ads
އެސްޓީއޯއަށް ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ވަނީ ލިބިފައި - ފޮޓޯ:ސަން
އެސްޓީއޯއަށް ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 195 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތައް އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، ފުރަތަމަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނީ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅުވެފައިވުން ކަމަށެވެ. އާމްދަނީ އިތުރުވުމާ އެކު ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 617 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ ޕްރޮވިޝަންސް އިތުރުވުމާ އެކު ވިޔަފާރި ކުރުމުގެ ހަރަދު އިތުރުވި ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ކުޑަކުރެވުމާ އެކު މި ކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 308 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 19 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓަރުގެ ސާފު ފައިދާއަކީ 235 މިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 46 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ އެ ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައި ވުމާ އެކު، ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުން ކަމުގައި އެސްޓީއޯއިން ބުނެ އެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 195 މިލިއަން ރުފިޔާ ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް