ads
ސެކަންޑް ޗާންސް..!؟
(25 މާރިޗު 2024 އާ ގުޅޭ) އޮފީސް އިމާރާތައް ވަދެވުމާއެކު އަހަރެން އަވަސްވެގަތީ ކެބިންއަށް ދެވޭތޯއެވެ. ވަރަށް މުހިއްމު "ސިއްރު" ފައިލް ތަކެއް ކެބިންގައި ހުންނާނެތީއެވެ. އިމާރާތުގެ ސެކިއުރިޓީ ކަންކަމުގައި އަހަރެންގެ ސިކުނޑީގައި ހިނގަމުންދާ އަރާރުންވުން އެހެން އެއްވެސް މީހަކާއި ހިއްސާއެއް ނުކުރެވޭނެއެވެ. އޮތީ އެންމެ ގޮތެކެވެ. އިންތިހާއަށް "ސަމާލު" ވުމެވެ.

ދޮރުހުޅުވާލުމާއެކު ކެބިންގެ ތެރެއަށް ބަލައިލެވުނެވެ. އަހަރެންގެ އެއްވެސް އެއްޗެއްގެ ތަރުތީބަށް ކުޑަވެސް ބަދަލެއް އައިސްފައިވޭތޯއެވެ. އަވަސްއަވަހަށް ވަދެ، ދަބަހުން ތަޅުދަނޑި ނަގާފައި ވަތްގަނޑު ހުޅުވާލީމެވެ. ފައިލްތައް އަޅާފައި އޮތް ކޮތަޅު ނަގާފައި ރަގަޅަށް ބެލީމެވެ.

"އަލްހަމްދު ލިއްލާހި" ހުރިހާ އެއްޗެއް ރައްކާތެރިކަމާއެކު ސަލާމަތުން އެބަހުއްޓެވެ. ހަމަ އެވަގުތު ދޮރުގައި ޓަކި ޖަހައިލިއެވެ.

"ކަމް އިން" އިށީންނަމުން އަހަރެން ބުނީމެވެ.

"މެޑަމް.. ޗުއްޓީ ހަމަޖެހިގެން ސިޓީ މިއޮތީ ލިބިފައި.." ޖޯއިގެ އަތުގައި އޮތް ސިޓީއުރަ ދިއްކޮށްލަމުން ބުނެލިއެވެ.

"ޗުއްޓީ ސިޓީ..؟ އަހަރެން ޗުއްޓީއަކަށް ނޭދެން..!"

"މެޑަމް..! މެޑަމްއަށް އަދި މީގެ ތަފްސީލް ނުލިބެނީހެން އަޅުގަނޑަށް ހީވަނީ.. 'ފިއުޝަން ސީރީސް'ގެ ހެޑް އޮފީހަށް ނާދިފް ސަރއާއެކު މާދަމާގެ ވަގުތެއްގައި މެޑަމްވެސް ދަތުރުކުރާގޮތަށް އޮތީ ހަމަޖައްސާފަ.. ދަތުރުގެ ހުރިހާ ކަމެއް މިހާރު އޮތީ ހަމަޖެހި ނިމިފައި"

"ވަ-ޓް"

"އުމްމ.. ޔެސް! އެކަން އެގޮތަށް ނިންމެވީ ޝައްޔާން ސަރ.. ނާދިފް ސަރ އާއިއެކު މުޅިދަތުރުގައި މެޑަމް ބައިވެރިކުރަން ޝައްޔާން ސަރ އެމީހުންނަށް ހުށަހެޅި.. ޗުއްޓީ ހަމަޖެހިފައިވާކަމާއި، އިތުރު ތަފްސީލް މިސިޓީގައި އޮންނާނެ.." ހުދު ސިޓީއުރަ އަހަރެންނަށް ދިއްކޮށްލަމުން ޖޯއި ބުންޏެވެ.

ސުބުޙާނައްﷲއެވެ.  މިއޮއް ހުރިހާ ފައިލެއްގެ މަސައްކަތް އަހަރެން  ނިންމާނީ ކިހިނެއް ހެއްޔެވެ..؟ މުހުލަތު އައިސްޖެހުނީއެވެ. ދެން އޮތީ އެންމެ ހަ ދުވަހެވެ. އަދި ވިހި ފައިލްގެ މަސައްކަތް މިއޮތީ ނުނިމިއެވެ.

"މެޑަމް.. ބޭނުންވަންޏާ ހުރިހާ ތަފްސީލަކާއެކު އަޅުގަނޑު، މެއިލް ފޯވަރޑް ކޮށްލައިދީފާނަން.." ސިޓީއުރަ އަހަރެންގެ މޭޒުމަތީގައި ބާއްވައިލަމުން ޖޯއި ބުންޏެވެ.

"ޔާ- ޕްލީޒް"

މާނައެއް ނެތް ހިނިތުންވުމަކާއެކު އަހަރެން ބުނީމެވެ.

"ހަމަ މިވަގުތު މިދަނީ އެކަން ކޮށްލަން"

ޖަވާބު ދިނުމާއެކު ޖޯއީ ހިގައްޖެއެވެ.

ދިހަވަރަކަށް މިނެޓް ހަމަނުވަނީސް އެ މެއިލް ލިބުނެވެ. އޭގައި ވާގޮތުން، ބުނެފައިވާ ތަނަށް މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ހާޒިރުވާން ޖެހެއެވެ.

"މިޒްރާ.. ހިއްވަރު ކޮށްލާ! މި ފައިލްތަކުގެ މަސައްކަތް މިޒްރާ ޖެހޭނީ ނިންމަން.. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގިނަ މަސައްކަތްކުރުމަކީ ފައިދާ ބޮޑު ގޮތެއް" އަމިއްލަ ސިކުނޑި މަސައްކަތުގައި ޝާމިލުކުރުވުމަށް، އަހަރެންގެ ނަފުސުގެ އިތުބާރު ބޭނުންވި އެވެ.

ހުރިހާ ފައިލެއް ނެގީމެވެ. ބުރަކޮށް މަސައްކަތްކުރާން، އަޒުމުކަނޑައަޅައިގެން އެކަމުގައި ޝާމިލުވީމެވެ.

.....................

ގަޑިޖެހުމުގެ ކުރީން އޮފީހަށް ގޮސް، އަހަރެންގެ ކެބިންއަށް ވަނީމެވެ. ފެނުނީ އަޖައިބުން އަންތަރީސް ވާވަރުގެ މަންޒަރެކެވެ. އަހަރެންގެ ގޮނޑީގައި އިށީނދެގެން އިނީ ޕްރީޝާއެވެ. އެދުވަހު ކުއްލިޔަކަށް ގެއްލުނުފަހުން އެއްވެސް ޚަބަރެއް ނުވެއެވެ. މިއަދު އަހަރެން އޮފީހަށް އައުމުގެ ކުރީން ކެބިންއަށްވަދެ، އަހަރެންގެ ގޮނޑީގައި ޕްރީޝާ އިށީންދެއިނުން، ހަގީގަތުގައިވެސް ހަޖަމުކުރަން ފަސޭހައެއް ނުވިއެވެ.


"ޕްރީޝާ..؟!"

ގޮނޑިން ތެދުވެގެން އަހަންނާއި ދިމާއަށް އައެވެ.

"ކޮންތާކު އުޅެފައި ތިއައީ؟"

އައިގޮތަށް އައިސް ނުހަނު ބާރަށް އަހަރެންގެ ގައިގައި ބައްދާލިއެވެ.

"ޕްރީޝާ..! ކިހިނެއްވީ؟"

އަހަރެންގެ ހަށިގަނޑުން އޭނާގެ އަތް ނައްޓުވާލާފައި، އޭނާގެ މޫނުގައި ދެފަރާތުން އަހަރެން ހިފަހައްޓައިލީމެވެ.

"އައި މިސްޑް ޔޫ" އޭނާ ބުންޏެވެ.

"ވަޓް؟" އަހަރެން ފަހަތައް ޖެހިލީމެވެ.

"ކޮންތާކު އުޅެފައި ތި އައީ..؟ ނޯ ފޯން.. ނޯ ޓެކްސްޓް!! އިއްޔެގެ ޕްރެކްޓިސްއަކަށްވެސް ޕްރީޝާ ނާންނަމެއްނުން.."

އަހަރެންގެ ނުތަނަވަސްކަން އޮއްސާލީމެވެ.

"އައި ވޯޒް ބިޒީ"

"ބިޒީ..؟!"

"އެއީ އަމިއްލަ ކަމެއް!"

"އަހަރެންނަށް ކަންކަން ސިއްރުކުރަންވެސް ފެއްޓީތަ؟"

"ނާދިފް.. އެހެންޏާ ނޫޅޭކަހަލަ ގޮތަކަށް މިހާރު ތިއުޅެނީ..! އަހަރެންގެ އަމިއްލަ ޒަރޫރީ ކަންތައްތަކެއް ހުރެގެން ނުވާނެތަ؟"

"ޕްރީޝާ.. ތިއީ އަހަރެންގެ ގަރލްފްރެންޑް! އެހެންވީމަ ވާނުވާ އަހަންނަށް އެގެންޖެހޭނެ.. ނުޖެހޭތަ އިނގޭކަށް؟"

"ނާދިފް- ޕްލީޒް..! މިހާރު ދެން މާ 'ޕޮސެސިވް'ވަނީ.. އަހަންނަކަށް ކަމަކުނުދޭ ތިގޮތެއް"

"އަހަރެން ޕޮސެސިވް ވަނީ..؟ ސީރިއަސްލީ ޕްރީޝާ..؟!"

"އާން.. ޔެސް"

"އޯކޭ- ފައިން"

އެނބުރި ގޮސް ގޮނޑީގައި އަހަރެން އިށީނީމެވެ. ހަގީގަތުގައި އަހަރެން މިވަގުތު ބޭނުމީ   ވީ އެންމެ އަވަހަކަށް ޕްރީޝާ މިތަނުން ނިކުމެގެން ދާށެވެ.

އަހަރެންނާއި ދާދި ގާތައް އައިސް، އަހަރެންގެ ކުރިމަތީގައި ކުޑަކަކޫ މައްޗަށް ވާގޮތައް އިށީނެވެ.

"ބޭބީ.. ސީރިއަސްކޮށް އަހަރެން ބޭނުމެއްނޫން މިކަންތައްގަނޑުގެ ތެރޭގައި ނާދިފް ޝާމިލްކުރުވާކަށް.. އެހެންވެ... ޕްލީޒް"

އޭނާއާއި ދިމާއަށް އަހަރެން ބަލައިލީމެވެ.

"ޕްރީޝާ"

"އަހަންނަށް އިތުބާރު ކުރަން..؟"

އަނެއްކާވެސް އިތުބާރުގެ ހަތިޔާރެވެ. އަހަރެންގެ ސިކުނޑިއާއި ކުޅެން  ޕްރީޝާ ކުޅަދާނައެވެ.

"ޔެސް އައި ޑޫ"

އޭނާ ހިނިތުންވެލިއެވެ.

"ތަންކޮޅެއް ހަރުކަށިކޮށް ވާހަކަދެއްކުނީތީވެ، ސޮރީ"

އެއްކަންފަތުގެ ފޫޅުގައި ހިފަހައްޓާލާފައި ލޯބިގޮތަކަށް ޕްރީޝާ ބުނެލިއެވެ.

"އައި ލަވް ޔޫ"

ލޯބި ހިނިތުންވުމަކާއެކު އަހަރެން ބުނީމެވެ.

މި ނޫނީ ދުވަހަކުވެސް "ލޯބި" ނުވަތަ "ލަވް" މި ލަފްޒާއިމެދު އިތުރަށް ވިސްނާލަން އަހަރެންގެ ހިތަކަށް ނާރައެވެ. 

އަހަރެންގެ ކޮލުގައި ލުއިކޮށް ތުންފަތް ބީއްސާލާފައި ޕްރީޝާ ބައްދާލިއެވެ.

...................

"ފަންސަވީސް މިލިއަން މިއޮތީ އަތްމަތީގައި.. ވިޔަފާރި އަށް މިއޮތީ ބަހާރު މޫސުން ގެނެވިފައި.. ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ!"

ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން އަހަރެން ބަންދުކޮށްލީމެވެ. އަލްހަމްދު ލިއްލާހިއެވެ. މައި އެކައުންޓް މިއޮތީ މުޅިންކަހަލަގޮތަކަށް ނިންމާލެވިފައެވެ.  ދެން ހުރި ފައިލްތަކުގެ މަސައްކަތް ނިންމާލެވޭނީ ލޮނާވްލާއިން އެނބުރި އައިސްފަ އެވެ.

ލެޕްޓޮޕް ލައްޕާލާފައި، ނުނިމި ހުރި ފައިލްތަކަށް އަހަރެން ބަލައިލީމެވެ.

"މިއެއްޗެހި ޖެހޭނީ ނާދިފްގެ ކެބިންގައި ބަހައްޓަން.. ދަތުރު ނިންމާފައި އައުމާދެމެދު އަހަރެން އޮފީހަށް ނުނިކުންނާނެ.. މި ކެބިންގެ ރައްކާތެރިކަމާމެދު އަހަރެން ހިތްހަމައެއް ނުޖެހޭ.. މިތަނުގައި ކެމެރާއެއްވެސް ނެތް! އެހެންވީމަ މިތަން އެއްގޮތަކަށްވެސް ރައްކާތެރިއެއް ނޫން.."

ފައިލްތައް ހިފައިގެން އަހަރެން ނިކުތީ ނާދިފްގެ ކެބިންއަށް ދިއުމަށެވެ. އެ ކެބިންގެ ތަޅުދަނޑި އަހަރެން އަތުގައިވެސް އޮވެ އެވެ.

އުއްމީދުކުރިގޮތަށް، މިރޭވެސް އޮފީސްތެރޭގައި ހަމައެއްވެސް މީހަކު ނޫޅެއެވެ. މިހާރު ގަޑިން ދިހައެއްޖަހައި ބޮޑުވީއެވެ. އެކަމަކު އަހަރެންނަށް ހައިރާންކަން ލިބުނީ ނާދިފްގެ ކޮޓަރީގެ ދޮރު ނުލައްޕާ ހުރީތީއެވެ. އެތަނުގެ ލައިޓްވެސް ހުރީ ދިއްލާފައެވެ. މިހައި ލަސްވަންދެން ނާދިފް އޮފީހުގައި އުޅެފާނެބާ އެވެ.

ނާދިފް އެތަނުން ނިކުންނާންދެން އަހަރެން ބޭރުގައި މަޑުކުރާން ނިންމީމެވެ. ފަނަރަވަރަކަށް މިނެޓް މަޑުކުރީމެވެ. އެތަނުން ނިކުންނަ މީހަކަށް އަހަރެން ނުފެންނާނެ ގޮތަށް ފާރުގެ ކަނެއްގައި ނިވާވެލީމެވެ. މަޑުމަޑުން އެ ކޮޓަރީގެ ދޮރު ހުޅުވިއެވެ. ފެނުނު މަންޒަރު ގަބޫލެއް ނުކުރެވުނެވެ. މިގަޑީގައި ނާދިފްގެ ކެބިންތެރެއިން އެ ނިކުތީ ނާދިފްއެއް ނޫނެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭގި ޝޮކެއްގައި އަހަންނަށް ހުރެވުނީ ހަރަކާތް ހުއްޓިފައި އެވެ.

އެމީހަކު ނިކުމެގެން އަހަރެންގެ ލޯމަތީން ގެއްލުމާއެކު އަވަސްއަވަހަށް ކެބިން ތެރެއަށް  ދެމިގަތީމެވެ. ނާދިފްގެ ލިޔެކިޔުންތައް އަދި ފައިލްތައް އާންމުކޮށް ބަހައްޓާފައި ހުންނަ ކަބަޑަށް އަހަރެންގެ ސަމާލުކަން ހުއްޓުނެވެ. އެތަން އެންމެ ފަހުންވެސް ތަރުތީބުކުރީ އަހަރެންނެވެ. ކޯންޗެއް ހުންނާނީ ކޮންތާކުކަން ބުނެދިނުމަށް ނާދިފްއަށްވުރެން އެ ކަބަޑަށް، އަހަރެން ފަރިތަވާނެއެވެ. ފެންނަ ފެނުމަށް އެމީހަކު އެދިޔައީ މުޅި ކަބަޑު ހާވާފައެވެ. އެންމެ މުހިއްމު ފައިލްތައް ހުންނަތަނުގެ ތަރުތީބުވެސް އެއޮތީ އޮޅުންބޮޅުންވެފައެވެ. އެކަމަކު...

"އޭނާ އެ ހޯދި އަދި ބޭނުންވި ހުރިހާ ފައިލްއެއް މިހުރީ އަހަރެންގެ އަތުގަ.."

ހުރިހައި ފައިލްތައް އަޅާފައި ހުރި ކޮތަޅު އަހަރެންގެ ގަޔާލައި ބޮނޑިކޮށްލެވުނެވެ. ކޮތަޅުގައި ބާރަށް ބައްދައިލީމެވެ. މިއިން ހަމަ އެންމެ ފައިލެއްވެސް ނާދިފްގެ ކެބިންގައި ނުބަހައްޓަން އަހަރެން ނިންމީމެވެ. ހަމައެކަނި މި ކެބިންގައެއް ނޫނެވެ. މި އޮފީސް އިމާރާތުގައިވެސް މި ފައިލްތައް ނުބަހައްޓާނަމެވެ.

.............

އެންބުރި އަހަރެންގެ ކެބިންއަށް ގޮސް، ފައިލްތައް ހުރި ކޮތަޅުވެސް އަހަރެންގެ އޮފީސް ދަބަސްތެރެއަށް ލީމެވެ. ބޮޑެތި ދަބަސް ގެންގުޅުމުގެ ފައިދާވެސް މިރޭ ކޮށްފިއެވެ. ފެނުނު މަންޒަރުން، ސިކުނޑިއަށް ވަރަށް ބޮޑަށް ބަރުވެއްޖެއެވެ.

ނާދިފްގެ ގެއަށް ދިއުމަށް އޮފީހުން ނިކުތީމެވެ.

އަހަރެންގެ ގަޑިއަށް ބަލައިލީމެވެ. އެގާރަގަޑި ބައިވެ ބޮޑުވެއްޖެއެވެ. ޕަބްލިކް ޓްރާންސްޕޯޓްގެ އިންތިޒާރުގައި ހުންނާކަށް އަހަންނަށް ވަގުތެއް ނެތެވެ. ހައެއްކަ ޓެކްސީއަށް އަތްނެގީމެވެ. ފެންނަކަމަށްވެސް ނުހަދައެވެ.

"ޝ-ޓ މިޒްރާ! މާދަމާ ފުރަން، މިރޭ ފޮށިވެސް ތައްޔާރުކުރަންވާނެ"

އެނާގެ ގެއާއި ދިމާއަށް އަހަރެން މިސްރާބު ޖެހީމެވެ. އާންމުކޮށް އަހަރެން ހިނގާ މަގުގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރުމަށް ސިމެންތި ލޮރީއަކުން، ތަކެތި ބާލަނީއެވެ. އެހެންވެ، އެމަގުން ނުގޮސް މިރޭ މިސްރާބު ބަދަލުކޮށްލީމެވެ.

މިސަރަހައްދަކީ ރޭގަނޑުގެ މިކަހަލަ ވަގުތެއްގައި އަންހެންކުއްޖަކު އެކަނި ހިނގާފައި އުޅެން ރައްކާތެރި ސަރަހައްދެން ނޫނެވެ. މާލޭގެ އެންމެ މަޝްހޫރު ގޭންގް މިއޮތީ މި ސަރަހައްދުގައެވެ. ފާރުތަކުގައިވެސް ފެންނާންހުރީ އެމީހުންގެ ނިޝާންތަކެވެ. އަޑުއިވޭގޮތުގައި އެއީ ގާނޫނެއް ގަވާއިދެއްވެސް އެމީހުންގެ މައްޗަށް ހިނގާވަރަށްވުރެން މާ "ބާރުގަދަ" ބައެކެވެ. ކުރިމަތިވެދާނެ ނުރައްކަލަކަށް، ކުޑަކޮށް ޖެހިލުންވިއެވެ.

ގާތްގަނޑަކަށް ފަނަރަވަރަކަށް މިނެޓް ހިނގުނުފަހުން ބިއްލޫރިތަކެއް ތަޅާލިއަޑު އިވުނެވެ. އެއީ ކޮންބައެއްގެ ކަމެއްކަން ޔަގީންވިއެވެ. ފަސްއެނބުރި ބަލައިލުމަކީ މިވަގުތު ނުރައްކަލެކެވެ. އަހަރެންގެ ހިނގުން އަވަސްކުރާން އަޒުމުކަނޑައެޅީމެވެ.

ބާރު ފިޔަވަޅުތަކުގައި ތަންކޮޅަކަށް ހިނގާލިތަނާ، އަހަރެންގެ ދާދިގާތުން ދެމީހަކު އަންނަކަން ފާހަގަކުރެވުނެވެ. ނުބަލަން ކިތަންމެ މަސައްކަތްކުރިއަސް، ގަތްބިރުން، ވައްކަޅިން ބަލައިލެވުނެވެ. ދެމީހުންވެސް ތިބީ "ހަމައިގައި ނޫންކަން" ޔަގީނެވެ. އެމީހުންގެ ކަކުލުހުޅުގައި ބާރެއް ނެތްފަދައެވެ.

"އޭ.. މަންޖޭ.. ރޭގަނޑުގެ.. މިގަޑީގައި.. އެކަނިތަ..؟ ބިޓެއް ހުރޭތަ؟" ކަކުލުހުޅުގައި އެކަންޏެއް ނޫނެވެ. ދުލުގައިވެސް ވާތްގެއް ނެތެވެ. ކިޔޭ ނުކިޔޭ އެއްޗެއް އެމީހުންނަށް އިނގޭބާއެވެ. 

"އަހަރެންނާއެކު.. ދާން އާދޭ.. ފައްކާ ކޮޓަރިއެއް.. ހުންނާނެ.. ޕާޓީ.. ކުރެވޭނެ" އެހެން މީހެއްގެ އަޑު އިވުނެވެ. މިސަރަހައްދުގެ އަނދިރިކަމުން އަހަރެންނަށް އިތުރު ބިރުވެރިކަމެއް ލިބުނެވެ.

"ބުނި ވަރަކަށް. ކޭޝް ދޭނަން.. އަހަރުމެން ތިން މީހުން.. އޯކޭތަ.. އެއްފަހަރާ .. ކިތަކެއް.. ބޭނުމީ" އެއީ ތިންވަނަ މީހެއްގެ އަޑެވެ.

ގައިން ހީބިހި ނެގިއެވެ. ދެލޯ ފެންކަޅިވިއެވެ. ބައެއް ރޭރޭ މިއަށްވުރެން ލަސްވާފަހުންވެސް އަހަރެން ހިނގާފައި ގެއަށް ދަމެވެ.

މިފަދަ ބިރުވެރިކަމަކާއި ދުވަހަކުވެސް ދިމާނުވެއެވެ. އަހަރެންގެ އަތްފައި ފިނިވެއްޖެއެވެ. ނިއްކުރިން ދާތިކިތައް ހިއްލާލައިފިއެވެ. ކުއްލިޔަކަށް ސިއްސައިގެން ދިޔައީ އަހަރެންގެ ކުރިމަތީން އެ ތިން މީހުން ފެނުނީތީއެވެ. މަޑުމަޑުން އެމީހުން ގާތްވަމުން ދިޔައެވެ.

އަހަރެން ފަހަތައް ފިޔަވަޅު އަޅަންފެށީމެވެ. އެހިސާބުން އެނގުނީ އެއީ އެންމެ ތިން މީހުން ނޫންކަމެވެ. އަދަދެއް ނޭގުނަސް، އަހަރެން ވަށައިގެން އެމީހުން މަޑުމަޑުން ގާތްވަމުން ދިޔައެވެ.

އެއިގެ ތެރެއިން އެކަކު އަހަރެންނާއި ދިމާއަށް އަތްއުފުލާލަމުން ގާތްވިއެވެ. ދުވިނުބައި ވަހުން އަހަރެނަށް އޯކާދެމިގަނެވުނެވެ. ފަކުރުގަތީ އެއިން އެންމެ މީހަކުވެސް އަހަރެން ގައިގައި އަތްލަފާނެތީއެވެ. ގަތްފައިހުރި ބިރު އިހްސާސްކުރާން އަހަރެންގެ ހިތާއި ސިކުނޑި ނުކުޅެދުނެވެ. ވަމުންދިޔަ ގޮތްތައް ޚުދު އަހަންނަށްވެސް ނޭގެއެވެ. ބިރުން ހަތަރެސްފައި ތުރުތުރު އަޅައެވެ. ދެލޮލުން ކަރުނަގަނޑު ފައިބަމުން ދިޔައިރުވެސް އަގައިން އަޑެއް ލައްވާނުލާން އަހަރެން ހިތްވަރުކުރީމެވެ.

"ތިހައި ރީތި  ހުސްހަށިބައި .. ޗިކެއް، އަހަރުމެންގެ ކޮއްތުގެ ގޮތުގައި ލިބުނީމަ.. ދޫކޮށްލާނީ.. ކިހިނެއް" އަހަރެންގެ އިސްތަށިގަނޑުގައި އެއިން ކޮންމެވެސް މީހަކު ހިފިއެވެ. ހަމައެވަގުތު އެހެން މީހަކު އަހަރެންގެ ތުންފަތާއި ދިމާއަށް ގުދުވިއެވެ.

 މޭފަޅާފައި ހިތް ނިކުތްހެން ހީވިއެވެ. ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. ފަހު ނޭވާ ލެވެނީކަމުގެ އިހްސާސްކުރެވުނެވެ.

"އޮހް.. ހޯ.. ޝީ އިޒް.. މައިން! ހަމަ މިހާރު ދުރަށް.." ހަރުކަށިކަމާއެކު ބުނެލިއަޑު އިވުނެވެ.

އަލްހަމްދު ލިއްލާހިއެވެ. އެއަޑު އަހަރެން ދަންނަމެވެ. ހަމަ އެވަގުތުގައި ދެ ލޯ ހުޅުވާލެވުނެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް