ads
ރާއްޖެއަށް އެތެރެކުރި މުދާތަކެއް ނެރެނީ ؛ ފޮޓޯ / އެމްޕީއެލް
މިމަހުން ފެށިގެން އެމްޕީއެލުން ސްޓީވެޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފި
މި މަހުން ފެށިގެން އެމްޕީއެލްއިން ސްޓީވެޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފި އެވެ. ސްޓީވްޑޯރިން ފީ އަކީ ޕޯޓުތަކުން ބޯޓުފަހަރުން، ކޮންޓެއިނާތައް އެރުވުމަށާއި ބޭލުމަށް ބޯޓުތަކުގެ އޭޖެންޓުންގެ އަތުން ނަގާ ފީ އެކެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ސްޓީވެޑޯރިން ފީ އެމްޕީއެލްއިން ނަގަމުން އައީ ރުފިޔާއިންނެވެ. ޑޮޮލަރުން ފީ ނަގާގޮތަށް ބަދަލު ކުރީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ.

އެމްޕީއެލްގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މުއިއްޒު ވިދާޅުވީ، އަނެއްކާ ވެސް ޑޮލަރުން ފީ ނަގަން ނިންމީ، އެ ކުންފުނިން ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރަމުން އަންނަ އިރު ބޭރުން ބައެއް ތަކެތި ހޯދަން ޖެހޭ ހާލަތްތަކުގައި ޑޮލަރު ހޯދަން ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ. 

އޭނާ ވިދާޅުވީ، މި ފީ ނަގަން ފެށުމުން އެ ކުންފުންޏަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޑޮލަރު ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ޑޮލަރު ހޯދަނީ، ސަރުކާރު މެދުވެރިކޮށް ކަމަށާއި، އެހެން ނަމަވެސް އެއީ އެހާ ފަސޭހަކަމަކަށް ނުވާ ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ، އެމްޕީއެލް އިން ޑޮލަރުން އެ ފީ ނަގަން ފެށުމުން، އެ ކުންފުނީގެ ބޭނުންތަކަށް ބޭނުންވާ ޑޮލަރުގެ އިތުރުން ސަރުކާރަށް ވެސް ޑޮލަރު ފޯރުކޮށްދެވޭނެ ކަމަށެވެ.

"މި ބަދަލާއެކު އެމްޕީއެލްގެ ޑޮލާ ރެވެނިއު އެބަ އިތުރުވޭ. ދެން އިތުރު ފައިދާ އަކީ އަޅުގަނޑުމެން އަބަދުވެސް މި އިވެނީ އިގްތިސާދަށް ޑޮލަރު ހޯދުމުގެ ދަތި ކަމުގެ ވާހަކަ. އެހެންވީމަ އަޅުގަނޑުމެން އެ މައްސަލައަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދެވޭނެ." އޭނާ ވިދާޅުވި އެވެ.

ޑޮލަރުން ފީ ނަގަން މިހާރު ފެށިއިރު، 20 ފޫޓުގެ ކޮންޓެއިނަރަކަށް ޓެކްސް ނުލާ 195 ޑޮލަރު ނަގައެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް ޓެކްސް ނުލާ 211 ޑޮލަރު ނަގާނެއެވެ. މިއީ މީގެ 12 އަހަރު ކުރިން ވެސް އެމްޕީއެލް އިން ނަމުން އަންނަ ފީ އެކެވެ. 

އެނގިފައިވާ ގޮތުގައި ރާއްޖޭގައި ކޮންޓެއިނަރު އުފުލުމުގެ މަސައްކަތް ކުރަމުން މިދަނީ ގިނައިން ސްރީ ލަންކާގެ ކުންފުނިތަކުންނެވެ.

ޑޮލަރު ރައްޔިތުންނަށް ލިބުން ދަތި ވުމުގެ އަސްލަކީ މިހެން އަންނަ ޑޮލަރު ރާއްޖޭގެ ބޭންކިން ސިސްޓަމް ތެރެއަށް ނުވަނުމެވެ. ޑޮލަރުގެ ތާށިކަން އިތުރުވެފައިވާ ދނޑިވަޅެއްގައި މިއީ ރާއްޖެއަށް އަދި ރައްޔިތުންނަށް ފައިދާ ކުރުވަނިވި ކަމެކެވެ.

މި ނިންމުމަކީ އެމްޕީއެލަށް ބޭނުންވާ ތަކެތި ގަތުމަށް ބޭނުންވާ ޑޮލަރުގެ ތާށިކަމުން އަރައިގަތުމަށް އެޅުނު ފިޔަވަޅެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް