ads
ސެކަންޑް ޗާންސް..!؟
(8 އޭޕްރީލް 2024 އާ ގުޅޭ) ފަސްއެނބުރި ބަލައިލީމެވެ. އަހަރެންނާއި ދިމާއަށް މަޑުމަޑުން ހިނގާލާފައި ނާދިފް އަންނަނީއެވެ. ހަމަ އެ ސިކުންތުގައި އޭނާގެ ދެއަތުގެ ތެރޭގައި އަހަރެން ބޮނޑިކޮށްލި އެވެ.

އެސްފިޔަތައް ފޫއަޅުވާލާފައި ކަރުނައިގެ ކޯރު ދެމިގަތެވެ. މި އިހްސާސްތަކާއި މިވަގުތުކޮޅު އަހަރެން ބޭނުމެވެ. ލޮބުވެތި ހަނދާނެއްގެ ގޮތުގައި އުމުރަށް ރައްކާކުރާނަމެވެ.

އޭނާގެ ގައިން އަތް ދޫކޮށްލާފައި މޫނުގެ ދެފަރާތުން ހިފަހައްޓައިލީމެވެ. ހުސްކަމެއް ނޫނީ ނާދިފްގެ ލޮލުން ނުފެނެއެވެ. އަހަރެންނަށްޓަކައި އެ ހިތުގައި ޒައްރެއްގެ މިންވަރު ޖާގައެއްވެސް ނެތީއެވެ.

"ނާދިފް.. ހާލު ކިހިނެއް..؟"

"މިޒްރާއާއި ބެހޭކަމެއް ނޫން؟ އަހަރެންގެ ހާލާއިމެދު މިޒްރާ ވިސްނަންޖެހޭތަ؟" ރިހުމުން ފުރިފައިވާ ބުނެލުމެކެވެ.

އޭގެ ޖަވާބު ދޭކަށް ނޭގުނެވެ. ބުނާނެ އެއްޗެއް ނެތީއެވެ. އެންމެ އުނދަގޫ 'ހިސާބު ޓެސްޓް'ގެ ވަރުގަދަ ސުވާލަކަށްވުރެން ނާދިފްގެ މި ސުވާލަށް ދޭނެ ޖަވާބު އަހަންނަށް މާބޮޑަށް އުނދަގޫވިއެވެ.

ބޮލުގެ ހަރަކާތުން ނޫނެކޭ ބުނަމުން ނާދިފްއާއި ދުރަށް ފިޔަވަޅުއަޅަން ފެށީމެވެ.

"އަހަރެންނާއެކު ކުޑަކުޑަ ވަގުތުކޮޅެއް ހޭދަކޮށްލައި ދެވިދާނެތަ..؟" އަހަރެންގެ ލޮލަށް ބަލަމުން ނާދިފް ބުނެލިއެވެ.

ހައިރާންވިއެވެ.!

ދެނެގަންނާން މިހައި އުނދަގޫ އިންސާނެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. ނާދިފްއަކީ ދަސްކުރަން އުނދަގޫ ފިރިހެނެކެވެ.

އެ ހުށަހެޅުމަށް ދެކޮޅުހަދަން ބޭނުންވިއެވެ. އެކަމަކު ދުލުން އެއްބަސްވެވި ނިމިއްޖެއެވެ. ކޮޓަރިން ނިކުމެގެން ނާދިފް ހިނގައިގަތުމުން އޭނާގެ ފަހަތުން އަހަރެން ނިކުތީމެވެ.

..............

ސްވިމިންގ ޕޫލް ކައިރިއަށް ގޮސް ނާދިފް މަޑުކޮށްލިއެވެ. ވިސްނާލާފައި ޕޫލްގެ ކައިރިފަށުގައި އިށީނެވެ. ޕޫލްތެރެއަށް ފައި ލައިގެންނެވެ. އެ ހަރަކާތް އަހަރެން ނަކަލު ކޮށްލީމެވެ. ޕޫލްގެ ފެންގަނޑު މާ ފިނި ނޫނަސް ރޭގަނޑުގެ މިވަގުތަށް ބަލާފައި ހޫނުމިން ރަގަޅެވެ. 

ކަޅުއަނދިރި ރޭގަނޑުގެ އުޖާލާކަމަށް ފިޔަޖަހަމުންދިޔަ ތަރިތަކަށް ބަލައިލެވުނީ ދެމީހުންނަށް އެކުއެކީއެވެ. ވަށައިގެންވަނީ ހިމޭންކަމެވެ. ނާދިފްއަށް އަހަރެން ބަލައިލީމެވެ. ތަރިތަކުގެ ވިދުން އޭނާއަށް އަމާންކަން ލިއްބައިދޭ ކަމުގެ ހިތްހަމަޖެހުން އަހަންނަށް އިހުސާސްކުރެވުނެވެ.

"ނާދިފް.. ހާލު ކިހިނެއް..؟" އަހަރެން ސުވާލު ކުރީމެވެ.

"އެރެންޓް ދޭ ބިއުޓިފުލް..؟! ދި ސްޓަރސް...؟ ދޭ ޖަސްޓް ހޭވް ޓު ޝައިން!" މައްޗަށް ބަލަން އޮވެ، ނާދިފް ވާހަކަ ދެއްކިއެވެ.

އަހަރެންގެ ސުވާލުން ރެކެން މިއުޅެނީ ކީއްވެކަމެއް ނޭގުނެވެ. ނަސީބު ވަޒަންކޮށްލުމަށް އަނެއްކާވެސް ހިތްވަރު ކުރީމެވެ.

"ހާލު ކިހިނެއް..؟ ނާދިފް އޯކޭ ތަ؟"

އަހަރެންނާއި ދިމާއަށް މިފަހަރު އެނބުރުނެވެ. އަދި އަހަރެންގެ މޫނަށް ބަލަން އިރުކޮޅަކު އޮވެލިއެވެ.

"ވައި ޑޫ ޔޫ ކެއަރ..؟" އަހަރެންގެ މޫނަށް ބަލަމުން  ބުނެލިއެވެ. އިޚްތިޔާރަކާއި ނުލައި ދެ ލޯ ފުރުނެވެ. އަހަރެންގެ ސުވާލަށް ޖަވާބު ދިނިއްޔާ ވާނީ ކީއްހެއްޔެވެ؟

"އަޅާ ނުލާ.."

އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެތަނުގައި އަހަންނަށް ދެން ކެތެއް ނުކުރެވޭނެ އެވެ. ނާދިފްގެ ހުރިހައި ރިހުމެއް ފޮރުވަން އޭނާ މަސައްކަތް ކުރަނީއެވެ. އެމަންޒަރު އިތުރަށް ބަލާނެ ހިތްވަރެއް ނެތެވެ.

ގޭތެރެއަށް ދިއުމަށްޓަކައި ހިނގައިގަތް ވަގުތު އަހަރެންގެ އަތުގައި ނާދިފް ހިފެހެއްޓިއެވެ. މަޑުމަޑުން ނޭވާލަމުން، ޕޫލްތެރޭގައި އޮތް އޭނާގެ ފަޔަށް ބަލައިލިއެވެ.

ނާދިފްގެ އަތް އިންތިހާއަށް ފިންޏެވެ. އަހަރެން ބިރުން ފިއްކަނޑައިގެން ދާވަރަށްވެސް އެއަތް ފިންޏެވެ. އަހަރެންގެ އަނެއް އަތުން އެ އަތުގައި ފިރުމައިލީމެވެ.

"ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް، އެހެން މީހެއްގެ އެހީތެރިކަމެއް މި ދުނިޔޭގައި ބޭނުމެއް ނުވޭ.. ކޮންމެ މީހަކުވެސް އުޅެނީ އެމީހެއްގެ އަމިއްލަ އެދުމާއި އެމީހެއްގެ އަމިއްލަ ބޭނުންތައް ފުއްދުމައިގެން.. އެކަކު އަނެކަކަށްޓަކައި އަޅައިލުމާއި ކުލުނު އެއީ ނެތް އެއްޗެއް.. ދެން ލޯބި....! ލޯބި ވުމަށް ނުވަތަ ލޯބި ހާސިލްކުރުމަށް އުޅުމެކޭ އެމީހެއްގެ ދިރިއުޅުމުން ދެ އަތް ފޮޅައިލުމެކޭ އެއްވަރު.." ދާދި މަޑުމަޑުން އޭނާ ވާހަކަދެއްކިއެވެ.

ނަމަވެސް ހަމަހިމޭން މި މާހައުލުގައި އެއިން ކޮންމެ ޢިބާރާތެއް ސާފުކޮށް އަޑުއިވުނެވެ.

ނާދިފްއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

"އެއްވެސް މީހަކު އުފަން ނުވާނެ ސުޕަރމޭން ނުވަތަ ސްޕައިޑަރ މޭންގެ ގޮތުގައި.. ކިތަންމެ ބާރުގަދަ، ކިތަންމެ ހިތްވަރުގަދަ މީހަކުވެސް، ހިތާމައިގެ ވަގުތުގައި ނުވަތަ މާޔޫސީ ވަގުތުތަކުގައި އެއިހުސާސްތަކާއެކު ތިރިއަށް ލެނބުމަކީ ބަލިކަށިވުމެއް ނޫން.. ކޮންމެ އިންސާނަކުވެސް އަނެއްމީހާގެ އެހީތެރިކަން ބޭނުންވާނެ.. ކޮންމެ މީހަކުވެސް، ކޮންމެވެސް މީހެއްގެ ލޯބިވެސް ބޭނުންވާނެ..

އެމީހެއްގެ ސަޕޯޓް ސިސްޓަމްގެ ގޮތުގައި ހުންނާނެ މީހަކު ބޭނުންނުވާނީ ކާކު..؟ ދުނިޔޭގައި ލެއްވި އެންމެ ހިތްގައިމު، އެންމެ އުފާވެރި އަދި އެންމެ ބާރުގަދަ އިހްސާސަކީ ލޯބި.. އަގުބޮޑު ހަދިޔާތަކާއި، ފައިސާއާއި އަރާމާއި މުއްސަނދިކަމާއި ގައިގޯޅިވުމަކީ ލޯބިވުމެއް ނޫން..

ދުނިޔޭގައި އިންސާނުންނަށް އޮޅެނީ ލޯތްބާއި އެދުންވެރިކަމުގެ ތަފާތު ...! ލޯތްބަކީ އެކަކު އަނެކެއްގެ ދެމެދުގައި އުފެދޭ ބާރުގަދަ ގުޅުމަކުން އުފެދޭ  އިހްސާސެއް.. އެ އިހްސާސް ބިނާވަނީ އިތުބާރާއި އިޙްތިރާމްގެ މައްޗަށް..

އެންމެ ވިންދެއްގެ ބާރު މުޅި ހަށިގަނޑު ތަހަންމަލްކުރާ ހަމައެކަނި ގުޅުމަކީ ލޯބި.. ލޯބި އުފެދުމަށްފަހު އެއާއި ނުލައި ދިރިހުރުމަކީ އިޚްތިޔާރީ ކަމެއް ނޫން.. އެކަމަކު ލޯބީގެ ނަސީބު ދުނިޔޭގައި ލިބޭނީ މަދު ބަޔަކަށް.. އެއީ ނަސީބުވެރިން!"

އަހަރެންގެ އަތުން ނާދިފް ދޫކޮށްލިއެވެ. އެ އަތަށް އަހަންނަށް ބަލައިލެވުނެވެ. ދެން ނާދިފްއަށް ބަލައިލީމެވެ. އޭނާގެ ރިހުމުން ކުޑަމިންވަރެއްވެސް އަހަންނާއި ހިއްސާކޮށްލަން  ބޭނުން ނުވާކަމަށް އަހަރެން ނިންމީމެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅިޔަސް، އެއަށް ކުރެވޭނެ ފަރުވާއެއް ނެތެވެ. އެތަނުގައި އަހަރެން ހުރުމުގެ ބޭނުމެއް ނެތުމުން އަނެއްކާވެސް ގެއާއި ދިމާއަށް މިސްރާބުޖެހީމެވެ.

"އައި އެމް އޯކޭ"

އެއަޑާއެކު އަހަރެންގެ ދެ ކޯތާފަތް ހުރަސްކޮށް ކަރުނަ ދެމިގަތެވެ. އަހަރެންގެ މުޅިހަށިގަނޑުގައި ނޭގޭފަދަ ޠޫފާނެއް އުފެދުނެވެ. ހިނިތުންވާންވީ ކަމެއް ނުވަތަ ރޯންވީކަމެއް ނޭގުނެވެ. ފަސްއެނބުރި ބަލައިލީމެވެ. ނާދިފް ހުރީ ފުރަގަސްދީގެންނެވެ. ދުވެފައި ގޮސް ގޭތެރެއަށް ވަނީމެވެ.

................

ކޮޓަރިއަށް ވަންގޮތަށް އަހަރެން އިށީނީ ކުޑަދޮރު ކައިރީގައެވެ.  ދެ ލޯމަރައި ތަގުޅިކޮށްލީމެވެ. އިހްސާސްތައް ކޮންޓްރޯލްކުރަން ދަސްނުވަނީ ކީއްވެ  ހެއްޔެވެ؟ ހިތާމަތަކުން މިންޖުވެ ހަމަނެވާއެއް ލެވޭނެ ދުވަހެއް ދައްކަވާންދޭވެ!

ފާރުގައި ބުރަކަށި ޖައްސާފައި ދެ ކަކޫ ގާތްކޮށްލާފައި ބައްދައިލީމެވެ. އަދި ކަކޫ މަތީގައި ދައްދޮޅި ބާއްވާލީމެވެ.

"އިތުރަށް އެންމެ ދުވަހެއް.. އިތުރަށް ހަމަ އެންމެ ދުވަހެއް" އަމިއްލަ ނަފުސަށް ހަނދާންކޮށް ދިނީމެވެ.

....................

އަހަރެންގެ ހިތްދަތި ދިރިއުޅުމެކޭ މެންދަމުގެ ކަޅުއަނދިރިކަމެކޭ އެއްގޮތެވެ. އަނދިރީގެ ތެރޭ ބިރުވެރިކަން ނޫނީ ނުވެއެވެ. އަހަރެންގެ ހަޔާތުގައިވެސް އަލިކަމެއް ނެތެވެ.  އެކަނިވެރިކަމާއި ހިތާމަޔާއި ހިތްދަތިކަން ނޫނީ  ނުވެއެވެ. އަހަރެންގެ ދިރިއުޅުމަކީ މިއެވެ. ހިތާމައާއި އަނދިރިކަމެވެ. ލޯ ހުޅުވައިގެން އޮތުމަށްވުރެން، ލޯ މަރައިލުމުން ނޭވާލާން ފަސޭހައެވެ.

"މެންދަމުގެ އަނދިރިކަމުގައި އާދަވެގެން  އުޑުގެ ތަރިތަކަށް ބަލައި ނަޒަރު ހިނގާ މީހެއްގެ ދިރިއުޅުން، އެހެން މީހުންގެ ދިރިއުޅުމާއި ތަފާތުވަނެކަން އަހަރެން ޔަގީންކޮށްދެމެވެ. ޖައްވާއި ކާއިނާތައް ބަލައިލާށެވެ. ރެއާއި ދުވާލު އިންސާނުން ކުރަމުން މިގެންދާ ކަންކަމަށްވުރެން އެތައްގުނަ ބުރަ، އެތައް ގުނަ އިތުރު ކަންތައްތަކެއް އަހަރުމެންގެ ހަޔާތުގައި ކުރާންޖެހިފައިވެއެވެ." 

އަހަރެންނާއި ދިމާއަށް އޭނާ އެނބުރިލާ ކޮންމެ ފަހަރަކު، އަޅާފައިވާ މާސްކުގެ ލޯ ކަނޑާފައިވާ ހޮރުގެ ތެރެއިން ބަލަމުންދާކަން އިހްސާސް ކުރެވެއެވެ. އެއިން ކޮންމެ ފަހަރަކު ޖާޒްބީ ހިނިތުންވުމެއް އެ ރީތި ތުންފަތުން ފެނިލައެވެ.  އިންސާނެއްގެ ހިތް ފަތަހަ ކޮށްލުމަށް އެ ހަރަކާތް ފުދެއެވެ. އެއީ ޒަޚަމްވެފައިވާ މީހެއްގެ ފާރުގަޑު ފަސޭހަކޮށްލާފަދަ ބާރުގަދަ ހިނިތުންވުމެކެވެ.

"ތޭންކް ޔޫ"

އަހަރެންގެ ޚިޔާލްތަކުގެ ތެރޭގައި ވަނިކޮށް އޭނާގެ އަޑު އިވުނެވެ. ދާދި އަވަހަށް ބަލައިލިއިރު އެއްވެފައިވާ މީހުންގެ ތެރެއަށް ވަދެ، އޭނާ ގެއްލިއްޖެއެވެ. އަވަސް އަވަހަށް އެންމެން ތެރެއަށް ވަދެގަތީމެވެ. އޭނާގެ ފުޅާ، ދިގު ރަތް ހެދުން ފެނުނީ އެވަގުތުއެވެ. އޭނާގެ މިސްރާބު ހުރީ ހޯލްގެ ތެރެއިން ނިކުތުމަށްޓަކައެވެ.

"އެކްސްކިއުޒް މީ" އަޑުގެ ކޮޅަށް އަހަރެން ގޮވައިލީމެވެ. އޭނާގެ ސަމާލުކަން ހޯދަން ބޭނުމެވެ.

ކުއްލިޔަކަށް އޭނާ ހުއްޓުނެވެ. އަހަރެންގެ އިޝާރާތަކަށް އިންތިޒާރުކޮށްގެން ހުރިފަދައެވެ. ވަރަށް އުނދަގުލުން އެހިސާބަށް ގޮސް އޭނާގެ ކުރިމަތީގައި ހުއްޓުނީމެވެ. އުޖާލާ މޫނެކެވެ. ކަޅު ދިގު އިސްތަށިގަނޑުގެ ބައެއް އިސްތަށިތައް އޭނާގެ ކަނދުރާއިން ބައެއް ފަރުދާކުރަމުން ދިޔައެވެ. 

"ޔެސް؟!" އަދަބުވެރިކަމާއި ހިމޭންކަމާއެކު ބުނެލިއެވެ.

"އުމްމމ.. އައި ޖަސްޓް ވޯންޓް ސީ ޔޯ ފޭސް.." ހިތް އެދުނުގޮތަށް ބުނީމެވެ.

އަހަރެންގެ ހުށަހެޅުމުގެ ޖަވާބުގައި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ފުރަގަހަށް އައްސާފައިވާ މާސްކުގެ ވާފަށް، ލަސް ހަރަކާތަކާއެކު މަޑުމަޑުން އޭނާ މުހައިލިއެވެ. މަޑުމަޑުން މާސްކު ހިއްލައިލަމުން، ހަންތުނި އޮމާން ރީތި މޫނުގެ ވަނާތައް ކަޝްފުވަމުން ދިޔައެވެ. ކެތްތެރިކަމާއެކު އޭނާގެ ކުރިމަތީގައި އަހަރެން ހުރީމެވެ. ހިތުން ދުޢާކުރެވެމުންދިޔައީ އެހެން ފަހަރުތަކާ އެއްގޮތަށް ކަރަންޓު ނުގޮސް، އަހަރެންގެ މި އެދުން މިފަހަރު، ފުރިހަމަ ކުރެވޭނެކަމަށެވެ.

ލޮލަށް ފެނުނު މަންޒަރު ގަބޫލެއް ނުކުރެވުނެވެ. އެތައް އަހަރުތަކެއް ވަންދެން އަހަރެން ހޯދަމުން މިދަނީ އޭނާއެވެ. އެކަމަކު މި ވީ ކިހިނެއް..؟ ހިތްގައިމު، ރީތީ ދެ ލޮލެވެ. ތެދުވެރިކަމާއި މައުސޫމުކަމުން ވިދާބަބުޅަނީއެވެ. ލޯބިލޯބި ކުޑަކުޑަ ނޭފަތެކެވެ. އެކިވަރުވަރަށް ކޮށާލާފައިވާ ބައެއް އިސްތަށިތައް އޭނާގެ މޫނާއި ސަމާސާ ކުރަމުން ދިޔައެވެ. އިސްތަށިތައް އެއްފަރާތްކުރަމުން ލޮބުވެތި ހިނިތުންވުމަކާއެކު އޭނާ އަހަންނަށް ބަލައިލި އެވެ. ބުނާނެ އެއްޗެއް ނޭގުނެވެ. އެއީ 'އޭނާއަށް' ވެދާނެ ކަމަށް އަހަރެން އެންމެ ފަހަރަކުވެސް އުއްމީދެއް ނުކުރަމެވެ. ތަގްދީރުގެ މިފަދަ ރޭވުމަކަށް އަހަރެން ތައްޔާރެއްވެސް ނޫނެވެ.

"މިޒްރާ؟!" އަހަރެން ގޮވައިލީމެވެ.

އަދިވެސް އެ މޫނުން އަހަރެންގެ ނަޒަރު ދުރަކަށް ނުލަމެވެ. ބަދަލުގައި ލޮބުވެތިކަމާއެކު ހިނިތުން ވެފައިވާ މޫނުގެ އުޖާލާކަން ފަނޑުނުވެއެވެ. ހީވިކަހަލައެވެ. އަހަރެންގެ ހަރަކާތް ހުންނާނީ މިހެންކަން މާކުރީން އޭނާއަށް އެގެއެވެ.

އިރުގެ ދޯދީތަކުން ލިބެމުންދިޔަ ގޯނާތަކުން އުނދަގޫވެގެން އަހަރެން ކުކުރާލީމެވެ. ނިދުނީ ކިހައި އިރެއް ވަންދެންކަމެއްވެސް ނޭގެއެވެ. ދެތިން ފަހަރަކު އެސްފިޔަޖަހައިލަމުން ލޯ ހުޅުވާލީމެވެ. މޯޅިއަކަށް ދެމިލާފައި ހަމަޖެހިލަމުން އެނދުގައި އިށީނީމެވެ. ހިނދުކޮޅެއް ކުރީން ނުވަތަ މީގެ އެތައް އިރެއްކުރީން ފެނުނު ކަންކަން ސިފަވާން ފެށިއެވެ.

"މިޒްރާ"

އިރުގެ އަލިގަދަ ދޯދިތަކާއެކު ލިބުނު ހިތްހަމަޖެހުމުގައި ހިނިތުން ވެވުނެވެ. ހުރިހައި ރިހުމެއް ފިލައިގޮސް ހަޔާތުގެ މުޅިން އައު ސަފްހާއަކަށް ދަތުރުކުރެވުނު ފަދައެވެ.

..................

ދުވަހަކުވެސް މީހަކު ދެކެ ހަގީގީ ލޯބި ވީން ހެއްޔެވެ؟ އެއިގެ ބަދަލަކީ، ބޭއިންސާފާއި އަނިޔާވެރިކަން އިންތިހާ ކަމަށް ގަބޫލުކުރަން ތޯއެވެ؟ ލޯތްބަކީ ތިބާ ބަލިކަށިކޮށްލާ އެއްޗެއް ކަމަށް އެއްބަސްވާނަން ތޯއެވެ؟ ދިރިހުއްޓައި ތިބާގެ މެއި ފަޅާލާފައި އެހެން މީހަކު އެއިގެ ތެރެއަށް ވަދެ، ހިތް ކުދިކުދިކޮށް ތިބާގެ މުޅި ދިރިއުޅުން ސުންނާފަތި ކޮށްލާފަދަ ނުރައްކާތެރި އެއްޗަކަށް ލޯބި ހިމެނިގެންދަނީ ކީއްވެ ހެއްޔެވެ؟ ލޯތްބަކީ ހުވަފެނީ އެއްޗެއް ހެއްޔެވެ؟ ނުވަތަ އަވާމެންދުރެއް ހެއްޔެވެ؟

އިއްތިފާގު ވެވެން އޮތް ހަގީގަތަކީ ލޯތްބަކީ ފަސޭހަ އެއްޗެއް ނޫނެވެ. ލޯބި ވުމަކީވެސް، ލޯބި ލިބިގަތުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. ލޯބީގައި ދެމިހުރުމަކީ އަމިއްލަ އިޚްތިޔާރުގައި އޮންނަ ބާރެއް ނޫނެވެ.

ދިރިއުޅުން އާރާސްތުކޮށް މުސްތަގުބަލުގެ އޮނިގަނޑު ރާވާފަހުން، ކޮންމެވެސް ދިމާއަކުން މީހަކު އައިސް ތިމާގެ ހަޔާތުގައި އެމީހަކު ވަކި ހިއްޕާލަނީ އެނގުމަކާއި ނުލައެވެ. ލޯބީގެ ނަމުގައި ތިބާގެ 'މިލްކިއްޔާތު'ގައި އެމީހަކު ޝާމިލްކުރެވި ހަށިގަނޑުން ބައެއް ހިފައިގެން ދާއިރުވެސް އެއަށް ބާރެއް ފޯރުވުމުގެ އިޚްތިޔާރު ނޯވެއެވެ.

ދިރިއުޅެން ކުރި އުއްމީދާއި ނާޒުކު ހިތާއި، ލޭ ނާރުތަކާއި ތިބާގެ ނޭވާހޮޅި ހުއްޓުވާލާފައިވެސް އެމީހަކު ދާންވީމާ ދަނީއެވެ. ތަހަންމަލް ނުކުރެވޭ އަނިޔާގައި ދިރިއުޅުމުން މާޔޫސްވެ، ނާއުއްމީދުގެ ރާސްތާ އިޚްތިޔާރުކުރަނީ ކެތްނުކުރެވޭ ވޭނުގެ ސަބަބުންނެވެ. މިއަށް ލޯތްބޭކިޔައި ނަން ދިނުމަކީ އިންސާފުކަމަށް ދެކެވޭކަށް ނެތެވެ. ލޯތްބަށް އަހަރެން ނަފްރަތުކުރަމެވެ.

ދުއްވަމުން ދިޔަ ޓެކްސީ އޮފީސް ދޮރުމައްޗަށް ހުއްޓި އިރެއްވެސް ނޭގުނެވެ. ޑްރައިވަރަށް ފައިސާ ދިނުމަށްފަހު ފޭބީމެވެ. ފުރަތަމަވެސް އަހަރެން މިސްރާބުޖެހީ ބަޤްޞޫރާ މެޑަމްގެ ކެބިންއަށެވެ. މި ފައިލްތައް މެޑަމްއާއި ހަވާލުކުރުމަކީ އަހަރެންގެ ޒިންމާއެކެވެ.

މާދަމާގެ ތައްޔާރީތަކަށް އޮފީސް ޒީނަތްތެރިކުރާ ބަޔަކު ނޫނީ މިވަގުތު އޮފީހުގައި ނެތެވެ.

.............

ޓަކި ޖަހައިލުމާއެކު ދޮރު ހުޅުވިއެވެ. ދޮރު ހުޅުވައިދިން މަސައްކަތު ބޭބޭއަށް ހިނިތުންވެލާފައި އަހަރެން މެޑަމް ގާތަށް ދިޔައީމެވެ. މެޑަމްގެ ފޯންކޯލް ނުނިމޭތީ އަހަރެން މަޑުކޮށްލީމެވެ.

"ޔެސް.. ޔެސް.. މާދަމާ ރޭގެ ޕާޓީއަށް ވަޑައިގެން ދެއްވުން ވަރަށް ބޮޑަށް އެދެން.." މެޑަމްގެ ކޯލް ކުރިއަށް ގެންދިޔައެވެ.

"ތޭންކް ޔޫ.. ޔެސް.. ނާއުއްމީދު ވެވަޑައިގެންނެވިޔަކަ ނުދޭނަން.. ވަރަށް އުފާވާނެ.. އޯކޭ ބާއި" ކޯލް ބާއްވާފައި އަހަރެންނާއި ދިމާއަށް އެނބުރުނެވެ.

ހުރިހައި ފައިލެއް މެޑަމްއާއި ހަވާލުކުރީމެވެ.

"ވީ ހޭވް 9.8 ޕަރސެންޓް ޕްރޮފިޓް މަރޖިންގ އިން ދިސް.." ފައިލްތައް މެޑަމްއާއި ދިމާއަށް ކުޑަކޮށް ޖައްސައިލަމުން އަހަރެން ބުނީމެވެ.

ވަކިވަކީން ފައިލްތައް ޗެކްކުރާން ފެށިއެވެ. މެޑަމްގެ މޫނުމަތީން ހިނިތުންވުން ފަންޑުނުވެއެވެ.

"އައި ގެސް ވީ ހޭވް ދަ ޑީލް އިން ނައު..!!" ތަފާތު ހިނިތުންވުމަކާއެކު މެޑަމް ބުނެލި އެވެ.

"ޔެސް.. އައި ގެސް.. މިއަދުގެ މީޓީންގެ ކާމިޔާބަށް ވަރަށް އުއްމީދުކުރަން.."

"ލީވް ދެޓް ޓު މީ ހަނީ.." ފައިލްތައް އެއްފަރާތް ކޮށްލަމުން ބުނެލި އެވެ.

"އެންޑް.. އުމްމމ.. މެޑަމް.."

"ޔެސް.." ޝައްކުގެ ނަޒަރަކުން މެޑަމް ބަލައިލިއެވެ.

"މިއޮތީ އަޅުގަނޑުގެ އިސްތިއުފާގެ ސިޓީ.." ހުދު ސިޓީއުރަ ދިއްކޮށްލަމުން އަހަރެން ބުނީމެވެ. ހަރަކާތެއް ނެތިފައި އަހަރެންނާއި ދިމާއަށް ބަލަން އިރުކޮޅެއް ވަންދެން މަޑުކޮށްލި އެވެ.

"މިޒްރާ.. ތިހެން ނުހަދާ.."

"މެޑަމް.."

"އަހަރެން ނާދިފްއާއި ވާހަކަދައްކަންވެސް ތައްޔާރު.. އެކަމަކު ހަމައެކަނި، މިޒްރާ ގަބޫލިއްޔާ.."

"އިތުރަށް ދައްކާނެ ވާހަކައެއް ނެތް" އިސްޖަހައިލަމުން މަޑުމަޑުން އަހަރެން ބުނީމެވެ.

"އެކަމަކު...."

"އަޅުގަނޑު ބޭނުންވި ކޮންމެ ވަގުތެއްގައި، އެންމެ ގާތުގައި ވެ ދެއްވި ކަމަށްޓަކައި ހިތުގެ އެންމެ އަޑިން ޝުކުރިއްޔާ.." ވަރަށް ހިތްވަރުކޮށްފައި އަހަރެން ބުނީމެވެ.

"އަހަންނަކަށް މިޒްރާއެއް ނުއެއް ހިފެހެއްޓޭނެ.. ތިއީ މިޒްރާގެ ދިރިއުޅުން.. މިޒްރާގެ ނިންމުން.. އެކަމަކު މާދަމާރޭގެ ހަފްލާއަށް ހާޒިރުވުން މަޖުބޫރު.." ހިނިތުންވާން މަސައްކަތްކުރަމުން ޖުމުލައިގެ ފަހު ބައި ބުނެލި އެވެ.

"މެޑަމް.. ބަޓް.."

"އައި ޑޯންޓް ޓޭކް އަ ނޯ"

ހުދުކުލައިގެ ސަންގު މަރުމަރު ތަޅުމަށް އަހަރެން ބަލައިލީމެވެ. އަހަރެންގެ ހާލަތު ދެނެގަންނާނެ ހަމަ އެކަކުވެސް ނެތީހެއްޔެވެ؟ ސިކުނޑީގެ ހަނގުރާމައެއްގައި އިނދެފައި އަނެއްކާވެސް ކުރިމަތިލީމެވެ.

"މެޑަމް.."

"ޖަސްޓް ޓުމޯރޯ.."

ވިސްނާލުމަށްފަހު ބޯ ޖަހައިލީމެވެ. އެއްބަސްވުން ނޫން ގޮތެއް ނެތީއެވެ. މެޑަމްގެ ހިނިތުންވުމާއެކު އަހަރެން ހިތްހަމަ ޖައްސައިލީމެވެ.

ދާން ތެދުވި ވަގުތު މެޑަމްގެ އަޑު އިވުމުން ހުއްޓުން އެރިއެވެ.

"އަދި އިތުރު އެއް ކަންތައް...

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް