ads
މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަނީ. ފޮޓީ: އިލެކްޝަންސް ކޮމިޝަން
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ހުޅުވާލައިފި
އަންނަމަހުގެ 21 ވަނަދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު އޮންނާނީ މިމަހުގެ 30 އިން ޖެހިގެން އަންނަ ދުވަހުގެ ދަންވަރު 12 ޖަހަންދެންކަމަށެވެ. ސޮއިކުރުން ކުރިޔަށް ދާނީ ދަރުބާރުގޭގަި ހުންނަ އިންތިހާބާއި ބެހޭ މަރުކަޒުގައިކަމަށްވެސް އީސީން ބުނެއެވެ. 

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ފޮނުވާނަމަ އެކަން ބަޔާންކޮށް ބަދަލުގައި ފޮނުވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް އޮންނަން ވާނެކަމަށް އީސީން ބުނެއެވެ. އަދި ރަޖިސްޓަރީގައި ސޮއިކުރަން އަންނަ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

އަންނަ މަޖިލިސް އިންތިހާބުގައި 284،663 މީހުންނަށް ވޯޓް ލިބުމުގެ ހައްގު ލިބިގެންވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ. އޭގެތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ. 

މަޖިލިސް އިންތިހާބުގައި ޖުމްލަ 608 ވޯޓް ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އޭގެތެރެއިން 3 ފޮއްޓަކީ ރާއްޖެއިން ބޭރުގައި ބަހައްޓާ ފޮއްޓެވެ. ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ، އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީލަންކާގެ ކޮލަމްބޯގެ އިތުރުން މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި އެވެ.

20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާ އަށް 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް