ads
ވާހަކަ
ސެކަންޑް ޗާންސް..!؟
(20 މާރިޗު 2024 އާ ގުޅޭ) ރީތިކޮށް ތަރުތީބުކޮށް އަހަރެންގެ ހުރިހާ ސާމާނެއް ހުންނާންޖެހޭ ތަންތަނުގައި ބެހެއްޓީމެވެ. ބަނޑުހައިކަން ފިލުވާލަން، ކާއެއްޗެއް ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. މިތަނުން އަހަރެން ނިކުމެއްޖިއްޔާ އޭނާގެ މޫނު ފެންނާނެއެވެ. މިއަދަށް ފުދޭވަރު ވެއްޖެއެވެ. ހުވަފެނުންވެސް މިރެއަކު ދެން އޭނާ ދެކޭކަށް ބޭނުމެއް ނޫނެވެ.

އަހަރެންގެ އެންމެ މަގުބޫލު ފޮތް ހިފައިގެން އެނދުގައި އޮށޯވެލީމެވެ. ޞަފްޙާތަކުގެ ތެރެއަށް ފީނައިލީމެވެ.

'ދިރިއުޅުމެއް ނުހުއްޓޭނެއެވެ. ކޮންމެ ހާލަތެއްގައި ވިޔަސް އެއީ ހުއްޓޭނެ އެއްޗެއް ނޫނެވެ. ކުރިމަތިވާ ކޮންމެ މަރުހަލާއަކުން އަރައިގަތުމަށް ދިރިއުޅުން އަހަރުމެންނަށް މަޖުބޫރު ކުރާނެއެވެ. ނާއުއްމީދުވެ، އެކަންކަމުން އަތްފޮޅައިލުން ނޫންގޮތެއް އަހަރުމެން ބޭނުން ނުވާނެއެވެ. ދިރިއުޅުމެއް ނުހުއްޓުވޭނެއެވެ. އަހަރުމެން ހުއްޓޭކަށް ދިރިއުޅުން ފުރުސަތެއް ނުދޭނެއެވެ. ހުރިހާ ކަމެއް ބަރޯސާވަނީ ހިތާމަޔާއި، ޝުކުރުކުރުމުގެ މައްޗަށެވެ.'

މޭމަތީގައި ފޮތް ބާއްވާލާފައި އަހަރެން ބަލައިލީ ހުދުކުލައިގެ ސީލިންގއަށެވެ. އެއަށްފަހު ބުރުއަޅަމުންދިޔަ ފަންކާއަށެވެ. ހުއްޓުމެއްނެތި މަސައްކަތުގައި އެ ދަނީ އެނބުރެމުންނެވެ. ވަރުބަލިކަމެއް ނެތި އޭގެ ވާޖިބު އަދާކުރަނީއެވެ.

އަހަރެންގެ ހަށިގަނޑުގައި އިތުރަށް އެއްވެސް މިންވަރެއްގެ ހަކަތައެއް  ނެތެވެ. ވަށައިގެން އަނދިރިވާހެން ހީވިއެވެ. ހުވަފެނީ ދުނިޔެއަށް ދަތުރުކުރީ އަހަރެންގެ އިޚްތިޔާރަކު ނޫނެވެ.

..........................

ކިހައި އިރެއް ވަންދެން ނިދުނުކަމެއް އަހަންނަކަށް ނޭގެއެވެ. ހަށިގަނޑު ތާޒާވެ  ހިއްހަމަޖެހުމުގެ ނޭވާއެއް ލެވުނުކަން އިހްސާސްވިއެވެ. ދެއަތް ދަމާލާފައި ރަގަޅަށް ކަސްރަތު ކޮށްލީމެވެ. މަޑުމަޑުން ދެ ލޯ އުނގުޅާލާފައި ރަގަޅަށް ލޯ ހުޅުވާލީމެވެ.

ދެ ލޮލުގެ ކަޅި އަހަރެންގެ ފައިބުޑަށް ވެއްޓުނުހެން ހީވިއެވެ. ގަޑިން ހަތްގަޑި ފަނަރަ ހިނގައިފިއެވެ. ހަތްގަޑި ތިރީހަށް އަހަރެން އޮފީހަށް ހާޒިރުވާންޖެހެއެވެ. ކުރާނެކަމެއް ކޮށްގެން އޮފީހަށް ހާޒިރުވުމާއިދެމެދު މިއޮތީ އެންމެ ފަނަރަ މިނެޓެވެ. ފުންމައިގެން ތެދުވެ ފާޚާނާއަށް ވަނީމެވެ.

އޮފީހަށް ވަދެވުނުއިރު ހަތްގަޑި ސާޅީސް ފަހެއް ހިނގައިފިއެވެ. ވަޒީފާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ފަނަރަ މިނެޓް ގަޑިޖެހުނީއެވެ.

ހައިރާންވެފައި އަހަންނާއި ދިމާއަށް ޖޯއި ބަލަހައްޓައިގެން ހުރިތަން ދުށީމެވެ. ލުއި ހިނިތުންވުމަކާއެކު އަހަރެން ދުވެފައި ދިޔައީ ކެބިންއަށް އަވަހަށް ދެވޭތޯއެވެ.

އަހަރުމެންގެ ފަންގިފިލާއަށް ލިފްޓް ހުއްޓުމާއެކު އަހަރެން ނިކުތީމެވެ. އަހަރެންގެ ކޮޓަރިއަށް ވަންނަން ދަނިކޮށް އިވުނު އަޑެއްގެ ސަބަބުން އަހަރެން މަޑުކޮށްލީމެވެ. ނާދިފްގެ ކެބިންގެ ތެރެއިން ޒުވާބުކުރާ އަޑު އިވޭތީއެވެ. ނާދިފް އާއި ބަޤްޝޫރާ މެޑަމްއާއި ދެމީހުންނެވެ.

ހިމޭންކަމާއެކު ދޮރުކައިރީގައި އަހަރެން މަޑުކޮށްލީމެވެ.

"ނާދިފް.. މި ހުރިހާ މަސައްކަތެއް ނިންމާފައި މި ހަފްތާ ނިމުމުގެ ކުރިން .. އަހަރެންނާއި ހަވާލުކުރަންޖެހޭނެ.." ބަޤްޝޫރާ މެޑަމް ބުނެލިއެވެ.

"ބަޤްޝޫރާ... ދެނަހުރިންތަ، އަހަރެންގެ މިއުޒިކް އަލްބަމް ނެރެން އޮތީ އެންމެ ހަފްތާއެއް.. އަދި ތިން ލަވަ އޮތީ އަތް ނުލާ.." ނާދިފްގެ ރުޅި ކޮންޓްރޯލުން ނައްޓަނީކަން އެނގެއެވެ.

"ނާދިފްއަށް ހީވޭތަ، ނާދިފްގެ ތި މިއުޒިކްގެ ނާޗަރަންގީއާމެދު އަހަރެން ފިކުރުކޮށް، އެކަމަށް އަޅާލާނެކަމަށް.! އޫޕްސް.. އައި ޑޯންޓް! ބަޓް.. ޔާ..! މި ހަފްތާ ބަންދުގެ ކުރިން މި ހުރިހާ ފައިލެއް ނިންމާފައި އަހަރެންގެ މޭޒުމައްޗަށް ނުގެނެސްފިއްޔާ.. ދެން ވާގޮތް ބަލަން ހުރޭ..!" މެޑަމް ދިނީ އިންޒާރެކެވެ. މެޑަމްގެ އިންޒާރަކީ ބިރުވެރިކަމެއްކަން އަހަންނަށްވެސް އެގެއެވެ.

"ބަޤްޝޫރާ...!!!!" އިހްތިރާމްގެ ކަންފުޅެއްވެސް ނާދިފްގެ ކިބައިގައި ނެތެވެ.

"ވަގުތެއް ނެތް..! މި ހުރިހާ ކަމެއް ވެގެން މިދަނީ ނާދިފްގެ ކަންނެތް ކަމުން..! އިރުއިރުކޮޅުން ވެކޭޝަންތަކަށް ދަމުން، ހުރިހާ މަސައްކަތެއް ފުނިޖައްސަމުން ބޮނޑިކޮށްފައި ނާދިފް ބެހެއްޓުމަކީ އަހަރެންގެ މައްސަލައެއް ނޫން.. މި މަސައްކަތްތައް ޖެހޭނީ ނިމެން..! އަހަރެން މި ދިން މުއްދަތުގެ ތެރޭގައި..!" މަޤްޝޫރާ މެޑަމްގެ ޖުމުލަ ނިމުނުތަނާ އަހަރެންގެ ކޮނޑުގައި މީހަކު ޖަހާލިހެން ހީވެގެން ފަހަތް ބަލައިލީމެވެ.

"ކީއް ތިކުރަނީ.؟"

"މާނައަކީ ކޮބާ؟" އަހަރެން ސުވާލުކުރީމެވެ.

"ޖެނެރަލް ނޮލެޖް.."

"މިންހާލް... ޖަސްޓް ލީވް..! މި ފަންގިފިލާއަށް އަންނަންޖެހޭނީ ހުއްދަ ލިބިގެން" ދަތްތަކަށް ބާރުލާފައި އަހަރެން ބުނީމެވެ.

މޭޒުމަތީގައި ދެއަތުން ބާރަށް ޖެހިއަޑު އިވުނެވެ. އަހަރެންގެ ހިތައް ތަދުވީ ކޮން ސަބަބަކާހުރެ ކަމެއް ނޭގެއެވެ. ނާދިފްއާއިމެދު ހަމްދަރުދީ ވެވުނެވެ. ނާދިފްއަކީ މަޝްހޫރު، ހުނަރުވެރި މޮޅު ލަވަކިޔުންތެރިއެކެވެ. ނާދިފްގެ ހުރިހާ ރުޅިވެރިކަމަކާ، އޭނާގެ ހިތުގައި އޮތް ބިރުވެރިކަން މިއުޒިކްގެ ތެރެއަށް ޣަރަގުވަނީކަން ޔަގީނެވެ. ނާދިފް ކަންތައް ބޮޑުވެ ހާސްވަމުން އެދަނީ އެމީހުންގެ ބޭންޑް، ބާރުގަދަ މިއުޒިކް ކޮމްޕެނީއަކާއެކު ހަދާފައިވާ "ޑީލް"އެއްގެ މުހުލަތު ހަމަވާތީއެވެ. ނުނިމި މަސައްކަތްތައް އޮތް ވާހަކަވެސް ބުނެފިއެވެ. ބަޤްޝޫރާ މެޑަމްއަށް މުހިއްމުވަނީ އޮފީހުގެ މަސައްކަތްތައް ނާދިފް ނިންމުމެވެ. މި ވާނުވާ ވިސްނައިގަންނާން އަހަންނަށް އެހާ ފަސޭހައެއް ނުވިއެވެ. އެންމެ ބޮޑު ސުވާލަކީ، އޮފީސް މަސައްކަތްތައް ކުރާން ނާދިފް ބޭނުން ނުވާއިރު މިކަމުގައި އޭނާ އުޅޭތީއެވެ. ނުވަތަ ގަދަކަމުން ޝާމިލު ކުރުވާތީއެވެ. ނާދިފްގެ ޝައުގުވެރިކަން އޮންނަނީ މިއުޒިކަށެވެ. އެކަމުގައި އެހެން މީހަކު އުފައްދާނެ ޝައްކެއް ނެތެވެ. ކުރެވޭނެ ކަމެއްވެސް ނެތެވެ.

"އެއީ އަހަންނާއި ބެހޭކަމަކަށް ނުވާތީއެވެ."

"މިޒްރާ.."

އަހަރެން ބުނިއެއްޗެއް އޭނާއަށް އަޑުނީވެނީ ބާވައެވެ. އެކަނި ހާލަށް އަހަރެން ދޫކޮށްލާފައި  މިތަނުން ދާން ނޫޅެނީ ކީއްވެ ހެއްޔެވެ؟

"އަސްލުބުނަން ވާހަކައެއް" އަޑަށް ބާރުލާފައި އޭނާއާއި ދިމާއަށް އެނބުރިލަމުން އަހަރެން ބުނީމެވެ.

"މިންހާލް މިތާގަ މަޑުކުރޭ.. ހަމައެއްގޮތަކަށްވެސް މިތަނުން ދުރަށްދާނެ ކަމެއް ނެތް.. އަހަރެން ހިނގައިދާނަން" އަހަރެން ބުނީމެވެ.

އަހަރެންގެ ކެބިންއަށް ވަދެ، އަތުގައި ހުރި ފައިލްތައް މޭޒުމަތީގައި ބެހެއްޓީމެވެ. ހަށިގަނޑު ހަމަޔަކަށް އަޅުވާލުމަށް ފުން ނޭވައެއް ލެވުނެވެ.

"މިޒްރާ.. ފޯކަސް" އަހަރެންގެ ކުޑަ ކެބިންއަށް ބަލައިލަމުން އަހަރެންގެ ނަފުސައް ބުނެލީމެވެ.

ސިކުނޑީގެ ވަރުބަލިކަން ހަށިގަނޑުދިޔައީ ތަހަންމަލް ކުރަމުންނެވެ. މަސައްކަތްތަކާއިމެދުގައި ވިސްނާލީމެވެ. ހަވާލުކުރެވިފައި ހުރި ހުރިހާ ފައިލެއްގެ މަސައްކަތް ހުރީ ނިމިފައެވެ. އިތުރަށް ކުރާނެ މަސައްކަތެއް މިއަދަކު ނެތެވެ.

އޮފީހުގެ މުހިއްމު ޑިޕާޓްމެންޓްތަކުގެ މަސައްކަތްތައް ބަލާލުން މުހިއްމުކަމުގައި އަހަރެންގެ ހިތް ބުނެލި އެވެ.

އަހަރެން ތެދުވެގެން ދޮރާއި ދިމާއަށް ހިނގައިގަތްއިރުވެސް އޭނާ ހުއްޓެވެ.

............................


"މިޒްރާ..! އައި ނީޑް ޓު ޓޯކް ޓު ޔޫ.." އާދޭހުގެ ރާގުގައި ބުނެލިއެވެ. އިދާރީބައިން އަހަރެން ނިކުތްތަނާ، އަނެއްކާވެސް ފަހަތުން އައެވެ.

"މިންހާލް! މިއީ ރަށުތެރޭގެ ކޮފީޝޮޕްއެއް ނޫން.. ވަޒީފާގެ ޒިންމާ އަދާކުރަން ނޭގެންޏާ އިސްތިއުފާ ދީފަ، ގެއަށް ދޭބަލަ!" އަހަރެން ހިނގައިގަތީމެވެ. އަހަރެންގެ ފަހަތުން އޭނާވެސް ހިނގައިގަތެވެ.

"މިޒްރާ..! ޕްލީޒް!" އާދޭސް ކުރިއެވެ.

"މިޒްރާ!"

އެންމެ ފިޔަވަޅެއް ފަހަތައް ޖެހެންވެސް މި ފިރިހެނާ ގަސްދެއް ނުކުރިއެވެ.

"ހަމަ އެންމެ ފުރުސަތެއް..! އޭގެ ފަހުގައި އަހަންނާއި ވާހަކަދައްކަން މަސައްކަތްވެސް ކޮށްގެން ނުވާނެ.. ހަނދާން ކުރާތި!" ނުރުހުމާއެކު އަހަރެން ބުނީމެވެ.

ވަށައިގެން ބަލައިލެވުނެވެ. އެތައް ލޮލެއް އަހަންނާއި ދިމާއަށް އަމާޒުވެފައިވެއެވެ. ކުރެވޭނެ އެއްކަމެއްވެސް ނެތި، މިކަހަލަ ލަދުވެތި ހާލަތްތަކާއި އަހަރެން ކުރިމަތިލާންޖެހޭނީ ހަފްތާއަކު ކިތަން ފަހަރު ހެއްޔެވެ؟ އުނަގަނޑުގައި އެއް އަތް ވިއްދާލާފައި އަނެއް އަތުން ނިއްކުރީގައި ހިފަހައްޓާލެވުނެވެ. ހަތިޔާރު ބެހެއްޓުން ނޫން ގޮތެއް ނުފެނުނެވެ.

"އޯކޭ ފައިން.. ޓެން މިނެޓްސް.. ލަންޗް ޓައިމް!" އަހަރެން ބުނީމެވެ.

"ތޭންކް ޔޫ ސޯ މަޗް" ހިނިތުންވެލާފައި ބުނެލި އެވެ.

"މިވަގުތު އަހަރެން ނިންމަންޖެހޭ މަސައްކަތް އެބަހުރި.. ފަހަތުން ދުރަށް ޖެހިލަފާނަން..؟" ދެ ބުމަ މައްޗަށް އަރުވާލަމުން އަހަރެން ބުނީމެވެ. ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި އަހަރެންގެ މަސައްކަތަށް އެނބުރުނީމެވެ.

.........................

މުހިއްމު މުވައްޒަފުންނާއި ގުޅިފައިވާ މަސައްކަތްތަކުގެ ހުރިހާ ތަފްސީލް ފައިލްތަކެއް  އަހަރެން ދިރާސާ ކުރީމެވެ. ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ. ކުންފުނީގެ ފައިދާ މައްޗަށް ޖެހިލައިފި އެވެ. މިއަށްވުރެން ބޮޑު ލުޔެއް އަހަރެންގެ ސިކުނޑިއަށް ލިބޭނެ ހެއްޔެވެ؟

އެންމެ ފަހު މަސައްކަތަކަށް އަހަރެން ބޭނުންވީ ޒެއިންގެ ސެކްޝަންގެ ފައިލްތައް ދިރާސާ ކުރުމެވެ. ޒެއިންގެ ޑެސްކްގައި ފައިލްތައް ބަހައްޓައިގެން އަހަރެން ހަމަޖެހިލީމެވެ.

ފަހަރަކު ފައިލްއެއް ބަލަމުންގޮސް، އެންމެ ފަހުން ޒެއިން ދިއްކޮށްލި ފައިލްގައި އަހަރެން ހިފީމެވެ. ލިބުނު ހިތްހަމަޖެހުން ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ވަރަށް އުފާވިއެވެ.

"ޒެއިން..! އަހަރެން ވަރަށް ވަރަށް އުފާވެއްޖެ! އެންމެ ބޮޑު ކުރިއެރުމެއް ލިބިފައި މިއޮތީ ޒެއިންގެ ޑިޕާޓްމެންޓްގެ މަސައްކަތްތަކުން.. ވަރަށް ހިތްހަމަޖެހިއްޖެ!" ހަގީގީ އިހްސާސް އަހަރެން ހާމަކުރީމެވެ.

"ޑިޕާޓްމެންޓް 'ބޮސް'އަކީ ކާކުތަ..؟" އަމިއްލަ ކޮނޑުގައި ޖަހައިލަމުން ޒެއިން ބުނެލި އެވެ.

"އާއވވވ" އަހަރެންވެސް ބައިވެރިވެލީމެވެ.

"އޯ-ކޭ މިޒްރާ! މިކަމުގެ އުފަލުގައި މިއަދު މެންދުރުގެ ފަރިއްކޮޅު އަހަރެންނާއެކު.. ކިހިނެތްވާނެ..؟" ފިލްމީ ގޮތް ދައްކާލަމުން ޒެއިން ބުނެލިއެވެ. ހަގީގަތުގައިވެސް އަހަރެން ބައިވެރިކުރާން ޒެއިން ބޭނުންވާކަން އަހަންނަށް އެނގެ އެވެ.

"ނޫނޭ.. މިއަދު އެހެން ކަމެއް އެބައޮތް..!" ޒެއިންއާއި ދިމާއަށް ބަލައިނުލައި އަހަރެން ބުނީމެވެ.

"އޯ.. މިޒްރާ! އަހަންނަށް އެނގޭ މިންހާލްއާއި ބައްދަލުކުރަން ދާންއުޅޭކަން.. އެކަން ނިންމާފަވެސް ލަންޗް ނެގިދާނެދޯ" ޒެއިން ބުންޏެވެ.

"ޒެއިންވެސް އަހަންނަށް  ފާރަލަނީތަ؟" އުފެދުނު ސުވާލު ހުށަހެޅީމެވެ.

"ނޫނޭ.. އަހަރެން ގާތުގައި ބުނީ ޖޯއި" ޒެއިން ބުންޏެވެ.

"އާއެކޭ ނުބުނެވުނު ނަމަ...!!!"

ދެބުމަ ދޭތެރޭގައި ބޮޑުވައި އިނގިއްޔާއި، މެދު އިނގިލިން ފިއްތާލަމުން ނިއްކުރީގައި ޝަހާދަތް އިނގިލިން ބާރަށް ފިއްތާލީމެވެ. ތަދުވާންފެށި ބޮލުގެ ހާސްކަން ކުޑަކުރެވެތޯއެވެ. ލިބުނު ނާއުއްމީދުގައި ދެ ލޯ މަރައިލެވުނެވެ.

"ގިވް ހިމް އަ ޗާންސް.. މިޒްރާ!" ޒެއިން ބުނެލިއެވެ. އިވުނު އަޑު އަހަންނަށް ގަބޫލެއް ނުކުރެވުނެވެ.

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް