އަންނަ އާދިއްތަދުވަހު އޮންނަ މަޖިލީހުގެ އިންތިހާބުގައި އާއިލާ މީހަކު ވާދަކުރި ނަމަވެސް ވޯޓް ދޭންވާނީ ސަރުކާރުގެ ކެނޑޑިޑޭޓަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު 3 ދައިރާއަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް މިރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމީ ވިސްނުމުގައި މަސައްކަތް ކުރާނެ ކެންޑިޑޭޓުންނަކީ ހަމައެކަނި ސަރުކާރު ކެންޑިޑޭޓުންކަމަށެވެ.
އެހެންކަމުން އަމިއްލަ އާއިލާ މީހަކު އިންތިހާބަށް ނުކުމެ ހުރި ނަމަވެސް ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދިނުމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
" މިސާލަކަށް އާއިލީ ގޮތުން ހުރެދާނެ މިސާލަކަށް އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުއްޓަސް ، އަޅުގަނޑުމެން އާއިލާގެ ތެރެއިން ހުރެދާނެ އަނެއް ޕާޓީ މީހަކު ނުކުމެފައި. ދޫކޮށްލައްވާ. އާއިލާއެއް ނޫން މިހާރު އެކަހަލަ ވަގުތުގައި އިސްކުރަން ޖެހޭނީކީ. އައިލާ އިސްކުރަންޖެހޭ ކަންކަން ހުންނާނެ. އެކަމަކު އެއަށްވުރެ ބޮަޑަށް އަޅުގަނޑުމެން އިސްކުރަންޖެހޭ އަޅުގަނޑުމެންގެ ގައުމުގެ ހައްގުގައި އިސްކުރަންޖެހޭ ނިންމުން." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ ހިޔާލުތަފާތުވުންތަކާއި ހިތްހަމަނުޖެހުންތައް ހުރި ނަމަވެސް އެކަންތައް އެއްފަރާތްކޮށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވައިފައެވެ. އަދި އެމަނިކުފާނުގެ ސިޔާސަތަކީ ހަމަޖެހުން، ތަރައްޤީ ރައްކާތެރިކަން މި ތިން ކަންތައްކަމަށެވެ.
އަޅުގަނޑުމެންގެ ތެރޭގަ އާންމުކޮށް، ހާއްސަކޮށް މަޖިލިސް އިންތިހާބުގަ، ކައުންސިލް އިންތިހާބުގަ މި އޮންނަނީ ވަރަށް ބޮޑަށް ކުރިން އަޅުގަނޑުމެން އިޝާރާތްކުރި ކަހަލަ މަސްލަހަތުތައް އިސްކުރެވިފަ. އާއިލީ މަސްލަހަތު، ރައްޓެހިކަމުގެ މަސްލަހަތު ނުވަތަ ތިމަންނައަށް ކުރިން ކަމެއް ކޮށްދިން މީހާގެ މަސްލަހަތު، ނޫން، (އެކަން ގޯސް)" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިރޭވެސް ވިދާޅުވީ އެމަނިކުފާނު ވީ ވައުދުތައް ފުއްދޭނީ ސަރުކާރަށް މަޖލިސް ލިބިގެންކަމަށެވެ. އެހެންނޫނީ އެކަން ނުވާނެކަމަށް ވިދާޅުވިއެވެ.