ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުއެވެ. ކުރިން ނިންމާފައިއޮތީ އާންމުކޮށްވެސް ވޯޓުލާ ވަގުތު، ހެނދުނު 08:00 އިން ހަވީރު 04:00 އާ ދެމެދު ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ. އެހެންނަމަވެސް ވޯޓުލާ ދުވަހު މޫސުން ގޯސްވެދާނެ ކަމަށް ބަލައި ވޯޓުލާ ވަގުތު އިތުރުކުރަން ގައުމީ ލަފާދޭ ކޮމިޓީގައި އިއްޔެ މަޝްވަރާ ކޮށްފައިވެ އެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓުލާ ވަގުތު އިތުރު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހެނދުނު 08:00 އިން ހަވީރު 05:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ވޯޓު ގުނަން ފަށާނީ އޭގެ ތިރީސް މިނެޓް ފަހުން 06:00 ގައި ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
އާދިއްތަ ދުވަހު އޮންނަ 20 ވަނަ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.