ސައުދީ ވެރިކަމުގެ ގަނޑުވަރުން ވަނީ އަދާވާތްތެރިކަން ހުއްޓިއްޖެނަމަ ދާއިމީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް މަގުފަހިވާނެ ކަމުގެ އުންމީދު ފާޅުކޮށްފަ އެވެ ސައުދީން ބުނީ ހަމާސްއިން ހިފަހައްޓާފައިވާ ހުރިހާ ރަހީނުން ދޫކޮށްލާ އަދި ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ސިޔާސީ ޖަމާއަތްތަކުން އަދާކުރަންޖެހޭ ވާޖިބުތަކަށް އަމަލުކުރުމުގެ އިތުރުން ގާޒާގެ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކޮށް އެމީހުންގެ ހިމާޔަތް އިތުރުކުރުން ގައުމުތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އިސްރާއީލުން ގާޒާގައި އާންމުންނަށް ދޭ ހަމަލާތައް ހުއްޓުވުމުގެ ޒިންމާ ނަގައި، ފަލަސްތީނުގެ ރައްޔިތުންނަށް އުއްމީދު ދީ ތަކުލީފު ނިމުމަކަށް ގެނައުމުގެ މުހިންމުކަމަށް ބާރުއެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާ ކަމަށް ވެސް ސައުދީން ބުނެއެވެ،
އަދި އަރަބި ޕީސް އިނިޝިއޭޓިވް އާއި ކަމާބެހޭ ބައިނަލްއަގްވާމީ ގަރާރުތަކާ އެއްގޮތަށް 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ ތެރޭގައި، އިރުމަތީ ގުދުސްގެ ވެރިރަށް އިރުމަތީ ގުދުސްގައި ދައުލަތެއް ގާއިމްކުރުމަށް އިތުބާރު ހުރި އަދި ފަހަތަށް ނުޖެހޭ މަގެއް ފަލަސްތީނުން ސަލާމަތާއި އަމިއްލަ ނިންމުމުގައި ދިރިއުޅުމުގެ ހައްގުތައް ހޯދުމަށް ވެސް ގޮވާލާފައި އެވެ،
އދ. ގެ ސަލަމާތީ މަޖިލީހުގެ 15 ގައުމުގެ ތެރެއިން އެމެރިކާ ފިޔަަވައި ހުރިހާ ގައުމަކުން އިއްޔެ ވަނީ ވަގުތުން ހަމަލަތައް ހުއްޓައިލަން ތާއީދުކޮށްފަ އެވެ.
އެ ވޯޓަށްފަހު ވާހަކަދައްކަވަމުން އެމެރިކާއިން އދ. އަށް ކަނޑައަޅައިފައި ހުންނަ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑް ވަނީ ހަނގުރާމަ ހުއްޓައިލުމުގެ ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ވާސިލްވުން ލަސްވީ ހަމާސްއާހެދި ކަމަށް ވިދާޅުވެ ހަމާސް ކުށްވެރިކުރައްވައިފަ އެވެ.
ނަމަވެސް އެމެރިކާއިން ހަނގުރާމަ ހުއްޓައިިލަން އެއްބަސްނުވާ ކަމަށް ވިދާޅުވި އެވެ.
ހަނގުރާމަ ކުރިއަށްދާތާ ގާތްގަނޑަކަށް ހަ މަސް ދުވަސްފަހުން މިފަދަ ގަރާރެއް ފާސްކުރެވުނުއިރު މިއީ ހަނގުރާމަ ހުއްޓައިލުމާ ދިމާއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ގާޒާގެ 2.3 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 90 ޕަސެންޓު މީހުންނަށް މިހާރު ވަނީ އެކި ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފަ އެވެ. 32،000 އަށްވުރެ ގިނަ މީހުން ހަނގުރާމައިގައި ވަނީ މަރުވެފަ އެވެ. ދިރިތިބީންނަށް ބަނޑުހައިހޫނު ކަމާ ވަނީ ކުރިމަތިލާން ޖެހިފައެވެ.