ads
ބާޒާރުގައި ހުރި ކަނޑޫދޫ މިރުސް
ރޯދަ ބާޒާރު: އަގުތައް ދަށަށްދާން ފަށައިފި
މާލޭ ބާޒާރުގައި ތަކެތީގެ އަގުތައް ރޯދަ ފެށުމުން އުފުލުމަށް ފަހު އެންމެ ފަހުން އަގުތައް ދަށަށް ދާން ފަށައިފި އެވެ.

އެންމެ ކުޅި މިރުހުގެ ގޮތުގައި މުޅި ރާއްޖެއަށް "ބްރޭންޑް"ވެ ނަން މަޝްހޫރުވެފައިވާ ކަނޑޫދޫ މިރުހުގެ އަގު ކޮންމެ ރޯދަ މަހަކާ ދިމާކޮށް ބާޒާރުގައި "ރަނަށް"ވެ އެވެ. މިފަހަރު އެކަންވީ ހަމަ އެގޮތަށެވެ. ނަމަވެސް ގިނަ ދުވަހެއްނުވެ، ރޯދަ މަސް ފެށުނުއިރު 800 ރުފިޔާއަށް ކިލޯއެއް ހުރި ކަނޑޫދޫ މިރުހުގެ އަގު މިއަދު ވަނީ ވެއްޓިފަ އެވެ. ބާޒާރުގައި މިރުސް ތިޔާގިވެ، އަގު ދަށްވެ، މިހާރު މިރުސް ކިލޯއެއް ހުރީ 400-500ރ އާ ދެމެދުގަ އެވެ. 

ކަނޑޫދޫގެ ދަނޑުވެރިއެއް ކަމަށްވާ އަލީ ސަލީމް ކިޔައިދިން ގޮތުގައި މިފަހަރު އެހާ ބޮޑަށް އަގު އެހާ އަވަހަށް ވެއްޓިފައި ވަނީ، މިރުސް ގިނައިން ލިބެން ފެށުމެވެ. ކަނޑޫދޫގައިވެސް އަދި އެހެން ރަށްރަށުގައިވެސް މިރުސް ހައްދައިގެން ރޯދަމަހާ ދިމާކޮށް، ބާޒާރަށް އަޅާލީ ފޮށިފޮށީގަ އެވެ.

"އަގު ދަށަށް ދަނީ ހަމަ މިފަހަރު [ކަނޑޫދޫ] މިރުސް ގިނަވީމަ. މިދިޔަ އަހަރާ އަޅާބަލާއިރު ގިނަވީމަ،" ސަލީމް ބުންޏެވެ.

މިފަހަރު މިރުސް އެހާ ގިނައީ، ކަނޑޫދޫގެ އިތުރުން ލ. ގަމުގައިވެސް ފުޅާކޮށް ކަނޑޫދޫ މިރުސް ހައްދާތީ ކަމަށް ސަލީމް ބުންޏެވެ.

މި މަހު އެންމެ އަގުބޮޑު ބާވަތެއްގެ ގޮތުގައި ފާހަގަކުރެވުނު ލުނބޯގެ ކިލޯއެއް މާރުކޭޓުގައި މިއަދު ލިބެން ހުރީ 60 ރުފިޔާއަށެވެ. މީގެ އިތުރުން އެސްޓީއޯއިން މިހާރު ވަނީ ލުނބޯ އެތެރެކޮށް، ކިލޯއެއް 40 ރުފިޔާއަށް ވިއްކަން ވެސް ފަށާފައެވެ.

ރޯދައަށް ކިލޯއެއް 100 އަށް އުފުލުނު ދޮންކެޔޮގެ އަގުވެސް މިހާރު ވަނީ ވެއްޓިފަ އެވެ. މިއަދު ބާޒާރުގައި ދޮންކެޔޮ ކިލޯއެއް 60 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

ރޯދަމަހުގެ ފުރަތަމަ ފަސް ދުވަހު ލެޓިއުސް ކިލޯއެއް ހުރީ، 70 ރުފިޔާއަށެވެ. މިއަދު ލެޓިއުސް ކިލޯއެއް ހުރީ 45 ރުފިޔާ އާއި 60 ރުފިޔާއާ ދެމެދުގެ އަގުތަކުގައެވެ.

ބާޒާރުގައި މަގުބޫލު އެހެނިހެން ބައެއް ބާވަތްތަކަށް ބަލައިލާއިރު، ކަރާ ކިލޯއެއްގެ އަގު އުޅެނީ 20-15 ރުފިޔާގައެވެ. ބަށި ކިލޯއެއް 55 ރުފިޔާއަށް ލިބޭއިރު ފެޝަންފުރުޓް ކިލޯއެއް އުޅެނީ 120 ރުފިޔާގައެވެ. އަދި އަނބު ކިލޯއެއް ލިބެނީ 200-100 ރުފިޔާއަށެވެ.

"މިހާރު ކަރާ ކިލޯއެއް މިހިރީ 18 ރުފިޔާގައި. ހަފްތާއެއްހާ ދުވަސްކުރިން 30 ރުފިޔާއަށްވެސް ކަރާ ކިލޯއެއް ވިއްކިން. ހިޔެއް ނުވޭ ދެން ކުރިން ވިއްކި އަގުގައި ކަރާ ލިބޭނެހެނެއް. އަނެއްކާ ރޯދަމަހު ދޯ ލިބޭ އެއްޗެއް ލިބޭނީވެސް" ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއަކުން ވާހަކަދެއްކި ދިވެއްސަކުން ބުންޏެވެ.

އެހެން ރޯދަމަސްތަކާ އަޅާބަލާއިރު ކަނޑުމަހުގެ އަގުވެސް މިރޯދަމަހު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން ރޯދަމަސް ފެށުނު އިރު ކަޅުބިލަ މަހުގެ އަގުހުރީ ކިލޯއެއް 40 ރުފިޔާއަށެވެ. މިއަދު ކަނޑުމަހާއި މެދު ސައިޒުގެ ކަންނެލީގެ އަގު ހުރީ ކިލޯއެއް 30 ރުފިޔާއަށެވެ. ބޮޑު ކަންނެލީގެ އަގުހުރީ 65 ރުފިޔާ އާ 70 ރުފިޔާގައި ހިފެހެއްޓިފަ އެވެ.

ރޯދަމަސް ފެށިގެން މިއަދާ ހަމައަށް އައިރު ފަރުމަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާ ފާހަގަކޮށްލެވެ އެވެ.

your imageފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު، ކޮޕީ ފަތާއި، ކުއްޅަފިލާފަތުގެ ބޮނޑިއެއް ލިބެން ހުރީ 15 ރުފިޔާއަށް -- ފޮޓޯ/ ސީއެންއެމް

ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު، ކޮޕީ ފަތާއި، ކުއްޅަފިލާފަތުގެ ބޮނޑިއެއް ލިބެން ހުރީ 15 ރުފިޔާއަށެވެ.

ކާށީގެ އަގު 10 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގައި ހުރިއިރު، ފިޔާ ކިލޯއެއް އުޅެނީ 20 ރުފިޔާއަށެވެ. އަލުވި ކިލޯއެއް 18 ރުފިޔާއަށް ލިބެން ހުރި އިރު، ބިހެއް ދެ ރުފިޔާއަށް ލިބެން އެބަހުއްޓެވެ. އެސްޓީއޯ އިން ވަނީ ފިޔާ، އަލުވި، ބިސް، ދަތި ކަމެއްނެތި ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް