ads
ރާއްޖެ އަށް ތުރުކީ އިން ގެނައި އަސްކަރީ ތިން ޑްރޯންގެ ތެރެއިން އެއް ޑްރޯން
އެންމެ ބޮޑު ނިއުމަތަކީ އަމާންކަން
ވަތަނުގެ އަމަންއަމާންކަމަކީ އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިއުމަތެވެ. އެއީ ތަރައްގީ އާއި ހިތްހަމަޖެހުން ލިބުމުގެ އަސާސް އެވެ. އަމާންކަމެއް ނެތް ތަނެއްގައި ހަމެޖެހުމެއް ނެތެވެ. އަދި ހިތްހަމަޖެހުމެއް ވެސް ނޯންނާނެ އެވެ. އެހެން ކަމުން އިންސާނާގެ އަމަލުތައް ބައްޓަންކުރައްވީ ގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަމުގެ މުހިންމު ކަމުގެ މައްޗަށެވެ.

އެންމެން ވެސް ގައުމުގެ ސުލްހަމަސަލަސްކަމަށް މަސައްކަތްކޮށް، ގައުމުގެ އަމާންކަމަށް ބުރޫ އަރާފާނެ ހުރިހާ ކަމަކުން ދުރުހެލިވެ، "އަމާންކަމުގެ ނިއުމަތް" ރައްކާތެރިކޮށް ދެމެހެއްޓުމަށް ލިބިފައި ހުރިހާ ކެރިފޯރުންތެރިކަމާއި ތަނަވަސްކަމެއް ހަކަތައެއް ހޭދަކުރަންޖެހެ އެވެ. އަމާންކަން ނެތް މުޖުތަމައެއް ތަރައްގީވެ ނުދެއެވެ. އަދި އެ ފަދަ މުޖުތަމައެއްގައި ތަނަވަސްކަމާއި އުފަލެއްވެސް ނުލިބެއެވެ.

ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފެދޭ ކަހަލަ ކަންކަމަށާއި، ހާއްސަކޮށް ގައުމު ކުރިއަށް ގެންގޮސް ތަރައްގީކުރުމަށްޓަކައި: 

  • ހަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކާ ދުރުހެލިވުމަށް އަޒުމް ކަނޑައެޅުން
  • ކޮންމެ މީހަކު ވެސް އަނެކާގެ ހައްގުތައް އަދާކުރުން
  • ރަހިމުގެ ގުޅުން ނުކެނޑުން
  • ގައުމަށް އެންމެ ރަނގަޅު ގޮތެއް ހިޔާރުކުރުން
  • އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީ ނުކުރުން
  • މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު ސަލާމުގެ ލަފުޒު ބޭނުންކުރުން
  • އިސްލާމީ އުހުއްވަތްތެރިކަން ދަމަހަށްޓައި މުސްލިމުންގެ މެދުގައި ހެޔޮފޯރުވުމުގެ ރަނގަޅު އާދަ ފެތުރުން

އީމާންކަމަށްފަހު އެންމެ ބޮޑު ނިއުމަތަކީ ސިއްހަތު ސަލާމަތުން ހުރުމާއި އަމާންކަން ލިބުމެވެ. އަދި އަމާންކަމަކީ ހަޔާތުގެ އެންމެ މުހިއްމު ބަހާ އެވެ. އެއާ ނުލައި ކުރިއެރުމެއް ނެތެވެ. އަދި އަމާންކަމެއް ނެތް މުޖުތަމައެއް އެއްވެސް މައިދާނެއްގައި ތަރައްގީއެއް ނުވާނެ އެވެ. އެފަދަ މުޖުތަމައެއްގައި ޖާނާއި މާލާއި އަބުރާއި އިއްޒަތް ހިމާޔަތެއް ނުކުރެވޭނެ އެވެ. އަދި ދިރިއުޅޭ ބަޔަކަށް ފުރިހަމަ ސިއްހަތާއި ތަނަވަސްކަމުގެ އުފަލެއްވެސް ނުލިބޭނެ އެވެ. ޖާނާއި މާލު ރައްކާތެރިއެއް ނުކުރެވޭނެ އެވެ. އަބުރާއި އިއްޒަތް ހިމާޔަތް ނުކުރެވޭނެ އެވެ.

އެއާ ހިލާފަށް އަމާން ވެއްޓެއްގެ އަފްރާދުން، ގާބިލުކަން ހުރި ދާއިރާތަކުގައި ތަރައްގީވެ، މޮޅެއް ދެރައެއްގެ ތަފާތެއް ނެތި މުޅި މުޖުތަމައު ކުރިއަރައެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި އެކިއެކި ސިނާއަތާއި ފަންނާއި ހުނަރުގެ ދާއިރާތައް ފުޅާވެ، ބޮޑެތި ވިޔަފާރިތަކާއި ކާރުހާނާތައް އުފެދި ގިނަ ބަަޔަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެ އެވެ.

އަހަރެމެންގެ މެދުގައި އަމަން އަމާންކަން ދެމި އޮންނާނީ އިސްލާމް ދީނަށް ތަބާވެ ހެޔޮ އަމަލުކުރުންމަތީ ސާބިތުވެ ތިބޭ މިންވަރަކުންނެވެ. އަދި އަމާންކަން ގާއިމުވެއްޖެ ނަމަ މީސްތަކުންގެ މަސްލަހަތުތަކާއި ހައްގުތައް ރައްކާތެރި ކުރެވި، ދެބަސްވުންތަކާއި އަރާރުންތައް މަދުވެ، ދޭދޭ ފަރުދުންނާއި ޖަމާއަތްތަކުގެ މެދުގައި އުފެދޭ އަރައިރުންތަކާއި ޝަރުއީ މަހްކަމާތަކުގައި ދެ ހަސްމުންނަށްވެސް އިންސާފު ލިބިގެންނެވެ. 

ދިވެހިންގެ މުޖުތަމައު އަމާންތަނަކަށް ހެދިއްޖެ ނަމަ، އެންމެންގެ މަސްލަހަތާއި ހައްގުތައް ރައްކާތެރިކުރެވި، މުޖުތަމައު އިން ފަސާދަ ނެތިގެން ދާނެ އެވެ. ދިވެހި ރައްޔިތުންގެ ލެއާއި މުދާ ހިމާޔަތްކޮށް ދިވެހި މުޖުތަމައުގެ އަމާންކަން ކަށަވަރުކުރުމަށްވުރެ ވަކިން ބޮޑު އެޖެންޑާއެއް ދިވެހި ދައުލަތުގެ ކުރިމަތީގައި އޮވެގެން ނުވާނެއެވެ. މުޖުތަމައުގެ އަމާންކަން ބޭނުންނުވާނީ ކާކުހެއްޔެވެ.؟ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް