ads
ސެކަންޑް ޗާންސް..!؟
(2 އޭޕްރީލް 2024 އާ ގުޅޭ) ފެންނަމުންދިޔައީ އުސްފަރުބަދަތަކާއި ހިތްގައިމު ވާދީތަކެވެ. މަންމައާއެކު ހީސަމާސާކޮށް ކުޅެން އުޅުނު ކުޑަކުޑަ މިޒްރާއެވެ. މަޑުމަޑުން، ކުޑައިރުގެ އުފާވެރި ހަންދާންތައް ނިއުޅެމުން ދިޔައެވެ. އަހަރެންނާއެކު މިދުނިޔޭގައިވާ ހަމައެކަނި 'ހިތްހަމަ ޖެހުމަކީ' އެއީއެވެ. ޅައިރުގެ އުފާވެރި ހަނދާންތަކެވެ. އެކަމަކު ހައިރާންކުރުވީ އެހެންޏާއި ނުފެންނަ މޫނެއް މިފަހަރު ފެނުނީތީއެވެ. ނާދިފް! އަހަރެންގެ އުފާވެރި ޞަފްޙާތަކުގައި ނާދިފް އުޅެންވީ ކީއްވެހެއްޔެވެ؟ ހުރިހާ މަންޒަރެއްގެ ތެރެއިން އަހަންނަށް ނާދިފް ފެންނާން ޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟

ހޭލެވުމާއެކު ލޯހުޅުވާލީމެވެ. އާދައިގެމަތީން އަހަރެން ބަލައިލީ ސީލިންގއަށެވެ.

"އައި ހޭޓް ޔޫ"

އަހަރެންގެ ނަފުސަށް އިވޭވަރަށް މަޑުމަޑުން ބުނެލީމެވެ. ކަރުނައިގެ ހޫނު ތިކިތައް އަހަރެންގެ ކޯތާފަތް ހުރަސްކޮށް ބާލީސް ތެއްމަމުން ދިޔައެވެ.

"އަހަރެން ނަފްރަތްކުރަން.. ހިތައް އަރަނީ ދުވަހަކުވެސް އަހަރުމެން ދެމީހުން ބައްދަލުނުވި ނަމައޭ......"

...................

ފެންނަމުންދިޔައީ ހަންތުނި، އޮމާން ދޮން، ކަނދުރާއެކެވެ. ހިތްގައިމު އަގުބޮޑު މާސްކްގެ ފަހަތުގައި ފޯރުވިފައިވާ މޫނުގެ ބޮޑުބައެއް ކަޝްފުވަމުން ދަނީއެވެ. މަޑުމަޑުން އޭނާގެ މާސްކް ނަގަމުން ދިޔައެވެ. ފަހަރަކު ގުނަވަނެއް ހާމަވަނީއެވެ.

އަހަރެންގެ އުއްމީދުތައް ފުރިހަމަވަމުންދާތީ ހިނިތުންވެފައި އޭނާގެ މޫނަށް ބަލަން ހުރީމެވެ. އެސްފިޔަވެސް ޖަހައިނުލަމެވެ.

ކުއްލިޔަކަށް އެދިޔައީ ކަރަންޓެވެ. "'ހެއި..." އަހަރެން ގާތުގައި އޭނާހުރިތޯ ބަލަން މަސައްކަތް ކުރީމެވެ. ނަމަވެސް އޭނާއެއް ނެތެވެ. މިފަހަރުވެސް އެދިޔައީއެވެ. އަނެއްކާވެސް އަހަންނަށް އެ ގެއްލުނީ އެވެ.

އޭނާ ގެއްލުނުކަމުގެ ކުއްލި އިހްސާސާއެކު ދެ ލޯ ހުޅުވައިލެވުނެވެ. އިންތިހާއަށް ނުތަނަވަސްވިއެވެ. އޭނާގެ މޫނު އަހަންނަށް ނުފެންނަނީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ ކޮބައި ހެއްޔެވެ؟

ތެދުވެ އެނދުގެ މަގަތުގައި އިރުކޮޅަކު އިނީމެވެ. ފާޚާނާއަށް ވަނުމުގެ ކުރީން ހަމަޖެހިލާން ވަގުތުކޮޅެއް ބޭނުންވީއެވެ.

އޮފީހަށްދާން ތައްޔާރުވެގެން ތިރިއަށް އައީމެވެ.

"އަހަރެން އެކަނި ދިރިއުޅެން، އަހަރެންގެ ގެ މިއޮތީ ލިބިފައި.." ފްރިޖްތެރެއިން އާފަލެއް ނަގަމުން އަހަރެން ބުނީމެވެ.

އާފަލު ހިފައިގެން ކާމޭޒުދޮށުގައި އިށީނީމެވެ. އަހަރެންގެ ވަށައިގެންވަނީ ހަމަހިމޭންކަމެވެ. ކޮއްޓަކަށް ލާފައި އިންނަ ގުރައެއް ގޮވާހެން އަނގަ ހުއްޓާނުލާ ވާހަކަދައްކާނެ މީހަކު މިއަދަކު ނެތެވެ. އެހެން ދުވަސްދުވަހުގެ ހެނދުނެކޭ އެއްގޮތަށް އަހަންނާއި ދިމާއަށް ބަލާލާފައި އަނެއްފަރާތައް އެނބުރޭނެ މީހަކުވެސް މިއަދަކު ނެތެވެ.

"ޑޭމްނނ" އަތުގައި އޮތް އާފަލު އަތުކޮޅަށް އެއްލާލީމެވެ.

އަހަރެން ގޮސްވަނީ މިޒްރާގެ ކޮޓަރިއަށެވެ. އޭނާއެއް ނެތެވެ. ތަރުތީބު ކޮށްފައިވާ އެ ކޮޓަރި ހުރީ، ރޭގައި އަހަރެން ނިދަން ދިއުމުގެކުރީންވެސް ހުރިގޮތަށެވެ. އެތެރެއަށްވަދެ ފުރަތަމަ ފަހަރަށް މިޒްރާގެ އެނދުގައި އިށީނީމެވެ.

"ވައި ޑިޑް ޔޫ އެވަރ ކަމް!! އަހަރެންގެ ހަޔާތައް އައީ ކީއްވެ..؟ އަހަރެން ސުވާލު ކުރީމެވެ. ޖަވާބަކަށްވެސް އުއްމީދު ކުރީމެވެ. އެކަމަކު އަހަރެންގެ އަޑު ފޯރާ ހިސާބުގައިވެސް މީހަކު ނެތެވެ.

ވަށައިގެން ބަލައިލުމަށް އިރުކޮޅަކު މަޑުކުރީމެވެ. އެތަނުން ނިކުތުމަށް ކޮޅަށްތެދުވި ވަގުތު ލޮލުގައި އަޅައިގަތީ ފޮތެކެވެ.

ވަރަށް ރީތި އަތުކުރެހުމަކުން ފަރުމާކޮށްލާފައިވާ ފޮތުގެ ބޭރުގަނޑުގައި ލިޔެފައިވެއެވެ.

"ލޯބިވާ މިޒްރާ"

'ލޯބިވާ' ލަފުޒު ފެނުމާއެކު އެ ފޮތް  ބަލާލުމުގެ ޝައުގުވެރިކަން އުފެދުނެވެ. އެކަމަށް އަހަރެންގެ ސިކުނޑި މަޖުބޫރު ކުރިއެވެ. އެއްވެސް މީހެއްގެ ޒާތީކަންކަމާއި ބެހުމަކީ އަހަރެންގެ މިޒާޖެއް ނޫނެވެ. އެކަމަކު މިފަހަރު....

އިރުކޮޅަކު ވިސްނުމަށްފަހު ފޮތް ހުޅުވާލީމެވެ.

އެންމެ ލޯބިވާ މިޒްރާއަށް

އުފާވެރި އަށާރަވަނަ އުފަންދުވަހުގެ އުފަލުގައި

        -ލޯބިވާ މާމަ-

ނަލަ އަތުލިޔުމަކުން ލިޔެފައިވާ ފޮތުގެ ގަނޑުތައް ހުޅުވާލީމެވެ. ކޮންމެ ޞަފްޙާއެއްގައި ޢިބްރަތްތެރި ބަސްތަކުން ޖުމުލަތައް ފުރިހަމަ ކޮށްލާފައިވެއެވެ. ހައިރާންވާހައި މާނަފުން ލިޔުންތަކެކެވެ. ދިރިއުޅުމުގެ އެތައް ޢިބްރަތްތެރި ތަޖުރިބާތަކެކެވެ. ނަސޭހަތާއި މިސާލުތަކެވެ. މައުނަވީ އިބާރާތްތަކެވެ. ހުރިހައި ސަފްޙާއެއް ފަރުވާތެރިކަމާއެކު ބަލަމުން އެންމެ ފަހު ޞަފްހާ އަހަރެން ހުޅުވާލީމެވެ.

"ބައެއް ފަހަރު ބައެއް ކަންތައްތަކުން ފަހަތައްޖެހި އަތްފޮޅާލަން ޖެހެއެވެ... ކަންކަން ހެޔޮގަމަށް އެޅުވުމަށްޓަކައެވެ"

އަހަރެން ފޮތް ލައްޕާލީމެވެ. އެންމެ ފަހު ޢިބާރާތުން އެކަނިވެސް އަހަންނަށް ފުދިއްޖެއެވެ. އެންމެ މުހިއްމު މަންޒިލަށް އަހަރެންގެ ލޯ ހުޅުވިއްޖެއެވެ. މިޒްރާ އަހަރެން ދޫކޮށް ދިއުމުން އަހަރެންގެ ދިރިއުޅުން ފަހަރެއްގައި ކުރިއަށްވުރެންވެސް ފުރިހަމަ ވެދާނެއެވެ. ނޫނީ... އެހެން ވެދާނެ ބާއެވެ!!؟؟

...................

"ސަރ.. މެޑަމް.. އިތުރަށް އަޅުގަނޑަށް ދެން ކެތެއް ނުކުރެވޭނެ.. އައި ކާންޓް!" ޝައްޔާން ސަރ އަދި ބަޤްޞޫރާ މެޑަމްއަށް ބަލައިލަމުން އަހަރެން ބުނީމެވެ. އަހަރުމެން ތިން މީހުން ތިބީ ކޮންފެރެސް ރޫމް ގައެވެ. އަހަރެންގެ ކުރިމަތީގައި ނާދިފްގެ 'މަންމައާއި ބައްޕައެވެ'.

"މިޒްރާ.." ޝައްޔާން ސަރ ބުނެލި އެވެ.

"ސަރ.. ވަރަށް ކެތްކޮށްފިން.. ފުރަތަމަ ދުވަހުން ފެށިގެން  ކުރަމުންއައި ފުރައްސާރައާއި، މަލާމާތާއި ހަދަމުންދިޔަ ނިކަމެތި ގޮތްތަކާއި އަނިޔާތަކަށް ކެތްކުރީން.. އެކަމަކު ދެން ކެތެއް ނުކުރެވޭނެ.. އިތުރު އިލްޒާމްތަކެއް ތަހަންމަލްކުރާނެ ހިތްވަރެއް ނެތް.. އައި ޖަސްޓް ކާންޓް!" ހިތްވަރުކޮށްފައި އަހަރެން ބުނީމެވެ.

"މިޒްރާ.. ޓްރައި އެންޑް އަންޑަރސްޓޭންޑް" ބަޤްޞޫރާ މެޑަމް ބުންޏެވެ.

"މެޑަމް.. ގޯސްކޮށް އެއްޗެއް ހީނުކުރުން އެދެން.. އަޅުގަނޑުގެ ވެސް އަމިއްލަ ދިރިއުޅުމަކާއި އަމިއްލަ ނަފުސަށް ކުރެވޭ އިޙްތިރާމް ވެސް އޮވޭ.. މިފަދަ ނިކަމެތި ގޮތަކަށް އެ ހުރިހައި ކަމެއް ޤުރުބާން ކުރެވޭކަށް ނެތް.. ދިރިއުޅުމަށް ކުރެވޭ އުއްމީދުތަކެއްވެސް އަޅުގަނޑުގެ ވެސް އެބަހުރި.." އިތުރަށް ވާހަކަދައްކަން ފަސޭހައެއް ނުވިއެވެ. އަހަރެންގެ ލޮލުގެ ކަރުނަ ޚުދު އަހަންނަށް ބޭވަފާތެރިވި އެވެ.

"މިޒްރާ.. އޭނާއާއެކު ދިރިއުޅެދީ.. މިޒްރާ ގޮއްސިއްޔާ، އަނެއްކާވެސް ކުރީގެ ނުބައިމަގު އިޚްތިޔާރުކުރުމަށް ހިނދުކޮޅެއްވެސް ނުނަގާނެ.." އާދޭހުގެ ރާގުގައި ޝައްޔާން ސަރ ބުންޏެވެ.

"ސަރ.. އައި ކާންޓް! ދެން ކެތެއް ނުކުރެވޭނެ! ދެން.. އަދި.. ވަކީލެއް ވެސް ނަގައިފިން.. ވަރީގެ ހުރިހައި ކަމެއްގެ ޒިންމާ އަޅުގަނޑު ނަގާނަން.. ހުރިހައި ކަމެއް ސިއްރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަން.. ވަރަށް އަވަހަށް އެކަން ނިންމައިދޭނަން.. އަދި..."

"...އަދި؟؟!!" ބަޤްޞޫރާ މެޑަމް ސުވާލުކުރިއެވެ.

"ވަރަށް ބޮޑު ނިންމުމެއް އަޅުގަނޑު ނިންމައިފިން.." އަދަބުވެރިކަމާއެކު ވާހަކަ ދެއްކީމެވެ.

..............

"މިޒްރާ.. އާރ ޔޫ ޝުއަރ..؟" ގޮނޑިން ތެދުވެގެން އަހަރެންނާއި ދިމާއަށް އަންނަމުން ބަޤްޞޫރާ މެޑަމް ސުވާލު ކުރިއެވެ.

"ޔެސް މެޑަމް" އަހަރެންގެ ގޮނޑިން ތެދުވަމުން ބުނީމެވެ.

"ތިއީ މިޒްރާ ބޭނުންވާ ގޮތް ކަމަށް ވަންޏާއި މައްސަލައެއް ނެތް.. އެކަމަކު ވަރީގެ ހުރިހައި ކަމެއް ފުރިހަމަވުމާއި ހަމައަށް މިޒްރާ ދިރިއުޅެން ޖެހޭނީ އެގޭގައި.. އަހަރުމެން ދެމީހުންނަށް މިވަރު ކޮށްދީފާނަން..؟ ޕްލީޒް!" ޝައްޔާން ސަރ އާދޭސްކުރި އެވެ.

އެ ހުށަހެޅުމަށް އެއްބަސްވުމުގެކުރީން އަހަރެން ވިސްނާލީމެވެ. އާއެކޭ ބުނަމުން ހިނިތުން ވެލީމެވެ. އިހްތިރާމާއެކު ޝައްޔާން ސަރއަށް ބަލައިލަމުން އަހަރެން ބަޤްޝޫރާ މެޑަމްއާއި ދިމާއަށް އެނބުރުނީމެވެ. މަންމައެއްގެ ދެ ލޯ ކަރުނުން ފުރިފައިވާ މަންޒަރު ދުށުމަކީ އަހަރެންގެ ނިކަމެތި ހިތައް ކުޅަދާނަ ކަމެއް ނޫނެވެ. ދަރިޔަކު އަތުން ބީވެ ހިނގައިދާނެ ކަމުގެ އިހުސާސަކީ މައިލަގޮނޑިއަށް ކިހައިވަރެއްގެ ވޭނެއްކަން އަހަންނަށް ނުވިސްނިދާނެއެވެ. އެހެންނަމަވެސް އެ ލޮލުގައިވާ ރިހުން އަހަރެންގެ ހިތް ރޮއްވާލިއެވެ. އެކަމަކު އަހަރެންގެ ނިންމުން މިފަހަރު ބަދަލެއް ނުވާނެއެވެ. ސިކުނޑި އެކަމަށް ތައްޔާރުކޮށް ނިންމައިފީމެވެ. ފަހަތް ބެލުމެއް ދެނެއް ނެތެވެ. އަހަރެންގެ ދެކޮނޑުގައި ހިފާލާފައި ގެނެސް ބަޤްޝޫރާ މެޑަމްގެ އަތުގެ ތެރޭގައި ބޮނޑި ކޮށްލިއެވެ. ހިތްފުރެންދެން މެޑަމް ރުއެވެ. ބުރަކަށީގައި ފިރުމާލުން ފިޔަވައި އިތުރު އެހީއެއް މިވަގުތު އަހަރެން ކިބައިގައި ނެތެވެ.

"އައި އެމް ސޮރީ" ވަރަށް މަޑުމަޑުން އަހަރެން ބުނެލަމުން ކޮންފެރެންސް ރޫމް ތެރެއިން ނިކުތީމެވެ.

.............

އަހަރެންގެ ކެބިންގެ ދޮރު ހުރީ ތަޅުލާފައެވެ. އަހަރެންގެ ތަޅުދަނޑިއަކުން ނުހުޅުވުނެވެ.

"ވަޓް- ދަ.** ދެން މަސައްކަތްކުރަންޖެހޭނީ އޮފީސް ދޮރުމަތީ، މަގުމަތީގައި އިނދެގެންތަ؟" އަހަރެން ހަޅޭއްލަވައިގަތީމެވެ.

"މެޑަމް"

ފަހަތް ބަލައިލީމެވެ. ދާދި ގާތުގައި ޖޯއި ހުއްޓެވެ. މިކަމުގެ ޖަވާބު ލިބެނީކަން އެނގުނެވެ.

"މެޑަމް.. މެޑަމްގެ ކުރީގެ ކެބިން، މެޑަމްއަށްޓަކައި ހުރީ ތައްޔާރުކުރެވިފައި.. ދެން މެޑަމް މަސައްކަތްކުރާނީ އެ ކެބިންގަ.." ކޮލުދަތްތައް ފެންނަވަރަށް ޖޯއި ހީލިއެވެ.

"ވަޓް.. ކީކޭ ތިބުނީ..؟" ލިބުނު ޝޮކްގައި އަހަރެން ސުވާލު ކުރީމެވެ. ފެންނަމުން މިދަނީ ހުވަފެނެއްބާއެވެ. ވަރީގެ ޚަބަރާއެކު ޝައްޔާން ސަރ އަހަރެންގެ ކެބިންވެސް އަނބުރައި ހޯދައި ދިނީއެވެ. ވަރީގެ ސަބަބުން ކިހައި ނިޢުމަތެއް އަހަންނަށްޓަކައި އިންތިޒާރުގައި ވޭބާއެވެ.

"މިއޮތީ ތަޅުދަނޑި"

"އަޖައިބުން އަންތަރީސްކުރުވި، އުފާވެރި ޚަބަރަށްޓައި ޝުކުރިއްޔާ" ތަޅުދަނޑީގައި ހިފަމުން އަހަރެން ބުނީމެވެ. ޖޯއިގެ ހިނިތުންވުން އޭނާގެ މޫނާއި ވަކިނުވެއެވެ.

......................

އާދައިގެ މަތީން ކާރު ޕާކުކޮށްފައި އަހަރެން އޮފީހަށް ވަނީމެވެ. ލިފްޓަށް އަރައިގެން ސީދާ އަހަރުމެންގެ ފަންގިފިލާއަށް ދިޔައީމެވެ. ވަށައިގެން ބަލައިލުމަށްފަހު މިޒްރާގެ ކޮޓަރި ޗެކްކޮށްލީމެވެ. އެތަން ހުރީ ތަޅުލާފައެވެ.

ހިތަށް އެރިއެވެ. އަހަރެން ގާތުން އޭނާ އަމިއްލައަށް ވަރިވާން ތައްޔާރުވަމުންދާއިރު މި އުނދަގޫތައް ޖެއްސުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އަހަރެންގެ އެސިސްޓެންޓް ނުވަތަ ޕީއޭގެ މަގާމުން ވަކިކޮށް، އޭނާގެ ކުރީގެ ކެބިން އަލުން ދިނުމަށް އަހަރެން ނިންމީމެވެ. މިއިން އެއްވެސް ކަމެއް އެހެން އެއްވެސް މީހަކަށް އަންގާކަށް ބޭނުމެއްނެތެވެ. ހަމައެކަނި ޖޯއިގެ ބޭނުންކޮށްގެން މިކަންކަން  ދާދިފަސޭހައިން ނިންމާލެވޭނެއެވެ. އެކަން ކުރީވެސް އެހެންނެވެ.

މަސައްކަތެއް ކުރުމުގެ މޫޑްނެތުމުން މިޒްރާ ކޮބައިތޯ ބަލައިލުމުގެ ޝައުގުވެރިކަން އުފެދުނެވެ. ހަގީގަތުގައި އަހަރެން ބޭނުންވީ އޭނާގެ މޫނު ދެކިލުމަށެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި ބޯދިއްކޮށްލީމެވެ. މޫނު ފެންނަވަރެއް ނުވިއެވެ. ކޮންމެވެސް ކަރުދާސްތަކެއް ކައިރިކޮށްގެން މަސައްކަތެއްގައި ޝާމިލްވެ އިނެވެ. މޫނު މައްޗަށް އޭނާގެ ފަން އިސްތަށިގަނޑުން ބައެއް ވެއްޓިފައި ވެއެވެ. ލައިކް ރިއަލީ!!! ކުޑަކުޑަ ހޮރެއްވަރުގެ ތަނަކުން ނިކުމެގެން، ފެންސީ ކެބިންއަކަށް އަލުން އާދެވުމުން ކޮންމެވެސް ވަރެއްގެ އުފަލެއްވެސް ފާޅުކުރާން ވާނެ ނޫންހެއްޔެވެ؟ އެކަމަކު މަސައްކަތާއި ދުރަށް ޖެހިނުލައެވެ. އެތެރެއަށް ވަންނާން، ދައްކާނެ އުޒުރެއް ނުވިސްނުމުން އެނބުރި ދިއުމަށް ނިންމީމެވެ. ދޮރުލައްޕާލާފައި އެނބުރެލިވަގުތު ކޮންމެވެސް މީހެއްގެ ގައިގައި  އަޅައިގަތެވެ.

"ވަޓް-ދަ..!!" ބާރަށް ހަޅޭއްލަވައި ގަތީމެވެ. އަހަރެންގެ މުޅި ގަޔަށް އޭނާ ކޮފީތަށި ބަންޑުން ކޮށްލިއެވެ. ޔަގީނުންވެސް އިނގޭކަމަކީ މި އޮފީހުގައި ކޮންމެވެސް ދުވަހަކުން އަހަރެން 'ކޮފީ މަނާ' ކުރާނެކަމެވެ.

"ކާންޓް ޔޫ ސީ..؟" ކެންޓީން ބޯއިއާއި ދިމާއަށް ބުނީމެވެ.

"ސޮރީ ސަރ" ބިރުންހުރެ އޭނާ ބުނެލިއެވެ.

"ކަލެއަށް އިނގޭދޯ ކަލޭގެ ތި ސޮރީގެ ސަބަބުން އަހަރެން، ކަލޭގެ ވަޒީފާއިން ވަކިކޮށްފައި ފޮނުވާލަން ފަހަކަށް ނުޖެހޭނެކަން"

އޭނާއާއި ދިމާއަށް  ހަޅޭއްލަވަމުން ދަނިކޮށް ކުރިމަތީގައި ހުރި ކޮޓަރީގެ ދޮރު ހުޅުވިއެވެ.

.......................

އަހަރެންގެ ކެބިންއަށް ވަދެފައި އެތަނުގެ ތެރެއަށް ބަލައިލީމެވެ. އަހަރެން ކުރީންވެސް އެއްޗެހި ބަހައްޓާފައި ހުންނަގޮތަށް ހުރިހައި އެއްޗެއް ތަރުތީބުކޮށްފައި ހުއްޓެވެ. ހިނދުކޮޅަކު ކުޑަދޮރުކައިރީގައި މަޑުކޮށްލީމެވެ. ހިތުގެ އެންމެ އަޑިން ޝައްޔާން ސަރ އަށް ޝުކުރުވެރިވެވުނެވެ. ހަމަޖެހިލައިގެން މަސައްކަތްކޮށްލުމުގެ ފުރުސަތު އަނެއްކާވެސް ދެއްވިކަމަށްޓަކައެވެ.

"މަސައްކަތައިގެން ކުރިއަށް ދާންވީ މިޒްރާ.."

އޯއ…! އެ ހުރިހައި ފައިލެއްވާނީ ނާދިފްގެ ގޭގައެވެ. މިއަދަކީ ބްރާސްފަތި ދުވަހެވެ. ވީއެންމެ އަވަހަކަށް އެ މަސައްކަތްތައް ޖެހޭނީ ނިންމާށެވެ.

ލެޕްޓޮޕް ހުޅުވާލީމެވެ. ކޮންމެ މަސައްކަތެއްގެ ބެކްއަޕް ނެގުމަކީ އަހަރެންގެ އާދައެކެވެ. މިފަހަރު އެކަން ކުރެވިފައި ވޭތޯ ނުވަތަ ނޫންތޯ ޔަގީނެއް ނޫނެވެ. އަހަރެން ޗެކްކުރީމެވެ. ނަސީބަކުން ބެކްއަޕް އެބައިނެވެ.

ހިނދުކޮޅެއްގެ ތެރޭގައި މަސައްކަތް ފެށީމެވެ. މުޅި މޭޒުމަތީގައި ކަރުދާސްތައް ބޮނޑި ޖަހާލާފައި ކުރިއަށް ގެންދިޔައީމެވެ.

މަޑުމަޑުން ކަންކަން ރަގަޅުވަމުންދާކަމުގެ އިހުސާސް ކުރެވުނެވެ. އަހަރެންގެ ކެބިންއާއި ދާދިކައިރިން ހަޅޭއްލަވާ އަޑުއިވުނީ އެވަގުތުއެވެ.

"ނައު ވަޓް!"

ތެދުވެގެން ދޮރާއިދިމާއަށް އަވަސްވީމެވެ.

ހުޅުވާލުމާއެކު ފެނުނީ ނާދިފްއެވެ. ކެންޓީން ބޯއީއާއި ދިމާއަށް ވަރަށް ރުޅިއައިސްގެން އެއްޗެހި ކިޔަނީއެވެ. ވެގެން އުޅޭގޮތް ބަލައިލީމެވެ. ނާދިފްގެ ގަމީހާއި އޭނާގެ އަތުގައިވެސް ކޮފީއެވެ. އުޅަންބޮއްޓާއި ހަމައަށް ގަމީހުގެ އަތް އޮޅާލާފައި ހުރުމުން އަތުގެ ބޮޑުބައެއް އޮތީ ފެންނާށެވެ. ހޫނު ކޮފީގެ ސަބަބުން އޭނާގެ އަތް އޮތީ ވަރަށް ބޮޑަށް ރަތްވެފައެވެ.

ހިންގާފައިވާ ހާދިސާއާއިމެދު އުފާވުމުގެ ބަދަލުގައި އަހަރެން ހާސްވެ ކަންތައް ބޮޑުވިއެވެ. ނާދިފްގެ އަތް ފިހިފައި އޮތީމައެވެ. އަހަރެންގެ ހިތައް ތަދުވީ ކީއްވެކަން، ޚުދު އަހަންނަށްވެސް ނޭގެއެވެ.

"މަސައްކަތް ކުރަން އަވަހަށް ދޭ.." ކެންޓީން ބޯއީއަށް އިޝާރާތްކޮށްލަމުން އަހަރެން ބުނީމެވެ. ނާދިފް އަހަރެންގެ ކެބިންއަށް ވައްދާފައި ދޮރު ލެއްޕީމެވެ.

"ކޮބާތަ މައްސަލަޔަކީ މިޒްރާ؟" ކޮފީ އެޅިފައި އޮތް ތާގައި އޭނާގެ އަނެއް އަތުން ފިރުމާލަމުން ބުނެލިއެވެ.

"އަހަރެންގެ ކެބިން ދޮރުމަތީގައި ނާދިފް ކީއްކުރަނީ..؟"

ސުވާލުގެ ބަދަލުގައި ސުވާލެއް ކުރަމުން އަހަރެން ހަށަންބަނދެލީމެވެ.

އޭނާ ޖަވާބެއް ނުދިނެވެ. އަތުން ކޮފީ ފިލުމުގައި އަވަދިނެތި އުޅުނެވެ. އިރުކޮޅަކު މަޑުކުރުމަށްފަހު، އަހަރެންގެ ކެބިންގެ ފާޚާނާއަށް ނާދިފް ގޮވައިގެން ވަނީމެވެ. ހައިރާންވި ކަމަކީ، އަހަރެންގެ މިހަރަކާތަށް ކުޑަކޮށްވެސް އޭނާ ދެކޮޅެއް ނުހެދިއެވެ. މާނަ ނޭގޭ ބެލުމަކުން އަހަރެންގެ މޫނަށް ބަލަމުން ދިޔައެވެ. މޫނުދޮންނަ ތަށީގެ އިސްކުރުން އައިސްފެން ދޫކޮށްފައި އޭނާގެ އަތް އެތަނަށް ދިއްކުރީމެވެ. އަހަރެން ނާދިފްގެ އަތުން ކޮފީ ފިލުވަމުން އެ އަތަށް އައިސްފެން އަޅަމުން، ލޯގަނޑުން އޭނާއަށް ބަލައިލީމެވެ. ނާދިފް ހުރީ ދެ ލޯވެސް މަރައިގެންނެވެ.

"ވަރަށް އަވަހަށް ރަގަޅުވެދާނެ.." ކުރީ ދުވަހު ނާދިފް ދިން ބޭސްފުޅި ދަބަހުން ނަގައިގެން އައިސް އޭނާގެ އަތުގައި އުނގުޅައިދިނީމެވެ.

"ދެން ބުނޭ! އަހަރެންގެ ކެބިން ދޮރުމަތީގައި... ކީއްކުރީ؟" އަނެއްކާވެސް ސުވާލު ކުރީމެވެ.

"އަހަރެން ކެބިންއަށް ދިޔަމަގުމަތީގައި އެއީ"

"ދޮގު ނުހަދާ.. ނާދިފްގެ ކެބިން ހުންނަނީ އަނެއް ފަޅީގައި.."

އެއްޗެއް ނުބުނެ، ކެބިންތެރެއިން ނިކުންނާން ނާދިފް ހިނގައިގަތެވެ.

"ނާދިފް.."

އަހަރެންގެ އަޑަށް ނާދިފް ހުއްޓުނެވެ. އޭނާހުރީ ފުރަގަސްދީގެންނެވެ.

"ޝައްޔާން ސަރ އަހަރެންގެ ކިބައިން އެދެފި.. ވަރީގެ ކަންކަން ނިމެންދެން... ނާދިފްގެ ގޭގައި ހުރުމަށް..! ވަރީގެ ހުރިހާކަމެއް ނިމޭނެ އާދީއްތަ ދުވަހުގެ މެންދުރުވުމުގެ ކުރިން...!"

ކުއްލިޔަކަށް އެނބުރިފައި އަހަންނާއި ދިމާއަށް ބަލައިލިއެވެ.

"މިއަދު އޮފީސް ނިމިގެން މިޒްރާ ގެއަށް ދާނީ އަހަންނާއެކު.. އަހަރެން ބޭނުމެއް ނޫން މަގުމަތީގައި މިޒްރާ ހިންގާފައި އެކަނި އުޅޭކަށް.."

ޖުމުލަ ނިމުމާއެކު ނާދިފް ނިކުމެގެން ހިނގައްޖެއެވެ.

ގުޑާލަން ނޭގިފައި އަހަރެން ހުރީމެވެ. އެވީ ކިހިނެއް ހެއްޔެވެ؟

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް