ads
ސެކަންޑް ޗާންސް..!؟
(11 އޭޕްރީލް 2024 އާ ގުޅޭ) ހަށިގަނޑުގެ ކޮންމެ ވަނާއެއް އެންމެ ފުރިހަމައަށް ހާމަވެއެވެ. ކަކުލުން މައްޗަށް އިންޗިއެއްހާ ތަން ފެންނަން ހުއްޓެވެ. ގައިގެ ބައްޓަމަށް ފަރުމާކޮށްލާފައިވާ ހުދުކުލައިގެ އެ ހެދުމުގައި މިޒްރާ ފެންނަނީ ޕަރީއެއް ފަދައިންނެވެ. އޭނާގެ ހެދުން އެޅުމުގެ ފުރިހަމަކަމަށް ތަޢުރީފު ނުކުރާ މުވައްޒަފަކު އޮފީހުގައިވެސް ނޫޅޭކަން ޖޯއިގެ ފަރާތުން ވަނީ އެނގިފަ އެވެ. މިރޭ އެކަމަށް އަހަރެންގެ ލޮލުން ބޮލުން އެއްބަސްވަމެވެ. ސްނީކަރސްގައި އޭނާ އެހުރީ ފައިގައި ބޭންޑޭޖް ކޮށްފައި އޮތުމުންކަން ޔަގީނެވެ.

އުނގަނޑާއި ދިމާއިން ގައިފެންނަ ގޮތަށް ކޮންމެވެސް ވަރެއްގެ ޑިޒައިނެއް ހެނދުމުގައި އިނީތީ އެތަނަށް ބަލައިލެވުނެވެ. ހެދުން ޑިޒައިންކުރި މީހަކަށް ސިކުނޑި ތެރޭގައި ކުދިކިޔައިލީމެވެ. މިޒްރާގެ ހަށިގަނޑުން އެއްވެސް މިންވަރެއް އެހެން އެއްވެސް މީހެއްގެ ސަމާލުކަމަށް އައުމަކަށް އަހަރެން ނޭދެމެވެ. އާންމުކޮށް އެއްވެސް ވަރަކަށް މޭކަޕް ބޭނުން ނުކުރިއަސް، މިރޭ ކޮންމެވެސް ވަރަކަށް މޭކަޕް ބޭނުންކޮށްފައި ވެއެވެ. ދުލަކުން ބަޔާންނުކުރެވޭ ވަރުގެ ރީތި ކަޅު އެސްފިޔަތަކާއި ލޮލުގެ ކައިރީގައި ދަމާލާފައިވާ އައިލައިނަރގެ އަސަރު ފިރިހެނެއްގެ ހިތް ފަތަހަކޮށްލުމަށް ސިކުންތެއްވެސް ނުނަގާނެ އެވެ. ތުންފަތުގައިވާ މަޑުމަޑު ފިޔާތޮށިކުލަ ފެނުމުން އަހަރެންނަށް ހިންދިރުވައި ލެވުނެވެ.

އަހަންނަށް ކަމުނުދިޔައީ އެންމެ ކަމެކެވެ. ކަނދުރާއާއި ކަންފަތް ކައިރިއަށް ބައެއް އިސްތަށިތައް ވައްޓާލާފައި ވިޔަސް، އިސްތަށިގަނޑުވަނީ ލުއިގޮތަކަށް ހުޅިޖަހައިލާފަ އެވެ. 

"ނާދިފް"

ތަފްސީލްކޮށް ވަކިވަކި ގުނަވަންތަކަށް ނަޒަރު ހިންގުން މަޑުޖައްސައިލާފައި އަހަރެން މިޒްރާއާއި ގާތްވެލީމެވެ. ކުރެވެން މިއުޅެނީ ކިހާވަރެއްގެ، ކީއްކަމެއް ނޭގެއެވެ. އަހަރެންގެ ހިތުގައި ޖަހަމުންދަނީ މުޅިންއާ ވިންދެކެވެ. ބާރަށް ހިތް ތެޅޭއަޑު އިވެއެވެ. ވަކިވަކި ގުނަވަންތަކުގައި ފާހަގަކުރެވޭ ވަރަށް ވިންދުޖަހައިލިއެވެ. މިހާ ބާރުގަދަ ގޮތްތަކެއް މި ނޫނީ ދުވަހަކުވެސް އިހްސާސެއް ނުވެއެވެ. ވަމުން މިދާ ގޮތްތަކަށް އަހަރެންގެ ހިތުގެ އެންމެ ފުނުން ލޯބިކުރަމެވެ. ލިބެމުންދަނީ ބުނެދޭން ނޭގޭ އަރާމެކެވެ. އަމިއްލަ ނަފުސުގެ ކޮންޓްރޯލެއް ނެތެވެ. ސިކުނޑީގެ މައްޗަށް ހިތް، ބާރުގަދަ ކޮށްފިއެވެ. އޭނާގެ ހަށިގަނޑާއި އަހަރެންގެ ދެ ލޯ ވަކިނުވެއެވެ. ކޮންމެ ދުވަހަކު މިފަދައިން މިޒްރާ ހެދުން ނާޅަނީ ކީއްވެބާ އެވެ. 

މިޒްރާގެ މޫނާއި ލޮލުން ފެންނަމުންދިޔަ އަސަރުތައް އަހަންނަކަށް ނުވިސްނެއެވެ. އޭނާއާއި އަހަރެން ގާތްވަމުން ދިޔަވަރަކަށް އެ އަސަރުތައް ދިޔައީ ބަދަލުވަމުންނެވެ. މިޒްރާއާއި ދިމާއަށް ދުވަހަކުވެސް އަހަރެން ހީނުލާފަދަ ލާނެއް ހިނިތުންވުމަކާއެކު ގާތްވަމުން ދިޔައީމެވެ. 

ކޮންމެވެސް އެއްޗެއް ބުނުމަށް އޭނާގެ ތުންފަތް ހަރަކާތް ކޮށްލާން މަސައްކަތް ކުރިއެވެ. އޭގެކުރީން އޭނާގެ އުނަގަނޑުގައި ދެފަރާތުން ހިފަހައްޓާފައި ކުއްލިޔަކަށް އަހަރެން ގައިގައި ތަތްކޮށްލީމެވެ. ދެމީހުންގެ ނަޒަރު އެކަކު އަނެކެއްގެ ލޮލާއި ވަކިނުވެއެވެ. ހިއްސުތަކުގައި ރޯވަމުންދިޔަ ހުޅުގަނޑަށް ތެޔޮއެޅެމުން ދިޔަކަން އިގެއެވެ. މިފަދަ އަސަރުގަދަ ދެ ލޮލެއް ދުވަހަކުވެސް އަހަރެން ނުދެކެމެވެ. 

"ނާދިފް"

ހުވަފެނީ ގޮތަކަށް އަހަރެންގެ ނަމުން ގޮވައިލިއެވެ. އޭނާގެ އަތް އަހަރެންގެ މޭމަތީ ވާތްފަރާތުގައި ބާއްވާލިއެވެ. އަމިއްލަ ނަމުގެ ޚާއްޞަކަން އެއީ ހަމައެކަނި މިޒްރާއަށް ކޮޕީރައިޓްސް އޮންނަ އެއްޗެއް ބާއެވެ. އެހެންމީހަކު ގޮވައިލުމަކުން މިފަދަ ޖަޒްބާތީ އަސަރުތަކެއް ލޭނާރުތަކަކަށް ނުކުރެއެވެ. އުތުރި އަރަމުންދާ ޖަޒްބާތުގެ ހުރިހައި ކޮންޓްރޯލެއް ގެއްލެނީއެވެ. 

"ނާދިފް.. ކީއް.. ތި.. ކު - -" ކުރިއަށްވުރެންވެސް އަސަރުގަދަ ގޮވައިލުމެކެވެ.

"ޝްޝްޝް"

އޭނާގެ ތުންފަތުގައި އަހަރެންގެ އިނގިލި ބާއްވައިލީމެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނުމަށް އެދިއެވެ. ކުރިއަށް ވުރެންވެސް ގާތްކޮށް، އަހަރެންގެ މޭގައި ފިއްތައިލީމެވެ. އަހަރެންގެ ވާތުން އުނަގަނޑުގައި ހިފަހައްޓައިލަމުން، ކަނާއަތުން  އޭނާގެ ކޮލުގައި ފިރުމާލީމެވެ. މަޑުމަޑު ކަފަކޮޅަކަށް ވުރެން މާ އަރާމެވެ. ބޮޑުވައި އިނގިލިން މިޒްރާގެ ތުންފަތުގައި ފިރުމާލީމެވެ. އޭނާގެ މޫނު މަޑުފިޔާތޮށި ކުލައިން ރަތްކުލައަށް ބަދަލުވަމުން ދިޔަތަން އަހަރެން ދުށީމެވެ. އަހަރެންގެ މިހަރަކާތުން އޭނާގެ ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ. ހިތްތެޅުން އަވަސްވެފައިވެއެވެ. އަހަރެންގެ މަގުސަދަކީ ކޮބައިކަން ނުވިސްނިގެން ދެތިން ފަހަރު އެސްފިޔަ ޖަހައިލިކަން  ދެނަހުރީމެވެ. 

"ނާދ.."

"ޑޯންޓް!" ވައިއަޑުން އަހަރެން ބުނެލީމެވެ. 

ވާނުވާއެއް މިޒްރާއަށް ނޭގިގެން އުޅެނިކޮށް އޭނާގެ ހުޅި ހަރުކޮށްލާފައި އިން ދަތި އަހަރެން ނައްޓުވައިލީމެވެ. ހިތްގައިމު ފަރުދާއެއް ފަދައިން ދިގު އިސްތަށިގަނޑު އޭނާގެ ފުރަގަހަށް ދެމިގަތެވެ. 

ބައެއް އިސްތަށިތައް ކަނދުރާއާއި ކޮނޑުމަތީގައި އަތުރާލީމެވެ.

"ދެޓްސް ހައު އައި ލައިކް ޔޫ...!" ކަންފަތާއި ދާދި ގާތްވެފައި އަހަރެން ބުނެލީމެވެ. އަދި އޭނާގެ ބްލަޝް މޫނަށް ބަލައިލީމެވެ.

"އެންޑް ... ޔޫ ސްމެލްސް ލައިކް އަ ވެނީލާ އެންޑް ރޯޒް" ކުރިއަށް ވުރެންވެސް މޫނުގެ ކުލަ ގަދަވިއެވެ. ލަދުން އިސްޖަހައިލިއެވެ. އަހަރެން ބުނި އެއްޗެއްގެ  ފުރިހަމަ މާނަ މިޒްރާއަށް އެނގޭކަން ޔަގީންވިއެވެ. 

އެވަގުތު މިޒްރާގެ ގައިން ދޫކޮށްލާފައި އަހަރެން ފަހަތައް ޖެހިލީމެވެ.

..........

އަހަރުމެންނަށް އޮފީހަށް ވަދެވުނުއިރު ހަތްގަޑި ފަންސާސްވެ ބޮޑުވެއްޖެއެވެ. މިޒްރާގެ އިސްތަށިގަނޑު އޭނާގެ އަތުން ތަރުތީބުކޮށްލަނިކޮށް ދުށީމެވެ. އޭނާގެ މަސައްކަތް ނިމެންދެން ބަލަހައްޓައިގެން ހުރީމެވެ.

"ނިމުނީ..؟" ފުރިހަމަ ކޮށްލިކަން ޔަގީންވުމުން އަހައިލީމެވެ. އަދަބުވެރިކަމާއެކު ބޯޖަހައިލަމުން އާއެކޭ ބުނެލިއެވެ. އަތުގައި ހިފުމަށްޓަކައި އަހަރެން އަތް ދިއްކޮށްލީމެވެ. ހައިރާންވެފައި މިޒްރާ ބަލައިލި އެވެ. 

"މުހައްމަދު ޝައްޔާން ދީދީގެ ކަޕްލް އެންޓްރީ ޕާޓީ..!!؟" ހަނދާން އާކޮށްދިނުމުގެ ގޮތުން އަހަރެން ބުނެލީމެވެ.

ހިނިތުންވުން ފޮރުވާން އުޅުނަސް މިފަހަރު އެކަމެއް ނުވިއެވެ. ލަދުވެތިކަމާއެކު ޖެހިލުންވެ ހުރެ އަހަރެންގެ އަތުގައި ހިފާލިއެވެ. 

ގުދުރަތީ އޯކިޑްގެ ހިތްގައިމު މީރުވަހުން މުޅި އޮފީސް އެއްވަސް ކޮށްލާފައިވެއެވެ. ޒީނަތްތެރިކުރުމުގައި މައިގަނޑުކޮށް ބޭނުންކޮށްފައިވަނީ އޯކިޑް އަދި ތަފާތު ކުދި ކުދި ދިއްލުންތަކެވެ. މިކަން ފުރިހަމަކުރި ބަޔަކަށް ތަޢުރީފް ހައްގެވެ.

އަތުގައި ހިފައިގެން ފުރިހަމަ ދެބައިވެރީންގެ ގޮތުގައި ހޯލުގެ ތެރެއަށް އަހަރުމެން ވަންމަންޒަރަށް އެތައް ލޮލެއް އަމާޒުވިކަން އަހަރެން ދެނަހުރީމެވެ. ނުވަދިހަ އިންސައްތަ ލޯ އަމާޒުވެފައިވަނީ ހަމައެކަނި މިޒްރާއަށެވެ. އެއިން އެއްވެސް ކަމަކަށް މިޒްރާ ސަމާލުކަމެއް ނުދެއެވެ. އެމީހުންގެ ބެލުންތަކުގެ ސަބަބުން  އަހަރެންގެ ލޭ ކެކެމުން ދާކަން އިނގޭ މީހަކު މިތަނުގައި ހުރިކަމެއް ނޭގެއެވެ.

އެއްވެފައިވާ މެހެމާނުންގެ ތެރެއިން އަމަން އަދި މަހެކް ފެނޭތޯ އަހަރެން ބެލީމެވެ. އެދެމީހުންގެ ޚަބަރެއް އަދިޔަކު ނެތެވެ.

"ހައި!" މިޒްރާގެ އަޑުއިވުމުން ބަލައިލީމެވެ. އެނާ ހަނާހަޅައިލި މިސްރާބަށް ބަލައިލީމެވެ.

މިންހާލްގެ އިތުރުން ޒެއިންއާއި ޖޯއީވެސް މިޒްރާއަށް ބަލަހައްޓައިގެން ތިއްބެވެ.

"ނާދިފް.. ދެން އަތުން ދޫކޮށްލާ..!" އަހަރެންގެ މޫނަށް ބަލައިލަމުން މަޑުމަޑުން ބުންޏެވެ. 

ހިނދުކޮޅަކަށްވެސް އެއަތުން މިރޭ ދޫކޮށްލާން އަހަރެން ބޭނުމެއް ނޫނެވެ. ކޮންމެހެން ހަސަދަވެރިވެގެން ނޫނެވެ. އެކަމަކު އެއަތުގައި ހިފައިގެން ހުރުމުން އަހަންނަށް ހިތްހަމަޖެހުން ލިބޭތީއެވެ. އަދި ބަޔާންނުކުރެވޭ އިހްސާސްތަކެއްގެ ސަބަބުންނެވެ.

"ނާދިފް"

"އައހހ.. ހޫމްމމ"

"އަތުން ދޫކޮށްލަން ވީނުން"

ކުއްލިޔަކަށް އެއަތުން އަހަރެން ދޫކޮށްލީމެވެ. ހަމަ އެވަގުތު އަހަރެންނާއި ދުރަށް މިޒްރާ ހިނގައްޖެއެވެ. ވާހަކަދައްކައިލާނެ ގާތް މީހަކު ފެނޭތޯ އަހަރެން ނަޒަރު ހިންގައިލީމެވެ. ހަމަ އެވަގުތު ހުރިހައި ގަދަ އަލިތަކެއް ނިވާލިއެވެ. މުޅިތަނުގައިވަނީ ފަނޑު އަލިކަމެކެވެ. ދެން ފެނުނީ ޑޭޑް ބަޤްޝޫރާގެ އަތުގައި ހިފައިގެން ސްޓޭޖަށް އެރިތަނެވެ. 

"އައްސަލާމް ޢަލައިކުމް..." 

ހަފްލާފެށުނީއެވެ. 

ކޮމްޕެނީގެ ފަންސާސް އަހަރުގެ ދިގު ދަތުރުގެ އުފާވެރި ވަގުތުކޮޅެކެވެ. ދެން ފެށުނީ ވިޔަފާރީގެ ކުރިއެރުމާއި ކާމިޔާބާއި މުވައްޒަފުންގެ ބައިވެރިވުމާއި އަގުވަޒަންކުރުމުގެ އެވޯޑްތަކާއި މުސާރައިގެ ކުރިއެރުމާއި އަހަރީ ބޯނަސްގެ އުފާވެރި ޚަބަރުތަކެވެ. ލިބުނު ކާމިޔާބުގެ ސަބަބުން އެތައް މޫނަކުން ފެންނަނީ އުފާވެރިކަމެވެ. ހެޔޮބަސްތަކުން މުޅި ހަފްލާ ގުގުމާލިއެވެ. މުވައްޒަފުންގެ ހިނިތުންވުން ފަނޑުނުވެއެވެ.

"ލެޓްސް ސްޓާޓް ދި ޕާރޓީ ވިތް ސަމް ޑާންސް.. ޝެލް ވީ..؟!" އުފާވެރިކަމާއެކު މައިކުން ޑޭޑް ގޮވައިލުމުން ހޯލުތެރޭގެ އަޑު ގަދަވިއެވެ. މުޅީންވެސް ހިތްހަމަޖެހުމުގެ އަޑުތެކެވެ. 

ދާދިއަވަހަށް އެމީހެއްގެ ބައިވެރިޔާއާއެކު މިއުޒިކާ އެއްހަމައެއްގައި ފައިތައް ހަމަކޮށްލިއެވެ. 

"ނާދިފް" ޑޭޑްގެ އަޑު އިވުމުން ފުރަގަހަށް ބަލައިލީމެވެ. 

"ކީއްތިކުރަނީ؟"

"ނަތިންގ"

"އެކްޒެކްޓްލީ މައި ޕޮއިންޓް.."

"އެކްސްކިއުޒް މީ!!"

"ނުފެނޭތަ. އެމީހެއްގެ ބައިވެރިޔާއާއެކު އެ ހޭދަކޮށްލާ އުފާވެރިވަގުތުކޮޅު..؟! ގެޓް މިޒްރާ އެންޑް ޑާންސް!!" އަހަރެންގެ ކޮނޑުގައި ޖަހައިލަމުން ބުނެލިއެވެ. އަނެއް އަތުން މިޒްރާއަށް ހަނާއަޅައިލީ އަހަރުމެން ގާތަށް އައުމަށެވެ. 

މިޒްރާގެ 'ގާތް އެކުވެރިންނާއި' އޮލަ ވާހަކައެއްގައ ހުރެފައިވެސް ޑޭޑްގެ އިޝާރާތަށް ވަގުތުން އިޖާބަދިނެވެ. 

ކުރިމައްޗަށް ވެއްޓިފައިވާ ބައެއް އިސްތަށިކޮޅުތަކާއި ކުޅެލަމުން އަހަރުމެންނާއި ދިމާއަށް މިސްރާބު ޖެހިއެވެ. 

"ޔެސް ސަރ؟" އަދަބުވެރިކަމާއެކު ޑޭޑްއާއި ގާތަށް ޖެހިލިއެވެ.

"އާއއއ ދެއަރ ޔޫ އަރ!!" ޑޭޑްއަށް ހިނިތުންވަމުން އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. އެލޮލަށް ބަލަން އަހަންނަށް ކުޅަދާނަ ނުވުމުން އެހެން މިސްރާބަކަށް ބަލައިލީމެވެ.

"ވައި ޑޯންޓް ޔޫ ގައިޒް ޑާންސް!!" އަހަރެން އަތްމައްޗަށް މިޒްރާގެ އަތް ލައިދެމުން ޑޭޑް ބުނެލިއެވެ.

"ބަޓް ސަރ؟!"

"ނޯ ބަޓް'ސް... ގޯ.. ގޯ..ގޯ!!" އަހަރުމެން ދެމީހުން އެކުގައި ކޮށްޕާލަމުން ޑޭޑް ބުނެލިއެވެ. 

.............

އަހަރެންގެ ލޮލަށް މިޒްރާ ބަލައިލިއެވެ. އުނަގަނޑުގައި ހިފަހައްޓާލާފައި ގާތްކޮށްލީމެވެ. ދެމީހުން ދޭތެރޭގައި ކުޑަވެސް ޖާގައެއް ނޯންނަވަރަށެވެ.

"އަހަންނަކަށް ނޭގޭ ޑާންސްކުރާކަށް" ލަދުންހުރެ މިޒްރާ ބުންޏެވެ.

"ޖަސްޓް ލުކް އިން ޓު މައި އައިޒް!" ހަމަޖެހިލަން ފުރުސަތު ދިނުމަށްފަހު އަހަރެންގެ ކަނާތުން އޭނާގެ ވާތުގައި ހިފަހައްޓައިލީމެވެ. އަނެއް އަތުން އުނަގަނޑުގައި ވަށައިލުމަށްފަހު މިއުޒިކާއި ހަމަކޮށްލީމެވެ.

ސީދާ އަހަރެންގެ ލޮލަށް ބަލަމުން ދިޔައިރުވެސް އެ ލޮލުން ބުނަމުންދިޔަ ވާހަކަތައް ތަރުޖަމާކުރާން މިރޭ އަހަރެން ނުކުޅެދުނެވެ. ކުރިއަށް ވުރެންވެސް ގާތްކޮށްލުމަށްފަހު އަހަރެންގެ މޭގައި ފިއްތާލީމެވެ.

"ވީ ނީޑް ޓު ޓޯކް" 

އަހަރެންގެ ދިގު އިންތިޒާރަށް ނިމުން ގެނައުމުގެ މަސައްކަތް ފެށީމެވެ. އެކަމަކު ހައިރާންވީ، ޖަވާބުގައި އެހެން ދިމާލަކަށް މިޒްރާގެ ނަޒަރު ބަދަލުކުރީތީއެވެ.

"މިޒްރާ" ގާތްކޮށްލަމުން މަޑުމަޑުން އަހަރެން ގޮވައިލީމެވެ.

"ޝްޝްޝްޝް" އަހަރެން ވާހަކަދެއްކުން މިޒްރާ މަނާކުރިއެވެ. އަހަރެންގެ ސަމާލުކަން މިއުޒިކްއަށް ހުއްޓައިލީމެވެ.

މިފަދަ ހިތްގައިމު ޑާންސެން ދުވަހަކުވެސް އަހަރެން ތަޖުރިބާ ނުކުރަމެވެ. އަހަރުމެންގެ ނަޒަރު އެކަކު އަނެކަކާއި ވަކިނުވެއެވެ. އޭނާގެ އަތުގައި ހިފާފައި ވައްބުރެއްހެން ތިން ހަތަރު ފަހަރު އަނބުރާލީމެވެ. ދެން ގެނެސް އަހަރެންގެ މޭގައި ތަތްކޮށްލުމާއެކު މިއުޒިކް ނިންމާލި އެވެ. 

މިޒްރާއަށް އަހަރެން ބަލައިލީމެވެ. ދުވަހަކުވެސް ނުފެންނަ އަލިކަމެއް އޭނާގެ މޫނުގައި ވިއެވެ. ހިނިތުންވެފައިވާ މޫނާއި ބަބުޅަމުންދިޔަ ލޮލުގެ ވިދުވަރު އަހަރެންގެ ހިތް އުޖާލާކޮށްލިއެވެ. ކުއްލިޔަކަށް ހަނދާންވީ އަމަން ދެއްކި ވާހަކައެވެ. އަހަންނަށް ހަމައެކަނި އެވަގުތު ކުރެވުނު ކަމަކީ ލޮލާއި ހަމައަށް އަސަރުކުރާވަރުގެ ހިނިތުންވުމެއް ބަދަލުކޮށްލުމެވެ.

އެގޮތުގައި ތިބެވުނީ ކިހައި އިރަކު ކަމެއް ނޭގެއެވެ. ވާނުވާއެނގުނީ އަތްތިލަބަޑީގެ އަޑުން މުޅި ހޯލް ގުގުމާލުމުންނެވެ. 

ލަދުވެތިކަމާއެކު މިޒްރާ އިސްޖަހައިލި އެވެ. އަހަރުމެންނަށް ތައުރީފުކޮށް އުފާވެރި އެތައް ބަސްތަކެއް އަޑުއިވުނެވެ. އަހަރެންނާއި ދުރަށް މިޒްރާ ހިނގައިގަތީ ކުއްލިޔަކަށެވެ.

"ވީ ނީޑް ޓު ޓޯކް" ހަނދާންކޮށްދެމުން އަހަރެން ބުނީމެވެ. 

"މިވަގުތަކު ނޫން" އެހެން ބުނުމާއެކު މާދުރަށް ގޮސްފި އެވެ.

އަހަރެންނަށް މިޒްރާ ނޫނެކޭ ބުނީ ބާއެވެ. އަހަރެން ވާހަކަދައްކާނެ ފުރުސަތެއް މިޒްރާ ނުދޭން މިއުޅެނީ ކީއްވެ ބާއެވެ. އިތުރަށް އަހަންނަކަށް މަޑެއް ނުކުރެވޭނެއެވެ. މި ސުވާލުތަކަށް ޖަވާބު ލިބެން އެބަޖެހެއެވެ. މިޒްރާއަށް ބަދަލުއައިސްގެން މިއުޅޭ ސަބަބާއި ވެގެން އުޅޭގޮތެއް އަހަރެން ގާތުގައި ޖެހޭނީ ބުނާށެވެ. 

މިޒްރާ ފަހަތުން ބާރަށް ހިނގާފައި ދިޔައީމެވެ. ފިޔަވަޅުތަކަށް ކުއްލި ހުއްޓުމެއްއައީ ބަޤްޝޫރާއާއި މިޒްރާ ވާހަކަދައްކާން ތިއްބާ ފެނުމުންނެވެ. ވާނުވާ ބަލަން ބޭނުންވާތީ ތަނބަކާއި ނިވާވެލީމެވެ. ދެން ފެނުނީ މިޒްރާގައިގައި ވަރަށް ބާރަށް ބަޤްޝޫރާ ބައްދައިލިތަނެވެ. ދެމީހުންވެސް ރޮނީއެވެ. މިއީ މަޖާކަމެއްކަމަށް ސިކުނޑި ބުނެލުމާއެކު އަނެއްކައިވެސް ބަލައިލީމެވެ. އެހިސާބުން ހިތުގައި ޖަހައިލީ ނުރައްކަލުގެ ވިންދެކެވެ. ކޮންމެވެސް ކަންތައްތަކެއް ރަގަޅު ނޫންކަން ޔަގީނެވެ. 

މައިކް ހިފައިގެން ޑޭޑް ސްޓޭޖަށް އަރަން ދަނިކޮށް ފެނުނެވެ. އެދިމާއަށް ބަލައިލެވުނީ ވާން މިއުޅޭ ގޮތެއް ނޭގޭތީއެވެ. 

ދެން އަނެއްކާވެސް ބަލައިލެވުނީ މިޒްރާއާއި ބަޤްޝޫރާއަށެވެ. ދެމީހުންކުރެ އެކަކުވެސް ފެންނާކަށްނެތެވެ. ތެޅިގަނެފައި ހުރިހައި ދިމާއެއް ހޯދަން ފެށީމެވެ. މެހެމާނަކާއި ސަލާމްކުރަނިކޮށް ބަޤްޝޫރާ ފެނިއްޖެއެވެ. އެކަމަކު މިޒްރާ އެއް ނެތެވެ. އޭނާ ގެއްލިއްޖެއެވެ! އެ ދިޔައީ ކޮންތާކަށް ބާއެވެ. ހިތް ނުތަނަވަސް ވުމުން ނިއްކުރީގައި ހިފަހައްޓައިލެވުނެވެ. މިޒްރާ ހޯދަން ދާނެ ދިމާއެއް ވިސްނާލަން ހުއްޓައި އިވުނީ އަހަރެންގެ ނަމުން ތަކުރާރުކޮށް ޑޭޑް ގޮވަމުންދާ އަޑެވެ.

"ކަމް އޮން ނާދިފް.. ޓެލް އަސް އަ ފިއު ވޯރޑްސް އެބައުޓް ޔޯ ކޮލީގް.. މިޒްރާ!" ޑޭޑް މައިކުން ގޮވައިލިއެވެ.

މިޒްރާ! އޯއ ޝ-ޓ! އެއީ ސީރިއަސްކޮށް ޑޭޑް ބުނި އެއްޗެއް ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. އޭނާއާއި ބެހޭގޮތުން އެއްވެސް އެއްޗެއް އަހަރެން ނުލިޔަމެވެ. މި ލަދުވެތިކަމުން ސަލާމަތްވާނީ ކިހިނެއް ބާއެވެ. މިތަނުން ރެކިގަންނާނެ އުކުޅެއް ބޭނުމެވެ.

އަނެއްކާވެސް ޑޭޑްގެ އަޑުއިވުނެވެ.

ސަލާމަތެއް ނެތްކަން އެނގުމުން ސްޓޭޖަށް އަރައި މައިކްގައި ހިފީމެވެ. މުޅި ހޯލް ހަމަހިމޭންވެ ސްޓޭޖް އޮތީ އަހަރެންނަށް ޓަކައެވެ. ހުރިހައި ލޮލެއް އަމާޒުވެފައިވަނީ އަހަރެންނާއި ދިމާއަށެވެ.

ބުނާނެ އެއްވެސް އެއްޗެއް ސިކުނޑިއަކު ނެތެވެ. ދައްކާނެ ވާހަކައެއް ދުލަކު ނެތެވެ. ކުއްލިޔަކަށްފެނުނީ ދޮރެއްގައި ލެނގިލައިގެން އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުރި މިޒްރާ އެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް