ads
ވާހަކަ
ސެކަންޑް ޗާންސް..!؟
(22 މާރިޗު 2024 އާ ގުޅޭ) ކާރު ޕާކުކޮށްފައި އަހަރެން ހިނގަމުންދިޔައީ ރަސްފަންނާއި ދިމާއިން ތޮށިގަނޑުމަތީގައެވެ. އިރުގެ ހޫނަކަށް އަހަރެންގެ ފަރުވާލެއް ނެތެވެ. މީހަކު ހިތްހަމަޖައްސާލަންވެސް މަޑުކޮށްލާނެ ހަމަހިމޭން ތަންކޮޅެއް މި މާލޭގައި ނެތެވެ. ހާސްވެފައިވާ ސިކުނޑިއަކާއެކު ހިނގަމުންދެވުނީ ކިހާހިސާބަކަށްކަން އިހުސާސްކުރެވުނީ ވިލިނގިއްޔަށް ދަތުރުކުރަމުންދާ ފެރީއެއް ނެރުން ނިކުތްތައް ފެނުމުންނެވެ. ނަސީބަކުން އެސަރަހައްދު ތޮށިގަނޑުމަތީން އަހަރެން ހަމަޖެހިލާނެ ޖާގައެއް ލިބުނެވެ.

ރާޅުގެ އަޑަކީ އަބަދުވެސް އަހަންނަށް ހިތްހަމަޖެހުމާއި އަމާންކަން ގެނެސްދޭ އަޑެކެވެ. ތޮށިގަނޑު ބުޑަށް ރާޅުބިންދާލާފައި ހަމަ އެހިނދުކޮޅުގައި ދެމިގަންނަ މަންޒަރަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. ލޯމަރާލީމެވެ. އަޑުއަހަން ބޭނުންވީ ހަމަހިމޭން ގޮނޑުދޮށަކަށް ރާޅުބީއްސާލާފައި އަކިރިތަކުގެ ތެރެއިން އެ ރާޅުދެމިގަންނަ ހިތްގައިމު އަޑުތަކެވެ. ވަޔާއިއެކު ގަސްތަކުގެ ފަތްތައް ހެލިލާ އަޑެވެ. ރުއްރުކުގެ ފަންތައް އެކަތި އަނެކައްޔާއި ގޯނާކޮށްލާ ހިތްގައިމު ހަމަހިމޭންކަމެވެ. ގުދުރަތުގެ ރީތި ތަސްވީރުގައި ކުދި ދޫނިތަކާއި ކާޅުފަދަ ތަކެތި ގޮވާއަޑެވެ. ޖެހިލުމެއްނެތި ޝިކާރައެއްގެ އިންތިޒާރުގައި ތިބޭ މާކަނާތަކުގެ ހުށިޔާރު މަންޒަރެވެ. އަހަރެންގެ ހިތުގައި އެމަންޒަރު ކުރަހާލީމެވެ. ހިތްގައިމު އަމާންކަމެއްގެ ތެރެއަށް ވަދެވުނު ފަދައެވެ.  

ލޯ ހުޅުވާލެވުމާއެކު އަނެއްކާވެސް އަހަރެންގެ ދުނިޔޭގެތެރެއަށް ދެލޯ މަރާލީމެވެ. ނުތަނަވަސްކަމުގެ އަސަރެއްވެސް ނެތި ހަށިފުރާ ނޭވާއެއް އަހަރެން ދޫކޮށްލީމެވެ. ހަމަ އެވަގުތެވެ. ދުވަހަކުވެސް ވެފައި ނެތް، އާދަޔާ ޚިލާފް ކަމެކެވެ.

ލިބުނު ޝޮކްގައި އަހަރެންގެ ދެ ލޯ ހުޅުވާލެވުނެވެ. ހަމަ އެހިނދުކޮޅުގައި އަނެއްކާވެސް ދެ ލޯ މަރައިލީމެވެ.

އެއް މަންޒަރެކެވެ. އެއް ސޫރައެކެވެ. ހަތަރެސްފައިން ހީނބިހި ނެގިއެވެ.

"މިޒްރާ!"

ވޯޒް ޝީ އެފެކްޓިންގ މީ އޯލްރެޑީ..؟ މިޒްރާގެ ސޫރަ އަހަރެންގެ ސިކުނޑިއާއި ހިތުގައި ވާންޖެހުނީ ކީއްވެ ހެއްޔެވެ؟ ޕްރީޝާގެ  ސޫރަ ނުފެނުނީ ކީއްވެ ހެއްޔެވެ؟ ނޫނީ އަހަރެންގެ ބޭންޑް ސްޕަރބިއާގެ ފަސްމެމްބަރުންގެ މޫނު ނުފެނުނީ ކީއްވެހެއްޔެވެ؟

އަހަރުމެން ދެމީހުންގެ ދެމެދުގައި އެންމެފަހުން ބަދަލުކުރެވުނު ވާހަކަތައް އަހަރެންގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. އަހަރެންގެ ބަސްތަކުން އޭނާގެ ހިތުގައި ޖެހުނުކަން އަހަންނަށް އެގެއެވެ. އެހެނެކޭ ކިޔާފައި އެކަމާ ކުޑަކޮށްވެސް  ހަމްދަރުދީއެއް ނުވަމެވެ. އޭނާއަށް ހައްގުވަނީ އަހަރެންގެ ނަފްރަތާއި ހަރުކަށިކަމެވެ. އަހަރެންމެ މުޅި ދިރިއުޅުން އޭނާ ޚަރާބު ކޮށްލައިފިއެވެ. އަހަރެންގެ މިނިވަންކަން ގައިދު ކުރީއެވެ. ހިތާއި ސިކުނޑީގެ ހަމަޖެހުން ނިގުޅައިގަތީއެވެ.

މިވަގުތު ހިނގަމުންމިދާ ހުރިހާ އިހުސާސެއް އެކަހެރިކުރާން ބޭނުމެވެ. އެކަމަކު އަހަރެން ފެއިލް ވެއްޖެއެވެ. އެ ޚިޔާލްތައް ދުރަކަށް ނުލެވުނެވެ.

އޭނާގެ އަތުގައި އަހަރެން ހިފެހެއްޓީ ނުހަނު ބާރަށެވެ. އެއީ ނާޒުކު އަންހެން ކުއްޖެކެވެ. މި ވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އެވަރު އަހަންނަށްވެސް އަންދާޒާ ކުރެވެއެވެ. މިޒްރާގެ ދެލޮލުން ފެނިގެންދިޔަ ރިހުން އަހަރެންގެ ހިތުގައި ތާޒާވިއެވެ. އޭނާގެ އަތުގައި އަހަރެންގެ 'ހަރުކަށިކަމުގެ ނިޝާންތައް' ނޫފައިގަތްފައި ހުންނާނެކަން ޔަގީނެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. އަހަރެން ބޭނުން ނުވިޔަސް، މި އިހުސާސް އަހަރެންގެ ހިތުގައި ތަފާތު ރިހުމެއް އުފައްދައިފިއެވެ.

ދުރުދުރުން ފެންނަމުންދިޔަ ކަނޑުގެ ރާޅުތަކަށް  ނަޒަރު ހުއްޓުވާލީމެވެ. އުތުރެމުންދިޔަ އިހްސާސްތަކަށް ތަސައްލީއެއް ބޭނުމެވެ. އިޚްތިޔާރަކާނުލައި ނުވަތަ ގަސްތުގައި ކުރެވުނު   ޖިސްމާނީ އަނިޔާއަށް މަޢާފަށް އެދެން އަހަރެން ނިންމީމެވެ.

...................

މެންދުރުން އަނބުރައި އެއްގަޑި ފަހެއްހާއިރެވެ.

އަހަރެންނަށް އިށީންނަށް ލިބިފައިވާ 'އުނދަގޫ ގޮނޑި' ނުވަތަ ސްޓޫލްގައި އަހަރެން އިނީމެވެ. ނާދިފްގެ ކެބިންއިން އަހަރެން ގެނައި ފައިލްތަކުގެ މަސައްކަތުގައެވެ. ގަޑިން ވީ އިރެއް ބެލުމުގެ ޝައުގުވެރިކަމެއް ނެތެވެ. ބަނޑުހައިކަމުގެ އިހުސާސަށް އަޅާލާކަށް އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް ރެއިން ފެށިގެން  ގޮހޮރަށް ފެންފޮދެއްގެ މިންވަރުވެސް އަދި ނުލަމެވެ.

ތަފާތު ވަރުބަލިކަމެއް އަހަރެންގެ ހަށިގަނޑު ތަހަންމަލްކުރަމުންދާކަމުގެ އިހްސާސެއް ކުރެވުނެވެ. އެހެންޏާއި ނުވާކަހަލަ ގޮތްތަކެކެވެ. މޭ ނުބައިކުރާހެންވެސް ހީވިއެވެ. މަސައްކަތްކުރަން އަހަރެންގެ ދެ ލޯ ނުރުހުން ވާހެންވެސް ހީވިއެވެ.

ކޮންމެވެސް އެއްޗެއް ކެންޓީނުން ގެންނާން ނިންމީމެވެ.

ހުރިހާ ފައިލެއް ވަރުގަދަ ކަރުދާސްކޮތަޅަކަށް އަޅާފައި، އެހެންމީހަކަށް ފާހަގަ ނުކުރެވޭނެކަހަލަ ގޮތަކަށް އަހަރެންގެ ކުޑަ ޑެސްކުގެ އެތެރެ ކަނާއި ދިމާގައި ބަހައްޓާލީމެވެ.

"މިޒްރާ.." ދޮރުހުޅުވުމާއެކު އަހަރެންގެ ނަން އަޑުއިވުނެވެ.

އެއަޑުއައި ދިމާއަށް  ބަލައިލީމެވެ.

"އެތެރެއަށް ވަދޭ.."

ކުރިންވެސް އިންގޮތަށް ސްޓޫލްގައި އަހަރެން އިނީމެވެ. ބުރަކަށީގައި އަދި އުނަގަނޑުގައިވެސް ވަރަށް ރިއްސައެވެ. މިކަހަލަ ގޮނޑިއެއްގައި އިނދެގެން ގިނައިރު މަސައްކަތްކުރީމައި ކަމަށްވެސް ވެދާނެއެވެ. އެއްޗެއް ކެއުމަށް ނިންމި ޚިޔާލު ދުރުކޮށްލީމެވެ. ދިހަމިނެޓް ކަމަށްބުނެ، އަހަރެން މިންހާލްއަށް ވައުދުވި ވަގުތު އެއަށްވުރެން މާބޮޑަށްވެސް ދިގުވެގެންދާނެކަން އަހަންނަށް އެގެއެވެ.

ތުއްތުކުއްޖަކު، ކުދި ފިޔަވަޅުތަކެއް ނަގާފަދައިން ލަސްހިނގުމެއްގައި އަހަރެންގެ ޑެސްކާއި ދާދި ގާތުގައި މިންހާލް މަޑުކުރިއެވެ. އަހަރެންގެ ކުރިމަތީގައި ހުރި އާދައިގެ ގޮނޑީގައި މިންހާލް އިށީނެވެ.

"ފަށާ..! ކުރިއަށް ގެންދޭ.." ވީ އެންމެ އަވަހަކަށް މި ވާހަކަތައް ނިންމާލަން އަހަރެން ބޭނުންވާކަން މޫނުމަތީން އޭނާއަށް ދައްކާލަން  ބޭނުންވިއެވެ.

"މިޒްރާ.. ފުރަތަމަވެސް ބުނަން ބޭނުމީ ވަރަށް ބޮޑަށް ސޮރީއޭ..! އަހަންނަށް މަޢާފްކޮއްދީ..! އަހަންނަށް އިނގޭ، އަހަރެން ކަންތައްކުރީ ވަރަށް ވަރަށް ގޯސްކޮށްކަން.. އެގޮތަށް ކުއްލިޔަކަށް މިޒްރާއަށް އަހަރެން ގެއްލުމަކީ އެއީ އެކަން ކުރަންވާނެ ގޮތް ނޫންކަން އަހަރެންވެސް ގަބޫލުކުރަން.." އެ އަޑުގެ ތެދުވެރިކަމާމެދު އަހަރެން ޝައްކެއް ނުކުރަމެވެ.

"ހޫމް.. ކުރިއަށް ތި ގެންދަނީ ރަގަޅަށް..! އަމިއްލައަށް ކުށް ކޮށްފައި، އަމިއްލައަށް މަޢާފު އެދުނީމައި އެ ނިމުނީ އެކަން.." އަހަރެން ބުނެލީމެވެ.

"މިޒްރާ...! ޕްލީޒް..! އަހަރެން މިދައްކާ ވާހަކަ އަޑުއަހާފާނަން..؟"

ގަބޫލުކުރަން ބޭނުންނުވާކަން ދައްކާލަމުން، އެ ވާހަކަ ކުރިއަށް ގެންދިއުމަށް އަހަރެން އިޝާރާތް ކުރީމެވެ.

"މިޒްރާ..! އެއަހަރު... އެއީ އަހަރެންގެ ހަޔާތުގައި ކުރިމަތިވި އެންމެ އުނދަގޫ އަހަރު..! އެންމެ ހިތްދަތި ވަގުތުތައް..! އަހަންނަށް އިނގޭ، މިޒްރާއަށް ވަރަށް ހަރޓް ކުރެވުނުކަން.. އެކަމަކު ހަގީގަތަކީ..، އަސްލު އެނޫން، އެހެން ގޮތެއް އަހަންނަށް ނެތުނީ.. އަހަރެން ކުއްލިޔަކަށް  ފުރަންޖެހުނީ..! ހަމަ ވަރަށް ކުއްލިޔަކަށް ފުރަންޖެހުނީ..! ބައްޕަގެ ވިޔަފާރިއަށް ކުރިމަތިވި ޒަލްޒަލާގައި މަންމައަށް ޖެހުނު ނުރައްކާތެރި ހާޓްއެޓޭކްގައި އަހަންނަށް ހަމަ އެނޫން އެހެން އެއްގޮތެއްވެސް އެވަގުތު ނެތުނީ.. އަހަރެން ހަނދާންއެބަހުރި، މިޒްރާއަށް ވަރަށް ރަގަޅަށް އެނގޭނެ އެދުވަސްވަރު އަހަރެންގެ އާއިލާގެ ތަނަވަސްކަން ހުރި ނެތްގޮތް.. އަހަރުމެން ތަހަންމަލްކުރަމުން ދިޔަ ކަންކަން.. ވަރަށް ނުރައްކާތެރި ހާލަތެއްގައި ވިޔަފާރި އޮތީ.. މަންމަގެ ސިއްޙީ ހާލަތުގައި ކަންކަން ހަމަޖައްސަން އެމީހުންދިނީ އެންމެ ބާރަ ގަޑީރު.. އަހަރެންކަހަލަ އާންމު މީހަކަށް، ސަރުކާރުން އެހީއެއް ހަމަޖެއްސުމަކީ ކިހާވަރެއްގެ ކަމެއްކަން މިޒްރާއަށްވެސް އިނގޭނެ.. މަންމަގެ ހާލަތު ކޮންމެ މިނެޓަކު ދިޔައީ ދަށަށް.. ބައެއް އެކުވެރިން އަތުން ދަރަންޏަށް ފައިސާ ނަގައިގެން އަހަރެން ފުރީ، އެހެން އެއްގޮތެއްވެސް ނެތީމައި.. އަހަރެންގެ އެ ހާލަތުގެ އެއްވެސް ޚަބަރެއް މިޒްރާއަށް ނުދިނީ، އެކަމުގައި އިތުރު ހާސްކަމެއް މިޒްރާއަށް ދޭން  ބޭނުން ނުވާތީ.. އެދުވަހު އަހަރެން ނިންމީން، އަހަންނަށް މިޒްރާ ހައްގު ނޫންކަމަށް.. މިއަދުވެސް އަހަރެންގެ ނިންމުމަކީ އެއީ.. ޔޫ ޑިޒަރވް ދަ ބެސްޓް..! އަހަރެންގެ އެ ގާބިލުކަމެއް ނެތް.. އެދުވަހުވެސް، މިއަދުވެސް!" މިންހާލްގެ އަޑުގައި ހުރި ރިހުން އޭނާއަށް ސިއްރެއް ނުކުރެވުނެވެ. ދައްކަމުން ދިޔައީ ތެދުވާހަކަ ކަން އޭނާގެ ދެ ލޯ ހެކިދިނެވެ.

ބުނާނެ އެއްޗެއް ނޭގި އަހަންނަށް ބަލައިލެވުނީ މިންހާލްއާއި ދިމާއަށެވެ.

"މިޒްރާ..! މިއީ އަހަރެން ކުއްލިޔަކަށް ގެއްލުނު ސަބަބު.. ދެކިބަލަ އަހަރެންގެ ހާލަތު.. އައި މީން ލައިކް..، ރީތި ފިރިހެންވަންތަ ހަށިގަނޑަކަށް މަސައްކަތް ކުރެވިފައެއް ނެތް.. އަހަރެން އަތުގައި ވަޒީފާއެއް ނެތް.. ފައިސާއެއް ނެތް.. އަހަރެން ކިހިނެއް މިޒްރާގެ ދިރިއުޅުން މީގެ ތެރޭގައި ހަލާކު ކޮށްލާނީ..؟ އެހައި އަމިއްލަ އެދުން ބޮޑު މީހެއް ނޫން މީކީ..! އެހެންވެ.. އަހަރެން.. ނިންމީ.. އަހަރެން.." މިންހާލްގެ ޖުމުލަ އޭނާގެ ދުލުގައި ތާށިވެފައިވާ ކަހަލައެވެ.

"އަހަރެން ދޫކޮށްލަން..." އެ ޖުމުލަ އަހަރެން ފުރިހަމަ ކުރީމެވެ.

މިންހާލް އިސްދަށަށް ޖަހައިލިއެވެ.

އަހަރެން އިށީންދެގެން އިން ގޮނޑިން ތެދުވެގެން މިންހާލްއާއި ދިމާއަށް މިސްރާބުޖެހީމެވެ.

...............................

އޮފީސް ބިލްޑިންގއަށް އަހަންނަށް ވަދެވުނު އިރު މެންދުރު ކާގަޑި ޖެހިއްޖެ އެވެ.

މިޒްރާގެ ކިބައިން މަޢާފަށް އެދެން އަހަރެން ހިތުގެ އަޑިން ބޭނުންވިއެވެ. އެކަމަކު އެއީ ހަމައެކަނި މިއަދުގެ ހާދިސާއަށެވެ. މިރޭ އެކެއް ޖެހުމުގެ ކުރިން ގެއަށް އައުމުގެ ހުއްދައެއްވެސް އަހަރެން އޭނާއަކަށް ނުދޭނަމެވެ.

އެހެންޏާއަށްވުރެން އަވަހަށް މިއަދު ލިފްޓް ހުޅުވުނުހެންވެސް ހީވިއެވެ. މިޒްރާގެ ކިބައިން މަޢާފުއެދުމަށް އަހަރެން ބޭނުންވުމަކީވެސް ވަރަށް ހިތްވަރެވެ. އެކަމަކު މިއަދު އަހަރެން އެކަން ކުރާނަމެވެ. ލިފްޓް ހުއްޓުމާއެކު ނިކުމެ ބާރަށް ހިނގަންފެށީމެވެ.

"ނާދިފް.. ހިއްވަރުކޮށްލާ.." އަމިއްލަ ނަފުސު މިކަމަށް ތައްޔާރުކުރުމަށް މެދުހަށިން  ހިއްވަރު  ނެރެން ޖެހުނުކަން ސިކުނޑިއަށް ވިސްނައިދނީމެވެ.  ދެއަތް ދެއަތައް ކާއްތާލާފައި ފުންނޭވާއެއް ދޫކޮށްލީމެވެ. ސިކުންތެއްވެސް ބޭކާރުނުކޮށް އަހަރެން ބޭނުންވީ މިޒްރާގެ ކެބިންއަށް ދާށެވެ.

އެތެރެއިން ބައެއް އަޑުތައް އިވުމުން އަހަރެންގެ ފިޔަވަޅު ހުއްޓުނެވެ. ޝަރލޮކް ހޯމްސްގެ އެޓިޓިއުޑްގައި މަޑުމަޑުން ދޮރުގައި ކަންފަތް ޖައްސައިލީމެވެ.

"އަހަރެން ކުރިމައްޗަށް އައިސް، ބޭނުންވާ ގޮތް.. އެންމެ ފަހަރަކުވެސް ބުނެލިނަމަ.. އަހަރެން ނުހިފަހައްޓާނަން.. އެކަމަކު އީގޯ ސެޓިސްފައި ކުރަންޖެހޭވިއްޔަ ދޯ.. އަހަންނަކީ އަންހެން ކުއްޖަކަށްވާތީ، ކޮށްދެވޭނެ އެއްކަމެއްވެސް ނޯންނާނެކަމަށް ނިންމީ ދޯ.." މިޒްރާ ބުނާ އަޑު އިވުނެވެ.

މަޑުމަޑުން ކުޑަތަންކޮޅެއް ދޮރު، ދުރުކޮށްލީމެވެ. އަހަންނަށް ފެނުނީ މިޒްރާގެ ކޮނޑުގައި މިންހާލް ހިފަހައްޓާލައިގެން ހުއްޓަ އެވެ.

"ތިކަހަލަ ގޮތަކަށް މިޒްރާއާއި ދޭތެރޭގައި، އަހަރެން ވިސްނާނެކަމަށް ހަގީގަތުގައިވެސް ހީވޭތަ.." މިންހާލް ބުނެލިއެވެ.

"މިންހާލް..! ޔޫ ކުޑް ހޭވް ޓޯލްޑް މީ.." މިޒްރާ ބުންޏެވެ.

"މިޒްރާ.. އައި އެމް ސޮރީ.."

މަޢާފަށް އެދެމުން މިންހާލްއާއި ގާތަށް މިޒްރާ ގެނައެވެ. އެއާއެކު މިޒްރާގެ ހަށިގަނޑުގައި އޭނާގެ ދެއަށް އޮޅާލާފައި ނުހަނު ބާރަށް ބައްދާލި އެވެ.

މިހިސާބުން މިކަން ނިމުނީއެވެ. ވަގުތުން ދޮރުވެސް ލެއްޕީމެވެ. މަޢާފަށް އެދުމުގެ ޚިޔާލާއި ވިސްނުންވެސް އަހަރެންގެ ސިކުނޑިއާއި ހިތުން ނެރި އެއްލާލީމެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް