ads
ސެކަންޑް ޗާންސް..!؟
(15 އޭޕްރީލް 2024 އާ ގުޅޭ) މިސް ޖެނީ އަހަންނަށް ގޮވާއަޑު އިވުނެވެ. ބޮޑުކަމެއް ޖެހުމުން ނޫނީ ތިރީގައި ހުރެފައި އެގޮތަށް ނުގޮވާނެ އެވެ. އެއީ މިގޭގެ ވެރިމީހާ އެވެ. ބަޤްޝޫރާ މެޑަމްގެ އެދުމާއެކު އަހަރެން މިގޭގައި ބަހައްޓައިގެން އަހަރެންގެ ބަލަދުވެރިއަކީ މިއަދު މިސް ޖެނީއެވެ. ހިތް ހެޔޮ، އުފާވެރި މިޒާޖެއްގެ އަންހެނެކެވެ. އޭނާގެ ކަންކަން ހުންނަގޮތުން، ބައެއްފަހަރު އަހަރެންގެ ބޮޑުދައިތަ މަތީން ވަރަށް ހަނދާންވެ އެވެ. އެއީ އުމުރުން ދުވަސްވީ މީހެކެވެ. އެކަމަކު ނަފްސާނީގޮތުން އަހަންނަށްވުރެން އެތައް ގުނައެއް ބާރުގަދަ އެވެ. އެހެންނޫނީ އަހަރެންގެ ޒިންމާ ކޮނޑުއަޅައިގެން މިގޭގައި އަހަރެން ނުބަހައްޓާނެކަން ޔަގީނެވެ. އަހަރެންގެ ހަމައެކަނި އުއްމީދަކީ ނުވަތަ ކުޑަކުޑަ ހިތްވަރެއް އަހަރެން ކިބައިގައި ވާނަމަ، އެއިގެ ޝުކުރު ހައްޤުވަނީ ހަމައެކަނި މިސް ޖެނީއަށެވެ.

ކޮންމެއަކަސް އަހަންނަށް ގޮވާއަޑު އިވޭތީ، ހިނގާލާފައި ތިރިއަށް އައީމެވެ. ސޯފާގައި މީހަކު އިންކަން އެނގުނނީ ތަންކޮޅެއް ގާތަށް އާދެވުނު ފަހުންނެވެ. ކުއްލިޔަކަށް ފަހަތައް ދެމިގަނެ، ފިލަން ބޭނުންވިއެވެ. އެކަމަކު މާބޮޑަށް ލަސްވީއެވެ. އެއިގެ ކުރީން އޭނާއަށް އަހަރެން ފެނިއްޖެއެވެ. އަހަރެންގެ ހިތުގައި ވިންދެއް ހުރިކަމުގެ އިހްސާސްކުރެވުނެވެ. އެކަމަކު ހަގީގަތުގައި އެނާ މިތާގައި ހުރުމަށް އަހަރެން ބޭނުމެއް ނޫނެވެ. މި ހަޔާތުގައިވެސް އޭނާގެ ބައިވެރިވުމެއް ނުވަތަ އޭނާގެ ފެނިލުމެއްވެސް މިހާރު ބޭނުމެއް ނޫނެވެ.

....................

އިޚްތިޔާރަކާއި ނުލައި ކުއްލިޔަކަށް ތެދުވެވުނެވެ. އަދި ތަފާތު އިޙްސާސަކާއެކު އޭނާއަށް ބަލައިލެވުނެވެ. ކުރރާން އައި ސުވާލުތައް ހަނދާންނެތުނީ ކަންނޭގެއެވެ. އެއިން އެއްވެސް އެއްޗެއް ހަނދާނަކު ނެތެވެ. 

ލުއި ހިނިތުންވުމެއް ދައްކާލަން މަސައްކަތްކުރިއެވެ. އެކަމަކު ވަރަށް ތަފާތެވެ. އެ ހިނިތުންވުން އޭނާގެ ލޮލާއި ހަމައަށް ނުވެސް ފޯރައެވެ. 

ފަހަތައް ފިޔަވަޅެއް އަޅައިލިތަން ފެނުމާއެކު ދެ ލޯބޮޑުވި އެވެ. 

"ޑޯންޓް ގޯ!" އިޚްތިޔާރުން ބޭރުން ދުލުން ނިކުތް ބަސްތަކެވެ.

ހުރި ފިޔަވަޅުމަތީގައި އޭނާ މަޑުކުރީ އަހަރެންގެ އާދޭހާއެކު އެވެ.

އޭނާއާއި ދިމާއަށް ފިޔަވަޅު އަޅަން ފެށީމެވެ. ފެންނަނީ ވަރަށް 'ބަލި' މިޒްރާއެކެވެ. ކުރިން ހުންނަ އުޖާލާކަމެއް އެ މޫނަކު ނެތެވެ. މަޑުމަޑު ކަފަކޮޅެއްފަދަ ދެ ކޯވެސް ހިނދިފައެވެ. ލޮލުގެ ބެބުޅުން ގެއްލިފަ އެވެ. 

މަޑުއަޅިކުލައާއި ހުދުކުލައިގެ ޓޮޕްކޮޅަކާއި، އެއާއިގުޅޭ ސްވެޓްޕޭންޓްގައި މިޒްރާ ވަރަށް ހިތްގައިމެވެ. އެކަމަކު ކުރިއަށްވުރެން ވަރަށް ބޮޑަށް ހިކިފައި، ހަށިގަނޑު ވަރަށް ތަފާތެވެ. މި ހުރިހައި ދުވަހު އަމިއްލަ ނަފުސަށް އަނިޔާ ދިނުމުގައި މިޒްރާ ހޯދާފައިވާ ކާމިޔާބު ސާފުކޮށް ފެނެ އެވެ.

"ވައި ޑިޑް ޔޫ ލީވް؟" ހިތްވަރުކޮށްފައި ސުވާލު ކޮށްލީމެވެ.

ޖަވާބެއް ނުދިނެވެ. އިސްޖަހައިލުން ފިޔަވައި އިތުރު ހަރަކާތެއްވެސް ނެތެވެ. 

"މިޒްރާ.. އަހަރެން ސުވާލު މިކުރަނީ އެނގެން ބޭނުންވާތީ ..؟" އެންމެ ފަހުން އޭނާގެ ކުރިމަތީގައި ހުއްޓިހުރެ ބުނީމެވެ.

ލައިގެންހުރި ޓޮޕްގެ ފަސްބަޔާއި ކުޅެންހުރިގޮތުން އޭނާގެ ނުތަނަވަސްކަން އެނގުނެވެ. 

"މިޒްރާ.."

"ޔޫ ޝުޑުންޓް ހޭވް ކަމް!" އިސްޖަހައިގެން ހުރެ މަޑުމަޑުން ބުންޏެވެ.

ގިސްލަނީކަން އެނގުނީ ދާދި ގާތްވެވުނީތީ އެވެ.

ދަތްދޮޅީގައި މަޑުމަޑުން ހިފަހައްޓާލާފައި މައްޗަށް އުފުލައިލީމެވެ. ހައިރާންވިއެވެ. މިޒްރާ ގިސްލާނީ އެވެ. އެކަމަކު އެންމެ ކަރުނައެއްވެސް އެ ލޮލުގައި ނެތެވެ. އެކަމަކު މަޑުމަޑުން ހިފަހައްޓާލާފައި ހުރީރުވެސް އަހަރެން ތުރުތުރުއަޅައިގެން ދިޔައެވެ. އޭނާގެ ތުނި ހަންގަނޑު ހީވަނީ ފިހިދާނެ ހެނެވެ. ވަރަށް ހޫނެވެ. 

"ޔޫ ހޭވް ފީވަރ!" ނިއްކުރީގައި އަތްޖައްސާލާފައި އަހަރެން ބުނީމެވެ. މީހަކު ބިރުގަންނަވަރަށް ހޫނެވެ.

"ލީވް..... ޕްލީޒް ލީވް.." ތަފާތު ގޮތަކަށް މިޒްރާ އާދޭސް ކުރިއެވެ. ކޮންމެ ސިކުންތެއްގައި އޭނާގެ ދެ ލޯ ދިޔައީ ރަތްވަމުންނެވެ. ނޭވާ ކުރުވެ، އާދަޔާ ޚިލާފަށް މިޒްރާ ވަރުބަލިވަމުން ދިޔަކަން ފާހަގަކުރެވުނެވެ. 

"މިޒްރ.."

"ޕްލީޒް.." ތަކުރާރުކޮށް އާދޭސްކުރުން ނުހުއްޓި އެވެ. އޭނާއާއި ދުރަށް އަހަރެން ފޮނުވާލަން މިވަރަށް މި މަސައްކަތްކުރާ ސަބަބެއް ނުވިސްނުނެވެ. އެކަމަކު މިފަހަރު އަހަރެން މިއައީ އަހަރެންނަށްޓަކައެވެ. ގޮތްދޫނުކުރުމަކީ އަހަރެންވެސް ދަސްކޮށްފައިވާ ސިފައެކެވެ. 

"އައި ނީޑް ޓު—" އަހަރެންގެ ޖުމުލަ ނުނިމެނީސް ތަޅުންމައްޗަށް މިޒްރާ ވެއްޓިއްޖެ އެވެ.

ހާސްވެގެން ހަދާނެ ނުހަދާނެގޮތެއް ނޭގުނެވެ. ތަޅުންމަތީގައި އިށީންދެ އަހަރެންގެ އުނގުގައި އޭނާގެ ބޯ ބާއްވައިލީމެވެ. 

މިޒްރާގެ މޫނު އާދަޔާ ޚިލާފަށް ރަތްވެއްޖެއެވެ. މިއޮއް ފިނީގައިވެސް އޭނާ ދާހިއްލާ ފޯވެއްޖެއެވެ. ނޭވާ ނުލެވިގެން ތެޅިފޮޅެނީއެވެ. ހަށިގަނޑު ހޫނުކަމުން އަތްލާންވެސް ބިރުގަނެ އެވެ. ކޮންމެ ހިނދުކޮޅެއް ފާއިތުވީ ކެތްތެރިކަން ކޮޅުންލަމުންނެވެ. 

"ޕް ލީ ޒް—" ވަރަށް އުނދަގުލުން ބުނެލިއެވެ. އެއާއެކު އޭނާގެ ދެ ލޯ މަރައިލި އެވެ. 

"މިޒްރާ.... ނޯ! މިޒްރާ...!! ޑޯންޓް!" މަޑުމަޑުން ކޮލުގައި ތަޅަމުން އަހަރެން އޭނާއަށް ގޮވީމެވެ. ލޯ ހުޅުވާލާނެކަމުގެ އުއްމީދުގަ އެވެ. 

އެކަމަކު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އަހަރެންގެ އަޑަށް ހަރަކާތެއްވެސް ނުގެނަ އެވެ. 

އަހަރެންގެ އަތުން މިޒްރާ ބީވަނީކަމުގެ ބިރު އިހްސާސްވިއެވެ. އެކަމަކު އެވަގުތުގައިވެސް އަދާކުރަންވީ ޒިންމާ ހަނދާންނެތިފައި އަހަންނަށް ހުރެވުނީއެވެ. ހަމައެވަގުތު ދޮރުހުޅުވާލި އަޑު އިވުމުން ނޭވާއެއް ލެވުނެވެ. އެ އަންހެން މީހާއާއި ދިމާއަށް ބަލައިލލެވުނެވެ.

ހަރަކާތް ހުއްޓިފައިވާ މިޒްރާ އަހަރެންގެ އުނގުގައި ބޮނޑިކޮށްލާފައި ވަނިކޮށް، އޭނާ ހޮސްޕިޓަލަށް ގުޅިއަޑު އިވުނެވެ. 

.................

އަހަރުމެންގެ ދިރިއުޅުމުގައި ބައެއް މީހުން ޝާމިލުކުރެވިފައިވަނީ ކިހައި މިންވަރަކަށް ކަމެއް، އިހްސާސްކުރާން ނޭގޭނެކަމަށް ބައެއް މީހުން ބުނާތީ އަޑުއަހަމެވެ. މިއަދު އެ ހަގީގަތް އަހަރެން ގަބޫލުކޮށްފީމެވެ. އެ އެއްޗެއްގެ މުހިއްމުކަން އިހްސާސްވަނީވެސް އަހަރުމެންގެ އަތުން އެ އެއްޗެއް ބީވެ ދިއުމުންނެވެ. ދިރިއުޅުން އެފުށް މިފުށަށް ޖެހުމަށް ކުޑަކުޑަ ހިނދުކޮޅެއްވެސް ނުނަގައެވެ. ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައި ދިރިއުޅުމަށް ބަދަލު އާދެއެވެ. އާ މެހެމާނުންނާއި ބައްދަލުވެއެވެ. ލޯބިވާ މީހުން ދޫކޮށް ދުނިޔެއާއި އެތައް ބަޔަކު އަލްވަދާޢު ކިޔައެވެ. އަހަރުމެން އަތުގައި ހަމައެކަނި އޮންނަ އެއްޗަކީ އަހަރުމެން ހިތުން އެމީހުން ހޯދާފައިވާ މަގާމެވެ. ނުވަތަ ހިތުގައި އެމީހުން އިންދާފައިވާ ހަންދާންތަކެވެ. އެ ނޫން ހުރިހައި އެއްޗަކީ ވުޖޫދުން ގެއްލި ނިމޭ ކަންކަމެވެ. 

ދުވަސްވީ އަންހެން މީހާއާއެކު ޑޮކްޓަރގެ ކެބިން ތެރޭގައި އަހަރެންވެސް އިނީމެވެ. ކުއްލިޔަކަށް ހިނގާ މިދިޔަ ކަންކަމާމެދު ވާނުވާއެއް އަދިވެސް އަހަންނަކަށް ނޭގެއެވެ. ދެން ހަދަންވީ ގޮތެއް ނުވަތަ ވާންވީ ގޮތެއްވެސް ނޭގެއެވެ. ހަރަކާތް ހުއްޓިފައި އިނދެވުނީ އެވެ. 

އަންހެން މީހާއާއި ދިމާއަށް އަހަރެން ބަލައިލީމެވެ. އޭނާ ލުއި ހިނިތުންވުމެއް ދިނަސް އޭގައި އެއްވެސް މާނައެއް ނެތްކަން އިގެއެވެ. 

ފެންނަ ފެނުމަށް މިހުރިހައި ކަމަކަށް އޭނާ ފަރިތައެވެ. މިކަން ވާނީ މިހެންކަންވެސް އޭނާއަށް އިނގޭކަން ކަށަވަރެވެ. އޭނާ އަހަރެންނާއި ވާހަކަ ނުދެއްކިޔަސް، އެ މާނައެއް ނެތް ލުއި ހިނިތުންވުމުންވެސް އަހަރެން ހިތްހަމަ ޖައްސައިލީމެވެ. ކަންކަން ދެން ރަގަޅުވާނެކަމަށް އޭނާއަށް ހީވަހެން އަހަންނަށް ހީވެއެވެ.

އެކަމަކު .... ކިހިނެއް ހެއްޔެވެ؟ އަހަންނަކަށް ނޭގެއެވެ!

ޑޮކްޓަރ އެތެރެއަށް ވަނުމުން އަހަރެން ބަލައިލީމެވެ. އޭނާގެ ނަމަކީ ޑރ. މެލީސާ ޓެޗަރ ކަން ނަން ބޯޑުގައި ލިޔެފައި ވެއެވެ. މަޑު މުށިކުލަ ބޮލުގެ އިސްތަށިގަނޑުގައި ޖައްސާލާފައި ހުރި އިސްކޮޅުން ދިގު ޒުވާން އަންހެން ޑޮކްޓަރެކެވެ. 

އަހަރުމެންގެ ކުރިމަތީގައި ޑޮކްޓަރ އިށީނެވެ.

"ޔޫ އަރ؟!" އަހަންނާއި ދިމާއަށް ބަލާފައި ޑޮކްޓަރ ސުވާލުކުރިއެވެ. 

"ނާދިފް.. ނާދިފް ޝައްޔާން... ހަޒްބަންޑް" ފަހުބަސް ދުލުން ބޭރުވި އިރެއްވެސް ނޭގުނެވެ.

"އައި އެމް ގްލޭޑް ޔޫ އަރ ހިއަރ.. ޝީ ނީޑްސް ޔޫ ދަ މޯސްޓް ނައު... މިޒްރާ.." ސީދާ އަހަރެންގެ ލޮލަށް ބަލަމުން ޑޮކްޑަރ ބުންޏެވެ. 

ޝީ ނީޑްސް މީ! ޑޮކްޓަރގެ ވާހަކަތަކުން އަހަރެން ނުތަނަވަސްވަމުން ދިޔައެވެ. މިވަގުތު މިޒްރާއަށް އެންމެ ބޭނުމީ އަހަރެން ކަމަށް ޑޮކްޓަރ އެ ބުނީ ކީއްވެބާއެވެ. ބޭހާއި ފަރުވާއަށްވުރެން އަހަރެން މުހިއްމުވީ ކީއްވެބާއެވެ. ކޮންމެ ކަމެއް މިހައި އުނދަގޫވެގެން މިދަނީ ކީއްވެބާއެވެ. މިކަންކަން މިހެން ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިއަދަށްވުރެން މާދަމާ ރަގަޅުވާނެކަމަށް އަހަރރެން ހިތައްއަރައި ކޮންމެ ފަހަރަކު ކަންކަން ބަދަލުވެގެންދަނީ ދިމާ އިދިކޮޅަށެވެ. 

ޑޮކްޓަރާއި ކުރަންޖެހޭ ބައިވަރު ސުވާލު އެބަހުއްޓެވެ. އެކަމަކު އެއިގެ ކުރީން ޑޮކްޓަރ ފަށައިފިއެވެ. 

ފުރަތަމަ ފަހަރަށް މި ހޮސްޕިޓަލުގައި މިޒްރާ އެޑްމިޓްކުރީ މީގެ ބާރަ ދުވަސްކުރީން ކަމަށާއި، ފެންނަމުންދިޔަ ނިޝާންތަކާއި ގުޅުންހުރި، ހުރިހައި ޓެސްޓެއް ހެދިކަމަށް ޑޮކްޓަރ ބުންޏެވެ.

"އެންޑް ޝީ ވޯޒް ޑިޓެކްޓެޑް ވިތް... ބްރެއިން ޓިއުމަރ، ލާސްޓް ސްޓޭޖް" ބުނެވޭނެ އެންމެ މަޑުމަޑުން ޑޮކްޓަރ ބުނެލިއެވެ.

އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ހީވީ ކަންފަތަށް  ހޮނުގުގުރިއެއް ޖަހައިލިހެންނެވެ. މުޅިތަން އަހަރެންގެ ވަށައިގެން އެނބުރެނީހެން ހީވިއެވެ. ހަތަރެސްފައި ފިނިވެ، ދެ ލޮލުގެ އަލިކަން ފަނޑުވާހެންވެސް ހީވިއެވެ. 

މިދިޔަ ހަފްތާގައިވެސް މިޒްރާގެ އޮޕަރޭޝަނެއް ކުރެވުނުކަމަށް ޑޮކްޓަރ ބުނުމާއެކު އަހަރެންގެ ދެ ލޮލުގެ އެސްފިޔަތައް އުފުލާލަން މަޖުބޫރުވިއެވެ. އެކަމަކު އަހަރެން ހައިރާންކުރުވީ، މިޒްރާއާއި ބެހޭގޮތުން ދެން ޑޮކްޓަރ ބުނި ބުނުމެވެ. 

އެހެން ހުރިހައި ބަލިމީހުންނާއި މިޒްރާއާއި އެންމެ ބޮޑު ތަފާތަކީ، ބަލީގެ ސަބަބުން ރިހޭ ރިހުމާމެދު ދުވަހަކުވެސް ޝަކުވާއެއް ނުކުރުމެވެ. ދިރިހުންނާން ބޭނުން ކަމަށްބުނެ، ބަލީން ސަލާމަތް ކޮށްދިނުމަށްވެސް ދުވަހަކުވެސް އެދިފައި ނުވާކަމަށް ޑޮކްޓަރ ބުންޏެވެ. ޑޮކްޓަރުން ބޭނުންވި ކޮންމެ ވަގުތަކު، ބޭނުންކަމެއް ބޭނުން ގޮތަކަށް ކުރުމުގެ އިޚްތިޔާރު އޮންނަނީ ލިބިފައެވެ. 

މިޒްރާގެ އާދަޔާ ޚިލާފް މިޒާޖާއިމެދު ޑޮކްޓަރުންނަށް ހީކުރެވިފައި އޮތްގޮތްވެސް ޑރ މެލީސާ ބުންޏެވެ. 

ހީވާހީވުމަށް މި ބަލީގެ ވޭނީ ރިހުމަށްވުރެން ބާރުގަދަ ރިހުމެއް މިޒްރާ ދަނީ ތަހަންމަލް ކުރަމުންނެވެ. ނުވަތަ ވޭންދެނިވި ހިތާމައަކުން މިންޖު ނުވެވެނީއެވެ. ދެން އޮތްގޮތަކީ ކުރެވިފައިވާ ކުށެއްގެ ސަބަބުން އަމިއްލަ ނަފުސު ކުއްވެރިކުރެވި އެކަމުގެ ސަޒާ އަމިއްލައަށް ލިބިގަންނާން އޭނާގެ ޟަމީރު ބޭނުން ވަނީކަމަށް ޑޮކްޓަރ ލަފާކޮށްފައި ބުންޏެވެ. މިހުރިހައި ކަމެއްގެ ސަބަބުން އަމިއއްލަ ނަފުސާއި ފުރާނައަކީ މިޒްރާއަށް މުހިއްމު ނުވަތަ އަގެއް ހުރި އެއްޗަކަށްވެސް ނުވަނީއެވެ. ފަރުވާއާއި އެއްވަރަށް މިޒްރާގެ އުއްމީދު އާކުރެވިއްޖެނަމަ، ޑޮކްޓަރުންގެ މަސައްކަތައް އިތުރު ކުރިއެރުމެއް ފަހަރެއްގައި ލިބިދާނެކަމަށް ޑރ މެލީސާ ބުންޏެވެ. މިޒްރާގެ ބަލި ދެނެގަނެވުނު ވަގުތުން ފެށިގެން މިޒްރާއަށް ފަރުވާކުރަމުން އަންނަނީ ޑރ. މެލީސާކަމަށާއި އެދުވަހުން ފެށިގެން މިއަދާ ހަމައަށް ބަދަލުނުވެ އޮތް އެންމެ ހިއްދަތި ކަންތައްވެސް ޑޮކްޓަރ ހިއްސާކުރިއެވެ.

"ޝީ ވުޑް ޖަސްޓް ލައި ދެއަރ ލައިފްލެސް އޮން ދަ ހޮސްޕިޓަލް ބެޑް، އެންޑް އޯފެން އައި ނޯޓިސްޑް ޓިއަރސް ރޯލިނން ޑައުން ހަރ އައިޒް...." 

ޑޮކްޓަރގެ ގޮނޑީގައި ލެނގިލުމާއެކު އޭނާގެ ފުށްކިބައިން ދެތިންފަހަރަކު ޖަހައިލަމުން ދެ ލޯމަރައިލިއެވެ. 

އިވުނު ވާހަކަތަކުގެ ތެރެއަށްވަދެ، އެއިގެ ތެރެއިން ހަޖަމުކުރެވޭނެ އެންމެ ލަފްޒެއް އިންތޯވެސް ވިސްނީމެވެ. އެކަމަކު އެއީ ކެތް ކުރެވޭވަރަށްވުރެން ބުރަދަންހުރި ވޭނީ ޖުމުލަތަކެކެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ހުއްޓުވޭތޯ އެސްފިޔަތައް ލައްޕައިލީމެވެ. އޭނާއާއި މެދު ކަންތައް ކުރެވުނު ލާއިންސާނީ އަދި އިހާނެތިކަމަށްޓަކައި އަހަރެންގެ އަމިއްލަ ނަފުސަށް ލައުނަތް ދިނީމެވެ.

މިޒްރާގެ ހާލަތު ކުރިން އެނގުނުނަމަ މި ނުރައްކާތެރި ބަލިން އޭނާ ސަލާމަތްކުރުމުގެ ފުރުސަތު އޮންނާނެއެވެ. ބުނާނެ އެއްޗެއް ނޭގެއެވެ. ހަދާނެ ގޮތެއް ނޭގެއެވެ. ގޮތްހުސްވެފައިވާ ހާލު ޑޮކްޓަރަށް ބަލައިލީމެވެ. ގައިން ހީބިހި ނެގިއެވެ. 'އަދި އިތުރަށް ބުނެދޭން ޖެހޭ އެއްޗެހި އެބަހުރިކަމަށް' ޑޮކްޓަރ ބުނަން ބޭނުންވާ ކަން އެމޫނުން ސާފުކޮށް އަހަރެން ދުށީމެވެ. 

"ހައު ލޯންގް ވިލް ޝީ......؟" ދިރުމެއް ނެތް އަޑަކުން ސުވާލުކުރެވުނެވެ. ސުވާލު ފުރިހަމަ ކުރާނެ ހިތްވަރެއް އަހަރެންގެ ދުލަކު ނެތެވެ.

ދޮގު ހަދައި ހަގީގަތެއް ނެތް އުއްމީދުތަކެއްގެ ކުލަތައް ސިފަކޮށް ނުދޭނެ ކަމަށް ސާފުކޮށް ޑޮކްޓަރ ބުންޏެވެ. ނަމަވެސް ކުރެވެން އޮތް ހުރިހައި މަސައްކަތެއް އެންމެ ފަރުވާތެރިކަމާއެކު ވީ އެންމެ ފުރިހަމައަށް، ފަހު ވަގުތާއި ޖެހެންދެންވެސް ކުރާނެ ކކަމަށް ޑޮކްޓަރ ބުންޏެވެ. އަހަރެންގެ ކަންފަތް އިންތިޒާރުކުރަމުން ދިޔައީ ކޮން ޖުމުލައަކަށްކަން ޑޮކްޓަރ ނެގެގަތެވެ..

"ޔެސް.. ޗާންސެސް ޝީ ސަރވައިވްސް އާރ ނޮޓް އީވެން ފައިވް ޕަރސެންޓް...!!!"

..........

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް