ads
ސެކަންޑް ޗާންސް..!؟
(4 އޭޕްރީލް 2024 އާ ގުޅޭ) "ޔެސް.. ރަގަޅަށް ތި ހީވީ! އެހުރިހައި ކަމަކާ އަހަރެން ދުރުކުރީ ކަލޭ މިގެއަށް އައިސްފައި.. އެކަމަކު ދެން އެއިން އެއްވެސް ކަމެއް މަނައެއް ނުކުރެވޭނެ.. އަމިއްލަ މިނިވަންކަމުގައި އަހަރެން ބޭނުންގޮތަކަށް ބޭނުންކަމެއްކޮށްގެން އަހަރެންގެ ޕްރީޝާގޮވައިގެން އުޅޭނީ.." އަހަރެންގެ އުނަގަނޑުގައި އޭނާގެ ދެއަތުން ބާރަށް ބެއްދި އެވެ. ގުޑުވާވެސް ނުލެވޭހާ ބާރަށް އޭނާގެ ހަށިގަނޑުގައި އަހަރެން ތަތްކޮށްލި އެވެ.

"އަހަރެންގެ މިހާލަތަށްޓަކައި ބިރުގަންނާކަށް ނުޖެހޭދޯ.. ޔޫ ޝުޑް ބީ ހެޕީ.. ރައިޓް؟!" އަހަރެންގެ މޫނަށް ވެއްޓިފައިވާ އިސްތަށިތައް މަޑުމަޑުން އެއްފަރާތްކުރަމުން އަހަރެންގެ ކަންފަތްކައިރިއަށް ލައްވާލިއެވެ. އަދި އަހަރެންގެ މޫނާއި ކުރިއަށްވުރެންވެސް ގާތްވިއެވެ.

"ޑޯންޓް!" ހިމާޔަތުގައި އަހަރެން ބުނެލީމެވެ.

"މިއީދޯ މިޒްރާ ބޭނުންވާ ގޮތަކީ.. ޕްރީޝާވެސް އެ ދިޔައީ އަހަންނާއި ދުރަށް.. ދެން އަހަރެންގެ ބޭންޑްވެސް ރޫޅޭނީ.. އަހަރެންގެ މިއުޒިކްގެ ކެރިއަރވެސް ހަލާކުވާނީ.. ދެން އަހަރެން އާވާރާއެއްހެން ރަށުތެރެއަށް ގިނަވެ، ކޮންމެވެސް ތަނަކަށް ދެމިފައި އޮންނާނީ.. އެއީނުން މިޒްރާ ބޭނުންވާ ގޮތަކީ.. އަހަރެންގެ ދިރިއުޅުން ނަރައަކަށް ހަދާލުން.. އެހެންވެ އަހަރެންނާއި ކައިވެނިކުރީ"

ނާދިފްގެ ބަސްތަކުން އަހަރެންގެ ހިތް ފުނޑުފުނޑުވަމުން ދިޔައެވެ. އަހަރެންނާއި ދޭތެރޭގައި އޭނާ ހަގީގަތުގައިވެސް ވިސްނާ ގޮތަކީ މިއީ ހެއްޔެވެ؟ އެބަސްތައް ގަބޫލުކުރަން ބޭނުން ނުވިޔަސް، ދެ ލޯ ކަރުނައިން ތެންމާލިއެވެ.

"ނާދިފް.. މާބޮޑަށް ނުވިސްނާ.. ހުރިހާ ކަމެއް ރަގަޅުވާނެ.. ޕްރީޝާވެސް ނާދިފް ކައިރިއަށް އަންނާނެ"

"ނޫނޭ މިޒްރާ.. އަހަރެންގެ ދިރިއުޅުން ސުންނާފަތިކޮށްލުމުގެ މަސައްކަތް މިޒްރާއަށް ކާމިޔާބު ވެއްޖެ.. އަހަރެން ބަލި ގަބޫލުކޮށްފިން.. ޔޫ ވޮން..!"

"ނާދިފް.. ކީކޭ ކިޔަން ތިއުޅެނީ..؟

އަހަރެންގެ އުނގަނޑުގައި ހިފަހައްޓާފައި ހުރި އަތް ދޫކޮށްލަން ނާދިފް ހިތައްވެސް ނާރައެވެ. މަޑުމަޑުން އަހަރެންގެ މޫނާއި ގާތްވާން ފެށިއެވެ. އޭނާގެ އެއް އަތް ހިއްލާލާފައި އަހަރެންގެ މޫނުގައި ފިރުމާލިއެވެ. އެ ހަރަކާތް މާނަކުރާން އަހަރެން ނުކުޅެދުނެވެ. ނާދިފްއަށް އަންނަމުންދިޔަ ބަދަލުތައް ދެނެގަންނާން ނޭގިގެން އުޅެނިކޮށް، ހިނދުކޮޅެއްގެތެރޭގައި އަހަރެންގެ ދެ ލޯ ބޮޑުވިއެވެ.

ހަށިގަނޑުގެ ހަރަކާތް ހުއްޓުނެވެ. ބާރަށް ހިތް ތެޅޭއަޑު އިވުނެވެ. ބަނޑުގައި ކޮކާތައް ފިޔަޖަހަން ފެށިއެވެ. އަހަރެންގެ ހުރިހައި ހިއްސެއް އަހަންނަށް ދެކޮޅުހެދިއެވެ. އޭނާގެ އަތުތެރެއިން ނިކުންނާނެ ބާރެއް ނުލިބުނެވެ. މިއީ އަހަރެންގެ ހަޔާތުގައިވެސް ފުރަތަމަ 'ކ*'އެވެ. ދެލޯމެރިގެންދިޔައީ ނާދިފްއަށް ދެވުނު އިތުރު ދަޢުވަތެއްގެ ގޮތުގައެވެ. އެދުނު ހުރިހައި ހުއްދައެއް އިޚްތިޔާރުން ބޭރުން އޭނާއަށް ހަދިޔާކުރެވުނެވެ.

މަޑުމަޑުން ދެ ލޯހުޅުވައިލެވުނީ 'އޮކްސިޖަން' ބޭނުންވާކަން އެނގުމުންނެވެ. އަހަރެންގެ ނަފުސު މިހައި ބަލިކަށިވުން މިއީ ދުވަހަކުވެސް ބޭނުންވިގޮތެއް ނޫނެވެ. ނާދިފް އަހަންނާއި ދުރަށް ޖައްސާން ހަރަކާތް ގެންނާން އުޅުނުވަގުތު އެއަށްވުރެން ބާރަށް އޭނާ އަހަރެން ކޮށްޕާލިއެވެ. ހަ ފޫޓު ދެ އިންޗި ދިގު އިންސާނަކު އޭނާގެ ގައިހުރި ބާރެއްލާފައި އަހަރެން ކޮށްޕާލާއިރު ވެއްޓެންދާނެ ބާރުމިން އިހްސާސްކުރެވޭ ހެއްޔެވެ؟

މާދުރަށް ބުރައިގެންގޮސް އަހަރެން މަޑުޖެހުނީ އޭނާގެ ކޮޓަރީން ބޭރަށެވެ. ވަރަށް ބޮޑަށް އަހަރެންގެ ފަޔަށް އަނިޔާވިއެވެ. ތެދުވެގެން އެތަނުން ދާން ބޭނުންވިއެވެ. އެކަމަކު ހީވަނީ ފައިގެ ކުޑަހުޅަށް އަނިޔާލިބިފައިވާ ހެނެވެ.

"ތިއީ ކަލެޔަށް ހައްގު މިންވަރު.." އެހެންބުނުމާއެކު އަހަރެންގެ މޫނުމައްޗަށް ދޮރު ލެއްޕިއެވެ.

ފައިގެ ރިހުން ގަދަކަމުން އެއިންގޮތަށް އެތަނުގައި އިނދެވުނީ ކިހައި އިރަކުކަމެއް ނޭގެއެވެ. އަޅަމުންދިޔަ ވޭނުގައި ކަރުނަ ފޮހޭކަށްވެސް އެކަރުނަތައް ހުއްޓުވާކަށްވެސް އަހަރެން މަސައްކަތެއް ނުކުރަމެވެ. މިވަރު ކަންތައްގަނޑެއްގެ ތެރެއަށް އަހަރެން ވަންނާން ޖެހިދާނެކަމަށް ދުވަހަކުވެސް ހީކުރެވިފައެއް ނެތެވެ.

ހިތްވަރުކޮށްފައި އެތަނުން ތެދުވެވޭތޯ އަނެއްކާވެސް މަސައްކަތް ފެށީމެވެ. އަނިޔާވި ފަޔަށް ބާރެއް ނުލެވުނެވެ. އަހަރެންނާއި ދިމާއަށް އަތެއް ގާތްވަމުން އަންނަތަން ފެނުމުން ހައިރާންވެފައި ބަލައިލެވުނެވެ. ކުރިމަތީގައި ހުރީ މޮންސްޓަރ ނާދިފްއެވެ.

އަހަރެން އޭނާއަށް ބަލައިލިވަގުތު އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރައިލިއެވެ. އެހެން ގޮތެއް ނެތުމުން އޭނާގެ އަތުގައި ހިފައިގެން ތެދުވާން ހިއްވަރުލީމެވެ. ޖެހިގެން އައި ސިކުންތުގައި އަހަރެން އޮތީ ނާދިފް އަތްމަތީގައެވެ. ބިމުން މައްޗަށް އުފުލާލާފައި އޭނާގެ ދެއަތްމަތީގައި ބާއްވާލި އިރެއްވެސް ނެގުނެވެ. އަހަރެން ގޮވައިގެން ތިރިއަށްގޮސް، ފްރިޖުން އައިސްޕެކް ނަގައިގެން އަހަރެން ގޮވައިގެން އައީކޮޓަރިއަށެވެ.

އަހަންނަށް ބެލުނީ އޭނާގެ މޫނަށެވެ. އަހަރެން ބަލާކަން އިހުސާސްވެގެން ނާދިފްވެސް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު އެކަކަށްވެސް އިތުރަށް ހަރަކާތެއް ނުގެނެވުނެވެ.

މަޑުމަޑުން އަހަރެން އެނދުމަތީގައި ބާއްވާލާފައި ބިންމަތީގައި ކަކޫޖައްސައިގެން ނާދިފް އިށީނެވެ. ފަރުވާތެރިކަމާއެކު ނާދިފްގެ ލޮލަށް ބަލައިލީމެވެ. ކުރިންހުރި ނަފްރަތާއި ރުޅިވެރިކަމެއް އެލޮލަކުން މިހާރަކު ނުފެނެއެވެ. އެކަމަކު އަދިވެސް އެދެލޯ ވަރަށް ބޮޑަށް ރަތެވެ.

އަހަރެންގެ އަތުގައި ހިފަހައްޓާލާފައި އިސްޖަހައިލިއެވެ. މިއީ ނާދިފްގެ މުޅިން އައު ސިފައެކެވެ. އިރުކޮޅެއްކުރިން ފެނުނު މޮންސްޓަރ ނާދިފްއެއް ނޫނެވެ. އެނދުގެ މަގަތުގައި އަހަރެން ހަމަޖެހިލީމެވެ. ހަމައެވަގުތު ނާދިފް ވާހަކަދައްކަން ފެށިއެވެ.

"މިޒްރާ.." އަހަރެން ލޮލަށް ބަލައިލާފައި ވާހަކަ ދެއްކިއެވެ. ފެންކަޅިވެފައިވާ އެ ރީތި ދެލޮލަށް ބަލަން އަހަންނަށް ފަސޭހައެއް ނުވި އެވެ. މިހާލަތުގައި ނާދިފް ވުމަށް އަހަރެންގެ ހިތެއް ނުރުހެ އެވެ.

"ފެށުނީއްސުރެން އަހަރެން މިއަންނަނީ އުފާވެރިކަމުގެ މޫނެއް އެހެންމީހުންނަށް ދެއްކޭތޯ މަސައްކަތް ކުރަމުން.. ފެންނަ ކޮންމެ މީހަކަށް ހީވާނެ، އަހަރެން މިއީ ވަރަށް އުފަލުގައި އުޅޭ މީހެކޭ.. އަހަރެންގެ ހަޔާތުގައި ވިސްނާނެ، ނޫނީ ފިކުރުކުރާނެ މައްސަލަތަކެއް ނުހުންނާނެޔޭ.. ބަޓް..! ހަގީގަތަކީ، އަހަންނަށް އެހީތެރިވެދޭނެ މީހަކު އަހަރެންވެސް ބޭނުން.. އިންތިހާއަށް ބޭނުން.. އަހަންނަށް އަޅާލާ އޯގާތެރިވާނެ މީހަކު އަހަރެންވެސް ބޭނުން.."

އަހަރެން ހައިރާންވެ އަންތަރީސްވިއެވެ. މިއޮތް ހިތްވަރުގަދަ، އަމިއްލަ ނަފުސަށް އިންތިހާއަށް އިތުބާރުކުރާ ފިރިހެނާ، ކުދިކުދިވެ ހިތްދަތިވާން ޖެހުނު ސަބަބަކީ ކޮބައިބާއެވެ. އަދި އޭނާގެ ހަޔާތުގައި ހެޔޮއެދޭ އެތައް ބަޔަކު ތިބޭއިރު އަހަރެން ގާތުގައި މިވަރުގެ ވާހަކައެއް ބުނަންޖެހުނު ސަބަބަކީ ކޮބައިބާވައެވެ. އެހެން އެންމެންނަށް އޭނާގެ ވަރުގަދަ ހައިބަތު ދައްކާފައި އަހަންނަށް އޭނާގެ ހިތުގެ ފަސާނާ މި ކިޔައިދެނީ ކީއްވެބާއެވެ. ނާދިފް ވާހަކަދައްކަން ފެށުމުން އަހަރެންގެ ޚިޔާލްތައް އެއްފަރާތްކުރީމެވެ.

"އަހަރެންނަކީ، ހަރަކާތެއް ނެތި ބިންމަތީގައި އަތުރާފައިވާ ކަށިތަކެއް ފަދަ ދިރުމެއް ނެތް އިންސާނެއް.. އަހަރެންގެ ހާލަތު އިގޭނެ ދެވަނަ މީހަކު ނޫޅޭ..، އަހަންނަކީ ތެޅިތެޅި އޮތް ހިތަކާއެކު ބިމުގައިވާ، ފުރާނައެއް ނެތް ކަށިގަނޑެއް."

ނާދިފްގެ އެ ޖުމުލައާއެކު އަރެންގެ ހައިރާންވިއެވެ. ހަދާނެ ގޮތެއްވެސް ނޭގުނެވެ. އަމިއްލަ ހަށިގަނޑާއި ސިކުނޑިއަށް އެތައް ރިހުމެއް އެއްކޮށްގެން އެއްވެސް މީހަކާ ހިއްސާނުކޮށް ހުންނަނީ ކީއްވެބާއެވެ؟

"ޕްރީޝާ.. އެއީ އަހަރެންގެ ހުރިހައިވެސް މީހަކީ.. އެކަމަކު އަމަން ބުނީ، ޕްރީޝާއަކީ އަހަރެންގެ ދިރިއުޅުމުގެ އާދައެކޭ.. އޭނާވެސް އަހަރެން ދޫކޮށްލާފައި ދާނެ.. އަހަރެން.. " ނާދިފް ފުންނޭވާއެއް ލިއެވެ.

"އައި ޑޯންޓް ބްލޭމް ޔޫ.. އެކަމަކު މިޒްރާ.. އަހަންނަށް އެނގޭ.. އަހަރެންގެ ހަޔާތަށް މިޒްރާއައި ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެން ކަންތައްކުރަމުން މިއަންނަނީ ވަރަށް ހަރުކަށި އަދި ވަރަށް ރަހުމު ކުޑަކޮށްކަން.. ވަރަށް ހިތްދަތި އަނިޔާތައް ދެވޭކަންވެސް އިނގޭ.. އެކަމަކު އަހަރެން އެގޮތަށް އެކަންކަން.. ނުކުރާނަމަ، އަހަރެންގެ ގާތުން ވަރިވެގެން މިޒްރާ ދުރަކަށް ނުދާނެ..!"

ނާދިފްގެ ފަހު ޖުމުލަ ގަބޫލުނުކުރެވިގެން އޭނާއާއި ދިމާއަށް ބަލައިލީމެވެ. އަހަރެންނަށް މިއޮއްހުރިހައި ދުވަހު ނާދިފްއާއި ދޭތެރޭގައި ވިސްނިފައިވަނީ ރަގަޅަކަށް ނޫނެވެ. އޭނާއަކީ ހަގީގަތުގައި އެހައި ރަހުމުކުޑަ މީހެއް ނޫނެވެ.

މިރޭ މިހައި ރީތިކޮށް ވާހަކަދައްކާފައިވެސް މާދަމާ ހެނދުނު އޭނާގެ މޮންސްޓަރ މޯޑްއަށް ވެއްޓޭނެކަން އެގެއެވެ. އެކަމަކު މިރޭ ހަމައިގައި ނޫނަސް، އޭނާގެ ހިތުގެ ހާލަތު ބަޔާންކުރީތީ އަހަރެން ފަޚުރުވެރިވަމެވެ.

"ނާދިފް.. އިފް ޔޫ.." އަހަރެން އޭނާއަށް ވިސްނައިދޭން ބޭނުންވީ އޭނާދޫކޮށްފައި ދާދި އަވަހަށް އަހަރެން ދާނެކަމާއި ނާދިފް ހިތްވަރުގަދަކުރަންވީ ކަމެވެ.

"އައި އެމް ސޮރީ..." އަހަރެންގެ އުނގުމަތީގައި އޭނާ ބޯއަޅައިލިއެވެ. ތަހަންމަލް ނުކުރެވޭވަރަށް އެ ހިތާއި ހަށިގަނޑުގައި ވޭންއަޅަމުންދާކަން އަހަންނަށް އިހުސާސްކުރެވުނެވެ.

"މިޒްރާ.. މިގެއިން ނުގޮސް.. އަދިވެސް ހުންނަންޏާ.. އިތުރަށް ... އަހަރެންގެ ފަރާތުން .. އެތައް ... އަނިޔާތަކެއް ލިބޭނެ.. އެގޮތް.. އަހަރެން ބޭނުމެއް ނޫން.. ޕްލީޒް!" ބޯ ހިއްލާލާފައި އަހަރެންގެ މޫނަށް ބަލައިލިއެވެ.

"ނާދިފް... އިޓްސް އޯކޭ..."

"ނޯ އިޓް އިޒްންޓް! އެކަންކަން ކުރަނީ އެގޮތް އަހަރެން ބޭނުންވާތީކީނޫން.. މިހެން އުޅެއުޅެ އަހަރެން ވަރުބަލިވެއްޖެ.. ވަރަށް ބޮޑަށް ވަރުބަލިވެއްޖެ.."

ނާދިފް ހިފަހައްޓައިގެން އޮތް އަހަރެންގެ އަތަށް ކަރުނަ ތިއްކެއް ޖެހުމުން ބަލައިލީމެވެ. މިފަދަ ރިހުމެއްގައި އޭނާ ވާތަން ބަލަން އަހަރެންގެ ހިތަށް މިހައި ތަދުވަނީ ކީއްވެ ހެއްޔެވެ؟ އެހުރިހައި އަނިޔާއާއި ވޭން އޭނާ ދިނުމުންވެސް، އެ ލޮލުން ކަރުނައެއް ވެއްޓޭ މަންޒަރު ބަލަން ހިތަށް ފަސޭހައެއް ނޫނެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

އަހަރެންގެ އަތުގެ ނުފުށުގައި އޭނާގެ ތުންފަތް ޖައްސައި ފިއްތާލިއެވެ. ލޯމަރައިގެން އިރުކޮޅަކު އޮތުމަށްފަހު ތެދުވެގެން ހިގައްޖެއެވެ.

ފަހަތް ބަލައިވެސް ނުލައެވެ. ނާދިފް އަހަރެންގެ ލޯމައްޗަށް ގެއްލެންދެން ބަލަން އިނދެވުނެވެ. އެވަރު ވޭނެއްގައި ނާދިފް ވުމުގެ ސަބަބަކީ ކޮބައިބާއެވެ.؟ ކިތަންމެ ބޭނުންވިޔަސް އެސުވާލުގެ ޖަވާބަކީ އަހަރެންނަށް ހައްގުމިންވަރު ނޫންކަން އަހަރެން ދަންނާން ޖެހޭކަންވެސް އެގެއެވެ. އަހަރެން ސިއްސުވާލީ ފޯނުގެ ރިންގެވެ.

"ޒެއިން"

"މިޒްރާ..."

"ޔެސް ޒެއިން.."

"މިޒްރާ.. ވަރަށް މުހިއްމު އެއްޗެއް ދައްކާން ބޭނުން.. އިޓްސް ރިއަލީ އިމްޕޯޓަންޓް!!"

"އެއްޗެއް ދައްކަން..؟ ކޯންޗެއް..؟"

"މާދަމާ ހެނދުނު.. ބަރާބަރު ހަގަޑި ތިރީސް.. އަހަރެންގެ ގެއަށް"

"ޒެއިން.. ވީގޮތެއް ބުނެބަލަ"

"ބާއި"

"ޒެއިން .. ހެލޯ.. ޒެއިން.."

އަހަރެން ބިރުގަތެވެ. ޒެއިންގެ އަޑުވެސް ތަފާތެވެ. ވާހަކަދެއްކުންވެސް ތަފާތެވެ. ވަރަށް މުހިއްމު ކޮންކަމެއް ހެއްޔެވެ؟ ޔާﷲ... މިއަޅާއަށް ހަމަޖެހިލާނެ ވަގުތެއް ދެއްވާންދޭވެ..!

ތަދުވެފައިވާ ފަޔަށް ސްޕްރޭކޮށްގެން ބެންޑޭޖް ކޮށްލާފައި އަހަރެންގެ މަސައްކަތް ފެށީމެވެ. މަސައްކަތުގައި ޝާމިލްވާން ކިތަންމެ މަސައްކަތެއް ކުރިޔަސް، ނާދިފް އެ ޖުމުލަ ސިކުނޑިން ދުރަކަށް ނުދިޔައެވެ.

"އަހަރެންނަކީ، ހަރަކާތެއް ނެތި ބިންމަތީގައި އަތުރާފައިވާ ކަށިތަކެއް ފަދަ ދިރުމެއް ނެތް އިންސާނެއް.. އަހަރެންގެ ހާލަތު އިގޭނެ ދެވަނަ މީހަކު ނޫޅޭ..، އަހަންނަކީ ތެޅިތެޅި އޮތް ހިތަކާއެކު ބިމުގައިވާ، ފުރާނައެއް ނެތް ކަށިގަނޑެއް."

ނާދިފްގެ ހާލު ދެކިލަން ބޭނުންވިއެވެ. ވަރަށް އުނދަގުލުން ފައިދަމަމުން، ކޮރުޖަހަމުން ކޮޓަރީން ނިކުތީމެވެ.

ގޭތެރޭގައިވަނީ ފަނޑުއަލިކަމެކެވެ. ސިޓިންގރޫމް ސޯފާގައި ނާދިފް އޮތެވެ. ވަރަށް އުނދަގުލުން އެހިސާބަށް ދިޔައީމެވެ. ވަރަށް އަރާމުކޮށް އަމާންކަމާއެކު ނިދާލާފައި އޮތެވެ. ބަލައި ފޫހިނުވާފަދަ ހިތްގައިމު ކަމެކެވެ. ނާދިފްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާގެ ކުރިމައްޗަށް އައިސް، މޫނާއިދިމާއަށް ގުދުވެލީމެވެ. މަޑުމަޑު ކަޅު އިސްތަށިގަނޑުގައި އަހަރެން ފިރުމާލީމެވެ. އަހަރެންގެ

ބީހިލުން އޭނާ ނިދީގައިވެސް ދެނެގަތްފިއެވެ. ކުޑަކުއްޖަކު ފަދައިން މައުސޫމްކަމާއެކު ހިނިތުންވިއެވެ. މިއީ އަހަންނަށް މުޅިން އާ އިހުސާސްތަކެކެވެ. އަހަރެންގެ ހިތުގައި ނާދިފްއަށްޓަކައި ޚާއްސަމަގާމެއް ދެވިއްޖެއެވެ. އޭނާގެ މިރޭގެ ވާހަކަތަކުން އަހަރެންގެ ހިތް ނާދިފްއަށް ލެނބި ނިމިއްޖެއެވެ. އަހަރެންގެ މޮންސްޓަރ، އަހަރެންގެ ހިތް ފަތަހަކޮށްފިއެވެ.

"ނާދިފް.. އަހަންނަކަށް ނޭގެ އަހަރުމެން ދެމީހުންނަށް އެކުގައިވެވޭނެ ކަމެއް ނުވަތަ ނޫންކަމެއްވެސް.. އެކަމަކު، އެއްކަމަކަށް އަހަރެން މިރޭ ވަޢުދުވަން.. އެއީ ނާދިފްގެ އަނދިރި ދުނިޔެއިން އަމާންކަމުގެ މަންޒިލަށް ވާސިލްކޮށްދޭނެކަމުގެ ޔަގީންކަން.. މިއީ އަހަރެންގެ ވަޢުދެއް! ﷲގަންދީ ބުނަން.. ނާދިފްއަށް އަމާންކަން ހޯދައިދޭނަން.." ނުހަނު މަޑުމަޑުން ފިރުމާލަމުން އަހަރެންގެ އަތް އޭނާގެ އިސްތަށިގަނޑާއި ވަކިކޮށްލީމެވެ.

.............

ގަޑިން ހެނދުނު ހަގަޑި ތިރީސް

ބެލްޖަހައިލުމާއެކު ގޮވާލިއަޑު އިވުނެވެ.

"ކަމިންގ!!"

އެއީ ޒެއިންގެ ރަމްޒީ ނިޝާނެކެވެ. ގޭގެ ބެލް އަޅާލާކޮންމެ ފަހަރަކު އެ ޖަވާބު ލިބޭނެއެވެ. ދާދި އަވަހަށް ދޮރުހުޅުވައިފިއެވެ. އަހަރެން އެތެރެއަށް ވެއްދުމުގެ ޝައުގުވެރިކަން ބޮޑީކީ ނޫނެވެ. ބެލްގެ އަޑަކީ ތަހަންމަލްކުރާން ޒެއިންއަށް ވަރަށް އުނދަގޫ އަޑެކެވެ.

"މިޒްރާ.. ކަމް އިން!!"

އެތެރެއަށްވަދެ ސޯފާގައި އިށީނީމެވެ.

"މިހައި ހެނދުނާ ގެންނަށް ޖެހުނީތީ ވަރަށް މަޢާފް.. ކިހިނެއްވީ މިޒްރާގެ ފަޔަށް؟"

"ރޭގައި ކައްސާލީ" ދޮގުހަދަން މަޖުބޫރެވެ. ބަރަކާތްތެރި ދުވަހެއްގެ ހެނދުނު ފަށަންވެސް މިޖެހުނީ ބޮޑު ދޮގަކުންނެވެ. މިއީ އަހަންނަށް އާކަންކަމެވެ. އެކަމަކު ތެދަށް ބުނެވޭކަށް ނެތެވެ.

"އޯއ.. ބަލައިގެނއ އުޅެއްޗޭ މިޒް! ކޮފީ ބޭނުން..؟"

"ޒެއިން.. ޓު ދަ ޕޮއިންޓް ޕްލީޒް"

"ކޮފީ..؟"

"ފައިން.. ޔެސް! ވަން ސްޕޫން ޝުގަރ" މިފަދަ ހެނދުނެއްގައި އަހަރެންގެ ބެސްޓްފްރެންޑާއި ޒުވާބަކަށް ދާން ބޭނުންނުވާތީ އެއްބަސްވީމެވެ.

"އައި ގޮޓް ދެޓް.."

ގިނައިރެއްނުވެ ކޮފީހިފައިގެން ޒެއިން އައިސް އިށީނެވެ.

"ވަޓް އިޒް އިޓް ޒެއިން؟"

"އިއްޔެ އަހަރެންގެ މޭޒުމަތީން ވަރަށް މުހިއްމު ފައިލެއް ގެއްލިއްޖެ.. ވަރަށް ހޯދިން.. އެ ފައިލް ވެދާނެކަމަށް ޚިޔާލަށް އައި ހުރިހާ ދިމާލެއްވެސް ބެލިން.. ހުރިހައި މަސައްކަތެއްވީ ބޭކާރު.. މިޒްރާ ގާތުގައި އަހަންވެސް ބޭނުންވި.. އެކަމަކު އިއްޔެ ތަންކޮޅެއްކުރީން މިޒްރާ ގެއަށް ދިޔައީ.. އެހެންވެ.. ސެކިއުރިޓީ ހެޑްކައިރީގައި ބުނެގެން އޭނާ އޮފީހަށް ގެނެސްގެން ބެލީ.. އަހަރުމެން ދެމީހުން ސީސީޓީވީ ރޫމްގައި ތިބީ.. ނަސީބަކުން ފައިލަށް ވީ ގޮތް އެނގުނު.." ވަރަށް ނުތަނަވަސް ކަމާއެކު ޒެއިން ވާހަކަދެއްކިއެއެވެ.

"އޯ-ކޭ.. ދެން..؟" ކޮފީ ބޯލާފައި އަހަރެންގެ ބުމަ އަރުވާލީމެވެ.

"ދެން އަހަރުމެން ދެމީހުން ފުޓޭޖްތައް ޗެކްކުރީ.. އެންޑް.. އޯލް.. ވެން.. އުމް.. ފައުންޑް ސަމްތިންގ.."

ނުތަނަވަސްކަމާއެކު، އޭނާގެ ދަބަހުގެ ތެރެއިން ލެޕްޓޮޕް ނަގާފައި އޮން ކޮށްލިއެވެ. ޒެއިންގެ މޫނުމަތީން ފެނުނު އަސަރުތައް ދެނެގަންނާކަށް އަހަންނަކަށް ނޭގެއެވެ.

"މި ވީޑިއޯ ރެކޯޑްކުރެވުން މިއީ އަހަންނަށް ކުރެވުނު ރަގަޅުކަމެއްކަން ނުވަތަ ނޫންކަން ނިންމާކަށް އަހަންނަކަށް ނޭގެ.. އެކަމަކު އަހަރެން ހިތައްއެރީ މިޒްރާ އަށާއި.. އުމްމމމ.. އުމްމމމ.. ނާދިފް.. ޔޫ ނ.."

ނާދިފްއަށް އެނގުން މުހިއްމު ކަމެއްކަމަށް ޒެއިން ބުންޏެވެ. ޒެއިންއަށް ފެނިގެން ރެކޯޑްކޮށްގެން މިއުޅެނީ ކޯންޗެއް ބާއެވެ. ހިތްއަވަސްވެ، ލޭހިނގުން އަވަސްވިއެވެ.

"މިއޮތީ... މީތި..!"

އަހަރެންނާއި ދިމާއަށް ލެޕްޓޮޕް އަނބުރާލާފައި ވީޑިއޯ ޕްލޭ ކޮށްލިއެވެ.

........................

ލޯ ހުޅުވާލެވުނުއިރު ބޮލުގައި ހީވަނީ އެއްޗަކުން ތަޅާހެނެވެ. ރިއްސުން ގަދަކަމުން ބޮލުގެ ދެފަރާތުން ހިފަހައްޓާލީމެވެ. އޮވެވުނީ ސޯފާގައިކަން އެނގުނީ ތެދުވިފަހުންނެވެ.

"އރރގގހހ!!!"

ބޯ ހީވަނީ ދެފަޅިވެދާނެ ހެނެވެ. މަޑުމަޑުން ބަދިގެއަށްގޮސް، ލުނބޯފެން ހަދައިގެން ބޮއެލީމެވެ. އެހެންޏާއި މިފަދަ ދުވަސްދުވަހު އަހަރެން ހޭލަންވާއިރަށް ގޭގެ މަސައްކަތު މީހުން މިކަންކަން ހުންނާނީ ކޮށްފައެވެ. ވަޒީފާއިން ވަކިކޮށްފައި ފޮނުވާލެވުނު އެންމެނަށް ވަޒީފާ ދީފައި އަލުން އެމީހުން ގެންނާންވީ ވަގުތު ޖެހުނީއްޔޭ ހިތަށްއެރިއެވެ.

ފެންތަށި ބޮއެލުމާއެކު އަހަރެންގެ ލޮލުގެ ފެނުން މަޑުމަޑުން ރަގަޅުވާން ފަށައިފިއެވެ. ތަށި ހިފަހައްޓައިގެން އިނދެ ލޯ މަރައިލީމެވެ. ރޭގެ މާބައިވަރު ހަނދާންތަކެއް އަހަރެންގެ ސިކުނޑިއަކަށް ނައެވެ. އެކަމަކު މިޒްރާ އަހަރެންގެ ކޮޓަރީން ބޭރަށް ކޮއްޕާލެވުނުކަން ހަނދާންވިއެވެ.

"އަހަރެންގެ ކޮޓަރި.. ވެއިޓް.. ޝ-ޓ!! މުޅިކޮޓަރި އޮންނާނީ ސުންނާފަތި ކޮށްފަ.. ޑޭމނނ.."

ތަށި ބައިންދާފައި އަހަރެން ކޮޓަރިއަށް ދިޔައީމެވެ. ދޮރުހުރީ ހުޅުވާފައެވެ. އެއީ މުޅިން އާކަމެއްނޫނެވެ. އެކަމަކު ދެން ފެނުނީ މުޅިން އާކަމެކެވެ. މުޅި ކޮޓަރި ސާފުކޮށްލާފައެވެ. ތަރުތީބު ނުކުރާ އެންމެ އެއްޗެއްވެސް ނެތެވެ. ސާފު ބިއްލޫރިކޮޅެއްފަދައިން ވިދާލައެވެ. ލިބުނު ހިތްހަމަޖެހުމުގައި ފުންނޭވާއެއް ލެވުނެވެ.

"ސާފުކުރީ ކާކުބާ... މިޒްރާ..؟؟!!"

އަހަރެންގެ އެނދުގައި އިށީންދެ ހަމަޖެހިލީމެވެ. އެވަގުތު ލޮލުގައި އަޅައިގަތީ އަހަރެންނާއި ޕްރީޝާއާއި ދެމީހުންގެ ފޮޓޯއެވެ. އަހަރެންގެ ހަޔާތުގައި ހިނގަމުންދާ ކަންކަން ސިކުނޑިއަށް އަންނާންފެށީ އެހިސާބުންނެވެ.

މިއަދުވެގެންދާނީ ހާސްކަމާއި ނުތަނަވަސްކަމުގެ ދުވަހަކަށެވެ. އެއީ ޔަގީންކަމެކެވެ. ވިސްނާލެވުނެވެ. ފަ-އި-ނަ-ލީ!

"މިޒްރާ އަހަރެންގެ ހަޔާތާއި ވަކިވާނެ.. އެކަމަށް ތައްޔާރުވާންޖެހޭ" ވެވުނު ނާއުއްމީދުގައި ދެ ލޯމަރައިލެވުނެވެ.

.................

ޕްލޭކޮށްލި ވީޑިއޯއިން ފެންނަމުންދިޔަ މަންޒަރުން އަހަރެންގެ ދެ ލޯ ބޮޑުވެ، އަނގަހުޅުވި އެތެރެއަށް ހިފައިލި ނޭވާ ހުއްޓުނެވެ. ލިބުނު ޝޮކްގައި ގުޑާލަންވެސް ނޭގިފައި އިނދެވުނެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް