އާދިއްތަ ދުވަހުން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކުރަމުން އަންނަ ކެމްޕެއިނުގައި މިއަދު ބާރަށުގައި ބޭއްވި އެ ދާއިރާގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ ރަށްތަކުގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތަކަށް ވެފައި ހުރި ގޮތް ފެންނަން އެބަހުރި ކަމަށެވެ. އެއްވެސް މަސައްކަތެއް އެއްވެސް ރަށެއްގައި އެކަން ކުރަންވީ ގޮތަށް ކުރަމުން ނުދާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވެފައި ވަނީ ގިނަ މަޝްރޫތައް ހުރީ ހުއްޓިފައި ކަަމަށާއި މަޝްރޫތައް ކުރިއަށް ނުގެންގޮސް ހުރީ ފައިސާ ނެތިގެން ނޫން ކަމަށެވެ. އެކަން އެގޮތަށް ކުރަނީ މި ސަރުކާރުގެ ސިޔާސަތު އޮތް ގޮތުން ކަމަށް ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވި ގޮތުގައި އެމްޑީޕީ އުފެދިގެން އައީ އެކަންކަން ތަކުރާރުވެ، ރައްޔިތުން އަޅުވެތިކަމެއްގެ ތެރޭގައި ތިބި ދުވަސްވަރެއްގައި ކަމުގަ އެވެ. އެމްޑީޕީގެ ސިޔާސަތަކީ އަބަދުވެސް ރައްޔިތުން ތިބި ތަނަކުން ފަސޭހައިން ހިދުމަތް ލިބޭނެ ގޮތް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކުން ކުދި އާބާދީތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ވިސްނުން ނެތް ކަން ވަރަށް ސާފުކޮށް ހާމަވާ ކަމަށް ސޯލިހު ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ވިސްނުން ހުރީ ހަމައެކަނި މާލެ އާ ކައިރި ސަރަހައްދުތައް ތަރައްގީ ކުރުމަށް ކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ މިކަން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށެވެ.