ads
ސެކަންޑް ޗާންސް..!؟
(12 އޭޕްރީލް 2024 އާ ގުޅޭ) ސަލާމަތެއް ނެތްކަން އެނގުމުން ސްޓޭޖަށް އަރައި މައިކްގައި ހިފީމެވެ. މުޅި ހޯލް ހަމަހިމޭންވެ، ސްޓޭޖް އޮތީ އަހަރެންނަށް ޓަކައެވެ. ހުރިހައި ލޮލެއް އަމާޒުވެފައިވަނީ އަހަރެންނާއި ދިމާއަށެވެ.

(12 އޭޕްރީލް 2024 އާ ގުޅޭ) ސަލާމަތެއް ނެތްކަން އެނގުމުން ސްޓޭޖަށް އަރައި މައިކްގައި ހިފީމެވެ. މުޅި ހޯލް ހަމަހިމޭންވެ، ސްޓޭޖް އޮތީ އަހަރެންނަށް ޓަކައެވެ. ހުރިހައި ލޮލެއް އަމާޒުވެފައިވަނީ އަހަރެންނާއި ދިމާއަށެވެ.

ބުނާނެ އެއްވެސް އެއްޗެއް ސިކުނޑިއަކު ނެތެވެ. ދައްކާނެ ވާހަކައެއް ދުލަކު ނެތެވެ. ކުއްލިޔަކަށްފެނުނީ ދޮރެއްގައި ލެނގިލައިގެން އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުރި މިޒްރާއެވެ.

ހިންދެމިލުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދޫ ފަސޭހަވެ ބޮލަށް ލުއި ވެއްޖެއެވެ. ދައްކާނެ ވާހަކައެއް ނޭގުނަސް ހިތްހަމަޖެހިގެން މައިކް އަތަށް ހެޔޮވަރު ކޮށްލީމެވެ.

"އަހަރެންގެ ބައެއް ވާހަކަތައް މިރޭ އެކުވެރިންނާއި ހިއްސާކޮށްލާނަން.." އަހަރެން ފެށީމެވެ. އެ ދެ ލޮލަށް ނޫނީ ނުބަލަމެވެ. އެހެން ދިމާއަކަށް ބަލާކަށް ބޭނުމެއްވެސް ނޫނެވެ. އެސްފިޔަ ޖަހައިލިޔަސް ލޯކުރިމަތީން ގެއްލިދާނެ ކަމުގެ ބިރަށް ޓަކައެވެ.

"މީގެ މަހެއްހާ ދުވަސްކުރީން މީހަކު އަހަރެންނާއި ދިމާއަށް ބުނީ.. ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި މީހަކާ ބައްދަލުވެ، އެމީހަކު އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލާނެޔޭ! ހަގީގަތުގައި އޭގެ މާނައެއް އޭރަކު އަހަންނަކަށް ނޭގުނު.. އަދިވެސް އޭގެ މާނަ އަހަންނަށް ނޭގެނީކަމަށް ފަހަރެއްގައި ވެދާނެ.. ނުވަތަ ދަސްނުވަނީ ކަމަށްވެސް ވެދާނެ! އެކަމަކު.. ދެން، އަހަރެންގެ ހަޔާތަށް އައީ ޠޫފާނެއް ކަހަލަ އަންހެން ކުއްޖެއް..! އެއީ.. އެއީ ބޮޑު ބޮލު ރިހުމެއް ކަމުގައި ދެކުނިން...! ކޮންމެއަކަސް އެއީ އަހަރެން ދެކެމުން އައިގޮތް..! ބަޓް.. ވަން ފައިން ޑޭ، ކައިވެނީގެ ހެދުން އަޅައިގެން އެދުވަހު އޭނާ ހުރީ، އަހަރެންނާއެކު އަހަރެން އަންބެއްގެ ގޮތުގައި! އެހިސާބުން ފެށިގެން ހުރިހައި ކަމެއް.. ހުރިހައިކަމެއް ބަދަލުވެ ނިމިއްޖެ! ބުނެދޭން ނޭގޭ އާދަޔާޚިލާފު އެތައް ކަމެއް އޭނާގެ ކިބައިން ދިޔައީ ފެންނަމުން..

އޭނާގެ ހިތްވަރާއި ހުނަރާއި ކުޅަދާނަކަމާއި މަސައްކަތްތަކަށް ބަހައްޓާ ޝައުގުވެރިކަމާއި، ތެދުވެރިކަމުގެ ސިފަތައް..! އޭނާގެ މިޒާޖާއި މިފަދަ ހުނަރުތައް، ތިޔައިގެ ތެރެއިން ކޮންމެ މީހަކުވެސް އެނާގެ ކިބައިން ދަސްކުރުން އަހަރެން އެދެން.. އެނާ ވާހަކަ ދައްކަމުންދާއިރު،  ހުއްޓުވުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން.. އެއީ އޭނަގެ ދުލުން ބޭރުކުރާ ކޮންމެ ލަފްޒެއް ނުވަތަ ކޮންމެ ޢިބާރާތެއްގައި އޮއްޓަރާއި ބަރުދަނެއް ހުންނާނެ.. ވަށައިގެން ހިނގާ ކޮންމެ ކަމެއް ހުނަރުވެރިކަމާއެކު އޭނާ ދެނެގަންނާނެ.. އެއަށްވުރެން އޯގާތެރި ހިތްހެޔޮ އިންސާނަކު އަހަރެންގެ ހަޔާތުގައި ދުވަހަކުވެސް ނުދެކެން...

އޭނާގެ ފުރަގަހުން ގަދަ އަލިފާން ރޯވެފައި ހުއްޓައިވެސް މީހަކު އޭނާއަށް ގޮވައިލައިފިނަމަ ޖަވާބުގައި ހިނިތުންވާނެ... އެއީ އެންމެ މައުސޫމް، އެންމެ ހިއްގައިމު، ކޮންމެ ރިހުމަކަށް ފަރުވާއެއްކަމުގައި ފުދޭނެ ލުއި ހިނިތުންވުމެއް.. އޭނާގެ ކުރިމައްޗަށް ހުއްޓި އެ ދެ ލޮލަށް ބަލައިލައިފިނަމަ، އެމީހެއްގެ ނޭވާ ފުރިހަމަޔަށް ހިނގާތޯ އަމިއްލައަށް ޗެކްކޮށްނުލައި ކެތްނުކުރެވޭނެ..

މި ދަންނަވަނީ އެއީ ހުރިހައިކަމެއް ފުރިހަމަ އިންސާނެކޭ ނޫން.. އެކަމަކު......"

ހައިރާންވެ އަންތަރީސް ވެއްޖެއެވެ. މިވަރު ތަޢުރީފެއް މިޒްރާއަށް ކުރަމުންމިދަނީ އަހަރެން އިޚްތިޔާރަކާ ނުލައެވެ. މިހުރިހައި ވާހަކައެއް މިދެކެވެނީ ކީއްވެ ކަމެއް ނޭގެއެވެ. އެކަމަކު ހީވާހީވުމަށް މުޅި ހަފްލާ ހަމަހިމޭން ވެފައިވަނީ އަހަރެންގެ މިވާހަކަ މިގޮތަށް އަޑުއެހުމަށް އެމީހުން ބޭނުންވެގެންނެވެ. މިހިސާބަށް އައިއިރު ޔަގީންކަމާއެކު ހިތް ބުނަމުން ދިޔައެވެ. ފަހަރެއްގައި، ފަހަރެއްގައި އަހަރެންގެ ކޮންމެ ލަފްޒަކީ ނުވަތަ ޢިބާރާތަކީ ތެދު ހަގީގަތެވެ. ލޯ ކުރިމަތީން މަންޒަރުތައް ފެންނަމުން ދިޔައިރުވެސް އެ މަންޒަރުތައް ނުފެންނަ ހަމައެކަނި މީހަކީ އަހަރެންނެވެ!

އިތުރަށް ވާހަކަ ދައްކަން ފެށުމުގެ ކުރީން، ސްޓޭޖަށް ނަޒަރު ހުއްޓިފައިވާ މޫނުތަކަށް އަހަރެން ބަލައިލީމެވެ.

ޝީ އިޒް ޕަރފެކްޓް އިން އެން އިންޕަރފެކްޓް ވޭ!" މިޒްރާއާއި ހަތަރުކަޅި ހަމަކޮށްލުމުގެ ބޭނުމުގައި އެދިމާއަށް ބަލައިލީމެވެ.

އެކަމަކު... މިޒްރާއެއް ނެތެވެ. އަނެއްކާވެސް ގެއްލުނީއެވެ. މުޅި ސަރަހައްދު ފެންނަގޮތަށް ހަދާފައިވާ ސްޓޭޖްމަތީގައި ހުރެ، އަވަސް ނަޒަރަކުން އަހަރެން މިޒްރާ ފެނޭތޯ ބެލީމެވެ. އެކަމަކު އެއްވެސް ދިމާއެއްގައި އޭނާއެއް ނެތެވެ. އަހަރެންގެ ދެ އަތް ދާހިއްލަން ފެށިއެވެ. ނިއްކުރިން ދާތިކިތައް ބޮކިޖަހަން ފެށިއެވެ. އަޑު  ތުރުތުރު އަޅާން ފެށިއެވެ.

"އައި.. އައި ޖަސްޓް ނީޑް ޓު ގޯ!" މައިކުން ބުނެލުމަށްފަހު އަވަސްއަވަހަށް އަހަރެން ސްޓޭޖުން ފޭބީމެވެ.

މިޒްރާ އަހަންނާއި ދުރަށްގޮސް މި ފިލަނީ ކީއްވެހެއްޔެވެ؟

ހޯލް ތެރެއިން ނިކުމެ އެތަން މިތަން ހޯދީމެވެ. އެ ޖަވާބުތަކަށް ފިލަން މިޒްރާ މަސައްކަތް މިކުރަނީ ކީއްވެ ހެއްޔެވެ.؟ އެކަމަކު ކޮންމެ ގޮތެއް ހަދާފައިވެސް އަހަރެންގެ ސުވާލުތަކަށް ޖަވާބު ހޯދާނަމެވެ.

...............

ނާދިފް ކައިރީން ސަލާމަތްވެގެން އަހަރެން އަވަހަށް ދިޔައީ ބަޤްޝޫރާ މެޑަމްއާއި ބައްދަލުކުރާށެވެ.

"މެޑަމް.." މަޑުމަޑުން އަހަރެން ގޮވައިލީމެވެ. ހަމަ އެވަގުތު އަހަރެން ގައިގައި މެޑަމް ބައްދައިލިއެވެ. ދެމީހުންވެސް، ލޮލުގައި އެއްވެފައިވާ ކަރުނަތަކަށް ނިމުމެއް ގެނެވޭތޯ ރުއީމެވެ. ބައެއް ހާލަތްތަކުގައި ރުމަކީ ފަރުވާއެކޭ ބުނާއަޑު އިވޭތީއެވެ.

"ތޭންކް ޔޫ ފޯ އެވްރިތިންގ" އަހަރެން ޝުކުރު އަދާކުރުމުން، ކުރިއަށްވުރެންވެސް ބާރަށް މެޑަމް ރުއެވެ. އަހަރެންގެ ބުރަކަށީގައި ފިރުމަމުން ހިތްވަރު ދިނެވެ.

"މިތަނުގެ ހުރިހައި ދޮރެއް އަދިވެސް، މިހާރުވެސް، ފަހުންވެސް މިޒްރާއަށްޓަކައި ހުންނާނީ ހުޅުވާފައި.." ރޮމުން ބުނެލި އެވެ. އަހަރެންގެ ދުލުން ބޭރުނުވާ ލަފްޒްތައްވެސް މެޑަމް ދެނެގަންނަކަން މިރޭ އިހްސާސްވެއްޖެއެވެ.

މެޑަމްއާއި ދުރަށްޖެހިލީ ޖޯއިއަށް ގުޅަންވެގެންނެވެ.

އަހަރެން ގެންގޮސްދޭނެކަމަށް ޖޯއިއޮތީ ބުނެފައެވެ. ކަންތައް ކުރަންވީގޮތް ދެމީހުން މަޝްވަރާކޮށްފައި އެނބުރެލިއިރު ނާދިފްހުރީ ސްޓޭޖްގައެވެ.

ދޮރުގައި ލެނގިލައިގެން ސްޓޭޖަށް ކުރިމަތިވާގޮތަށް ހުއްޓެލީމެވެ. ގިނައިރެއްނުވެ ދެމީހުންގެ ހަތަރުކަޅި ހަމަވެއްޖެއެވެ. ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އަހަރެން ހުއްޓުވާލީމެވެ. ސާފުކޮށް ނާދިފް ދެކިލުމަށްޓަކަ އެވެ.

މި ރީތި ފިރިހެނާއަށްޓަކައި އަހަރެންގެ ހިތް ލެނބި ނިމިއްޖެއެވެ. އެހެން މީހަކަށް މިހިތުގައި ހަނި ޖާގައެއްވެސް ނެތެވެ. ޚުދު އަހަރެންގެ ބާރެއްވެސް މިހިތުގައި ނެތެވެ. އިތުރަށް ކުދިކުދިވާނެ ހިތްވަރެއް ދެން ނެތެވެ. މި އިހްސާސާއެކު މިކަމުގެ ތެރެއިން މިންޖުވުން ނޫން ގޮތެއް ނެތެވެ.

އަހަރެންނާއި ބެހޭގޮތުން ނާދިފް ދެއްކި ބައެއް ވާހަކަތައް  އަޑުއެހީމެވެ. ހަގީގަތަކީ އެވާހަކަތަކުގެ ބޭނުމެއް މިވަގުތުގައި ނެތް ކަމެވެ. ގޮތް ނިންމައިފީމެވެ. އިންތިޒާރުކުރަމުން މިދަނީ ރަގަޅު ވަގުތަކަށެވެ.

ނާދިފްގެ ނަޒަރު އެހެން މިސްރާބަކަށް އަނބުރައިލި ވަގުތު އަހަރެން އެތަނުން ނިކުތީމެވެ.

...............

ފަހު ފަހަރަށް، ނާދިފްގެ ގެއަށް  ވަނީމެވެ. މިއީ އަހަރެންގެ ގެއެއް ކަމަށް ދުވަހަކުވެސް ނުބުނަމެވެ. އެގޮތަށް ނުވެސް ދެކެމެވެ. އަހަރެންގެ ގެއަކަށް މި ގެ ދުވަހަކުވެސް ނުވާނެކަން އިނގޭތީއެވެ.

އަހަރެންގެ ލޮލުން ކަރުނަ ހިލުވާލިއެވެ. ކަރުނަ ހުއްޓުވާކަން މިރޭ މަސައްކަތެއްވެސް ނުކުރާނަމެވެ. މިއީ ކަރުނައިން މިންޖު ވާންޖެހޭ ވަގުތެވެ.

އިތުރަށް ވަގުތު ބޭކާރުނުކޮށް އަހަރެންގެ ކޮޓަރިއަށް ގޮސް އެއްޗެހި ހިފައިގެން އައީމެވެ.

ވަރީގެ މުއާމަލާތް ތަކާއިބެހޭ ހުރިހައި ލިޔެކިޔުންތަކާއެކު ނާދިފްއަށް އެޑްރެސްކޮށްފައި ސިޓީއެއް ކާމޭޒުމަތީގައި ބޭއްވީމެވެ. މިއީ ނާދިފް ބޭނުންވި ގޮތެވެ. އަހަރެންގެ ބޭނުމަކީ ނާދިފް އުފަލުގައި ހުރުމެވެ. 

ގޭތެރޭގެ ހުރިހައި ދިމާއަކަށް ބަލައިލީމެވެ. ނާދިފްގެ ކޮޓަރިއަށް ބަލައިލެވުނު ވަގުތު ފޮށީގައި ބާރަށް ހިފަހައްޓައިލެވުނެވެ. ހުރިހައި ހިތްދަތިކަމެއް ނިމުމަކަށް ގެންނާން ބޭނުންވިއެވެ. އެވަގުތު އަހަރެންގެ ނަމުން ގޮވައިލިއަޑު އިވުނެވެ.

މުޅިހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ. އަހަރެން ދިއުމުގެ ކުރީން ދެކެން އެންމެ ބޭނުންނުވި ހަމައެކަނި ސޫރައަކީ އެއީއެވެ.

"ނާދިފް"

"މިޒްރާ!!" އަހަންނަށް ގޮވައިލިއެވެ. ހުރިފިޔަވަޅުމަތީގައި ހުރެވުނީ އެވެ.

އޭނާއަށް ބަލައިލާނެ ހިތްވަރެއް އަހަރެން ގަޔަކު ނެތެވެ. އަވަސް އަވަހަށް މޫނާއި ދެ ލޯފޮހެލީމެވެ. ހަމަޖެހިލުމުގެ ނޭވާއެއް ލެވޭތޯ މަސައްކަތްކުރީމެވެ. އެވަގުތު އަހަރެންގެ ކުރިމަތީގައި ނާދިފް ހުއްޓުނެވެ.

"އަހަރެން ކައިރީގައި ބުނެވެސްނުލައި ކުއްލިޔަކަށް އެތަނުން ތި އައީ ކީއްވެ؟" ހިތްހަމަނުޖެހިފައި ނާދިފް ސުވާލުކުރިއެވެ.

އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟

"އަހަރެން މިޒްރާގާތުން ސުވާލެއް ކޮށްފިން.." އަހަރެންގެ ކޮނޑުގައި ހިފާފައި މަޑުމަޑުން ތަޅުވާލިވަގުތު އަތުން ދޫވެގެން ފޮށި ވެއްޓުނެވެ.

"އަހަރެން.."

"މިއީ..؟ މި ފޮށި ހިފައިގެން ކޮންތާކަށް ތި ދަނީ؟" ވެއްޓިފައި އޮތް ފޮއްޓަށް ބަލައިލަމުން ހައިރާންވެފައި ސުވާލުކުރިއެވެ.

"އައި.. އައި އެމް ލީވިންގ" ފައިބަމުން ދިޔަ ކަރުނައިގެ ތެރެއިން ބުނީމެވެ.

"މިޒްރާ.. ލިސެންޓް މީ!"

"އައި.. އައި ހޭވް ޓު ގޯ" ނާދިފްގެ އަތުގެ ތެރެއިން ނިކުމެ އަހަރެން ބުނީމެވެ.

"މިޒްރާ!!" އަނެއްކާވެސް އަހަރެން އަތުގައި ހިފާފައި އެނާއާއި ގާތްކޮށްލިއެވެ. އެއްއަތުން އުނގަނޑުގައި ބައްދާލާފައި އަނެއް އަތުން އަހަރެންގެ ކަރުނަ ފޮހެލައިދިނެވެ.

ސީދާ އަހަރެންގެ މޫނަށް ބަލަމުން ދިޔައެވެ. ހިނދުކޮޅަކަށްވެސް އެހެން މިސްރާބަކަށް، އޭނާގެ ނަޒަރު އަނބުރައި ނުލައެވެ. މޫނުމައްޗަށް އަމާޒުވެފައިވާ އިސްތަށިތައް ކަންފަތް ކައިރިއަށް ލައްވާލިއެވެ. ނާދިފްގެ މިފަދަ ކުދިކުދި، އެކަމަކު ލޮބުވެތި ހަރަކާތްތަކުން އަހަރެންގެ ހިތަށް ވަމުންދާ ގޮތްތައް އޭނާއަށް ނޭގެނީބާއެވެ. ކޮންމެ ބީހިލުމަކުން އަހަރެންގެ މި ހަށިގަނޑުގައި ޖަހައިލާ ވިންދުގެ ބާރުމިން އޭނާއަށް އިނގޭނެނަމައެވެ.

"ޑޯންޓް ލީވް މީ" އެންމެ ފަހުން އެ ޢިބާރާތް ނާދިފް ބުނެފިއެވެ.

ސީދާ އަހަރެންގެ ލޮލަށް ބަލަމުންނެވެ. އަޑުއަހަން އެންމެ ބޭނުންވި ހުށަހެޅުމަކީ މިއެވެ! އަޑުގައި ހުރި ބާރެއްލާފައި އުފާފާޅުކުރުމަށް އަހަރެން ބޭނުންވިއެވެ. އެއިގެ ކުރިން އަހަރެން ގެންގޮސް ނާދިފްގެ އަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. ކޮންމެ ކަށިކޮޅެއް ބިނދި ކުދިކުދިވާހައި ބާރުގަދަ ހިފަހައްޓައިލުމެވެ.

ހޫނު ހަށިގަނޑުގެ އަރާމުން އަހަރެންގެ ބަނޑުތެރޭގައި، އެއްފަހަރާ ހާހެއްހައި ކޮކާ ފިޔަޖަހަމުން ދިޔަހެން ހީވެއެވެ. އެއްވެސް ހިތާމައެއް ހިއްދަތިކަމެއް އިހުސާސެއް ނުވިއެވެ. ލިބެމުންދިޔައީ ހިތްހަމަޖެހުމެވެ. ބުނެދޭންވެސް ނޭގޭހައި އުފަލެވެ. ކުރުކުރު އެ ޖުމުލަ އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެކަމަކު.....

"މިޒްރާ"

ޚިޔާލްގެ ރާޅު ގޮންޑުދޮށަށް ބިންދާލައިފިއެވެ. ހުވަފެނުން ހޭލެވި ދުނިޔެއަށް  ލޯ ހުޅުވައިލެވުނެވެ. ދޮރުމަތީގައި ހުރީ ޖޯއިއެވެ. އަތުގައި އޮތް ގަޑި ދައްކައިލީ ކީއްވެކަން އަހަންނަށް އެގެއެވެ. ފެނުނު ހުވަފެން ކިތަންމެހާވެސް އުފާވެރިއެވެ.

ކަރުނަ ފޮހެލަމުން ބޭރަށް ނިކުތީމެވެ. އެންމެ ފަހު ފަހަރަށް އެގޭގެ ދޮރު އަހަރެން ލައްޕައިލީމެވެ. އަދި ފަސްއެނބުރުމުގެ ކުރީން ދޮރުގައި ފިރުމާލީމެވެ.

'އަހަންނަކީ ތިބާގެ ފަރުވާއެވެ،

      އަހަރެންގެ ބައްޔަކީ ތިބާއެވެ.


އަހަރެން ތިބާ ސަލާމަތްކޮށް ދިނީމެވެ،

     މި ނަފުސުގެ ދިރުން ނެތިކޮށްލީ ތިބާއެވެ.'

..................

މުޅި އޮފީސް ހޯދީމެވެ. އެނާގެ ކެބިން، ފާޚާނާތައް، ޕާކިންއާއި ދެންވެސް ހުރިއްޔާ ހުރިތަނެއް ބެލީމެވެ.  މިޒްރާއެއް ނެތެވެ. ވީ އެންމެ އަވަހަކަށް ގެއާއި ދިމާއަށް މިސްރާބު ޖެހީމެވެ.

ގޭގެ ދޮރުހުޅުވާފައި އެތެރެއަށް ދުއްވައިގަތީމެވެ. މިޒްރާގެ ކޮޓަރި ދޮރު ހުރީ ހުޅުވާފައެވެ. ހަމަޖެހުމުގެ ނޭވާއެއް ނިކުތީ އެހިސާބުންނެވެ. ކޮޓަރި ހުޅުވާފައި ހުރިއްޔާ އޭނާ އުޅޭނީ އެތާއެވެ. ގޭތެރޭގެ ބޮކިވެސް ހުރީ ދިއްލާފައެވެ. ކުއްލިޔަކަށް ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް ސިޓީއުރައެވެ. އަދި އެއާއެކު ފައްޖަހާލައިފައިވާ ކަރުދާހެކެވެ. އެ ނަގާފައި އަހަރެން ބަލައިލީމެވެ. އޭގައި އޮތީ އަހަރެންގެ ނަމެވެ.

"ނާދިފް"

މިއީ އަހަރެންގެ ސިކުނޑި ގޮއްވާލާނެ ހަތިޔާރެއްކަން އެނގިހުރެ ފައްޖަހާލާފައިވާ ކަރުދާސްގަނޑު ނަގައި ހުޅުވާލީމެވެ.

"ނާދިފް"

އަހަރުމެން ދެމީހުންނަނީ ދުނިޔޭގެ ދެ ބައްރުފަދަ ތަފާތު ދެމީހުންކަމާއި، ދެމީހުންގެ އެއްގޮތް އެއްވެސް ކަމެއް ނެތުމުން ދުވަހަކުވެސް އެކުގައި ނޫޅެވޭނެކަމަށް ނާދިފް ބުނި ހަނދާން އެބަހުރިތަ؟ އެދުވަސް އަހަރެންގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ. މިއަދު އަހަރެން އެކަން ގަބޫލުވެސް ކޮށްފީމެވެ. އަހަރުމެން ދެމީހުން ހަގީގަތުގައިވެސް ވަރަށް ތަފާތެވެ. އަމިއްލަ އިޚްތިޔާރެއް ނެތް ކަންކަން، ވާނެގޮތަކަށް ވާން ދޫކޮށްލުމަށް ވުރެން ރަގަޅު ގޮތެއް ނެތްކަންވެސް އަހަރެން ގަބޫލުކުރަމެވެ. މިހުރިހައި ކަމެއް ރަގަޅުކުރެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެކަމަކު ހުރިހައި ކަމެއް މާޒީއަށް ދޫކޮށްލާފައި މިއަދު އަހަރެން މިދަނީ، ނާދިފްގެ މިނިވަންކަމާއި އުފާވެރިކަން ނާދިފްއަށް ދީފައެވެ.

ހަމަނުޖެހުމާއި، ނާއުއްމީދާއި އަމިއްލަ ނަފުސު ކުއްވެރިކުރެވި މާޔޫސްވުން ނިމުނީއެވެ. އަހަރެން އުއްމީދުކުރަނީ، އަދި އަބަދުގެ ދުޢާއަކީވެސް އުފާވެރި އަމާން ހިތްހަމަޖެހޭ ދިރިއުޅުމެއް ނާދިފްއަށް މިންވަރު ކުރެއްވުމެވެ. އަހަރެން އެނބުރި ދިއުމާއެކު ނާދިފްގެ އުފާވެރިކަން އަލުން ލިބުނީ ކަމަށް އުއްމީދު ކުރަމެވެ. އަހަރެންނަށް ކުރެވިފައިވާ ހުރިހައި ކުށަކަށް މަޢާފަށް އެދެމެވެ. އެއްވެސް މީހަކަށް ދެރައެއް ލިބުމަކަށް  ދުވަހަކުވެސް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ހުރިހައި ކަމެއް އަތްދަށުން ބީވެގެން ދިޔައީއެވެ.

އެކަމަކު މިއަދު ހަގީގަތެއް ހާމަކޮށްލައިދޭން ބޭނުމެވެ. ފަހަރެއްގައި މިކަމާއި ނާދިފް ހިނި އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ނާދިފް! އަހަންނަށް ނާދިފްދެކެ ލޯބި ވެވިއްޖެއެވެ. އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކު މި އިހްސާސްދިޔައީ ބާރުގަދަވެ، އިތުރުވަމުންނެވެ. ނާދިފްގެ ފަރާތުން މީގެ ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ނުވަތަ އެއްވެސް ކަމެއް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ދެކެ ނާދިފް ލޯބިވުމަކަށް އަހަރެން ނޭދެމެވެ. ނާދިފް ބުނިފަދައިން "ޕެރަލެލް ލައިންސް" އެއް މިސްރާބަކަށް ދަތުރެއް ނުކުރާނެއެވެ. މި ދެމެދުގެ ތަފާތުކަމާއިއެކު އެންމެ ރަގަޅު ގޮތަކީ، މި ދިރިއުޅުމުން އަހަރެން ދުރަށް ދިއުމެވެ. ބައެއް ހާލަތްތަކުގައި ފަސްއެނބުރި ދިއުމަކީވެސް ހައްލެކެވެ.

އެއްވެސް ކަމެއްގައި ނާދިފް ބަދުނާމުކޮށް އިލްޒާމެއް އެޅުވުމުގެ ކުޑަވެސް މަޤްޞަދެއް ނެތެވެ. މިދިރިއުޅުމުގެ ހުރިހައި ކަމަކުން އެއްކިބައިވާން ދުވެދުވެ، އަހަރެން ވަރުބަލިވެއްޖެ އެވެ.

އަހަރުމެން ދެމީހުންގެ ގުޅުމުގެ ނިމުން އައީއެވެ. ތަޤްދީރުގައި ހަމަޖެހިފައިވާނަމަ، ކޮންމެވެސް ދުވަހަކުން އަދި ބައްދަލުވާނެއެވެ. އެދުވަހެއް އަންނާންދެން ވަރަށް އިޙްތިރާމާއެކު ވަކިވެލަނީ އެވެ.

ވައްސަލާމް ޢަލައިކުމް

އަބަދުވެސް ހެޔޮއެދޭ

މިޒްރާ

ނޯޓް: ވަރީގެ ކަންކަން މުޅިން ނިންމާލުމަށްޓަކައި އަހަރެންގެ ވަކީލް ޝެނާޔާއަށް ގުޅާލާށެވެ. ހުރިހައިކަމެއް ހުންނާނީ ތައްޔާރަށެވެ.

ފޯނު ނަމްބަރ:*******

ޝީ ލެފްޓް!

.................

އެނދުގައި އިށީނީމެވެ. އަދިވެސް އަހަރެން އަތުގައި މިއޮތީ އެ ސިޓީއެވެ. ތަކުރާރުކޮށް ސިޓީ ކިޔުނީ ކިތައް ފަހަރުކަމެއް ނޭގެއެވެ. އެއާއެކު އޮތް ބޮޑު ސިޓީއުރަ އަހަރެން އަތުގައި މި އޮތީއެވެ. އަދިވެސް ނުހުޅުވަމެވެ.

އަހަރެން ބިރުން ބާއެވެ! އެނދުގައި އޮށޯތީމެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް