ads
ވާހަކަ
ސެކަންޑް ޗާންސް..!؟
(19 މާރިޗު 2024 އާ ގުޅޭ) ބޭރުގައި ހުރީ ކާކުކަން މިޒްރާއަށް ނުފެންނަނީސް އަހަރެން ދޮރުލެއްޕީމެވެ. އަހަރެންގެ އަޑު ފާހަގަކުރާން މިފަހަރު މިޒްރާއަކަށް ނޭގުނެވެ.

ފަޅާނޭރީ ހަމަކިރިޔާއެވެ. ބޭރުގައި ހުރީ އަހަރެންކަން މިޒްރާއަށް އެނގުނުނަމަ އަހަރެންގެ ރޭވުންތައް ބޭކަރުވީހެވެ. އެ ދެއްކި ހުރިހާ ވާހަކައެއް އަހަރެންގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. އަވަސްއަވަހަށް ގޮސް އަހަރެންގެ ކެބިންއަށްވަދެ، ދޮރު ލެއްޕީމެވެ.

"މިޒްރާ... ކަލެއަށް ކުރެވޭނެ ހަމަ އެއްކަމެއްވެސް ދެން ނެތް..؟ ނޭގެންޖެހޭ މީހަކަށް، ހުރިހާ ސިއްރެއް މިއޮތީ ހާމަވެފައި.. ހިނގާ ބަލަމާ، ތި ހިތާއި ނަފުސާއި ސިކުނޑީގައި ކިހައި ހިތްވަރެއް ހުރިތޯ..؟" ލިބުނު ކާމިޔާބުގައި އަހަރެންގެ ދެފައި ނަގައި މޭޒުމަތީގައި ބޭއްވީމެވެ. ދެން ހުރި ކަންކަން ރާވާލުމަށެވެ.

................................

ހަވީރު ފަސްގަޑި ތިރީސްހާއިރެވެ.

އަހަރެންގެ ލެޕްޓޮޕް ނަގާފައި މެހެކް ފޮނުވި މިއުޒިކް ކްލިޕްތައް ޗެކްކުރަން ފެށީމެވެ. މިފަހަރުގެ އަލްބަމް އިފްތިތާހު ކުރުމުގައި ބޭނުންކުރާނެ ރަގަޅު ބެކްގްރައުންޑް މިއުޒިކްއެއް ފައިނަލް ކުރަންޖެހޭތީއެވެ.

މަހެކް، އަހަރެންނަށް މުހިއްމު ނަމެކެވެ. އަހަރެންގެ ހަޔާތުގައި ކޮއްކޮއެއްގެ މަގާމު ދެވިފައިވާ ހަމައެކަނި އިންސާނަކީ މަހެކްއެވެ. ސްކޫލް ހަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެން ބުލީކުރީވެސް މަހެކްއެވެ. އެކަމަކު ފަހުން މަޑުމަޑުން ރައްޓެހިވަމުންގޮސް ބޭބެ ކޮއްކޮގެ ގުޅުން އަހަރުމެން ދެމީހުން ދެމެދުގައި އުފެދުނީއެވެ. މިހުރިހާ ކަމެއްގެ ތެރެއިން މަހެކްއަކީ ޕްރީޝާގެ ބެސްޓްފްރެންޑެވެ. އެ ސަބަބަށްޓަކައިވެސް މަހެކް އަހަންނަސް ވަރަށް މުހިއްމެވެ.

އަލްބަމް އިފްތިތާހް ކުރުމަށް ބާކީ އޮތީ އެންމެ ދިހަ ދުވަހެވެ. އިތުރަށް ތިން ލަވަ ނިންމަން ޖެހެއެވެ. މިއުޒިކްގެ މިހުރިހާ ކަމެއްގެ ތެރެއިން އޮފީސް މަސައްކަތްތަކާއި އަހަރެންގެ 'އަނބިމީހާ' ގެ ކަންކަން ތަހަންމަލްކުރަން ޖެހުމަކީ އުނދަގޫ ކަމެކެވެ.

މަސައްކަތްކުރާނެ މޫޑް ނެތުމުން ލެޕްޓޮޕް ލައްޕާލާފައި ނިކުތީ ގެއަށް ދާށެވެ.

.............................

އަހަންނަށް ގެއަށް އާދެވުނުއިރު ގާތްގަނޑަކަށް އިރުއޮއްސި ހައެއް ޖަހައިފިއެވެ. ގޭގެ  މައިދޮރު ކުޑަކޮށް ހުރީ ހުޅުވިފައެވެ. އެއްވެސް މީހަކު ފެންނަން ހުރިތޯ އަހަރެން ބަލައިލީމެވެ. ހުރިހާ ނޯކަރުން ވަޒީފާއިން ވަކިކޮއްފައި ފޮނުވާލި ހަންދާން އެބަހުއްޓެވެ. ގޭގައި މިވަގުތު އުޅޭނީ ކާކު ހެއްޔެވެ؟

ކޮޓަރީގެ ދޮރު ހުޅުވާލާފައި އަހަރެން އެތެރެއަށް ވަނީމެވެ. ހައިރާންވެ އަންތަރީސްވިއެވެ. ހަގީގަތުގައި ތަލިން ކުޅުވެސް ހިކުނެވެ. އަހަރެންގެ ކޮޓަރި މިހާ ރީތިކޮށް ސާފުކޮށް، ތަރުތީބުކޮށްލާފައި އޮއްވައި ދުވަހަކުވެސް ނުދެކެމެވެ. ފެންނަމުންދިޔައީ ރީތި ހުވަފެނެއްފަދައެވެ. އަހަންނަކީ ޖެހުނުތަނަކަށް އެ އެއްޗެއް އެއްލައިލާ މީހެކެވެ. މިއަދު ކޮޓަރީގައި ފިޔަވަޅެއް އަޅަންވެސް އަހަރެން ޖެހިލުންވެއެވެ. އެހާވެސް މިތަން ފުރިހަމައެވެ.

"މިސިޒް.. މިޒްރާ މަންސޫރް... އިމްޕްރެސިވް! އެކަމަކު.. އެކަމަނާ ކޮބާ..؟" ކޮޓަރީގެ ބެލްކަނިވެސް އަހަރެން ބެލީމެވެ. އެތާކުވެސް ނެތެވެ.

ދެން އިވުނީ ފެންމާގަނޑު ދޫކުރި އަޑެވެ. ފާޚާނާގެ ދޮރާއި ދިމާއަށް ބަލައިލެވުނު ވަގުތު ނުބައި ޒާތުގެ ހިންޏެއް އައެވެ.

"ޓައިމް ފޯ ސަމް ފަން... ހައްހައްހާ"

ކޮޓަރީގެ ހުރިހާ ބޮކިތައް އަހަރެން ނިއްވާލީމެވެ. ފިޔަވަޅުގެ އަޑެއްވެސް ލައްވާނުލާ މަޑުމަޑުން ގޮސް ފާޚާނާގެ ދޮރުކަނީގައި ލެނގިލައިގެން އަހަރެން މަޑުކުރީ ދޮރުހުޅުވާނެ އިރެއްގެ އިންތިޒާރުގައެވެ.

"ފައިނަލީ...!!!"

ފެންމާގަނޑު ނިއްވާލައިފިއެވެ.

އިރުކޮޅަކުން ތަޅުގައި ހިފާފައި އަނބުރާލިއަޑު އިވުނެވެ. ކޮޓަރި ތެރެއަށް ހަމަޔަށް ދެފައި ނޭޅެނީސް، އަހަރެންގެ ހަރަކާތް އަވަސްކުރީމެވެ.

"ބޫއްއްއްއްއްއްއްއްއް.." ނިކަން ބާރަށް އަހަރެން ހަޅޭއްލަވައިގަތީމެވެ.

އަހަންނަށް ވުރެން ބާރަށް އޭނާ ހަޅޭއްލަވައިގަތެވެ.

ހެދި ނެހެދިއެއް ނޭގުނެވެ. އަހަރެންގެ ގައިގައި ނިކަން ބާރަށް ހިފެހެއްޓިއެވެ. ހީވަނީ އޭނާގެ ހަށިގަނޑު ބެލެންސްކުރުމަށް މަސައްކަތްކުރީހެނެވެ. ހިނދުކޮޅެއްގެ ތެރޭގައި ދެމީހުން އެކުގައި އޮތީ ޓައިލްސް މަތީގައެވެ. މިޒްރާގެ މުޅި ހަށިގަނޑު އޮތީ އަހަރެންގެ ގައިމަތީގައެވެ.

މިވަގުތު ވަމުން މިދަނީ ދުވަހަކުވެސް އިހްސާސްނުވާ ޒާތުގެ ގޮތްތަކެކެވެ. ޖަހަމުން ދިޔައީ ތަފާތު ވިންދެކެވެ.  މިޒްރާ ބަލަމުން ދިޔައީ ސީދާ އަހަރެންގެ ލޮލަށެވެ. ގައިމަތީން ތެދުވުމަށް އޭނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. މިއީ މިހާތަނަށް ދުވަހަކުވެސް އަހަރެން ތަޖުރިބާކޮށްފައިނުވާ، ބަޔާންކުރަން ނޭނގޭ އިހްސާސެކެވެ. އަންހެނަކާ ފިރިހެނެއްގެ ދެމެދު ކުރެވޭނެ ހުރިހާ ކަމެއް ތަކުރާރުކޮށް އެތައް ފަހަރަކު، އަދަދު ނުކުރެވޭ މިންވަރަށް އަހަރެން ޕްރީޝާއާއެކުވާނީ ކޮށްފައެވެ. އެކަމަކު މި އިހްސާސް...! މި އިހްސާސް މުޅިން ތަފާތެވެ. ޖިސްމުގައި ހިނގަމުން ދިޔައީ ތަފާތު އޮއެވަރެކެވެ. މުޅި ބަނޑުތެރޭގައި ކޮކާފިޔަޖަހާހެންވެސް ހީވެއެވެ. ކަރަންޓުގެ ހިމޭން ރާޅެއް ނާރުތަކުގައި ދައުރުވަނީ ބާއެވެ! އަހަރެންގެ ހިއްސުތަކަށް މިވާ ގޮތް ބުނެދޭކަށްވެސް ނޭގެއެވެ.

މިޒްރާގެ ދެ ލޯ...، އާހހއ..! މިފަދަ ރީތިކަމެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. ކަނޑެއްފަދަ ފުންކަމެއް އެ ލޮލުގައި ވެއެވެ. ހުޅުވާލާފައިވާ ފޮތެއް ފަދައިން އެ ދެ ލޮލުގެ ތެރެއިން އެތައް ކަމެއް ސާފުކޮށް ފެނެއެވެ. ފަރުދާކުރުމެއް ނެތް އިހްސާސްތަކެކެވެ. މިވަރުގެ އަޖައިބުކަމެއް އަހަރެންގެ ހަޔާތުގައި ނުދެކެމެވެ. މިޒްރާގެ ލޮލަށް އަހަރެން ބަލަމުންގެންދިޔައީ ކަޅިވެސް ޖަހާނުލައެވެ. މައުސޫމް އެތައް ސުވާލެއް އެ ލޮލުގައި ވެއެވެ. އަހަރެންގެ ފަރާތުން އެ ސުވާލުތަކުގެ ޖަވާބު އޭނާ ބޭނުންވެއެވެ. ހާމަކުރާން ޖެހިލުންވަނީއެވެ. އަހަރެން ދެކެ ބިރުންނެވެ. އެކަން ސާފުކޮށް ފެނުނެވެ.

ހަށިގަނޑުގެ "ނުރައްކާ" ގުނަވަނެއްގައި ތަފާތު ވިންދެއްޖަހަން ފެށިއެވެ. މިޒްރާގެ "ހިއްސުތައް ހަމަ" ކަމަށްވަންޏާ، އޭނާއަށް އެކަން ފާހަގަކުރެވޭނެއެވެ. އަހަރުމެން ދެމީހުންގެ ދެމެދުގައި ވައިރޯޅިއެއް ދައުރުވެލާނެ މިންވަރަށްވެސް ހުސްޖާގައެއް ނެތެވެ. އެކަމުގައި އަހަރެންގެ ކޮންޓްރޯލެއް ނެތެވެ.  

ސާފު، ފުންކަނޑެއްގެ ތެރެއަށް އަހަރެން ގެއްލިފައިވަނިކޮށް މިޒްރާ އަހަރެން ގައިމަތީން ކުއްލިޔަކަށް ތެދުވިއެވެ. ހުސްކަމެއް އިހްސާސްވުމުން މާޔޫސްވިއެވެ. އެ ހަށިގަނޑުން ދޫކޮށްލާން އަހަރެންގެ ދެ އަތް ބޭނުން ނުވިކަން އެނގުނީ، އިތުރު ހަރަކާތެއް ނުކުރެވިފައި 'ބޭޒާރުވާން' އޮންނާން ޖެހުމުންނެވެ. އިނގިއްޔެއް ހަރަކާތްކޮށްލުމަށްވެސް އަހަރެންގެ ނަފުސުގައި ކޮންޓްރޯލެއް ނެތެވެ. ފާޅުކަންބޮޑުކޮށް އަހަރެންގެ ހޯމޯންސް  އަހަންނަށް ބޭވަފާތެރިވެއްޖެއެވެ. ބޮޑު ލަދެއްގައި ބެދޭކަށް އަހަރެން މިވަގުތު ބޭނުމެއް ނޫނެވެ.

މިޒްރާއަކީ އާދަޔާ ޚިލާފް ސްމާޓް އަންހެނެކެވެ. އޭނާގެ "ބްލަޝް" ފޮރުވަން ކުރެވޭނެ އެއްކަމެއްވެސް ނެތްކަން އެނގޭތީވެ، އަހަރެންނާއި ދިމާއަށް ނޫން އެހެން ހުރިހާ ދިމާއަކަށް މިޒްރާ ބަލަންފެށިއެވެ.

"ނާދިފް.. މީ ކޮންފަދަ ކަމެއް..؟" ކަމެއް ވީކަމަށްވެސް ނުހަދާ މިޒްރާ ބުނެލިއެވެ. ހުރިހާ އިހްސާސެއްގައި އަތްއަޅައި އޮއްބާލަން މިޒްރާ ކުޅަދާނައެވެ.

"ވަޓް..؟؟؟"

އަވަސް ހަރަކާތަކާއެކު ކޮޓަރީގެ ހުރިހާ ލައިޓެއް މިޒްރާ ޖެއްސިއެވެ. އަހަރެންގެ ދެ ލޯ ހަމަޔަކަށް އަޅުވަންވެސް ވަގުތުކޮޅެއް ނެގިއެވެ. ދެ ލޯ އުނގުޅާލާފައި އޭނާއާއި ދިމާއަށް ބަލައިލީމެވެ.

"މިތަނުގެ ހުރިހާ ލައިޓެއް ނިއްވާލީ ކީއްވެ..؟" އަހަރެން ޖަވާބުދޭން ބޭނުންނުވާ ސުވާލު ކުރިމަތިކޮށްލިއެވެ.

"ކީއްވެ އަހަރެންގެ ގައިމައްޗަށް ވެއްޓިގަތީ؟" އަހަރެންވެސް ދުލެއް ނުދެމެވެ.

ހަގީގަތަކީ އަދިވެސް އަހަރެންގެ ހިއްސުތައް އެދެމުން ދިޔައީ އެ ހަށިގަނޑު އަހަރެންގެ ބާރުގެ ދަށުގައި ބޭއްވުމަށެވެ. 

"ނާދިފް ކުއްލިޔަކަށް ހަޅޭއްލަވައިގަތީމަ" ފުފިފަހުރި ކުކުޅެއްހެން އަހަންނާއި ދިމާއަށް އެނބުރިފަ ބުންޏެވެ.

އަހަރެންގެ ހިނިގަނޑު ކޮންޓްރޯލުން ނައްޓާކަށް މިވަގުތު ބޭނުމެއް ނޫނެވެ.

"އޭގެ މާނަޔަކީ ސިދާ އަހަރެންގެ ގައިމައްޗަށް ލޭންޑް ކުރާށޭތަ؟" އަހަރެންކައިރިއަށް ހަމަ ހިނިއަންނަނީއެވެ. އެކަމަކު މިވަގުތު ބޭޒާރުވާކަން ހަމަހިލާ ބޭނުމެއް ނޫނެވެ.

"ކޮންމެފަދަ އެއްޗެކޭވެސް ކިޔާފާނެ" ކުރިނުލިބުމުން މިޒްރާ ބުނެލިއެވެ.

"އަހަރެންގައިގައި ތަތްކޮށްލައިގެން އުޅެން ހިތައްވެސް ނާރުވާތި..!" އަހަރެންގެ ދިފާއުގައި ހިތާއި ދެކޮޅަށް ބުނެލީމެވެ.

މިޒްރާ ރުޅިގަދަވެ ފުފެމުންދިޔަ މަންޒަރު އަހަންނަށް ވަރަށް ހިތްގައިމެވެ. ހަގީގަތުގައިވެސް އެ މޫނު ހީވަނީ އަލުވިއެއް ހެނެވެ. ތުނިތުނި ހަމުގެ އޮމާންކަން ދާދިގާތުން އަހަންނަށް ފެނިއްޖެއެވެ.

"އޯހ.. އަދި ކިރިޔާ މި ގެޓުވީ...! އަހަރެންގެ ކޮޓަރީގައި، ކަމަނާ ކީއްތިކުރަނީ..؟ ހަމަ މިހާރު މިކޮޓަރިން ނިކުމޭ..! ފުދޭވަރަށް ކޮޓަރި މިގޭގައި ހުންނާނެ .. އަހަރެންގެ ކޮޓަރިއަށްވަދެ، މަށާއެކު ނިދާ ހިތުން އުޅޭނެކަމެއް ނެތް.. ހަމަ މިހާރު މި ސާމާނު ހިފައިގެން ނިކުމޭ..!" އޭނާގެ ފޮށިތަކަށް އިޝާރާތްކޮށްފައި އަހަރެން ބުނީމެވެ.

އަހަރެންގެ ހަގީގީ މަގުސަދު، އަތުން ބީވެގެން ދިޔަދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ޕްރީޝާއަށް އެނގިއްޖެއްޔާ ދިރިހުއްޓާ އަހަރެން ވަޅުލާންވެސް ފަހަކަށް ނުޖެހޭނެއެވެ.

"ނާދިފް ބުނަން...! މިރޭ ތި ކުރި ކަހަލަ ކަމެއް ދެވަނަ ފަހަރު ނުކުރާތި..!" އަހަރެންނަށް އިންޒާރުދީފައި އޭނާގެ ސާމާނުތައް ދަމަމުން ނުކުމެއްޖެއެވެ.

"އިޓްސް ޖަސްޓް ދަ ބިގިނިންގ... ބޭބީ..!" ބާރު ހިނިގަނޑަކާއެކު އަހަރެން ދޮރު ލެއްޕީމެވެ.

.....................................

ފަހަރަކު ކޮޓަރިއެއްގެ ތަޅުގައި ހިފަމުންގޮސް އެންމެ އެތެރެއަށް ހުރި ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. އެހެން ހުރިހާ ކޮޓަރިއެއް ހުރީ ތަޅުލާފައެވެ. މިއީ ނާދިފްގެ ކޮޓަރިއާއި އެންމެ ދުރުގައި ހުރި ކޮޓަރިއެވެ. މިއީވެސް ރާވައިގެން ކުރިކަމެއްކަން ޔަގީނެވެ.

މިގޮތް އަހަންނަށް މާ ރަގަޅެވެ. އެ "މޮންސްޓަރ"އާއި އެއްކޮށް އެއް ކޮޓަރިއެއްގައި އުޅުމަށްވުރެން މިގޮތް މާބޮޑަށްވެސް ރަގަޅެވެ.

ނާދިފްގެ ފާޚާނާއަށްވުރެން ތިންގުނަ މި ކޮޓަރި ކުޑައެވެ. އެކަމަކުވެސް ވަރަށް ހިތްގައިމެވެ. މިއަށްވުރެން ވަކީން އަމާން ތަނެއް މި ފުރާޅުގެ ދަށުގައި އަހަންނަށްޓަކައި ވާނެހެން ހިޔެއްނުވެއެވެ. ކޮޓަރީގައި ހުރީ ސިންގަލް އެނދެކެވެ. އަހަންނަކީ ނާދިފްއާއި ބަލާފައި އިސްކޮޅުން ކުރު ކުއްޖަކަށްވިޔަސް، މި އެނދުގައި އަހަރެންގެ އިސްކޮޅަށް ދެމިލާނެ ޖާގައެއް ނުހުންނާނެކަން ޔަގީނެވެ. އެހާވެސް ކުޑަކުޑަ އެނދެކެވެ. ކޮޓަރީގައި ފާޚާނާއެއް އެބަހުއްޓެވެ. ދޮރުހުޅުވާފައި ބަލައިލީމެވެ. ވަރަށްކުޑައެވެ. އެކަމަކު އަހަންނަށް އެވަރުވެސް ފުދެއެވެ. ޑްރެސިން އޭރިއާއަކާއި އަލަމާރިއެއްވެސް އެބަހުއްޓެވެ. އިސްތިރިކުރާ މޭޒަކާއި އިސްތިރިއެއްވެސް އިނެވެ. އަހަރެންގެ ކެބިންގެ މޭޒަށްވުރެން ބޮޑު މޭޒެއް މިކޮޓަރީގައި އެބަހުއްޓެވެ. ހިތްގައިމު ކުޑަދޮރެއްގެ ކައިރީގައެވެ.

ކޮންމެއަކަސް، މި ކޮޓަރި އަހަންނަށް ވަރަށް ކަމުގޮސްފިއެވެ.


-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް