ads
ސެކަންޑް ޗާންސް..!؟
(14 އޭޕްރީލް 2024 އާ ގުޅޭ) ދުވަސްކޮޅެއް ކުރީންފެށިގެން އަހަރެން ދަންނަ ގެއެއް ދޮށަށް ކާރު ހުއްޓާލީމެވެ. މިއީ އަހަރެން މިގެއަށް އައި ފުރަތަމަ ފަހަރެވެ.

އަވަސް އަވަހަށް ބެލް އަޅައިލީމެވެ.

"މިއަންނަނީ.." އެތެރެއިން ގޮވައިލި އަޑު އިވުނެވެ.

ދޮރު ހުޅުވައިފިއެވެ. ކުރިމަތީގައި ހުރީ އޭނާގެ ބޮޑުދައިތައެވެ. ފެންނަ ފެނުމަށް ހީވަނީ ޒަމާންތަކެއް ވާންދެން ބަލިވެއުޅެ، ގައިބާރު ދެރަވެފައިވާހެނެވެ. މޫނުމަތިވަނީ މިލައި މޯޅިވެފައެވެ. ލޯކައިރި ވަރަށް ބޮޑަށް ކަޅުވެފައެވެ. މިވަގުތުވެސް ހީވަނީ ވަރަށް ބޮޑަށް ހުންއައިސްފައި ހުރިހެނެވެ.

"އާއްއއ.. އުމްމމ.. މިޒްރާ އެބައުޅޭތޯ؟" ވަރަށް އުނދަގުލުން ސުވާލުކުރީމެވެ. 

މިޒްރާ... ތި ގޭގައި ނޫންތަ ދިރިއުޅެނީ..؟ ގެ އަށް ނާންނަނީތަ..؟ ކޮންތާކަށްބާ ތިޔަ ދިޔައީ..؟"ވަރަށް ހާސްވެފައި އޭނާގެ ބޮޑުދައިތަ ވާހަކަދެއްކިއެވެ.

"މި ގެއަށް އައިތޯ ބަލާލީ.."

އެހާލުގައި އެނާ މިކަމުގެ ތެރޭގައި ޝާމިލްކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިޒްރާއާއި މި މީހުންގެ ގުޅުން އޮންނަ ގޮތެއްވެސް ހަގީގަތުގައި އަހަންނަކަށް ނޭގެއެވެ.

އިތުރަށް މަޑުކުރާކަށްވެސް ބޭނުމެއް ނުވިއެވެ. އަވަސް އަވަހަށް ކާރަށް އެރީމެވެ.

"ޑޭމްނ...."

އަހަރެން ހީކުރީ މިޒްރާ ދާނެ މާގިނަ ތަންތަނެއް ނެތުމުން އޭނާ ހޯދަން ވަރަށް ފަސޭހަވާނެ ކަމަށެވެ. ކައިވެނީގެ ކުރީން ހުޅުމާލޭގައި ދިރިއުޅުނު، އޭނާގެ އަމިއްލަ އެޕާޓްމެންޓް ވަނީ ދިގުމުއްދަތަކަށް ކުއްޔަށްދީފައިކަން އަހަންނަށް ޔަގީނެވެ. އެހެންވީމާ އެތާކަށް ނުދާނެއެވެ.

"ދިސް ގަރލް!" ހަދާނެ ގޮތް ބުޑުވުމުން ބޮލުގެ އިސްތަށިގަނޑުގައި ދެފަރާތުން ހިފަހައްޓައިލެވުނެވެ.

އޭނާގެ ފެނިގެއްލޭ ހުނަރުގެ ސަބަބުން އަހަރެން ކޮންމެ ފަހަރަކު އާޝޯޚް ކޮށްލައެވެ.   

"ވިސްނާ.. ވިސްނާ.. ނާދިފް، ރަގަޅަށް ވިސްނާ! އޭނާ ދާނެ ހުރިހައި ތަނެއް ހިތައް ގެނެވޭތޯ ބަލާ!"

ކާރުތެރޭގައި ވިސްނާން އިނީމެވެ. ހުންގާނުގައި ބާރަށް ހިފަހައްޓައިލެވުނެވެ. ލޯ މަރައިލީމެވެ. އެވަގުތު ސިކުނޑީގައި އޮއެވަރެއް ދެމިލި އެވެ.

"ޒެއިން... ޔެސް!"

އެންމެ ސިކުންތެއްވެސް ބޭކާރު ނުކުރަމެވެ.  ވަގުތުން މިސްރާބު ޖެހީމެވެ.

................

ވީއެންމެ ބާރަކަށް ދުއްވާފައިގޮސް، ޕާކިންގގައި ކާރު ބާއްވާފައި ދުވެފައި އޮފީހަށް ވަނީމެވެ. ފުރަތަމަވެސް ދިޔައީ ޒެއިންގެ ޑެސްކް ކައިރިއަށެވެ.

ކުރިމަތީގައި އަހަރެން ހުރިކަން އެނގުމުން ޒެއިން ބަލައިލިއެވެ. މަލާމާތުގެ ކޮންމެވެސް އެއްޗެއް ބުނެލާނެކަން ޔަގީނެވެ. ޒެއިން ނިސްބަތްވަނީ 'ސަޕޯޓް މިޒްރާ' ގޭންގްއަށެވެ. އެކަމަކު ހައިރާންވިއެވެ. އަހަރެން ހީކުރިފަދަ އެއްވެސް ކަމެއް ޒެއިންގެ ފަރާތުން ނުފެނުނެވެ.

"ވަޓް؟" ނިއްކުރިއަށް ރޫ އަރުވައިލަމުން ސުވާލު ކުރިއެވެ.

"އުމްމމ.. އައި.... އައްހހހ އުމްމމ" އެއްވެސް ޢީބާރާތެއް ދުލުން ބޭރެއް ނުވިއެވެ. އަހަރެން މި ނޫނީ ދުވަހަކުވެސް ޒެއިންއާއި ވާހަކައެއް ނުދައްކަމެވެ. ކުއްލިޔަކަށް އައިސް މިޒްރާއާއި ބެހޭގޮތުން ސުވާލުކުރުން މިވީ އާދަޔާޚިޔާފް އުނދަގޫ ކަމަކަށެވެ.

"މިޒްރާ ވީ ތަނެއް އަހަންނަކަށް ހަމަ އެއްގޮތަކަށްވެސް ނޭގޭ!" ނޭވާއެއް ދޫކޮށްލަމުން ޒެއިން ބުނެލިއެވެ.

ހީވީ އަހަރެންގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ސުވާލުތައް އޭނާއަށް އެނގޭ ހެނެވެ. ކުއްލިޔަކަށް ޒެއިންގެ މޫނަށް ބަލައިލެވުނެވެ. މާނައެއް ނެތް ހިނިތުންވުމަކާއެކު އަހަރެން އެތަނުން ނިކުތީމެވެ.

މިވީ ކިހިނެއް ހެއްޔެވެ؟ މިޒްރާ ވީތަނެއް ޒެއިން އަށް ނޭގުމަކީ އާދައިގެ ކަމެއް ނޫނެވެ. ރާއްޖޭގައި މިޒްރާ ވެދާނެކަމާމެދު އަހަރެންގެ ހިތުގައި ޝައްކު އުފެދުނެވެ. އޭނާ ހޯދުމަކީ ނާދިރުކަމަކަށް ވެދާނެކަމަށްޓަކައި އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ދެން ހެދޭނެ ގޮތަކާއިމެދުގައި ވިސްނާލީމެވެ.

މިޒްރާއާއި ބަޤްޝޫރާއާއި ދެމީހުން އެރޭ ބައްދާލައިގެން ތިއްބައި އަހަރެން ދުށީމެވެ. ދެމީހުންވެސް ރުއެވެ! ފަހަރެއްގައި މިޒްރާގެ ޚަބަރެއް ބަޤްޝޫރާއަށް އެނގިދާނެއެވެ. އެކަމަކު ބަޤްޝޫރާ ފަރާތުން އެއްޗެއް ހޯދުމަކީ ވުމަށްވުރެން ނުވުން ގާތްކަމެކެވެ. ބަޤްޝޫރާގެ ބަދަލުގައި އޭނާގެ ނަމަކަށް، މާމައާއި ކާފަ "ނާދިރު" ނުކީ ކީއްވެބާއޭވެސް ހިތައް އަރައެވެ.

"ޑޭމްނ...."

އެކަމަކު މި ނޫން 'ޗޮއިސް'އެއް އަހަންނަކަށް ނެތެވެ. އެ ކެބިންއަށް ދަތުރު ފެށީމެވެ.

