ads
ސެކަންޑް ޗާންސް..!؟
(1 އޭޕްރީލް 2024 އާ ގުޅޭ) "ދުވަހަކު ނުނަގާވަރަށް މިރޭ އުފާ ނަގަންވާނެ" ބުނެލިއަޑު އިވުނެވެ. އެންމެ ހިނދުކޮޅަކަށްވެސް ގަދަދެއްކުން އަހަރެން ހުއްޓައެއް ނުލަމެވެ. ދެން ފެނުނީ ވަޅިއެއް ހިފައިގެން އެތަނުން މީހަކު އަހަންނާއި ދިމާއަށް އަންނަތަނެވެ.

"އެންމެ އަޑެއް ލައްވާލިޔަސް... "

އަހަރެންގެ ކަންފަތަށް ހޮނުގުގުރިއެއް ޖެހިފަދައެވެ. ދުވަހަކުވެސް މިފަދަ ބިރުވެރިކަމެއް ނުދެކެމެވެ. އެބުނި އެއްޗަކަށް ބެލުމެއްނެތި އަނެއްކާވެސް އަހަރެން ގަދަދައްކަން ފެށީމެވެ. ހަމައެވަގުތު ތޫނު ދިލަ ވޭނަކުން ސިއްސައިގެން ދިޔައެވެ. ހޯސްލާފައި ލޭގެ ކޯރު ދެމިގަތެވެ. ލޭމަނާކުރަން ހެދޭނެ ހަމައެއްގޮތެއްވެސް ނެތެވެ. ދެން ތިބި ދެމީހުންގެ ނޭވާ އަހަރެންގެ މޫނަށް އެޅުނެވެ. އޯކާދެމިގަނެވުނު ވަގުތު އެމީހުންގެ ބާރުގެދަށަށް އަހަރެން ދަމައިގަތެވެ.

........................

"ޝ-ޓ..ޝ-ޓ.. މިޒްރާ... ހޯދަންދާނެ އިތުރު ތަނެއް އަހަންނަކަށް ނުވެސް ވިސްނޭ.."

ކާރުގައި މާލޭގެ އެތަން މިތަނުގައި ބުރުޖެހިއްޖެއެވެ. އޮފީސް ޗެކްކުރަން ހިތައްއެރުމުން އުއްމީދު އާވިއެވެ. އޮފީހާއި ދާދިގާތްވިތަނާ ކުއްލިޔަކަށް ހަނދާންވީ ލޮނާވްލާގައި މިޒްރާ ދެއްކި ވާހަކައެވެ. އޭނާއަށް ކުރިމަތިވި ބިރުވެރިކަމުގެ ވާހަކައެވެ. ބޮލުން އާވި އެރިހެން ހީވީ ގަތް ބިރުންނެވެ. ވީއެންމެ އަވަހަކަށް އެ ދިމާއަށް މިސްރާބު ޖެހީމެވެ. އޮފީހުގައި މިޒްރާ ހުރިނަމަ އޭނާއަށް ނުރައްކަލެއް ނެތެވެ. އެކަމަކު...!! ހިތައްވަން ބިރުވެރިކަމުން އަހަރެންގެ އަތް ތުރުތުރުއަޅާން ފެށިއެވެ.

ތަންކޮޅެއް ދުރުގައި ކާރުބާއްވާފައި ހިނގުނު އެންމެ ބާރު ސްޕީޑްގައި އައިސް އެސަރަހައްދަށް ވަނީމެވެ. ގިނައިރުތަކެއްނުވެ، އަހަރެންގެ ލޯކުރިމަތީން ފެނުނީ ބިރުވެރި މަންޒަރެކެވެ. މީގެ ޒިންމާ ނަގަންޖެހޭ ހަމައެކަނި އިންސާނަކީ އަހަރެންނެވެ. ތިން ފިރިހެނުންގެ އަތްދަށުގައި މިޒްރާ ރޮމުން ގަދަދައްކަމުން ދިޔަ މަންޒަރު އަހަރެންގެ ލޭ ކައްކުވައިލި އެވެ.

މިޒްރާއާއި ދިމާއަށް ދުއްވައިގަތީމެވެ. ނަސީބަކުން އެތަނުގައި އޮތް ބާޕިކަޕެއްގެ ކައިރީން ދަގަނޑުބުރިއެއް ފެނުމާއެކު އޭތި އަތަށް ހެޔޮވަރުކޮށްލީމެވެ.

........................

ހިނގަމުން މިދަނީ ފުރާނައިގެ އެންމެ ފަހު މިނެޓްކަމުގައި ހީކޮށް ދެލޯ މަރައިލީމެވެ. ހަށިގަނޑުގައި ހިނގަމުންދިޔަ އެއްވެސް އިހުސާސެއް އަހަންނަކަށް ފާހަގައެއް ނުކުރެވެއެވެ. ވާނުވާއެއް ނޭގި ދެއަތް،   އާދަޔާޚިލާފަށް ފިނިވެއްޖެއެވެ. އެނޫން އެހެން އެއްކަމެއްވެސް އިހުސާސެއް ނުވިއެވެ. ފަހުނޭވާކަމަށް ބަލާފައި ހަށިފުރެންދެން ނޭވާއެއް ލުމަށް މަސައްކަތްކުރުމަށް ހިއްވަރުކޮށް ދެލޯ މަރައިލީމެވެ. އަހަރެންގެ ގައިން އެމީހުންގެ އަތް ދޫވާހެން ހީވުމުން ލޯހުޅުވާލެވުނެވެ.

އެކަކު އޮތީ ބިންމަތީގައި ދެމިފައެވެ. ދެންތިބި ދެމީހުން، ކޮއްޓެއްގައި ބެދިފައި ތިބި މީދާތަކެއް ފަދައިން ގުޅަވެގެން ތިއްބެވެ.

ދެން ބަލައިލެވުނީ ކުރިމަތީގައި ކޮޅަށްހުރި ދިގު އިސްކޮޅަށެވެ. އަތުގައި ފަލަ ދަގަނޑުގަނޑެއް އޮތެވެ. އެއީ ކާކުކަމެއް އަހަންނަކަށް ނޭގެއެވެ. އެމީހަކު ހުރީ އަހަންނަށް ފުރަގަސްދީގެންނެވެ.

"ދެން މިސަރަހައްދުން ކަލޭމެންގެ ހިޔަންޏެއް ފެނިލިޔަސް، ޖެހިގެން އަންނަ ދުވަހުގެ އިރުއަރާތަން ނުފެންނާނެ ... ހަނދާންކުރާތި" ގަދައަޑުން އެމީހަކު ބުނެލިއެވެ.

އެއީ ނާދިފްގެ އަޑުކަން ދެނެގަންނާން އަހަންނަށް ވަގުތު ބޭނުންވިއެވެ.

"މިޒްރާ.. އާރ ޔޫ އޯކޭ؟" ދަގަނޑުބުރި އެއްލާލަމުން ނާދިފް އަހައިލިއެވެ.

ހައިރާންވެފައި އޭނާއަށް ބަލައިލީމެވެ. އާއެކޭބުނުމަށް ބޮލުން އިޝާރާތް ކޮށްލީމެވެ.

"މިތަނަށް އައީ ކީއްކުރަން" ހަރުކަށިކަމާއެކު ނާދިފް ސުވާލުކުރިއެވެ.

"މާނަޔަކީ...؟"

އޭނާ ދެބުމަ ގޮއްޖަހައިލިއެވެ.

"ނާދިފް.. އަހަރެންގެ ހާލަށް.. އަހަރެން ދޫކޮށްލާ! އަހަންނާމެދު ކަންތައްބޮޑުވެ، ވިސްނާކަށް ނާދިފްއަކަށް ނުޖެހޭނެ" އަދިވެސް ލޭ މަނާނުވެ އޮތް އަތުގައި އަހަރެން ބާރަށް ހިފަހައްޓަމުން އޭނާއާއި ދުރަށް ޖެހުނީމެވެ. އެ އަތް ނާދިފްއަށް ފެންނާކަށް އަހަރެން ބޭނުމެއްނޫނެވެ.

"މޮޔަވީތަ މިޒްރާ... އެމީހުން.."

"އެއީ ނާދިފް އާއިބެހޭ ކަމެއް ނޫން.. އަހަރެންނަށް ކުރިމަތިވާ އެއްވެސް ކަމަކާ ނާދިފް ވިސްނާކަށް ނުޖެހޭނެ.. އަހަރެންނާއި އަހަރެންގެ ނަފުސަކީ އަހަރެންގެ އަމިއްލަ ޒިންމާއެއް"

"ޔާ! ރައިޓް" މަލާމާތުގެ ރާގުގައި ނާދިފް ބުނެލިއެވެ. އެތަނުން ދުރަށް ދިއުމަށްޓަކައި އަހަރެން ހިނގައިގަތީމެވެ.

"މިހާރު ކޮންތާކަށް ތިދަނީ؟" ނާދިފް ބުނެލިއަޑު އިވުނެވެ.

"ހާސްނުވޭ.. ދާދި އަވަހަށް ވަރީގެ ލިޔެކިޔުންތައް ނާދިފްއަށް ފޮނުވާނަން.. އެކަމުގެ އެއްވެސް ބުރައެއް ނުޖައްސާނަން.. ފައިސާއާއި ބާރުގައި އެފަދަކަމެއް ކުރެވޭނަމަ، ވަލުދޮރާށިން ވަދެގެންވެސް އެކަން ކުރާނަން.. ވަރަށް އަވަހަށް ނާދިފް މިނިވަން ކޮށްދޭނަން.. އާދޭސްކޮށްފަ މި އެދެނީ.. އަހަރެންގެ އަމިއްލަ ހާލަށް އަހަރެން ދޫކޮށްލާ!  ނާދިފްގެ ކިބައިން ކުޑަވެސް އެހީތެރިކަމެއް އަހަރެން ބޭނުމެއް ނޫން!" ދެ ލޯ ކަރުނުން ފުރިފައި ވީއިރުވެސް އަހަރެން ހިތްވަރު ކުރީމެވެ. ނާދިފްއާއި ދިމާއަށް ބަލައިލާންވެސް  ބޭނުމެއް ނޫނެވެ. މި ދިރިއުޅުމުގައި، ދެން ފަސްއެނބުރި ބެލުމެއް ނެތެވެ.

.....................

މިޒްރާ އެތަނުން ދިޔަމަންޒަރު ބަލަން އަހަރެން ހުރީމެވެ. ފަސްއެނބުރި ބަލައިވެސް ނުލިއެވެ. އޭނާ މަޑުނުކުރާނެކަމާއި، ފަސްއެނބުރި ނުބަލާނެކަންވެސް އަހަންނަށް އެގެންވާނެއެވެ. އަނދިރި ސަރަހައްދުން ނިކުމެ، އަލި މަގަކަށް މިޒްރާ ނިކުންނާންދެން އަހަރެން ބަލަންހުރީމެވެ.

.............

އެތައްޚިޔާލު ތަކަކާއެކު އެނދުގައި އޮށޯތީމެވެ.

އަހަރެން ބޭނުންވި ގޮތަކީ މިއެވެ. ފުރިހަމަ މިނިވަންކަމެވެ. މި ދިރިއުޅުމުން އޭނާ ބޭރު ކުރުމެވެ. ކުރިއެކޭ އެއްގޮތަށް އަހަރެންގެ ދިރިއުޅުމައިގެން  ކުރިއަށް ދިއުމެވެ. އެއީ ޒުވާބު ކުރުމެއް، ޖެއްސުން ކުރުމެއް، އެކަކު އަނެކަކަށް އުނދަގޫކުރުމެއް ނެތް ދިރިއުޅުމެކެވެ.

"ކުރީގެ އުފާވެރި ނާދިފް ދާދިއަވަހަށް އެނބުރި އަންނާނެ... ޝީ ވޯޒް ނެވަރ ފޯރ ޔޫ..." އަހަރެންގެ އަމިއްލަ ނަފުސަށް ބުނެލީމެވެ.

"ރިއަލީ..؟"

ދޮރާއި ދިމާއަށް  ބަލައިލީމެވެ. ދޮރުކަނީގައި ލައްވެގެން އަމަން ހުއްޓެވެ.

"އަދިވެސް ނުދަންތަ..؟" އަހަރެން އަހާލީމެވެ.

"މިރޭ ބައްޕަ ގޭގައި އެބައުޅޭ.. އަހަރެން ބޭނުމެއްނޫން މިރޭ ގެއަށް ދާކަށް..!" އަމަންއާއި އޭނާގެ ބައްޕައާއި ދެމެދު އޮންނަ ގުޅުން ރަގަޅުނޫންކަން އަހަރުމެން އެންމެނަށްވެސް އެގެއެވެ.

"އޭނާ  ނައީތަ؟" ހިމޭން ވަގުތުކޮޅަކަށްފަހު، އާދައިގެ ގޮތަކަށް އަހައިލިއެވެ.

އަހަރެން ތެދުވެ، ހެޑްބޯޑުގައި ލެނގިލާފައި ދެކަކުލުގައި ބައްދާލީމެވެ.

"ނާދިފް.. ޔޫ އޯކޭ؟"

"ޔެސް...! ޔެސް....!" އަމަންއަށް ބަލައިލަމުން ހިނިތުންވެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ.

"ދޮގުހަދަންޖެހޭ ސަބަބެއް އެބަ އޮތްތަ؟"

"އޭނާ ބުނީ، ވަރަށް އަވަހަށް ވަރިވާނަމޭ..!"

"އެހެންވީމަ، ދެން ޕްރީޝާއާއި ކައިވެނިކުރާނީ..؟"

"ޔާ..! އައި.."

"އަހަރެން އެއް ވާހަކަ އަހާލަންތަ.؟ ހިތްބުރަ ނުކުރައްޗޭ އިނގޭ!"

"ހޫމްމމ.. ބުނޭ.."

"ނާދިފް.. ހަގީގަތުގައިވެސް ޕްރީޝާދެކެ ނާދިފް ލޯބިވޭތަ؟"

ކޮން ޒާތެއްގެ ސުވާލެއް ހެއްޔެވެ؟ ވަރަށް ބޮޑަށް  ޕްރީޝާދެކެ ލޯބިވެއެވެ. އަހަރުމެން ދެމީހުންގެ ލޯތްބަށް އަހަރުތަކެއް ވެގެންދިޔައީއެވެ.

"ޔާ.. އޮބްވިއަސްލީ..!"

"ނާދިފް.. ޖަސްޓް ތިންކް އެބައުޓް އިޓް.."

"ކިހިނެއްވީ..؟ އަހަރެން ޕްރީޝާދެކެ ލޯބިނުވާކަމަށް އަމަންއަށް ހީވަނީ ކީއްވެ..؟ އަހަރެން އޭނާއަށް ބޭވަފާތެރި ވާހެން ހީވަނީތަ؟"

"ނާދިފް.. އަހަރެން ނުބުނަން ތިހެނެއް!  ޕްރީޝާ ވެފައިވަނީ ނާދިފް ދިރިއުޅުމުގެ އާދައަކަށްތޯ ނުވަތަ ހަގީގަތުގައިވެސް އޭނާދެކެ ނާދިފް ލޯބިވޭތޯ.. އެއީ ސުވާލަކީ!"

އަމަންއަށް ޖަވާބުދޭން އަހަރެން ބޭނުންވިއެވެ. އެކަމަކު އޭގެކުރިން އޭނާ އެނދުން ތެދުވެއްޖެއެވެ.

"ޖަވާބު ދޭންވީ އަހަންނަކަށް ނޫން.. ޖަވާބު ބޭނުންވަނީ ނާދިފްގެ އަމިއްލަ ނަފުސަށް" އަހަރެންގެ ކޮނޑުގައި ދެތިންފަހަރު ޖަހައިލަމުން އަމަން ބުންޏެވެ.

އަހަރެންގެ ކުރިމަތީން ގެއްލެންދެން އަމަންއަށް ބެލީމެވެ. ވިސްނަން އޮވެ، ދެ ލޯމެރުނު އިރެއްވެސް ނޭގުނެވެ.

............

މެންދަމުގެ މިގަޑީގައި ހިމާޔަތެއް ލިބޭނެ މީހެއްގެ ގާތަށް އަހަރެން ދިޔައީމެވެ.

އެއީ ޒެއިންއެވެ.

ގޭދޮރުމަތީގައި ހުރެ، ބެލް އަޅާއިލީމެވެ. މިނޫނީ އަހަރެން ދާނެ އެއްވެސް ތަނެއް ނެތެވެ.

"ކަމިންގ" ގޮވާލިއަޑު އިވުނެވެ.

"މިޒްރާ..؟؟؟!!!"

އަހަރެން ފެނުމާއެކު ޝޮކްލިބުނު ޒެއިން ގުޑާލަން ނޭގިފައި ހުއްޓެވެ. ކަޅުކުލައިގެ  ޓޮޕެއް ލެވިފައި ހުރީތީ އިންތިހާއަށް ޝުކުރުކުރީމެވެ. އަތުން ފައިބަމުންދިޔަ ލޭ މުޅި ގައިގައި ހޭކިފައި ހުރިކަން ފަސޭހައިން ފެންނާކަށް ނެތެވެ.

"އެތެރެއަށް ވަންނަންތަ؟" ޒަޚަމުކޮށްލާފައިވާ އަތުގައި ހިފަހައްޓައިގެން ހުރެ، އަހަރެން އަހައިލީމެވެ. އަޅަމުންދިޔަ ވޭނީ ރިހުން ބުނެދޭކަށް ނޭގެއެވެ.

"ޔާ.... އޮފްކޯޒް"

އެތެރެއަށްވަދެ، ސޯފާގައި އަހަރެން އިށީނީމެވެ. މިހާރު އަހަރެން ދިރިއުޅޭ ގެއަށްވުރެން މި ގެއަށް އަހަރެން ފަރިތަ ވާނެއެވެ.

"މިޒްރާ.. ކިހިނެއް ވެ..ފަ.."

ކަރުނުން ފުރިފައިވާ ލޮލުން ޒެއިންއަށް ބަލައިލީމެވެ. އަހަރެންނާއި ދާދި ގާތުގައި އޭނާ އިށީނެވެ. ޒެއިންގެ ގައިގައި ބާރަށް ބައްދާލީމެވެ.

"ޒެއިން.. އައި.. އައި ލެފްޓް"

"ލެފްޓް ވަޓް؟"

"އެނބުރި މިއައީ ދެން އަހަރެން އެ ގެއަށް ނުދާގޮތަށް" ކަރުނައެއް ނުހިފެހެއްޓުނެވެ.

"ވަޓް؟؟؟!!!"

"މިޒްރާ.. ނުރޮއެ.. ހުއްޓާލާ" އަހަރެންގެ ކަރުނަތައް ފޮހެލައިދެމުން ޒެއިން ބުނެލިއެވެ.

ޒެއިން ގެނެސްދިން ފެންތަށި ބޯލަމުން މަޑުމަޑުން އަހަރެންގެ ނޭވާ ހަމަޔަކަށް އެޅުވޭތޯ ބެލީމެވެ. ފެންތަށި ހުސްކޮށްލާފައި ޒެއިން އާއި ތަށި ހަވާލުކޮށްލީމެވެ. އަތުގެ ޒަޚަމް ޒެއިން ސާފުކޮށްދިނެވެ.

"ދެން ބުނޭ.. ހުރިހައިވާހަކައެއް.. ސާފު އިބާރާތުން.. ތަފްސީލްކޮށް"

އަހަރެންނާއި ނާދިފްއާއި ދެމެދުވެފައިވާ ހުރިހައި ކަމަކާއި ދެކެވިފައިވާ ހުރިހާ ވާހަކައެއް ކިޔައިދެވެން އޮތްވަރަށް ޒެއިންއަށް ކިޔައި ދިނީމެވެ. އަދި އަހަރެން ދެން ކަންތައްކުރާނެ ގޮތްވެސް ބުނީމެވެ.

"މިޒްރާގެ ތި ނިންމުމާމެދު ޔަގީންތަ؟"

"ހޫމް.. އޭނާ ބޭނުންވަނީ، އަހަރެން އަމިއްލައަށް ވަރިއަށް އެދެން.. އަދި އެއީ އަހަރެން ބޭނުންވެގެން، އަހަރެން ކުރާކަމަކަށް ހަދަން.. އޭނާއަށް އެކަން ކޮށްދޭން އަހަރެން ބޭނުން"

"އެއްޗެއް ކައިފިން..؟"

އެއީ އަހަރެންގެ އެންމެ އެކުވެރި ޒެއިންއެވެ. އަހަރެންގެ ހުރިހައި އިހްސާސަކަށް އިހްތިރާމް ކުރާނެއެވެ. އަހަރެންގެ ރިހުން، އޭނާ ދެނެގަންނާނެއެވެ.

"މިޒްރާއަށް މިގޭގައި ހުރެވޭނެ.. އެކޮޅު ކޮޓަރި އަބަދުވެސް ޚާއްސަވާނީ މިޒްރާއަށް.. އެކޮޓަރީ އަލަމާރީގައި މިޒްރާގެ އަންނައުނު ހުންނާނެ.. ކުރިންވެސް މިގޭގައި އުޅޭހެން ދެންވެސް އުޅެވޭނެ.. އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހޭނެ.."

ކޮޓަރިއަށް ވަދެފައި ފެންވަރާލައިގެން އަހަރެންގެ ޒަޚަމުގައި ބޭސްއެޅީމެވެ. އެއްޗެހި ބަދަލުކޮށްގެން ސިޓިންގރޫމްއަށް ނިކުތީމެވެ. އޭރު މޭޒުމަތީގައި ކާތަށިތައް ޒެއިން އަތުރައިފިއެވެ.

އަހަރެންނަށްޓަކައި ޒެއިން، އެވީ ވަގުތުކޮޅުގައި ނޫޑްސް ހަދާލާފައި ހުއްޓެވެ.

ހަމަހިމޭން ވަގުތުކޮޅަކަށްފަހު  އަހަންނާއި ދިމާއަށް ބަލަންފެށިއެވެ.

"ކިހިނެއްވީ"

"ހަމަ ޔަގީންތަ.. ތިއީ ފަހުގެ ނިންމުންތަ؟

ކައި ނިމުނުން ކޮޓަރިއަށް ދާން އަހަރެން ހިނގައިގަތީމެވެ. ޒެއިންއަށް ޖަވާބުދޭން ބޭނުން ނުވާތީއެވެ.

"މިހެން ބުނުމުގެ ހައްގެއް އަސްލު ނެތް... އެކަމަކު އެއްޗެއް ބުނަން އަހަރެން ބޭނުން.. ހިތްބުރަކަމެއް ނުބާއްވައްޗޭ .. މިޒްރާ ހުއްދަ ދެންޏާއ.."

"ހޫމް.."

"މިޒްރާ.. އިޓްސް ޖަސްޓް ދެޓް.. ދެމީހެއްގެ ދެމެދުގައި އޮތް ގުޅުމެއް.. ލޯތްބެއް ނޫން.. އެކަމަކު ދެމީހެއްގެ ގުޅުމެއް.. އެހެންވީމާ.. އެގުޅުން، ގުޅުމެއްގެ ގޮތުގައި އޮންނާނެ!؟"

އެއްބަސްވުމުގެ ގޮތުން އަހަރެން ބޯޖަހައިލީމެވެ. ޒެއިން ބުނަން އުޅުނު އެއްޗެއް އަހަންނަށް ވަރަށް ރަގަޅަށް އެގެއެވެ. އެކަމަކު އަހަރެންނާއި ނާދިފްގެ ލޯތްބަކީ އަވާމެންދުރެކެވެ. މި ކައިވެންޏަކީވެސް ހަގީގަތުގައި ރޭވުމެކެވެ. އެހެން ބުނުމުގެ ފުރުސަތު އެބައޮތެވެ. ރޭވުމެއްގެ ތެރެއިން އުފެއްދި 'ގުޅުމެއްގައި' އޭނާގެ އޯގާތެރި ކަމެއްވެސް، ލޯތްބެއްވެސް އިހްތިރާމެއްވެސް އަހަންނަށްޓަކައި ނުވާނެއެވެ. އެކަން ޔަގީނެވެ.

"ޒެއިން.. އެ ގެއިން އަހަރެންގެ ހުރިހައި އެއްޗެއް ގެންނަން ބޭނުން.." ޒެއިން ހިނިތުންވަމުން ބޮލުން އިޝާރަތް ކޮށްލިއެވެ.

"ގުޑް ނައިޓް" ޒެއިން ބުންޏެވެ.

"ނައިޓް"

.............

"ފުރޭތަ އަރާނީ އެކިފަހަރު އެކި ބައްޓަމަށް އެކި ސައިޒުގައެވެ. އޭގެ ތެރެއިން ބައެއް އެއްޗެހި އިންސާނުން ދެކެ ބިރުގަނެއެވެ. ބައެއް އެއްޗެހި ފެނުމުން އިންސާނުން އެތަކެތި ދެކެ އިންތިހާއަށް ބިރުގަނެއެވެ. އޭގެތެރެއިން ބައެއް އެއްޗެހި ފެންނަ ކޮންމެ ފަހަރަކު އިންސާނުން ބިރުން ފިއްކެނޑެއެވެ. ފެންނަފެނުމަށް ބައެއް އެއްޗިއްސަކީ މާޒީގައި އެތަކެތި ފެނުމުން އިންސާނުން ބިރުގެންފައިވާ އެއްޗެއްސެވެ.

ބައެއްފަހަރު ފުރޭތައަކީ އެއެއްޗެހި ދެކެ އިންސާނުން ބިރުގަންނާންޖެހޭ އެކަމަކު އެ އެއްޗެހި ދެކެ ބިރު ނުގަންނަ އެއްޗެއްސެވެ."

ތަކުރާރުކޮށް އެތައް ފަހަރަކު މި ޖުމުލަތައް ކިޔުނެވެ. އެއީ އަހަރެންނަށްޓަކައި އަހަރެންގެ މާމަ ލިޔެފައިވާ ޖުމުލަތަކެކެވެ. ހިތުދަސްވެފައި ވިޔަސް،  އެ ޢިބާރާތްތަކުގެ މާނައެއް އަހަންނަކަށް ނުވިސްނެއެވެ. އެކަމަކު މާމަގެ ޢިބްރަތްތެރި މިފަދަ ލިޔުންތަކުން އަހަރެންގެ ހިތްވަރު އާވެ، ނަފުސުގެ ބާރު ގަދަވެ، ދިރިއުޅުމައިގެން ކޮޅަށް ތެދުވުމަށް  އެހީތެރިކަން ލިބެއެވެ.

"ފުރޭތަ - މައި މޮންސްޓަރ- އަހަރެންގެ ނާދިފް..؟"

ފެންނަމުންދިޔަ ޚިޔާލީ ތަސްވީރު އެއްފަރާތް ކޮށްލީމެވެ. އަހަރެންގެ ފޯނުވެސް ނިވާލީމެވެ. އަހަރެންނަށްޓަކައި "އަހަރެންގެ އަމިއްލަ ވަގުތުކޮޅެއް" ބޭނުމެވެ.

އެނދުގައި އޮށޯވެ، ދެ ލޯމަރައިލީމެވެ.

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް