ads
ހުޅުމާލެ ބޮޑުޖަމާއަތުގައި ކުރެވުނު 1442ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން
ރިވެތި އަހުލާގު ވީރާނާ ވިޔަ ނުދިނުމަށް ހުތުބާގައި ގޮވާލައްވައިފި
ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ރިވެތި އަހުލާގު ވީރާނާ ވިޔަ ނުދިނުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައްވައިފި އެވެ.

ހުތުބާގައި ބުނީ އިސްލާމް ދީނަކީ ފިތުރަތުގެ ދީނެއް ކަމަށާއި މުސްލިމުން އެ މީހުންގެ އީދު ފާހަގަ ކުރާނީ ﷲ ހުއްދަ ކުރެއްވި އިމުގެ ތެރެއިން ކަމަށެވެ. އަދި އުފާ ފާޅު ކުރުމުގައި ހައްދު ފަހަނަ އަޅައި ނުދިނުމަށް ހުތުބާގައި ގޮވާލި އެވެ.

މިއަދުގެ އީދު ހުތުބާ ގައި މުސްލިމުންގެ މި މަތިވެރި ފިތުރު އީދު ދުވަހު ގައި، ރަމަޟާން މަހުން ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަތުމަށް އަޒުމު ކަނޑައެޅުމަށް ގޮވާލެއްވި އެވެ. މަސްދުވަހުގެ ތަމްރީނަކަށް ފަހު، ރޯދައިގެ ތަރުބަވީ މަދަރުސާއިން ނިކުތްއިރު، އީމާންކަން ވަނީ އިތުރުވެ ހެޔޮ ކަންކަން ކުރުމަށް ނަފްސު އާދަވެ ފަސޭހަވެފައި ކަން ފާހަގަކޮށް މި އީމާންކަން، މި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.

"ގިނަގިނައިން ސުންނަތް ނަމާދުކުރާ ބަޔަކަށް ވާށެވެ. ފަތިސްނަމާދުގެ އިހު ސުންނަތާއި، ޟުހާ ނަމާދާއި ރަވާތިބު ސުންނަތްތަކާއި ވިތުރި އާއި، ދަމު ނަމާދު ވީހާ ގިނައިން ކުރެވޭތޯ މަސައްކަތް ކުރާށެވެ. ހޯމަ ބުރާސްފަތީ ރޯދަ އާއި މެދުފޮއި ރޯދަ އާއި އާޝޫރާ ދުވަހާއި އަރަފާތު ދުވަހު ރޯދަ ހިފުމަށް ފަރުވާތެރިވާށެވެ. އަދި ހާއްސަ ކޮށް ޝައްވާލުމަހުގެ ހަ ރޯދަ ހިފުމަށް ސަމާލުކަން ދޭށެވެ،" ހުތުބާ ގައި ނަސޭހަތްތެރިވެފައިވެ އެވެ.

ކޮންމެ އުންމަތެއްގެ އީދަކީ ވެސް އެ އުންމަތެއް ރަމްޒުކޮށްދޭ އަލަމާތެއް ކަމަށާއި އެންމެ މުހިންމު ކަމެއް ދޭންވީ އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުމަށް ކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން، އީދަކީ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ހުތުބާގައި ބުންޏެވެ. އަދި ބައެއްގެ އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމަކީ އެ މުޖުތަމައުއަކަށް ފާގަތިކަމާއި އަމަން އަމާންކަން ގެނުވާ ކަމެއް ކަމަށް ވެސް ހުތުބާގައި ހަނދާން އާކޮށްދިނެވެ.

"ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި އޮތް، އިސްލާމީ އުޚްވަތްތެރިކަމާއި، ރިވެތި އަޚުލާގު ވީރާނާވިޔަ ނުދޭށެވެ،" ހުތުބާގައި ބުންޏެވެ.

ޒަކާތުގެ މާތްކަމަށް އަލިއަޅުވާ ހުތުބާގައި ބުނީ، ފިތުރު ޒަކާތައް ރައްކާތެރިވީ ފަދައިން މުދަލު ޒަކާތައް ވެސް ރައްކާތެރި ވާންޖެހޭނެ ކަމަށެވެ. އަދި ﷲ ފަރުޟު ކުރެއްވި ޒަކާތުގެ އިތުރަށް، ގިނަގިނައިން ޞަދަގާތްދީ، މީސްތަކުންނަށް ހެޔޮފޯރުކޮށް ދިނުމަށް ހުތުބާގައި ވަނީ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރި ވެފައެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ އީދުގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދާއިރު ފަލަސްތީނު ރައްޔިތުންގެ މަތިން ހަނދާން ނައްތާނުލުމަށާއި، ފަލަސްތީނު ރައްޔިތުން ދަނީ މާތްވެގެންވާ އަލްމަސްޖިލުން އަޤްޞާ އާއި ފަލަސްޠީނުގެ ބަރަކާތްތެރި ފަސްގަނޑުގެ ދިފާއުގައި ޖިހާދު ކުރަމުން ކަމަށެވެ.

"ފާއިތުވެގެންދިޔަ ރަމަޟާން މަހުގައި ވެސް، އެމީހުން އުޅެމުންދިޔައީ ނުހަނު ނިކަމެތި ހާލުގަ އެވެ. ރޯދަ ވީއްލުމަށާއި، ހާރު ކެއުމަށް، ކާނެ އެއްޗެއް ބޯނެ އެއްޗެއް ލިބިގެން ނުވާ ހާލުގަ އެވެ. އެ މީހުން ރޭއަޅުކަން ކުރަމުން ގެންދިޔައީ ސިހިޔޫނީންގެ އަނިޔާވެރި ހަމަލާތަކުން ސުންނާފަތި ކޮށްލާފައިވާ ބިނާރުތަކާއި، ހިރަފުސްތަކުގެ ތެރޭގައި. މި ހާލަތުގައި ވެސް އެ އަހުންނާއި އުހުތުންގެ ކިބައިން ފެނިގެން ދިޔައީ ﷲގެ މިންވަރުފުޅަށް ރުހިގެންވުމާއި، ނުގުޑާ ފަދަ ވަރުގަދަ އީމާންކަން،" ހުތުބާގައި ބުންޏެވެ.

މި ހާލަތުގައި ވެސް ފަލަސްތީނު ރައްޔިތުންގެ ކިބައިން ފެނިގެންދިޔައީ މާތްﷲ ގެ މިންވަރުފުޅަށް ރުހިގެންވުމާއި، ނުގުޑާފަދަ ވަރުގަދަ އީމާންކަން ކަމަށާއި މިއީ އެކަންކަމުން އިބުރަތް ލިބިގަންނަންވީ ކަންކަން ކަމަށް ހުތުބާގައި ބުންޏެވެ.

މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލުކަން ފާހަގަކުރައްވަމުން ހުތުބާގައި ވަނީ ފަލަސްތީނު ރައްޔިތުންނަކީ އަހަރަމެންގެ ހަށިގަނޑުގެ އެއްބައި ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް