ads
ވާހަކަ
ސެކަންޑް ޗާންސް..!؟
(21 މާރިޗު 2024 އާ ގުޅޭ) "ގިވް ހިމް އަ ޗާންސް.. މިޒްރާ!" ޒެއިން ބުނެލިއެވެ. އިވުނު އަޑު އަހަންނަށް ގަބޫލެއް ނުކުރެވުނެވެ.

"ޒެއިންތަ ތިހެން ތި ބުނަނީ..؟" ހުރިހާ ކަމެއް އެނގިހުރެ ޒެއިން ދިން މަޝްވަރާ އަހަންނަށް ކަމަކު ނުދިޔައެވެ.

ޒެއިންގެ މޫނުމަތީގެ ކުލަ ބަދަލުވިއެވެ. އަހަންނަށް ވިސްނައިދިނުމަށް އިތުރަށް ވާހަކަދައްކާން ޒެއިން ބޭނުންވިކަން އެނގެއެވެ. އަހަރެންނާއި ދާދި ގާތަށް ޒެއިން ޖެހިލިވަގުތު، އަހަރެންގެ ނަމުން ގޮވައިލި އަޑު އިވުނެވެ.

"މިޒްރާ!" 

"ލޯބިވާ ފިރިމީހާ.." 

ޒެއިންގެ ދެއަތް އުފުލާލާފައި ބޯ ދެފަރާތައް ހޫރުވާލިއެވެ. އަދި ދެ ލޮލާއި މޫނުމަތިން ފޫހިކަން ދައްކާލަމުން، ޝައުގުވެރިކަމެއް ނެތި  ބުނެލިއެވެ.

ގޮވާލާނެ އެއްޗެހި ހިތައް އެރުމުން ނިއްކުރިއަށް ރޫ އަރުވާލެވުނެވެ. ގަޑިން އަށްގަޑި ސާޅީސްފަހެއް ވެގެން ދިޔައީއެވެ. އަދި މިއުޅެނީ ނާދިފްގެ ކޮފީ ގެންގޮސް ނުދީއެވެ. 

"ޒެއިން.. އަހަރެން މިދަނީ! މިއަދު މަގޭ ދުވަސް މިދިޔައީ..! ރީތި ގޮތެއްގައި  މިކަމެއް ނުނިމޭނެ!" އަހަރެން ތެދުވީމެވެ.

ޒެއިން ހީނލިއެވެ. އަހަރެން މިސްރާބުޖެހީ ނާދިފްއާއި ދިމާއަށެވެ. ގޮވައިލާނެ އެއްޗިއްސަށް އަހަރެންގެ ސިކުނޑި ތައްޔާރުކުރީމެވެ.

"އަހަރެންގެ ކޮފީ ލިބޭނީ ކިހައި އިރަކު؟" ސުވާލުގެ ރާގުން އެ މޫނަށް އަހަރެން ބަލައިލީމެވެ. ހަމަ އެއްވެސް އިހްސާސެއް އަހަންނަށް ފާހަގައެއް ނުކުރެވުނެވެ.

"ސޮރީ..! ފަސް މިނެޓް!" މަޑުމަޑުން އަހަރެން ބުނީމެވެ. 

"ބީ ދެއަރ..!" އިތުރު އެއްޗެއް ނުބުނެ ނާދިފް ހިނގައްޖެއެވެ. 

ގުޑާލަންވެސް ނޭގިފައި އަހަންނަށް ހުރެވުނެވެ. މި ވީ ކިހިނެއް ހެއްޔެވެ؟ އަހަރެން ނިކަމެތިކުރުމަށާއި ބޭޒާރުކުރުމަށް އެންމެންގެ ކުރިމަތީގައި އެއްޗެހި ނުކިޔާ، ނާދިފް އެ ދިޔައީ ކީއްވެ ހެއްޔެވެ؟ ހަރުކަށިކަމާއި ކިބުރުވެރިކަމާއި އޭނާގެ ބޮޑާކަން ދެއްކުމެއް ނެތިއެވެ. އަހަންނާއި މިގޮތަށް މުއާމަލާތު ކުރުމަކީ މީގެކުރީން ނާދިފްގެ ކިބައިން އަހަރެން ދެކެފައިނުވާ ސިފައެކެވެ. ނާދިފްގެ މި ސިފަ އަހަންނަށް ކަމުދިޔައެވެ. 

ހިނދުކޮޅެއްގެ ކުރީން ނިމިގެން އެދިޔަ ކަންކަން މާގިނައިރަކު އެގޮތުގައި ދެމިނޯންނާނެކަން އަހަންނަށް އެގެއެވެ. މަޤްޝޫރާ މެޑަމްއާއި ނާދިފްއާއި ދެމެދު ހެނދުނު ދެކެވުނު ވާހަކައިގެ އަސަރު ދާދި އަވަހަށް ކޮންމެވެސް ސިފައެއްގައި އަހަންނާއި ހަމައަށް ނައިސް ނުދާނެއެވެ. އެއް މަގާމެއްގައި އެއް އޮފީހެއްގައި މި ހޭދަކުރެވުނު މުއްދަތުގައި އަހަންނަށް ދަސްވެފައިވާ ނާދިފްގެ އެންމެ ތަފާތު ސިފައަކީ އޭނާއާއި މިއުޒިކްއާއި ދެމެދު އޮތް ގުޅުމެވެ. އޭނާގެ މިއުޒިކްއާއި މެދު ސުވާލުކުރެވި، ދެބަސްވެ، އެކަމަށް ހުރަސްއެޅުމަކީ ނާދިފްއަށް ނުހަނު ހިތްދަތިކަން ހަގީގަތުގައިވެސް ލިބޭކަމެއްކަން އަހަރެންވެސް ދެނަހުރީމެވެ. މިއުޒިކާއި ނާދިފްއާއި ދެމެދު މިވަގުތު އޮތް ނުތަނަވަސްކަމާއި ގޮންޖެހުންތައް އަހަންނަށްވެސް އެނގުނީ މިއަދުއެވެ. 

..............................

ގިނައިރުތަކެއް ނުވެ، ކޮފީ ހިފައިގެން ނާދިފްގެ ކޮޓަރިއަށް އަހަރެން ވަނީމެވެ.

ފޯނުން ކޮންމެވެސް މީހަކާއި ވާހަކަދައްކަމުން ކޮޓަރީގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލަ ހިނގާލަ ހުރީ ހާސްކަމާއެކުއެވެ. އޭނާގެ އަޑުން ސާފުކޮށް އެކަން އަހަރެން ދެނެގަތީމެވެ.

"ޔެސް އަމަން..! ނޫނެކޭ.. ނޫނެކޭ.. ޝީ ޑަޒަންޓް ކެއަރ އެބައުޓް ދަ ޑީލް..! އަނެއްކޮޅުން، އެ ކޮމްޕެނީގެ މީހުން..! އަންނަ ހަފްތާ ނިމުމުގެކުރީން އެމީހުން ރާއްޖެ އަންނާނެ..! އަހަންނަކަށް ނުވިސްނޭ، ކިހިނެއް.. ކޮންގޮތަކަށް ކަމެއް ދިހަ ދުވަސްތެރޭގައި ތިން ލަވަ ނިންމާނީ..! އަހަރުމެން އަދި އެންމެ ލަވައެއްގެ މަސައްކަތްވެސް ނުފަށަން..! މީގެ ހުރިހާ ގެއްލުމެއްގެ ޒިންމާ ނަގަންޖެހޭނީ އަހަރުމެން ބޭންޑްގެ ފަރާތުން.." ހާސްކަމާއި ނުތަނަވަސްކަމާއެކު ނާދިފްގެ ބޭންޑް މެމްބަރަކާއި ވާހަކަދައްކަމުން ދިޔައެވެ.

"ސަރ.. ސަރގެ ކޮފީ..!" ބިރުން ހުރެފައިވެސް އަހަރެން ބުނީމެވެ. 

ނާދިފް އިޝާރާތްކޮށްލީ މޭޒުމަތީގައި ކޮފީތަށި ބޭންދުމަށެވެ. ކިޔަމަންތެރިކަމާއެކު މޭޒުމަތީގައި ކޮފީތަށި ބައިންދާފައި ނިކުތުމަށް އަހަރެން މިސްރާބުޖެހީމެވެ. ފަސްއެނބުރި ބަލައިލެވުނީ ކުއްލިޔަކަށް އަހަރެންގެ އަތުގައި ނާދިފް ހިފެހެއްޓީމައެވެ. ފުރަތަމަ ބަލައިލެވުނީ ދެމީހުންގެ އަތަށެވެ. ދެން ބަލައިލެވުނީ ނާދިފްގެ މޫނަށެވެ. 

ފޯން ކޯލް ނިންމާލާފައި ނާދިފްގެ ފަޓްލޫނު ޖީބަށް ފޯނުލިއެވެ. ހިފަހައްޓާއިގެން ހުރި އަތުގައި ލުއްކިއެއް ޖަހާފައި ނާދިފްއާއި އަހަރެން ގާތްކޮށްލިއެވެ. 

"މިރޭ އެކެއްޖެހުމުގެ ކުރިން ގެއަށް ނުވަންނާތި" އަހަރެންނާއި ގާތްވެލާފައި، ސީދާ ލޮލަށް ބަލަމުން ނާދިފް ބުނެލިއެވެ.

އޭނާގެ އަތުގެ ތެރެއިން އަހަރެންގެ އަތް ދަމައިގަތީމެވެ. 

"އެކްސްކިއުޒްމީ..؟!"

"އަހަރެންގެ ރައްޓެހިން މިއަދު ގެއަށް އަންނާނެ.. މިރޭ އެކެއް ޖަހަންދެން އެމީހުން ގޭގައި އުޅޭނެ.. އެއްވެސް މައްސަލައެއް ކުރިމަތިވާކަށް އަހަރެން ބޭނުމެއްނޫން.." އޭނާ ބުނެލިއެވެ. 

"ނާދިފް މޮޔަވީތަ؟ ނާދިފްއަށް ނޫނީ ނާދިފްގެ ރައްޓެހިންނަށް އަހަރެން އުނދަގޫ ކުރީ ކޮން އިރަކު..؟ ދެން އަނެއްކާ، މެންދަމު އެކެއް ޖަހަންދެން އަހަރެން މަޑުކުރާނީ ކޮންތާކު..؟" ހަގީގަތް ގަބޫލުކުރަން އަހަންނަށް އުނދަގޫވިއެވެ.

"ތިއީ އަހަންނާއި ބެހޭކަމެއް ނޫން.. އުޅޭނެ ތަނަކާ، ދާނެ ތަނަކާ ނިންމާނީ އެމީހަކު! އޯހް... މިޒްރާގެ އެއްހަފްތާގެ ލޯބިވެރިޔާ މިންހާލްވެސް އެބަހުއްޓެއްނުން.. މިރޭ އޭނާޔާއެކު ހޭދަކޮށްލަން ކިހިނެއްވާނީ..؟ ރަގަޅު ގޮތެއްދޯ! މަށަށް ހެޔޮ އޭނާޔާއެކު ކޮންމެކަމެއް ކުރިޔަސް...! އެކެއް ޖެހުމުގެ ކުރިން އަހަރެންގެ ގެއަށް ނުވަންނާތި!"

ދުލަށް އައިހައި އެއްޗެއް އަހަރެންނާއި ދިމާއަށް ބުނަން އޭނާއަށް އުނދަގުލެއްވެސް ނުވިއެވެ. އެފަދަ ދަށުދަރަޖައިގެ ހަޑި ހުތުރު ތުހުމަތެއް އަހަރެންނަށް ރައްދުކުރުމުގެ އެއްވެސް ހައްގެއް އަހަރެން ނާދިފްއަކަށް ނުދެމެވެ. 

އަހަރެންނާއި ދޭތެރޭގައި މާ މަޑުމައިތިރިކޮށް މިއަދު ކަންތައްތައްކުރާ ސަބަބު މި ވިސްނުނީ އަދިކިރިޔާއެވެ. އޭނާގެ ރައްޓެހިންގެ ހައްގުގައި އަހަންނަށް ހަދާލާނެ ނިކަމެތިގޮތަކާއި މެދުގައި ނާދިފް ވިސްނީއެވެ. ކޮންފަދަ ނުރައްކާތެރި ވިސްނުމެއް ހެއްޔެވެ؟ ހަގީގަތުގައިވެސް އަހަރެންނާއި މެދުގައި ނާދިފްގެ ވިސްނުމަކީ މިއީ ހެއްޔެވެ؟ އެފަދަ ގޮތަކަށް މިންހާލްއާއެކު އަހަރެން ވަގުތު ހޭދަކުރާނެ ކަމަށް އޭނާގެ ހިތަށް އެރީވެސް ކޮންފަދައަކުން ހެއްޔެވެ؟ ހަގީގަތުގައި ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ.

"ނޫން .. ނާދިފް..!" އެ ވިސްނުން ރަގަޅު ނޫންކަން ބުނެދޭން އަހަރެން ބޭނުމެވެ. 

އަހަރެންގެ އަތުގައި ހިފާފައި ކުއްލިޔަކަށް ނާދިފްއާއި ގާތަށް ދަމައިގަތެވެ. އެ އަތުގެ ތެރެއިން ސަލާމަތްވާން އަހަރެން ގަދަ ހެދީމެވެ. ނަމަވެސް ނާދިފްގެ އަތުގެ ބާރު މާ ގަދައެވެ. ނާދިފްގެ ނިޔަފަތިތައް އަހަރެންގެ އަތަށް ހެރެމުންދިޔައެވެ. އެ އިނގިތަކުގެ ނިޝާން އަހަރެންގެ އަތުގައި ނޫފައިގެތްފައި ހުންނާނެކަން ޔަގީނެވެ. 

"އަޑުއަހާބަލަ މިޒްރާ! އަންޑަރސްޓޭންޑް ވެބަލަ..! ބޭންޑުގެ ލަވަތަކުގެ މަސައްކަތް ސީރިއަސްކޮށް ނިންމަން އެބަޖެހޭ..! މިޒްރާ އެގޭގައި އުޅޭކަން އެނގިއްޖެއްޔާ އަހަރެންގެ ރައްޓެހިންގެ މޫޑް ގެއްލޭނެ.. މިޒްރާއާއި އެއްފުރާޅެއްގެ ދަށުގައި މަޑުކުރާންވެސް އެމީހުން އެއްބަހެއް ނުވާނެ.. އެމީހުން ހިތް ނުރުހޭ މީހަކު ކުރިމަތީގައި އުޅެ، ބޮޑު މައްސަލަގަނޑެއް ޖެހޭކަށް އަހަރެން ބޭނުމެއް ނޫން.. އަހަރެން އެމީހުންނަށް ވައުދުވީން، އެއްވެސް އުނދަގުލަކާއި ނުލައި މަސައްކަތް ކުރެވޭނެ މާހައުލެއް ގޭގައި ހަމަޖައްސައިދޭނަން ކަމަށް.. އެހެންވީމައި، އަހަރެންގެ ރައްޓެހިންގެ ހާޒިރުގައި މިޒްރާގެ ހިޔަނިވެސް އެގޭގައި  ވާކަށް، އަހަރެން ބޭނުމެއް ނޫން.." 

އަހަރެންގެ ހިތައް ތޫނު ޚަންޖަރެއް ހަރާލިހެން ހީވިއެވެ. އަހަރެންނާއި މެދު ނާދިފްގެ ހިތުގައި ޒައްރެއްގެ މިންވަރުގެ ހަމްދަރުދީއެއްވެސް ނެތެވެ. ފެންކަޅިވެފައި އޭނާގެ މޫނަށް ބަލައިލެވުނެވެ. އަހަންނަށް ހީކުރެވިފައި އޮތީ ރަގަޅަށެވެ. ބަޤްޝޫރާ މެޑަމްއާއި ޗެލެންޖްކޮށް ނާދިފްގެ ކުޅަދާނަކަން ދައްކާލަން އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ނާދިފްގެ ލޮލަށް އަހަރެން ބަލައިލީމެވެ. ނަފްރަތުގެ އަލިފާން އެލޮލުން ފެނުނެވެ. އިތުރަށް މިކަމުގައި އަހަރެންގެ ދިފާއުގައި އަނގަހުޅުވާލިޔަސް، ކަންކަން އިތުރަށް ވެގެންދާނެ ގޮތް އަހަންނަށް ވިސްނުނެވެ.

ހިފަހައްޓައިގެން ހުރި އަތުން ދޫކޮށްލަމުން ރަހުމެއް ނެތި ނާދިފް އަހަރެން ކޮއްޕާލިއެވެ. ވެއްޓުނަ ނުދީ އޭނާގެ މޭޒުގެ އަރިމަތީގައި އަހަރެން ހިފެހެއްޓީމެވެ.

ބަލައިލެވުނީ  މެޒުމަތީގައި ފުނިޖަހާފައި ފައިލްތަކަށެވެ. 

އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައި ނާދިފް ހުރިކަން އަހަންނަށް އެގެއެވެ. ނަމަވެސް އަހަރެން އެފަދަ ހަރަކާތެއްވެސް ނުގެނައީމެވެ. އިތުރަށް ނާދިފް މަޑުކޮށްގެން އެހުންނަނީ އަދިވެސް ޖަވާބުދޭނެކަމުގެ އުއްމީދުގައެވެ. އަހަރެންގެ ކުޑަވެސް ހަރަކާތެއް ނެތުމުން މޫނުމަތީން ފޫހިކަން ދައްކާލާފައި އެތަނުން ނާދިފް ނިކުމެގެން ހިނގައްޖެއެވެ.

މިކަމުގައި ހަދާނެ، ނުވަތަ ހެދޭނެ ގޮތަކީ ކޮބައިކަން ނުވިސްނި، އެތަނުގައި ގުޑާލަން ނޭގިފައި އަހަރެން ހުރީމެވެ.

ޅިނދުގައި ދެފަރާތުން ހިފަހައްޓާލީމެވެ. ހާސްކަމާއެކު މުޅި ކޮޓަރިއަށް ބަލައިލީމެވެ. އަހަރެންގެ ނަޒަރު މިފަހަރުވެސް ހުއްޓުނީ ޑެސްކް މަތީގައި ހުރި ފައިލްތަކަށެވެ.

އެއިގެ ތެރެއިން ބައެއް ފައިލްތައް ނަގާފައި އަހަރެން ބަލައިލީމެވެ.

'ސުބުޙާނަﷲ... މި ކުއްޖާ، އޮފީހުގައި ހޭދަކުރާ ވަގުތުތަކުގައި ކުރަނީ ކީއްހެއްޔެވެ؟ ނިންމަން ހަތާވީސް ފައިލް އެބައޮތެވެ! ހަމަ އެންމެ ފައިލެއްގެ މަސައްކަތްވެސް ފަށާފައި ނެތެވެ'

އަތުގައި އޮތް ފައިލް ލައްޕާލާފައި އޭގެ ޖާގައިގައި އަހަރެން ބޭއްވީމެވެ. މީގެ ތެރެއިން ބައެއް ފައިލްތައް އަހަރެންނާއި ނާދިފްގެ އިތުރުން އެހެން މީހެއްގެ އަތަށް އަރައިފިއްޔާ، މުޅި ކުންފުނި އެފުށް މިފުށަށް ޖެހިގެންދާނެވަރުގެ މުއާމަލާތްތައް އެބަހުއްޓެވެ. މިއީ ސިއްރު ފައިލްތަކެއްގެ ގޮތުގައި ލޭބަލްކުރަން އަހަރެންވާނީ މަޝްވަރާވެސް ދީފައެވެ. މިހާތަނަށް މި ފައިލްތައް ނުނިމި ހުރުމަކީވެސް ބޮޑު މައްސަލައެކެވެ. ހަށަންބަނދެލެވުނެވެ. އިރުކޮޅަކުން ނިޔަފަތިވެސް ކާންފެށުނެވެ.

ނިންމާންޖެހޭ މުއްދަތަށް މި ފައިލްތައް ނިންމުމަކީ ނާދިފްއަށް ވާނެކަމެއް ނޫނެވެ. މީގެ ތެރެއިން ރަޝީދު އިންޑަސްޓްރީޒްގެ މުއާމަލާތުގައި ސޮއިކުރުން އޮތީ މިއަންނަ ހޯމަ ދުވަހުއެވެ. މިއީ ނުރައްކާތެރި މުއާމަލާތެކެވެ. ކުރެވޭ ހަމަ އެންމެ ކުށެއްގެ ސަބަބުން، ލިބިދާނެ ގެއްލުން އަންދާޒާކޮށްލަންވެސް ނާދިފްއަށް ނޭގެނީ ހެއްޔެވެ؟

ބަޤްޝޫރާ މެޑަމްއާއި ނާދިފްގެ ގުޅުން އެންމެ ރަގަޅަށް އެގޭނެ ހަމައެކަނި މީހަކީ އަހަރެންނެވެ. މި ފައިލްތައް ނުނިންމައި ފިއްޔާ އެދެމެދުގެ ގުޅުމާއި ވިޔަފާރިއާއި ސުންނާފަތި ވެގެންދާނެގޮތް އަންދާޒާކުރާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ.

އަހަންނަށް މަޑުކުރެވިފައި މިހުރީ ހަތަރުއަނގޮޅިއެއްގައެވެ. ނަމަވެސް މިސްރާބެއް ކަނޑައަޅަން މަޖުބޫރެވެ. ވަރަށް ވިސްނީމެވެ. ސިކުނޑިއާއި ހިތާއި ދެމެދު ބޮޑު އަރާރުމަކަށްފަހު އަހަރެން ނިންމީ މި ފައިލްތަކުގެ މަސައްކަތް އަހަރެން ނިންމާށެވެ.

..........................

"ޔާ..! މަހެކް! އަހަރެންގެ ގެއަށް..! އެންމެ ފަސޭހައިން ހެދެން އޮތް ގޮތެއް ބަލާނީ ދޯ! ކޮންމެވެސް ގޮތެއް އޮންނާނެ.. ގިނަވަގުތު މަސައްކަތްކުރާން ޖެހޭނީ..! ހައްހައްހާ... ނޫނޭ.. ތިކަމާ ހާސްނުވޭ..! އަހަރެން ބުނެފިން އޭނަކައިރީގައި އަހަރުމެން މަސައްކަތް ނުނިންމަނީސް ގެއަށް ވަދެގެންވެސް ނުވާނެކަމަށް..! ތި މީހުން ލަސްވެގެން ނުވާނެ އިނގޭ..! ބާއި..!" މަހެކްގެ ކޯލް ނިންމާލާފައި އަހަރެން އަވަހަށް ބޭނުންވީ އޮފީސް ބިލްޑިންގ ގެ ތެރެއިން ބޭރަށް ނިކުންނާށެވެ. 

އަހަރެންގެ އަމިއްލަ ސިކުނޑިއަށް ހުސްވަގުތުކޮޅެއް ބޭނުމެވެ. އެއްފަހަރާ އެތައްކަމެއް ތަހަންމަލް ކުރުމަކީ އަހަންނަށް މިވަގުތު ފަސޭހަކަމެއް ނޫނެވެ. ދިރިއުޅުމުގެ އެހެން ހުރިހާ ކަމެއް އެއްފަރާތްކޮށްފައި މިވަގުތު އަހަރެންގެ ހަމައެކަނި ޝައުގުވެރިކަން މި ހުއްޓާލަނީ މިއުޒިކަށެވެ. ޕްރީޝާގެ އިތުރުން އަހަރެންގެ ހަމައެކަނި ހިތްހަމަޖެހުމަކީ މިއުޒިކްއެވެ. މަސައްކަތްތަކާއި، އޮފީހާއި ފުނިޖެހިފައި ހުރި ފައިލްތަކާއި މިޒްރާ މަންސޫރަށް މިވަގުތު ޖެހޭނީ އަހަރެންގެ ސިކުނޑިން ބޭރުވާށެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް