ads
ވާހަކަ
ސެކަންޑް ޗާންސް..!؟
(24 މާރިޗު 2024 އާ ގުޅޭ) މުޅި ދުވަސް ހޭދަވީ، ނާދިފްއާއި ދެބަސްވުމެއް ނެތި އެވެ. މިވަގުތުގައި އިތުރަށް ނާދިފް، އަހަންނާއި ކުރިމަތިލާންޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

"ގެއަށް އައީ ކިހިނެއް؟"

"އެކްސްކިއުޒްމީ؟!"

ލޮލުން ފޫހިގޮތެއް ދައްކާލަމުން ނާދިފް ބަލައިލިއެވެ.

"ޓެކްސީގައި.. ޒެއިންއާއި އެކުގައި.." ހަގީގަތަށް އަހަރެން ބުނީމެވެ. މާގިނަ ވާހަކަދައްކަން އަހަރެންގެ ހިތްވަރެއް ނެތެވެ.

"އުމްމމ.. އަހަރެން... އުމްއއއ.." އަހަރެންނާއި ވާހަކަދައްކަން ނާދިފް ޖެހިލުންވާންފެށީ ކޮންއިރަކުބާއެވެ.

އަހަރެންގެ އެއްބުމަ މައްޗަށް އަރުވާލީމެވެ.

"އުމްމމ.. މިޒްރާގެ... އަތަށް... މިއަދު .. ތަދުކުރެވުނީތީވެ، ސޮރީ!" ވަރަށް އުނދަގުލުން ނާދިފް ބުނެލިއެވެ.

އަހަންނަށް ބަލައިލެވުނީ ނާދިފް ހިފެހެއްޓި ތަނަށެވެ. އެތަނުގެ ކުލަ މިހާރުވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ. އަތަށް ބަލައިލާފައި ނާދިފްއަށް ބަލައިލީމެވެ. ޖެހުނުތާ ލަކުނުވެސް ނެތެވެ. އެހައި އަވަހަށް އޭނާ އެދިޔައީ ކީއްވެބާއެވެ؟

"އިޓްސް އޯކޭ..!" ހިނިތުންވަމުން އަހަންނަށް ބުނެވުނެވެ. މީހަކު ނެތަސް، ޖަވާބު ދެވުނީ ކީއްވެކަމެއް ނޭގެއެވެ.

ވިސްނަން އެތަނުގައި ހުންނާން ބޭނުން ނުވާތީ އަހަރެން ދިޔައީ ކޮޓަރިއަށެވެ.

...........................

ވީ އެންމެ އަވަހަކަށް އަހަރެން ދެމިގަތީ  ކޮޓަރިއަށެވެ. ދާދި ދެންމެ ހިނގާއެދިޔަ ކަންތައް ގަބޫލެއް ނުކުރެވުނެވެ.

"ކޮންފަދަ ކަމެއް މި ކުރެވުނީ..؟"

ވީ އެންމެ އަހަކަށް އަހަރެން ކޮޓަރީގެ ދޮރުވެސް ލެއްޕީމެވެ.

"ޝ-ޓ.. ނާދިފް! ޔޫ ހޭވް ލޮސްޓް އިޓް..! އޭނާ ގާތުގައި ސޮރީ އޭ ބުނަން ޖެހޭތަ؟"

ކޮޓަރީގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަމުން އަމިއްލަ ނަފުސައް އޭތިމީތި ކިޔަމުން ބުރު އެޅުނީ ކިތައް ފަހަރު ކަމެއް ނޭގެއެވެ. ބައެއް ފަހަރު ދެތައް ދެއަތަށް ހާކާލެވެއެވެ. ބޮލުގެ ފުއްކިބަވެސް ކަހާލެވެއެވެ. އަނެއްބައި ފަހަރު ކަނދުރާގައި އަތް އަޅާފައި ބާރުކޮށްލެވެއެވެ. ކުރެވޭ ނުކުރެވޭކަމެއް  ނޭގި މުޅި ކޮޓަރީގައި ބުރުއެޅުނީ ކިހާއިރެއްވަންދެންކަން ނުވެސް އެގެއެވެ.

"ނާދިފް... ޔޫ އަރ ޗޭންޖިންގ... އަރރރގގގގހހ... މިޒްރާ!!!!! ކީއްވެ؟"

އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުން އައީ  ފޯނުގެ 'ނޮޓިފިކޭޝަން'ގެ އަޑަށެވެ.

އަވަސް އަރުވާލާފައި ވަގުތުން ފޯނު ބަލައިލީމެވެ. ޕްރީޝާގެ މެސެޖަކަށް ވާނެކަމަށް އުއްމީދު ކޮށްފަ އެވެ. އެކަމަކު..... ނޯ!

ވަގުތުން މެއިލް ހުޅުވާލީމެވެ. އަހަރެންގެ ލޭ ނާރުތަކުގެ ހިނގުން އަވަސްވެގެންދިޔައީ އަލިގުޅައެއް ދަތުރުކުރާހާ އަވަސް ސްޕީޑްގައެވެ. ސިޓީ ފޮނުވާފައިވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ ފިއުޝަން ސީރީސް ކުންފުނިންނެވެ. ސިޓީގެ އިބާރާތްތަކަށް ވަކިވަކިން އަހަރެން ކަޅި ހިންގާލީމެވެ.

ލޮނާވްލާ ހެޑްއޮފީހުގައި އަހަރުމެން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަލްބަމުގެ ލަވަޔަކަށް "ޕްރޮފައިލް ވީޑިއޯ ޝޫޓް"އެއް ކުރުމަށް ނިންމާފައިވާތީ އެކަމާގުޅިގެން އޮތް ސިޓީއެކެވެ. ސްޕަރބިއާ ބޭންޑްގެ މަގުބޫލުކަން މި ސަރަހައްދުގައި އިތުރުކުރުމަށް އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ހެދިފައިވާ ތާވަލާ އެއްގޮތަށް އެމީހުން ދަޢުވަތު ފޮނުވީއެވެ. އަހަރެންގެ ޝޫޓް ނިންމުމަށްޓަކައި ދެދުވަސްފަހުން ލޮނާވްލާއަށް ދަތުރުކުރުމަށް ޓިކެޓްވެސް ހިމަނާފައި އެބައޮތެވެ.

ދެ ލޯ ބޮޑުވެގެން ދިޔައީ ސިޓީ ނިންމާލަމުން ބޮޑުއަކުރުން ލިޔެފައިވާ ލިޔުން ފެނުމުންނެވެ.

އަހަރެންނާއެކު އަހަރެންގެ 'ޕީއޭ މިސިޒް މިޒްރާ މަންސޫރް' މި ދަތުރުގެ ހުރިހާ ކަމެއްގައި ބައިވެރިކުރަން އަންގާފައި އެބައޮތެވެ. ބޭންޑުގެ އިތުރު މެންބަރުންނަށް އެމީހުންގެ ތާވަލާއެއްގޮތަށް ދައުވަތު ފޮނުވޭނެކަމަށް ބުނެފައި އޮތް އިރު، މިޒްރާއަށް މި ދަތުރަށް ޚާއްސަ ދައުވަތެއް ފޮނުވާފައި މިއޮތީ ކީއްވެ ހެއްޔެވެ؟

އަހަރެންގެ ދެ ލޯ، އެ އިބާރާތުން ދުރަކަށް ނުލެވުނެވެ. މިޒްރާގެ ނަން މި ސިޓީގައި އޮތީ ކީއްވެ ހެއްޔެވެ؟ މި ދަތުރުގައި އޭނާގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟  ގޮއްސައި އެތަނުގައި އޭނާ ކުރާނީ ކޮން މަސައްކަތެއް ހެއްޔެވެ؟ "ފިއުޝަން ސީރީސް"އަށް މިޒްރާގެ ނަން ލިބުނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ޕީއޭ އަކަށް އޭނާ ހަމަޖެއްސީ އަހަރުމެންގެ ކައިވެނީގެ ފަހުންނެވެ. އެ ވެސް އޭނާއަށް އަދަބެއްގެ ގޮތުގައެވެ. އެ އަދަބު ތަހަންމަލްކުރާން މިޖެހުނީ ....؟؟؟!! ގްރރރހހހއއއ...

"ވެއިޓް – އަ - ސެކަންޑް.. ޑޭޑް! ވޮންޑަރފުލް..! އަހަރެން ދާ ކޮންމެ ތާކަށް ދެން މި މިޒްރާ މަންސޫރް އުފުލަން މިޖެހުނީ..؟ ލައިކް، ސީރިއަސްލީ..!!؟"

އުނގަދޫ ކުރަމުންދިޔަ ޚިޔާލްތަކާއެކު އެނދުމަށްޗަށް ވެއްޓިގަނެވުނެވެ.

އެންމެ ބޭނުން ނުވާ ކަންތައް، އެންމެ ބޭނުންވި ވަގުތުގައި މިޖެހުނީ ކުރާށެވެ. އަހަރެންގެ އަމިއްލަ ސްޓައިލްގައި މިކަން ކުރާނެގޮތް ވިސްނާން އެބަޖެހެއެވެ.

ދެލޯ މެރި އަހަރެންގެ ޑޯޒް އޮފްވެގެން ދިޔައިރެއްވެސް ނޭގުނެވެ.

"އިވްނިންގ މައި ފްރެންޑްސް"

އަހަރެންގެ ސަމާލުކަން އެއަޑަށް ހުއްޓުނެވެ.

އެ އަޑުގެ ވެރިއަކީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން  އިންތިހާއަށް އިތުރުވިއެވެ. އެއްވެފައިވާ މީހުންތެރެގެއިން ނުހަނު އުނދަގުލުން، އަހަރެން އަވަސްވެގަތީ، ސްޕީކަރ ބަހައްޓާފައިހުރި ދިމާލަށް ގާތްވެވޭތޯއެވެ. ވީހާވެސް ސާފުކޮށް އެއަޑުގެ ވެރިފަރާތަކީ ކޮބައިތޯ ބަލައިލުމަށެވެ. ހުރަހެއް ނެތި އެމޫނު ދެކިލުމަށް ހިތް އަވަސްވީތީއެވެ. އަހަންނަށް ފެނުނީ ނިވާކަންބޮޑު، ގަދަ ރަތްކުލައިގެ "ޕާރޓީ ހެދުމެއްގައި" ހުރި އަންހެންކުއްޖެކެވެ. އުނަގަނޑުން ތިރިން، ހެދުން ފުފިފައިވަނީ ކިތައް ފަށަލައަށް އެ ހެދުން ފަރުމާކޮށްފައިވާތީކަމެއް ވިސްނައިގަންނާން އަހަރެން ނުކުޅެދުނެވެ. ސިޑިއެއްގެ މަތީގައި ހުރި އަންހެން ކުއްޖާގެ ނަލަ ހެދުން، މީހެއްގެ ހިތް ފަތަހަކުރުމަށް ކިތަންމެހާވެސް ފުރިހަމައެވެ. އޭނާގެ މޫނު ދެކިލުމަށް އަހަރެންގެ ކެތްތެރިކަން ކޮޅުންލަނީއެވެ. އެތައް މަސައްކަތަކަށްފަހު ފެނުނު މަންޒަރުން ނިއްކުރިއަށް ރޫ އަރުވާލެވުނެވެ. އަންހެންކުއްޖާގެ ލޯމަތީގައިވަނީ އަޖައިބެއްފަދަ ފުރިހަމަ މަސައްކަތްތަކެއްކޮށް ޒީނަތްތެރިކޮށްފައިވާ "މާސްކެއް" އަޅާފައެވެ. މޫނުގެ ބޮޑުބައެއްވަނީ މާސްކްގެ ނިވަލުގައި ފޮރުވާފަ އެވެ.

"ރޭގަނޑުގެ ކަޅުއަނދިރިކަމުގެ ތެރޭގައި ކޮންމެ ރެއަކު  ބޭރަށް ނިކުމެ ހަމަހިމޭންކަމާއެކު އުޑުގެ ތަރިތަކަށް ފުރިހަމައަށް ބަލައިލާ މީހެއްގެ ދިރިއުޅުން މުޅިން ތަފާތުވާނެ..  ވަށައިގެންވާ ކާއިނާތަށް ނަޒަރުހިންގާލައިފިނަމަ އަންދާޒާކުރެވޭނެ، ރެއާއި ދުވާލު އިންސާނާ ކުރަމުންދާ މަސައްކަތައްވުރެން މުހިއްމު އެތައްކަމެއް ތިމާ ވަށައިގެން އެބަވާކަން.." ރަންކުލައާއި ކަޅުކުލައިން ޖަރީކޮށްލާފައިވާ މާސްކުގައި ލޮލާއި ދިމާއިން ކަނޑާފައިވާ ތަނުން، އަހަރެންނާއި ދިމާއަށް ހިނދުހިނދުކޮޅުން އޭނާ ބަލަމުންދިޔަކަން އަހަންނަށް ޔަގީނެވެ. އެއިން ކޮންމެ ފަހަރަކު ލޯބިވެތި ހިނިތުންވުމެއް ފެނިލައެވެ. އެއީ ދުނިޔޭގެ ހުރިހާ ރިހުމަކުން އިންސާނާ އެއްކިބާ ކޮށްލާފަދަ އަސަރުގަދަ ހިނިތުންވުމެކެވެ.

"ތޭންކް ޔޫ" އަހަރެންގެ ޚިޔާލުތަކުގެ ތެރެއިން ނިކުމެވުނީ އޭނާގެ ވާހަކަ ނިމުމާއެކު ހޫނު އަތްތިލަބަޑީގެ އަޑަށެވެ. ސިއްސައިގެންގޮސް ބަލައިލެވުނުއިރު ނިކުންނަ ދޮރާއި ދިމާއަށް އޭނާ މިސްރާބު ޖަހައިފިއެވެ. އެންމެންގެ ތެރެއިން އަހަރެން އަވަސްވެގަތީ އޭނާއާއި އަރާހަމަކުރެވޭތޯއެވެ. އަހަންނަށް ފެނުނީ މާދުރަށް ދިގުދެމިފައި އޮތް އޭނާގެ ނަލަ ރަތް ހެދުމެވެ.

"އެކްސްކިއުޒްމީ" އަޑަށް ލެވުނު ބާރެއް ލާފައި  އަހަރެން ގޮވައިލީމެވެ. އޭނާގެ ސަމާލުކަން ލިބޭވަރަށް ބާރަށެވެ. ވަގުތުން ހުރިފިޔަވަޅުމަތީގައި އޭނާ ހުއްޓުނެވެ. އަހަރެންގެ އިޝާރާތަކަށް އޭނާ އިންތިޒާރުކުރަމުން ދިޔައެވެ. އެތައް އިންތިޒާރަކަށްފަހު އޭނާގެ ކުރިމަތީގައި އަހަރެން ހުއްޓުނީމެވެ. ހަން ތުނި، އޮމާން، އަލި މޫނެކެވެ. ކަނދުރާއިން ތިރިއަށް އޮތް ފަށުވި އިސްތަށިގަނޑު ފުރިހަމަކޮށްލާފައިވަނީ ހެނދުމާއި އަދި އޭނާގެ މައުސޫމުކަމާއި ނުހަނު ގުޅުވާލާފައެވެ.

"ޔެސް!؟" އަދަބުވެރިކަމާއި ހަމަހިމޭންކަމާއެކު އޭނާ މުއާމަލާތު ކުރިއެވެ.

"އުމްމމ.. އަހަރެން ހަމައެކަނި އެދެނީ ތިބާގެ މޫނު ދެކިލުމަށް.." ސާފު ސީދަލަށް އަހަރެން އެދޭގޮތް ބުނީމެވެ.

އަހަރެންގެ ހުށަހެޅުމަށް ޖަވާބުދިނުމަށް އޭނާ ލޮބުވެތި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ބޮލުގެ ފަހަތުން މާސްކް އައްސާފައިވާ ވާފަށް އޭނާ މުހައިލިއެވެ. މަޑުމަޑުން ފަރުވާތެރިކަމާއި ލަސް ހަރަކާތަކާއެކުއެވެ. ސާފު ތުނި އޮމާން މޫނުގެ ފަރުދާކޮށްފައިވާ ހިތްގައިމު ވަނާތައް މަޑުމަޑުން އަހަންނަށް ފެންނަމުންދިޔައެވެ. ކެތްތެރިކަން ކުޑަވެފައިވާ ބެލުމަކުން، އެސްފިޔަވެސް ޖަހައިނުލައި އަހަރެން ބަލަމުން ދިޔައީމެވެ.

ކުއްލިޔަކަށް އެދިޔައީ ކަރަންޓެވެ. ބަރު ހަތިޔާރަކުން ލޯމަތީގައި މީހަކު ޖެހިނަމަވެސް އެވަރު ނާއުއްމީދެއް ނުވީހެވެ.

"މިތާ އެބަހުރިންތަ..؟" ކުއްލިޔަކަށް އެނބުރިގަތްފައި އަތްޖެހޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އޭނާއެއް ނެތެވެ. އަނެއްކާވެސް އޭނާ ގެއްލުނީއެވެ.

ކުއްލިޔަކަށް ދެލޯ ހުޅުވާލެވުނެވެ. އޮވެވުނީ އަހަރެންގެ އަރާމު އެނދުގައި މަޑުމަޑު ބްލޭންކެޓްގެ ދަށުގައެވެ. މާޔޫސްކަމާއެކު މިއަދުވެސް ތެދުވެ ހެޑްބޯޑުގައި ލެނގިލީމެވެ. މިއީ ތަކުރާރުކޮށް މި ހުވަފެން ފެނުނު ފަސްވަނަ ފަހަރެވެ. ހަމަ އެންމެ ފަހަރަކުވެސް އެ އަންހެންކުއްޖާ މޫނެއް ނުދައްކައެވެ. ގައިމަތީން ބްލޭންކެޓް އެއްފަރާތްކޮށްފައި ތެދުވެ ފާޚާނާއަށް ވަނީމެވެ.

މެރޫން ކުލައިގެ ގަމީހަކާއި ބެއިޖްކުލައިގެ ފަޓުލޫނުގައި އޮފީހަށް ދިއުމަށް ތައްޔާރުވީމެވެ. އަހަރެންގެ އެންމެ މަގުބޫލް ސެންޓް ކަލެކްޝަންތެރެއިން ފުޅިޔަކުން ގަޔަށް ސްޕްރޭ ކޮށްލީމެވެ.

މިއަދަކީ ހޫނުގަދަ ދުވަހެއްކަން ކުޑަދޮރުން ބޭރު ބަލާލުމުން އެނގުނެވެ. މުހިއްމު މީޓިންއަކަށް ބޭނުންވެއްޖެނަމަ ނޫނީ ކޯޓްނުލާންވެގެން އަހަރެންގެ އަތްމަތީގައި ކޯޓް ބާއްވާލީމެވެ.

ބޭނުންވި ގޮތަށް ތައްޔާރުވެލައިގެން ކޮޓަރީން  ނިކުތީމެވެ. މީރު ކާއެއްޗެއްގެ ހިތްގައިމު ވަހުން އަހަރެންގެ ކުޅުދިޔާވިއެވެ.

އަހަރެންނަކީ ކެއުމަށް އާދަޔާޚިލާފަށް ލޯބިކުރާ މީހަކީމެވެ. މީރު ކެއުމަކީ އަހަރެންގެ އެންމެ ގަޔާވާ އެއްކަންތަކެވެ. ރޭގައިވެސް ނުކައި ހުރުމުން މިއަދު މިހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ.

އަވަސްފިޔަވަޅުތަކުގައި އަހަރެން ސިޑިން ފައިބައިގެން ދިޔައީ ބަދިގެއަށެވެ. ކޮންމެވެސް އެއްޗެއް ކެއްކުމުގައި މިޒްރާ ވަރަށް އަވަދިނެތިއުޅުނެވެ. މުޅި ބަދިގޭގައި ހިފާލާފައިހުރީ ވަރަށް މީރުވަހެކެވެ. އަހަރެންގެ ފިޔަވަޅުތައް ބަދިގެއިން ދުރަކަށް ނުލެވުނެވެ. އުނދުން މައްޗަށް އުދާފައިހުރީ ކޯންޗެއްތޯ ބަލައިލުމަށް އެއަށް ބޯދިއްކޮށްލީމެވެ.

އަހަރެން އެތަނުގައި ހުރިކަން އިހްސާސްވެގެން މިޒްރާ ފަހަތް ބަލައިލިއެވެ. އެކަމަކު އަހަރެންގެ ޝައުގުވެރިކަން ހުރީ ހަމައެކަނި އުނދުންމަތީގައި ކައްކަން އުދާފައިވާ އެއްޗަށެވެ.

"ބޭނުންތަ؟" ބުމަ މައްޗަށް ހިއްލާލަމުން އޭނާ އަހައިލިއެވެ.

"ނޯ!" ފަހަތައް ޖެހިލަމުން، ހިތާއި އަދި ސިކުނޑިއާއިވެސް ދެކޮޅަށް އަހަރެން ބުނީމެވެ. އޭރު ތައްޓަކަށް އެއްޗެހި އަޅައިގެން މިޒްރާ އަހަރެންނާއި ދިމާއަށް މިސްރާބުޖަހައިފި އެވެ.

"އޯ ކޭ" އުނދުން ނިއްވާލާފައި، އެ ތަށި ހިފައިގެން އޭނާ ފަސްއެނބުރުނެވެ.

މާޔޫސްކަން ދައްކަން ބޭނުންނުވާތީ އަހަރެން ފްރިޖް ހުޅުވާލާފައި އާފަލެއް ނެގީމެވެ.

"ހަމަ ބޭނުމެއް ނޫން- ޔަގީން؟"

ބޯތައްޓަކުން، އޭނާގެ ތައްޓަށް މީޓްބޯލްސް ސްޕެގެޓީ އަޅަމުން ބުނެލިއެވެ.  ފާޑަކަށް މޫނު ހަދާލާފައި އަހަރެން ބަދިގެއިން ނިކުތީމެވެ.

.........................

ކާތަށިތައް އަހަރެން މޭޒުމަތީގައި އަތުރާލީމެވެ. އާފަލެއް ހިފައިގެން ނާދިފް އިށީނީ ސޯފާގައެވެ.

ކާތައްޓަށް އެއްޗެހި އަޅަމުން  ބަލައިލީމެވެ. އިރުއިރުކޮޅުން ނާދިފް އަހަންނާއި ދިމާއަށް ބަލަމުންދިޔަކަން  އެގެއެވެ. އަހަރެން ބަލާލިކަން އެނގުމުން އަވަސްއަވަހަށް އޭނާގެ ނަޒަރު އެހެން ދިމާއަކަށް ބަދަލުކޮށްލިއެވެ.

މިއަދު  މި ކެއްކި އެއްޗެހި އިންތިހާއަށް ނާދިފް ބޭނުންވާކަށް ކަށަވަރެވެ. އެކަމަކު އޭނާގެ ފިރިހެން ހޯމޯންސްއަށް ބަލިކަށިކަމެއް އަތުވެދާނެތީ އެކަމަށް، އެދެން ނުކެރިގެން އުޅެނީއެވެ. ވާނީވެސް އެހެންތާއެވެ. ފުރަތަމަ ދުވަހުވެސް އޭނާ އަހަންނާއި ދިމާއަށް ބުނެފައިވަނީ އަހަރެން ކައްކާ އެއްޗެއް ދުވަހަކުވެސް ނުކާނެކަމަށެވެ.

މޭޒުކައިރީގައި އިރުކޮޅަކު މަޑުކޮށްލީމެވެ. ހަދަންވީ ގޮތަކާއިމެދުގައި ވިސްނާލީމެވެ. އިއްޔެގެ ހާދިސާއަށް ނާދިފް ރޭގައި މަޢާފަށް އެދުނެވެ. އޭގެ ބަދަލުގައި މިއަދުގެ ކާއެތިކޮޅު އޭނާއަށް ހަދިޔާކުރާން އަހަރެން ނިންމީމެވެ. ހަމައެކަނި، އެ މަޢާފަށްޓަކައެވެ. އެހެން އެއްވެސް ސަބަބަކާއިހުރެ ނޫނެވެ.

ދަބަހުގެ ތެރެއިން ފޯނު ނެގީމެވެ.

"ޔެސް.. މިއަންނަނީ.. ވިއްސަކަށް މިނެޓްކުރިން ފޯރާނެ.." ފޯނެއްއައީ ކަމަށްހަދާފައި ވާހަކަދައްކަމުން އަހަރެން ނިކުތީމެވެ. ހުރިހާ ކާއެއްޗެއް މިއަދު ނާދިފްއަށެވެ.

ގޭތެރެއިން ނިކުމެ ދޮރާއި ނިވާވެލީމެވެ. ނާދިފް ކަންކުރާގޮތެއް ބަލަން މިއަދު ބޭނުންވާތީއެވެ.

"ކާންބޭނުން ނުވަންޏާ އޭނާ ކީއްކުރައްބާ އެ ކެއްކީ..؟" ނާދިފް ބުނެލިއެވެ. ސޯފާއިން ތެދުވެގެން ކާމޭޒާއި ދިމާއަށް ނާދިފް ހިނގައިގަތެވެ.

"މިއޮއްހުރިހައި ކާއެއްޗިއްސައް ދެން ހަދާނީ ކިހިނެއް..؟ ކިހައިބޮޑު އިސްރާފެއް" ތަށިތަކަށް ބަލައިލަމުން ބުނެލިއެވެ. މީހެއްގެ ހިލަމެއްވޭތޯ ވަށައިގެން ބަލައިލިއެވެ. ރައްޔާތެރިކަމާއެކު ދޮރުގެ ފުރަގަހުގައި ނިވާވެ ހުރެވޭތޯ އަހަރެން ބެލީމެވެ.

"ފެންނަފެނުމަށް ހީވަނީ ވަރަށް މީރުވާނެހެން.." އޭނާ ބުނެލިއެވެ.

ދިހަވަރަކަށް ސިކުންތު ފާއިތުނުވަނީސް. މިސްޓަރ އީގޯ މޮންސްޓަރ ނާދިފް ޝައްޔާން ދީދީ، އެ ތަކެތި ކާންފަށައިފިއެވެ. ހީވަނީ ރޭގައިވެސް ނުކައި ހުރީ ހެނެވެ.

ފެންނަމުންދިޔަ މަންޒަރު އަހަންނަށް ހިތްހަމަޖެހުން ގެނެސްދިނެވެ. ލުއި ހިނިތުންވުމަކާއެކު އަހަރެން މިސްރާބުޖެހީ އޮފީހަށެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް