ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކުރަމުން އަންނަ ކެމްޕެއިނުގައި މިއަދު ވައިކަރަދޫގައި ބޭއްވި އެ ދާއިރާގެ މިސްރާބު ހަމަމަގަށް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީން ހޮވޭ މެންބަރުން ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާގެ ރައްކާތެރިކަން ގާނޫނީ ގޮތުން ކަށަވަރުކޮށްދޭނެ ކަމަށެވެ.
މި އިންތިހާބުގެ ކެމްޕެއިން މި ހިސާބަށް އައިއިރު، ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވެފައި ވަނީ މިއީ މީގެ 15 ނުވަތަ 20 އަހަރު ކުރިން ކެމްޕެއިންތައް ކުރަމުން ދިޔައިރު ވެސް ދިމާވަމުން އައި މައްސަލަތަކެއް ކަމަށެވެ. ވަޒީފާގައި ތިބި ފަރާތްތަކަށް މަޖުބޫރު ކުރުވައިގެން ސަރުކާރުގެ ކެމްޕެއިނުގައި ބައިވެރިކުރުވަމުންދާ ކަމަށްް އެމަނިކުފާނު ވިދާޅުވި އެވެ. ސޯލިހު ވިދާޅުވީ އިންތިހާއަށް ކުންފުނިތަކުން ދަނީ ވަޒީފާތައް ބަހަމުން ކަމަށެވެ.
ސޯލިހު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން ބިރުދައްކައިގެން ވޯޓު ހޯދުން ކަމުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ލިބިއްޖެ ނަމަ، ނުދެކޭ ފަދަ ބިރުވެރި ނާމާން ދުވަސްތަކަކާ ކުރިމަތިލާން ޖެހިދާނެކަން ފާހަގަކުރައްވާ ވޯޓާ މެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.