ރިޕޯޓްތައް ބުނާ ގޮތުން ޓެވޭޒް މިދިޔަ އަންގާރަ ދުވަހު ބުއެނަސް އައިރެސްގެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މެޑިކަލް ޓެސްޓްތައް ނިމެންދެން ޓެވޭޒް ހުންނާނީ އެތަނުގައި އެވެ. އުމުރުން 40 އަހަރުގެ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަދި ވެސްޓްހަމްގެ ކުރީގެ ފޯވާޑްއަކީ މިހާރު އާޖެންޓީނާގެ އެއްވަނައިގައި އޮތް އިންޑެޕެންޑިއެންޓޭގެ ހެޑް ކޯޗެވެ.
އިންޑިޕެންޑިއެންޓޭ ބުނީ ސެން އިސިޑްރޯގެ ޓްރިނިޑާޑް ހޮސްޕިޓަލުގައި ޓެވޭޒް ކުރި ފުރަތަމަ ޓެސްޓްތަކަކީ "ހިތްހަމަޖެހޭ" ޓެސްޓްތަކެއް ނަމަވެސް މިވަގުތު އޭނާ އެތަނުގައި މަޑުކުރާނީ "ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން" ކަމަށެވެ.
ޓެވޭޒް ވަނީ ރޮޒާރިއޯ ސެންޓްރަލްގެ ކޯޗުކަމުގައި ކުރު މުއްދަތެއް ހޭދަކޮށް، ބޮކާ ޖޫނިއާސްގައި ތިން ވަނަ ފަހަރަށް ކުޅުމަށް ފަހު 2022 ވަނަ އަހަރުގެ ޖޫން މަހު ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާކޮށްފަ އެވެ. ޓެވޭޒް ވަނީ 2006 އާއި 2013 އާ ދެމެދު ޕްރިމިއާ ލީގުގައި 201 މެޗު ކުޅެ 84 ގޯލް ޖަހައިފަ އެވެ. އޭނާ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޔުނައިޓެޑާއެކު ދެ ފަހަރު އަދި ސިޓީއާ އެކު އެއްފަހަރު ކާމިޔާބުކުރި އެވެ.