ދޮރުގައި ޓަކި ޖަހައި ހުއްދަ ހޯދަން އަހަރެން ހިތައްވެސް ނާރުވަމެވެ. ދިޔަގޮތަށްގޮސް ދޮރު ހުޅުވާފައި ކުއްލިޔަކަށް އެތެރެއަށް ވަނީމެވެ. ގޮނޑީގައި އިށީންދެލައިގެން، 'ޕޭޕަރ ވެއިޓް' މޭޒުމަތީގައި އަނބުރާލަ އަނބުރާލަ އިނީ ޚިޔާލަކަށް ގެއްލިފައެވެ. އަހަރެން ފެނުމާއެކު މޫނުމަތީގެ ކުލަތައް ބަދަލުވިއެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް، ހުރިހައި ކަމެއް އެއްފަރާތްކޮށްފައި އަހަރެންގެ ބޭނުމައިގެން ކުރިމަތިލީމެވެ.

"ނާދިފް... އެތެރެއަށް ވަނުމުގެ ކުރީން ދޮރުގައި ޓަކި ޖަހާފައި ހުއްދަ ހޯދަން ދަސްކުރުން ރަގަޅުވާނެ" އެއްފައި މައްޗަށް އަނެއްފައި ލައިގެން ބަޤްޝޫރާގެ ރަސްމީ ގޮތުގައި ހަމަޖެހިލިއެވެ.

އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދީ ކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށީނީމެވެ.

"މިޒްރާ ވީތަނެއް ބުނޭ"

"އެކްސްކިއުޒް މީ!"

"ބަޤްޝޫރާ.. ހުރިހައި އެއްޗެއް އިނގޭނެކަން އަހަންނަށް އެނގިގެން މިއައީ.. ސޯ ޕްލީޒް!"

"ތި ކިޔަން އުޅޭ އެއްޗެއް، ނޫނީ ތި ކިޔާއެއްޗެއް އަހަންނަކަށް އެއްގޮތަކަށްވެސް ނޭގޭ" އަހަރެންނާއި ދިމާއަށް ބަލައިވެސް ނުލާ ބުނެލިއެވެ.

"އައި ނީޑް ޓު ނޯ ޑ- މ - ނ  އ ޓ" މުއްކަވާފައި މޭޒުމަތީގައި ޖަހަމުން އަހަރެން ބުނީމެވެ.

"ނާދިފް.. ކަޓް ދި ކްރެޕް.. އެންޑް ވައި ސަޑްންލީ..؟

"ދެޓްސް ނަން އޮފް ޔޯ ބިޒްނެސް.." ލޯ އަޅައިލަމުން އަހަރެން ބުނީމެވެ.

"އައި މައިޓް ޖަސްޓް ސޭ ދެޓް" އެއްމިޔަކަނުން ހިނިއައިސްފައި ބުނެލިއެވެ.

ހަމަ ހަގީގަތުގައިވެސް މިއީ އަހަރެންގެ މަންމަ ބާއޭ ހިތައް އަރައެވެ. އަހަރުމެން ދެމީހުން ކޯޅޭންނުޖެހޭ އެއްކަމެއްވެސް ނޯވެ އެވެ. އަމިއްލަ ނަފުސު ކޮންޓްރޯލް ކުރެވޭތޯ ބެލީމެވެ. މިއީ މުހިއްމު ވަގުތުކޮޅަކަށް ވާތީ އެވެ.

"ބަޤްޝޫރާ.. މިޒްރާ ވީތަނެއް ހެޔޮނުވާނެ ބުނެދީބަލަ.. ޕްލީޒް!" ކޮޅަށް ތެދުވެ ކޮންމެ ބަހަކަށް ބާރުލަމުން ހިމޭންކަމާއެކު އަހަރެން ބުނީމެވެ. ހަމަ އެވަގުތު ކެބިންގެ ދޮރު ހުޅުވުނެވެ.

ފައިލްތަކެއް ހިފައިގެން ޑޭޑް އެތެރެއަށް ވަނެވެ. އަހަރެންނާއި ދިމާއަށް ތަފާތު ނަޒަރަކުން ބަލައިލިއެވެ. ހީވާ ހީވުމަށް މިހުރިހައި ކަމެއް ޑޭޑްއަށްވެސް އެގެއެވެ.

"ޑޭޑް!"

އެއްބުމަ މައްޗަށް ހިއްލާލިއެވެ.

"ޑޭޑް.. އައި ނީޑް ޓު ނޯ ވެއަރ މިޒްރާ އިޒް.."

"އޭނާއަށް އެ ހުރިހައި ގޮތްގޮތެއް ހަދާފައިވެސް..؟ އަނެއްކާ އިތުރަށްވެސް އޭނާއަށް ޖެއްސުންކޮށް އުނދަގޫކުރާންތަ؟" އެދެމެދަށް ބަޤްޝޫރާ ވަނެވެ.

"އައި ޖަސްޓް ނީޑް ޓު ނޯ ވެއަރ ޝީ އިޒް.."

އަހަރެން ހަޅޭއްލަވައިގަތް އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.  މުޅި ކެބިންތެރޭގައި ހިމޭން ވަގުތުކޮޅެކެވެ. ދެމީހުންކުރެ އެކަކުވެސް އަހަރެން ގާތުގައި ނުބުނާނެކަން އެނގޭތީ އެތަނުން ނިކުންނާން  ހިނގައިގަތީމެވެ. ކުރިއަށް ނެގި ފިޔަވަޅު ހުއްޓުނީ ޑޭޑްގެ އަޑު އިވުމުންނެވެ. މަޑުމަޑުން ޑޭޑް އެއްޗެއް ބުނެލިއެވެ. ލިބުނީ ޝޮކެކެވެ! ހިތައްވެސް ގެންނާން ނޭގޭވަރުގެ ހައިރާންކަމެއް ލިބުނެވެ. އެހައި ދުރަށް އެ ދިޔައީ އަހަރެންގެ ކިބައިން މިންޖުވާން ހެއްޔެވެ؟

"ލަންޑަން"

...............

ދެހަފްތާ ފަސް

އިބްރާހީމް ނާސިރް އިންޓަރނޭޝަނަލް އެއަރޕޯޓް

"އިޝްގުގެ ކޯރުގައި ކޮންފަދަ ހާލެއްގައި ޖެހިފައި ހުރި ބިކާރީއެއް މިއީ" އެއްމިޔަކަނުން ހިނިއަސްފައި އަހަންނާއި ދިމާކުރުމަށް އަމަން ބުނެލިއެވެ. އޭނާ ވާހަކަދެއްކީ އަމިއްލަ ނަފުސާއިކަން އިގެއެވެ.

"އަޑު އިވިއްޖެ" އަހަރެންގެ ޓްރޯލީ އަހަންނާއި ގާތަށް ޖައްސައިލަމުން ބުނެލީމެވެ.

"ކުށެށް ބުނެވިއްޖެތަ؟" އަހަންނާއި ދިމާކޮށްލާން އަމަން ނިންމައިގެން ހުރި ފަދަ އެވެ.

"މެންދަމުގެ ހަނދު އޭނީ އަދި ބޯމަތީގައި.. އަހަރެންގެ ބޮލުގެ ނާށިގަނޑުތެރެއަށް ވަންނާން ނޫޅޭ..  އޭނާ ކައިރިއަށް މިދަނީ، އަހަރެންގެ ސުވާލުތަކުގެ ޖަވާބު ހޯދަން.. މިފަހަރު ޖެހޭނީ ޖަވާބުދޭން! އެހެން އެއްގޮތެއްވެސް ނޯންނާނެ.. އެހިސާބުން އަހަރެން އެނބުރި އަންނާނަން" އަހަރެން ބުނީމެވެ.

"ކަލޯ.. ހަމަބިމަށް ތިރިވެފަ، ތި ހުރި ސިފަ ދެކިބަލަ! މެންދަމުން އަލިވެ ތިނެއް ޖެހީރު ކޮޅަށް ހުރީ އެއަރޕޯޓް ކުރިމަތީގައި..  ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި މޫނަށް ބަލާލަބަލަ! މިޒްރާ ދިޔަފަހުން ހީވަނީ މޫނުމަތީގައި، ހަގަޑި ބައިވެފަ ހުންނަހެން.. އަދި ނޭވަޔަކު ދެކޮޅު އެބަބުނެޔޭ ތިމަންނާ އޭނާދެކެ ލޯތްބެއް ނުވެޔޭ..!"

"އަމަން ބޭނުންވާ ގޮތެއް ބުނެބަލަ!........... ފައިން...! އަހަރެން ނޫޅެން ދާކަށް.." ކާރާއި ދިމާއަށް އަހަރެން އެނބުރެލީމެވެ.

"ޗަރުކޭސް ދައްކަން އުޅޭނެކަމެއް ނެތް.. މިޒްރާ ގާތަށް ނުގޮހެއް މައިތިރިއެއް ނުވާނެ.. ދެން ކޮން ޑްރާމާއެއް ތި ކުޅެނީ" އަހަރެންގެ ކޮނޑަށް އަތްވައްޓާލަމުން އަމަން ބުނެލިއެވެ.

"ޔޫ އަރ އިމްޕޮސިބަލް އަމަން!"

"އަޑު އަހާބަލަ! ވަރަށް ދުރަށް ތި ދަނީ.. އެތަނަށް ގޮއްސަ ދެބަސްވެ، އަރާރުން ނުވާތި" ވިސްނައިދިނުމަށް އަމަން ބުނެލިއެވެ.

"އޯކޭ"

"ދެން ދާންއުޅޭ.. އަހަރެން ނިދަންވެސް ބޭނުން.." އާފުރޭކަން ދައްކަން މަސައްކަތްކުރަމުން އަމަން ބުންޏެވެ. އަހަރެން އަމަން ގައިގައި ބައްދައިލީމެވެ. ހިތްވަރު ދިނުމަށް އަހަރެންގެ ބުރަކަށީގައި ފިރުމައިލިއެވެ.

"އެނބުރި އަންނަންވާނީ މިޒްރާ ގޮވައިގެން!" އަހަރެންގެ ލޮލަށް ބަލަމުން އަމަން ބުނެލިއެވެ.

"ހުވަފެނުގައިވެސް ތިކަމެއް ނުވާނެ" ވަގުތުން އަހަރެން ބުނެލީމެވެ.

"ނާދިފް.."

"އާނ.. ދެން ބަލާނީ" އެންމެ ފަހުން އަހަރެން ބުނެލީމެވެ.

"ބާއި"

އެންމެ ފަހު ފަހަރަށް އަހަރުމެން ބައްދައިލީމެވެ. އެއަށްފަހު އެތެރެއަށް ވަނީމެވެ.

"ލަންޑަން"  ލާނެއް ހިނިތުންވުމަކާއެކު އަހަރެން ބުނެލީމެވެ.

..............

ހީތްރޯ އެއަރޕޯޓް

ލަންޑަން

އެގާރަ ގަޑީރުގެ ދިގު ދަތުރެއް ނިންމާލެވުނުއިރުވެސް އަހަރެންގެ ވަރުބަލިކަމެއް ނެތެވެ. ކަސްޓަމްސް ޗެކިން ނިންމައި އަހަރެންގެ ފޮށި ހިފައިގެން ނިކުތުމާއި ދެމެދުގައި ވަގުތުނެގިއެވެ. އެއަރޕޯޓްތެރެއިން ނިކުމެ ވެހިކަލްއެއް ހޯދުމުގެ މަސައްކަތް ފެށީމެވެ. މާއުނދަގުލަކާއި ނުލައި އެކަން ހަމަޖެހިއްޖެއެވެ.

އަހަރެންގެ އަތުގައި އޮތް އެޑްރެސް ޑްރައިވަރަށް ދިއްކޮށްލީމެވެ.

85އޮކްސްފޯރޑް ސްޓްރީޓް،

ސޯހޯ، ލަންޑަން،ޑަބްލިޔު1ޑީ 2އީޔޫ، ޔޫކޭ

އެޑްރެހަށް ބަލައިލަމުން ޑްރައިވަރ ބޯޖަހައިލިއެވެ. ހަމަ އެވަގުތު އޮމާން މަގުގައި އޭނާގެ ހިތްގައިމު ސްޕީޑްގައި ދުއްވައިލި އެވެ. ކާރުތެރޭގައި ހަމަޖެހިލީމެވެ. މަންޒިލަށް ދިޔުމަށްޓަކައި ވަގުތުނަގާނެތީ އެވެ.

ލަންޑަންއަކީވެސް ދޭތެރެ ދޭތެރެއިން ވާރޭ ވެހިލާ ސިޓީއެކެވެ. އެކަން ހަނދާނަށް ގެނުވީ ބޭރުން ފެންނަމުންދިޔަ މަންޒަރެވެ. ކުޑަ ނަގައިގެން ހިނގާފައިދިޔަ މީހުން ފެނުނީ ވަރަށް ހިތްގައިމު މަންޒަރެއްގެ ގޮތުގައެވެ. ކަޅު، ރަތް، ހުދު، ދަންބު ކުލައާއި ނޫކުލައިގެ ކުޑަތައް އަހަންނަށް ފާހަގަކުރެވުނެވެ. 

ބިލްޑިންގތަކުގެ ފަރުމާކުރުމާއި އެތަންތަނުގެ ޢިމާރާތްކުރުމާއި ކުލައާއި އުމުރާނީ އެތައް ކަންތައްތަކެއް އަހަރުމެންގެ މުޖުތަމައު ތަކާއި ހުރި ތަފާތު އަހަންނަށް އަޅައިކިޔައި ލެވުނެވެ. ތަރައްގީއާއި ތަހުޒީބުގެ ރޮނގުގައި ޒަމާނުއްސުރެން އިންސާނުން ހޯދާފައިވާ ކުރިއެރުންތަކަށް ތަޢުރީފުކުރުމަށް ލަންޑަންގެ މި ހިތްގައުމުކަން ނަމޫނާއަކަށް ބަލަންޖެހެއެވެ.

ދުއްވަމުންދާތާ އެއްގަޑީރާއި ހައެއްކަމިނެޓްފަހުން އަހަރެންގެ ލޮލުގައި އަޅައިގަތީ 'އޮކްސްފޯރޑް ސްޓްރީޓް' ނަމެވެ.

އަހަރެންގެ މައުލޫމާތު ކުށް ނޫންނަމަ ބުނެވޭނީ މިއީ ޔޫރަޕްގެ އެންމެ ކާރޫބާރޫބޮޑު 'ޝޮޕިންގ އޭރިއާ'ގެ ތެރެއިން އެންމެ މަޝްހޫރު އެއް މަންޒިލް ކަމުގައެވެ. އެހެން ސަރަހައްދުތަކާއި ބަލާފައި މިހިސާބުގައި ޓްރެފިކްވެސް ބާރުބޮޑެވެ.

...............

"ދެއަރ ޔޫ ގޯ!"

ޑްރައިވަރުގެ އަޑާއެކު، ފެންނާން ހުރި ގެއަށް އަހަރެން ބަލައިލީމެވެ. މިއީ ވިޔަފާރީގެ ސަރަހައްދާއި ތަންކޮޅެއް ދުރެވެ. އާންމު ހަރަކާތްތައް މަދު، އެކިވަރުގެ ގަސްތަކާއި މާމެލާމެލި ގިނަ ހިސާބެއްގައި ހުރި އާދައިގެ ގެއެކެވެ.

ކާރުން ފައިބައިގެން އައިސް ބެލްޖަހައިލީމެވެ. ނުހަނު ބާރަށް ހިތް ތެޅެނީއެވެ. އުއްމީދުކުރެވި ދުޢާކުރެވެމުންދިޔައީ ގޭގެ ދޮރު މިޒްރާ ހުޅުވާނެ ކަމަށެވެ. މިޒްރާގެ ފެނިގެއްލޭ ކުޅިވަރުގައި ދުވެދުވެ އަހަރެން ވަރުބަލިވެއްޖެއެވެ.

"ޖަސްޓް ދެއަރ"

އެތެރެއިން ބުނެލިއަޑު އިވުނެވެ. ދިހަވަރަކަށް ސިކުންތުގެ ތެރޭގައި އެގޭގެ ދޮރު ހުޅުވިއްޖެއެވެ. ބޯ ބުޅި އަދި މުޅި އިސްތަށިގަނޑު ނުރަވެފައިވާ، އުމުރުން ދުވަސްވީ އަންހެނަކު އަހަރެންގެ ކުރިމަތީގައި ހުއްޓެވެ. އިސްކޮޅުން ކުރު އަތްތިލައާއި މޫނުގައި ރޫ ޖެހިފައި ހުއްޓަސް އެއީ ރީތި އަންހެނެކެވެ.

"ޔެސް؟!" އަހަރެންގެ ހަރަކާތެއް ނެތުމުން އޭނާ ބުނެލިއަޑު އިވުނެވެ.

"އުމްމްމމ... މިޒްރާ..؟!" ޖެހިލުންވެފައި އަހަރެން ސުވާލުކޮށްލީމެވެ.

"އާއްއއ.. ކަމް އޯން އިން.. ޝީ އިޒް ރައިޓް ހިއަރ!" ހިތްހެޔޮކަމާއެކު އަހަންނަށް މަރްޙަބާ ކިޔެވެ.

މިޒްރާގެ ނަމުން ހަތަރު ފަސްވަރަކަށް ފަހަރު ބާރަށް ގޮވައިލިއެވެ. ޚަބަރެއް ނުވުމުން އަހަރެންނާއި ދިމާއަށް އެނބުރުނެވެ.

"އައި'ލް ބީ ބެކް އިން އަ ފިއު.." އެތަނުގައި އަހަރެން އެކަނި ބަހައްޓާފައި އޭނާ ހިގައްޖެއެވެ.

ހަމަޖެހުމުގެ ނޭވާގެ އަޑު މިހައި ގަދަކަމެއް ކުރިއަކު ނޭގެއެވެ. އަހަރެންގެ ނޭވާގެ އަޑަށް ސިއްސައިގެން ދިޔަހެންވެސް ހީވިއެވެ. މިޒްރާ ހޯދަން މިހިސާބަށް އައުމާއިދެމެދު އަހަރެން ކުރި މަސައްކަތް އިނގޭނީ އަހަންނަށެވެ. އަލްޙަމްދު ލިއްލާހިއެވެ. އަހަރެންގެ ސުވާލުތަކުގެ ޖަވާބު، ދެން ގިނައިރެއް ނުވެ ލިބިދާނެއެވެ. އާއެކެވެ! އަހަރެންގެ އިންތިޒާރު މި ނިމުނީއެވެ.

ވަށައިގެން އެ ގޭ ތެރެއަށް ބަލައިލީމެވެ. މުޅިގެ ހަދާފައިވަކީ ލަކުޑި ބޭނުންކޮށްގެންނެވެ. ފުރަތަމަ ފަންގިފިލާއަށް ދިއުމަށްޓަކައި ރީތިކޮށް ފަރުމާކޮށްފައިވާ ސިޑިވެސްވަނީ ލަކުޑިންނެވެ. ފޮތް ހަރުތައް އެކި ދިމަދިމާގައި ވެއެވެ. ރީތިކޮށް ތަރުތީބުކޮށް އަތުރާލައިފައެވެ. ގެ ކިތަންމެ ކުޑަޔަސް ހިތްގައިމުވެފައި ގެ އެއްގެ އިހުސާސް އެބަކުރެވެއެވެ.

އަހަރެންގެ އަގުބޮޑު ގަނޑުވަރުގައި މިހާރުވަނީ އެކަނިވެރިކަމާއި ހިމޭންކަމާއި ފަނޑުކަމެވެ. މިޒްރާ ނިކުތްދުވަހުން ފެށިގެން އެއީ ދިރުމެއް ނެތް ބިނާއެކެވެ.

ފެންނާންހުރި ކުޑަދޮރާއި ގާތަށް ޖެހިލީމެވެ. ހިތްގައިމު މަގުގެ ރީތި މަންޒަރުތައް ކިތަންމެހާވެސް ފުރިހަމައެވެ.

"ކަމް އޯން މިޒްރާ... އިޓްސް ބީން ޑޭސް ނައު!" އަހަރެންގެ ހިތާއި ހިތާއި ކިޔައިލެވުނެވެ.

އެތަނުގައި ހުރި ސޯފާގައި އށީނީމެވެ. ކުރިމަތީގައި ހުރި ކުޑަކުޑަ މޭޒުމަތީގައި އޮތް ވިސިޓިންގ ކާޑެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އޭގެ ކައިރީގައި ކަރުދާސްތަކެއް ހުއްޓެވެ. ހީވާހީވުމަށް އެއީ ޑޮކްޓަރގެ ލިޔުންތަކަކާއި ލެބް ރިޕޯޓްތަކެކެވެ. އެއިގެ ތެރެއިން ކާޑެއް އަހަރެން ނެގީމެވެ.

ލަންޑަން ބްރިޖް ހޮސްޕިޓަލް

މިއީ ކާކުގެ ބޭނުމަށް ބާއްވާފައި އޮތް އެއްޗެއް ބާއެވެ. ފަހަރެއްގައި އުމުރުން ދުވަސްވީ އެ އަންހެން މީހާގެ އެއްޗެއް ކަމަށް ވެދާނެއޭ ހިތައްއެރުމުން އެ ކާޑު އޮތް ތަނުގައި ބާއްވައިލީމެވެ. ހަމަ އެވަގުތު މަޑުމަޑުން ހިނގާލާފައި އަންނަ ފިޔަވަޅުގެ އަޑު އިވުނެވެ. ވަގުތުން އެ ދިމާއަށް ބަލައިލީމެވެ. ލިބުނު ހިތްހަމަޖެހުން ބުނެދޭކަށް ނޭގެއެވެ. ކުރިމަތީގައި ހުރީ މިޒްރާއެވެ.

.....................

އަހަރެން އެ ގެއިން ނިކުތްފަހުން ސަތާރަ ދުވަސް ފާއިތުވެގެން ދިޔައީއެވެ. ހައިރާންވާންޖެހޭ ކަމަކީ އެއްކަމެއްވެސް ބަދަލު ނުވާތީއެވެ. ހުރިހައި އެކުވެރިންނާއެކު އޮތް ގުޅުން އަހަރެން ކަނޑައިލީމެވެ. ޒެއިން، މިންހާލް އަދި ޖޯއި އާއިވެސް އެއްވެސް ގުޅުމެއް ނުބާއްވަމެވެ. މާބޮޑު ސަބަބެއް  އޮވެގެނެއް ނޫނެވެ. ދިވެހިރާއްޖެއާއި އަހަރެންނާއި ދެމެދު އޮތް ހުރިހާ ގުޅުމެއް އަހަރެން ބަންދުކުރީއެވެ. ރާއްޖޭގައި އަހަރެން ހޭދަކުރި އެންމެ ސިކުންތެއްގެ ހަނދާންވެސް ހިތަށް ނުވަތަ ސިކުނޑިއަށް ވިޔަސް ގެންނާކަށް ބޭނުމެއް ނޫނެވެ.

އަހަރެން ބޭނުންވީ ކުޑަމިނުން އަހަރެންގެ ނަންވެސް ނޭގޭ ބަޔަކު އުޅޭ ދުރު ހިސާބަކަށް ދާށެވެ. އަހަރެން ވަރުބަލި ވެއްޖެއެވެ. އެކުވެރިންނެއް އަހަރެން ބޭނުމެއް ނޫނެވެ. ކޮޓަރިއެއްގެ ތެރޭގައި ބަންދުވެގެން އިނުން އެއީ މިހާރު އެންމެ ބޭނުންވާ ގޮތެވެ. އެއްވެސް ކަމެއް ކުރާކަށްވެސް ބޭނުމެއް ނޫނެވެ. ގަޑިން ގަޑިއަށް އަޅުކަން ފުރިހަމަކޮށްލާފައި  ބައެއް ފަހަރު ރޯލާފައި އަނެއްބައި ފަހަރު ކުޑަދޮރުން ބޭރު ބަލައިލާފައި، ޖެހިލައި ފިނިފިނި ވައިރޯޅި އިހްސާސްކުރެވުމުން އަހަރެންގެ ދުވަސް ފުރިހަމަވީއެވެ.

އިރުއޮއްސުމަށްފަހު އަނދިރިކަމާއި އެކަނިވެރިކަމެވެ. އިރުއެރުމާއެކު ކުލައެއް ނުވާ، ދިރުމެއް ނެތް އަލިކަމެވެ

މަޖުބޫރުން ނޫނީ އަހަރެންގެ އެކަނިވެރިކަމުގެ ހާލަތު މީހަކަށް ކިޔައިނުދެމެވެ. ފާއިތުވާ ކޮންމެ ދުވަހަކާއެކު އެކަނިވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެކަން ހައްލުކުރާން ހަދާނެ އެއްގޮތެއްވެސް ނުވިސްނުނެވެ. އަމިއްލަ ނަފުސު ކުއްވެރިނުކުރެވޭ ދުވަހަކަށް އިރެއް ނާރައެވެ. އަހަރެންގެ މިހާލަތުގެ ޒިންމާ ނަގަންޖެހޭ ހަމައެކަނި މީހަކީ އަހަންނެވެ. އެއްކަމެއްވެސް ބަދަލުކުރަން އަހަރެން މަސައްކަތެއް ނުކުރަމެވެ. އަހަންނަށްޓަކައި ދުނިޔެވަނީ ހުއްޓިފައެވެ. އެކަމަކު... މިއަދާއި ހަމައަށެވެ!

-ނުނިމޭ-


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް