމުގެ ތެރެއިން އެއް ހަރަމެވެ. ހުރިހާ ގޮތަކުންވެސް މުޅި އިސްލާމީ އުއްމަތާ ގުޅިފައިވާ ބިމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް