ads
މުއިއްޒު
މިދިޔަ 5 އަހަރު މާލެއަށް ގެނައި ތަރައްގީއެއް ނެތް: ރައީސް
އެމްޑީޕީއަށް ސަރުކާރާއި މަޖިލީހުގެ ސުޕްމެޖޯރިޓީ އޮވެ، މާލެ ތަރައްގީކުރަން ލިބުނު ރަނުގެ ފުރުސަތު ދޫކޮށްލީ ކަމަށާއި މިދިޔަ 5 އަހަރު މާލެއަށް ކޮށްދިން ކަމެއް ފެންނަން ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ސިލްސިލާކޮށް ކޮންމެ ރެއަކު މިހާރު އަންނަނީ މާލެ އާއި ހުޅުމާލޭގައި ޖަލްސާތައް ބާއްވަމުންނެވެ.

މިރޭ މާލޭ ބުލޫކިޔާމަގުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގެ ސަރުކާރަށް އަދި އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެ، މާލޭގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދެވުނު ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރަށް މާލެ އަށް ކޮށްދެވުނު ކަމެއް ދެއްކެން ވެސް ނޯންނާނެ ކަމަށް ރައީސް ވަރަށް ޔަގީންކަމާ އެކުގައި ވިދާޅުވި އެވެ.

"އަޅުގަނޑު މޭޔަރަކަށް ހޮވައިގެން، އޭރު އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް އެކަނި އޮތީ. އެއީ ސަރުކާރުގެ އެއްބާރުލުމެއް ނުލިބި ކުރެވުނު މަދު ކަންކަމެއް ކުރެވިފައި ހުރީ،" ރައީސް ވިދާޅުވި އެވެ.

މާލޭގެ އިތުރުން ޖުމްލަކޮށް މުޅިރާއްޖެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވަނީ މިދިޔަ ރިޔާސީ އިންތިހާބު ބޯމަތިވުމުން ސަރުކާރުން މާލެ ކައިރީ ނުހިއްކާއޮތް ފަޅަކުން ގޯތިދިން ނަމަވެސް އެއީ ރައްޔިތުންނަށް ހެޔޮއެދިގެން ކުރިކަމެއް ނޫންކަމަށެވެ.

ރައީސް ވަނީ މިދިޔަ 4 މަސްތެރޭ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެކިގޮތްގޮތަށް ކުރިމަތި ކުރުވި ހުރަސްތައް ކުރިއަށްއޮތް މަޖިލީހުގެ ދައުރުގައި ދީފިނަމަ އޭގެ ގެއްލުން ރައްޔިތުންނަށް އެތައްގޮތަކުން ކުރިމަތިވެގެންދާނެކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް ޔަގީން މާލޭގެ ރައްޔިތުން ބޭނުންވާނީ މާލެއަށް ބޭނުންވާ ގޯތިގެދޮރުގެ މައްސަލަ ހައްލުވާން، އިޖްތިމާއީގޮތުން މާލޭގައި ހައްލުކުރަންޖެހޭ ކަންކަމަށް ހައްލުގެނެސްދޭން، މަގުތައްހެދި، ޕާކިންގެ މައްސަލަ ހައްލުވެ، މުޅިމާލެއަށް ހަމަޖެހުން އަންނަން މާލޭގެ ރައްޔިތުން ބޭނުންވާނީ. އެންމެ ފުރަތަމަ ބޯހިޔާވަހިކަން ދެން އެހެން ކަންކަން. މިކަންކަން ކޮށްދެވޭނީ މަޖިލިސްގެ އެއްބާރުލުން ސަރުކާރަށް ލިބިގެން" ރައީސް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުން ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި މި ފަސް އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ގެދޮރުގެ ޔަގީން ލިބޭނެ ކަމަށް މިރޭ ވެސް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ކުރެވޭނީ ސަރުކާރަށް އެއްބާރުލުން ދޭ، ސަރުކާރުގެ މެމްބަރުންތަކެއް މަޖިލީހުގައި ތިބެގެން ކަމަށެވެ. އަދި މި މަހު 21 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓުލާއިރު މި ކަންކަމަށް ރައްޔިތުން ވަރަށް ބޮޑަށް ވިސްނުމަށް ރައީސް އެދިވަޑައިގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް