ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެްގެ ތެރެއިން މަޖިލިސް ތަޅުން. ފޮޓޯ/ ރައްޔިތުންގެ މަޖިލިސް
އެންޓި ޑިފެކްޝަން ބިލު ބަލައިގަނެ ހާއްސަ ކޮމެޓީއަކަށް
މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރަކުގެ ގޮނޑި ގެއްލޭގޮތަށް ހަދާ ގާނޫގެ ބިލް އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ހާއްސަ ކޮމެޓީއަކަށް ފޮނުވަން ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހަށް ހުށައެޅި އެމްޑީޕީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ. މި ބިލު މަޖިލީހަށް ބަލައިގަންނަން ނިންމީ މިއަދުގެ ޖަލްސާގައި ބައިވެރިވި 41 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުން ފާސްކުރީ މި ބިލް ދިރާސާކުރަން ހާއްސަ ކޮމެޓީއަކަށް ފޮނުވުމަށެވެ. އެހެންނަމަވެސް މި ކޮމެޓީގައި ތިބޭނެ މެމްބަރުންނާއި މެދު ހިޔާލު ތަފާތު މަޝްވަރާ ކުރަން މަޖލިސް ވަނީ އިރުކޮޅަކަށް މެދުކަނޑާލާފައެވެ.

މި ބިލު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކަށާއި، ރަށުކައުންސިލް ތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުން ކަމަށެވެ. އަދި ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުންކަމަށެވެ. 

ބިލްގައިވާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުން މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވުމަށްފަހު އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުންވެސް މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ބިލްގައިވެ އެވެ.

މި ބިލްގައި ވަނީ ރިކޯލް ވޯޓު ނެގޭނެ ހާލަތްތަކެއް ހިމަނާފަ އެވެ. ރިކޯލް ވޯޓުގައި ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރަން ނިންމިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމުންވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް މި ބިލްގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް